ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށް ދެވޭ އިނގިރޭސި އިމްތިޙާނު ބޭއްވުން

ޔުނިވަރސިޓީގެ ކޯސްތަކުގެ ތެރެއިން ބައެއް ކޯސްތަކަކީ އެ ކޯސްތަކަށް ވަނުމަށް ވަކި ފެންވަރެއްގެ އިނގިރޭސި ބަހުގެ ފާހެއް އޮތުން ލާޒިމު ކުރެވިފައިވާ ކޯސްތަކެކެވެ. އެހެންކަމުން ޔުނިވަރސިޓީގެ ކޯސްތަކުން ޖާގަ ދިނުމާބެހޭ ސިޔާސަތުގައިވާ ގޮތުން، އިނގިރޭސިބަހުގެ ފާހެއް އޮތުން ލާޒިމުވާ ކޯސްތަކަށް އެދި ފޯމު ހުށަހަޅާއިރު، ކަނޑައެޅިފައިވާ ފެންވަރުގެ އިނގިރޭސި ފާހެއް ޙާޞިލުކުރެވިފައިނުވާ ފަރާތްތަކުން ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރެންސް އިމްތިޙާނުން ފާސްވެފައިވާކަން އެނގޭނެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ވާނެއެވެ.

2015 ވަނައަހަރުގެ ފުރަތަމަ ޓާމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އަމާޒުކޮށްގެން ބޭއްވޭ އެންޓްރެންސް އިމްތިޙާނުތައް ތިރީގައި ކަނޑައެޅިފައިވާ ތާރީޚު ތަކުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ބުރު: 13 ސެޕްޓެންބަރު 2014 (ހޮނިހިރު)

ދެވަނަ ބުރު:  1 ނޮވެންބަރު 2014 (ހޮނިހިރު)

ވީމާ އެންޓްރެންސް އިމްތިޙާނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޔުނިވަރސިޓީގެ ފައުންޑޭޝަން ސްޓަޑީޒްގެ 3345143 ނަންބަރު ފޯނަށް ގުޅުއްވައި ނަން ނޯޓު ކުރެއްވުމަށްފަހު އިމްތިޙާނުގެ ފީ އަށްވާ -/500 ރުފިޔާ (ފަސް ސަތޭކަ ރުފިޔާ)  10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:15 ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިއު ސެކްޝަނަށް ދެއްކެވުމަށް ދަންނަވަމެވެ. ފައިސާ ދައްކަވަން ވަޑައިގަންނަވާއިރު އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ.

އިނގިރޭސި އިމްތިޙާނުގައި ބައިވެރިވާ ފަރާތްތަކުން ޔުނިވަރސިޓީގެ ކޯހަކަށް އެދި ހުށަހަޅާ ފޯމު ފުރިހަމަވީކަމަށް ބެލޭނީ އިމްތިޙާނު ނިމި ނަތީޖާ ލިބުމުންކަމުގައި ވާތީ އެ ފަރާތްތަކުގެ ފޯމު ބަލައިގަނެވޭނީ އިނގިރޭސި އިމްތިޙާނުގައި ބައިވެރިވެ ފާސްވީކަން އެނގޭނެ ލިޔުމަކާއެކުގައެވެ.

27 އޮގަސްޓް 2014
ހޯދާ