ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން، މ. ކޮޅުފުށީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2014 އޮކްޓޫބަރު 18 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މި ދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުންކުރެ، މި ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، 2014 ސެޕްޓެންބަރު 1 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2014 ސެޕްޓެންބަރު 14 ވާ އާދީއްތަދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މި ބައި-އިލެކްޝަނަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) ދިވެހިރައްޔިތަކަށްވުން.
(ށ) ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
(ނ) މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
(ރ) އުމުރުން 18 (އަށާރަ) އަހަރުވެފައިވާ މީހަކު ކަމުގައިވުން.
(ބ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
(ޅ) ފުލްޓައިމް ދަރިވަރެއް ކަމުގައި ނުވުން.
(ކ) ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެމީހަކަށް ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރި، އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާނަމައެވެ.
1. އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.
(ހ) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހެއް ކަމުގައިވުން.
(ށ) އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޛުކުރަމުންދާ މީހެއް ކަމުގައިވުން.
(ނ) މިބައިގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހެއް ކަމުގައިވުން.
(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިވުން.
(ބ) ކުޑަކުއްޖަކާމެދު ބަދުއަޚުލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން.
(ޅ) އެއްވެސް ސްކޫލެއް، މަދަރުސާއެއް ނުވަތަ ކިޔަވައިދޭ މަރުކަޒެއްގެ ފުލްޓައިމް ދަރިވަރަކު ކަމުގައިވުން.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި ހުށަހަޅަން ވާނެއެވެ.
- ފުރިހަމަ ނަން.
- އުފަން ތާރީޚް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.(ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު)
- ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)
- މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)
- އިންތިޚާބަށް ކުރިމަތިލާ ކައުންސިލް.
- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި، މަޤާމުތަކުގެ ނަން.
- އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް ފޮނުވަންޖެހޭ ލިޔެކިޔުމާއި އެންގުންތައް ފޮނުވާނެ ރަސްމީ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު (ލިޔެކިޔުމާއި އެންގުންތައް ފޮނުވަންވީ އީމެއިލުންނަމަ، އީމެއިލް އެޑްރެސް އަދި ޕޯސްޓުންނަމަ، ޕޯސްޓަލް އެޑްރެސް)
- ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާ ކުރާނަމަ އެކަން.
- ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނަން.
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/1500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާގެ ޑިޕޮޒިޓް ފައިސާ (ނަގުދު ފައިސާއިން)
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުންނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ ކައުންސިލެއްގެ ދާއިރާއެއްގެ ތެރޭގައި ހިމެނޭ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުން.
- ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ޕާޓީއެއްގެ ޤަރާރު.
- އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ، އެކަން ބަޔާންކޮށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އެ މީހާ ހުށަހަޅާ އިޤްރާރު.
- އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ، އެ ނިޝާން.
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އިޤްރާރުވެ، އެ އިޤްރާރު.
- މި އިޢުލާނުގެ 2 ވަނަ ނަންބަރުގެ ހ، ށ، ނ، ރ، ބ ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކުރާ ފޯމު.
- މި އިޢުލާނުގެ 2 ވަނަ ނަންބަރުގެ ހ، ށ، ނ، ރ، ބ ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ކްރިމިނަލް ކޯޓުން ފުރިހަމަކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު.
- މި އިޢުލާނުގެ 2 ވަނަ ނަންބަރުގެ ހ، ށ، ނ، ރ، ބ ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ފުރިހަމަކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު.
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާއަކީ ބޭރު ޤައުމެއްގެ ރައްޔިތެއް ނޫންކަމުގެ އިޤްރާރު.
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާއަކީ ސުންނަތް ޖަމާޢަތުގެ މީހެއްކަމުގެ އިޤްރާރު.
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާއަކީ ފުލްޓައިމް ދަރިވަރެއް ނޫންކަމުގެ އިޤްރާރު.
- ސީޑީ (ކެންޑިޑޭޓުގެ ޕާސްޕޯޓް ސައިޒު ކުލަ ފޮޓޯއާއި، އިންތިޚާބުގައި ނިޝާނެއް/ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް/ ލޯގޯގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި)، އަދި އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، ތާއީދު އޮތްކަން ހާމަކުރާ 50 މީހުންގެ ފުރިހަމަ ނަމާއި، ދާއިމީއެޑްރެސް އަދި އައިޑީ ކާޑުގެ ނަންބަރު (އެކްސެލް ފޯމެޓްގައި، ތާނައިން)
މ. ކޮޅުފުށީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2014 ސެޕްޓެންބަރު 1 ވާ ހޯމަދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2014 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަންގެ 5 ވަނަ ފަންގިފިލާއިންނެވެ. ސަރުކާރުގެ ރަސްމީ ބަންދު ދުވަސް ފިޔަވައި، އެހެން ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ން ހަވީރު 3:00 އާ ހަމަޔަށެވެ. ރަސްމީ ބަންދު ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހުގެ 2:30 ން ހަވީރު 4:30 އަށެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންނަން ވާނެއެވެ.
ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ މ. ކޮޅުފުށި ކައުންސިލުންނާއި މި ކޮމިޝަނުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެއެވެ. އަދި މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
މ. ކޮޅުފުށީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުން އޮންނާނީ، 2014 އޮކްޓޫބަރު 18 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ. މި ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ، 2014 އޮކްޓޫބަރު 21 ވާ އަންގާރަ ދުވަހުގެ ހަވީރު 3:00 ގައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.
5 ޛުލްޤަޢިދާ 1435