ދިވެހިރާއްޖެ
ގިނަ އަދަދެއްގެ ރައްޔިތުން އެމަސައްކަތެއްގައި ޝާމިލުވާ ދަނޑުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރައްވާ ހީވާގި ދިވެހިން ކުރަމުންގެންދާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނާއި މިދާއިރާއިން މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރުގައި ދުވަހެއް ފާހަގަ ކުރެވެމުން ދެއެވެ. މިގޮތުން ކޮންމެ އަހަރެއްގެ އޮގަސްޓު 10ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަސް ކަމުގައި ސަރުކާރުން ވަނީ ނިންމަވާފައެވެ. ނަމަވެސް މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން 16 އަދި 17 އޮކްޓޫބަރު 2014ގައި މާލޭގައެވެ.
އެހެންކަމުން، ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރަމުން އަންނަ ފަރާތްތަކަށް މިއަހަރުގެ ރަސްމީ ޖަލްސާގައި ތިރީގައި މިދަންނަވާ އެވޯޑްތައް ދިނުމަށް ވަނީ ނިންމާފައެވެ.
- ދިގުމުއްދަތަށް ދޫކޮށްފައިވާ ފަޅުރަށެއްގައި ނުވަތަ ކުންފުނި، ކޯޕަރޭޓިވް، ޖަމްޢިއްޔާ އަދި ޖަމާޢަތްތައް ހިމެނޭގޮތެއްގައި އެނިމަލް ހަޒްބަންޑްރީގެ މަސައްކަތްކުރާ ފަރާތަކަށް ހިތްވަރުދިނުމުގެ ގޮތުން ދޭ އެވޯޑް
- ދަނޑުވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމުގެ (ވެލިއު އެޑިޝަން) މަސައްކަތްކުރާ ފަރާތަކަށް ހިތްވަރުދިނުމުގެ ގޮތުން ދޭ އެވޯޑް
- ދިގުމުއްދަތަށް ދޫކޮށްފައިވާ ފަޅުރަށެއްގައި ނުވަތަ ކުންފުނި، ކޯޕަރޭޓިވް، ޖަމްޢިއްޔާ އަދި ޖަމާޢަތް ހިމެނޭގޮތުން ފާހަގަކޮށްލެވޭ ގޮތެއްގައި ދަނޑުވެރިކަންކުރާ ފަރާތަކަށް ދޭ ހިތްވަރުދިނުމުގެ އެވޯޑް
- ތިމާވެށްޓާ ރައްޓެހި ދަނޑުވެރިކަންކުރާ ފަރާތަކަށް / ދަނޑުވެރިކަން ޕްރޮމޯޓްކުރާ ފަރާތަކަށް ދޭ ހިތްވަރުދިނުމުގެ އެވޯޑް
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު 22 ސެޕްޓެންބަރު 2014ގެ 15:00ގެ ކުރިން މި މިނިސްޓްރީއަށް ފޮނުއްވައިދެއްވުން އެދެމެވެ. އެވޯޑްތަކަށް އެދި ހުށަހަޅާ ފޯމު މި މިނިސްޓްރީގެ ކައުންޓްރުންނާއި ވެބްސައިޓުން http://www.fishagri.gov.mv ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.