ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ މަގާމުތަކަށް މުވައްޒަފުން އައްޔަންކުރަން ކޮމިޝަނަށް ހުށަހެޅުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމާ ގުޅޭ

ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއެކު މަގާމަކަށް މުވައްޒަފަކު ހޯދުމުގެ ކުރިން އެ އިދާރާއެއް ހިންގެވުމާ ޙަވާލުވެ ހުންނެވި އެންމެ އިސްވެރިޔާގެ ހުއްދައާއެކު މިނިސްޓްރީ އޮފް ފިނޭންސްއަށް އެ މައްސަލަ ލިޔެ، އެ ކަމަށް ހުއްދަ ހޯދުމަށްފަހު މެނުވީ އެއްވެސް މަގާމަކަށް މުވައްޒަފުން ނުނެގޭގޮތަށް އޮތުމުން ކައުންސިލްގެ އިދާރާތަކަށް އިދާރީގޮތުން ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، ކައުންސިލްތަކުން ބަޖެޓްކޮށްފައިވާ މަޤާމުތަކުން މުވައްޒަފުން ވަކިވުމުގެ ސަބަބުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި ޢަމަލުކުރަމުންދާ އުޞޫލަށް، މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-B3/CIR/2021/41 (22 ނޮވެންބަރު 2021) މާލިއްޔަތާބެހޭ ސަރކިއުލަރއިން ބަދަލުގެނެސްފައިވާތީ ދަންނަވަމެވެ.

ސިވިލް ސަރވިސްގެ އިދާރާތަކުން، 2020 ޖަނަވަރީ 1 ގެ ފަހުން ހުސްވެފައިވާ ނުވަތަ ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދައި، ވަޒީފާ ހަމަޖެއްސުމަށް ސީއެސްވިއުގަ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާ އިރު، އެ ސަރކިއުލަރގައި ބަޔާންކުރާ "ވަކިވާ މުވައްޒަފުންގެ ބަދަލުގައި މުވައްޒަފުން ނެގުމުގެ ހުއްދަ" ފޯމާއެކު ހުށަހެޅުމަށް ދެންނެވީމެވެ.

އަދި، 2020 ޖަނަވަރީ 1 ގެ ކުރިން ހުސްވެފައިވާ މަގާމުތަކަށާއި އަލަށް އުފައްދާ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ކޮމިޝަނަށް ހުށަހަޅަންވާނީ މިނިސްޓްރީ އޮފް ފިނޭންސުން ހުއްދަ ހޯދުމަށްފަހުގައި ކަމުގައި ވެސް ދެންނެވީމެވެ.

             މި ސަރކިއުލަރއަށް ޢަމަލު ކުރަން ފެށުމާއެކު މި ކޮމިޝަނުގެ ނަންބަރު 2021/41 (17 ނޮވެންބަރު 2021) ގެ ސަރކިއުލަރ ބާޠިލުވީއެވެ.

24 ފެބުރުވަރީ 2022
ހޯދާ