ދިވެހިރާއްޖެ
ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ތަރުކާރީ، މޭވާ، ފިނިކުރިމަސް، ޗީޒް ފަދަ މުދަލުގެ ޑިކްލަރޭޝަން ހުށަހެޅުމަށްފަހު، ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ 115 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެމުދާ ޑިއުޓީ ދެއްކުން ފަސްކޮށް ދޫކުރެވޭނެ ޙާލަތްތައް ތިރީގައި މިވަނީއެވެ.
1- ކަރަންޓް ނުވަތަ ނެޓްވޯކް މައްސަލައެއް ދިމާވެގެން ނުވަތަ އެނޫނަސް ކަސްޓަމްސްގެ ސިސްޓަމްތަކަށް މައްސަލައެއް ދިމާވެގެން ޑިކްލަރޭޝަން ނުނިންމޭ ޙާލަތެއް މެދުވެރިވުން؛
2- ދިމާވާ ޚާއްސަ ޙާލަތަކާ ގުޅިގެން އެފަދަ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރެވިގެން މުދަލުގެ ވެރިފަރާތުން އެކަން ކަސްޓަމްސްއަށް ހުށަހަޅާ ޙާލަތްތަކުގައި ކަސްޓަމްސްއިން އެކަމެއް ބެލުމަށްފަހު ޑިއުޓީ ދެއްކުން ފަސްކޮށް އެމުދާ ދޫކުރަން ނިންމުން؛ މި ޙާލަތުގައި މުދާ ދޫކުރެވޭނީ ތިރީގައިވާ ފަރާތްތަކަށެވެ.
2.1- ކަސްޓަމްސްގައި ޕްރީޕޭމަންޓް އެކައުންޓް ހުޅުވާފައިވާ އަދި އެކައުންޓުގައި ފައިސާ ހުރި ފަރާތްތައް؛
2.2- ޓޫރިސްޓް ރިސޯޓުތައް؛
3- މި ރޫލިންގގެ 2 ވަނަ ނަންބަރުގައި ނުހިމެނޭ ފަރާތްތަކުގެ މުދާ މިއުސޫލުން ދޫކުރެވޭނީ، މުދަލަށް ދައްކަންޖެހޭ ޑިއުޓީއާއި އެހެނިހެން ފައިސާ ދެއްކުމަށް އެފަރާތުން އައްޔަންކުރާ ކަސްޓަމްސް ބްރޯކަރު، އެ މުދަލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވާނަމައެވެ.
4- ޑިއުޓީ ދެއްކުން ފަސްކޮށް ދޫކުރެވުނު މުދަލަށް، އެ މުދަލެއްގެ ޑިކްލަރޭޝަން ނިމޭތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ޑިއުޓީއާއި އެހެނިހެން ފައިސާ ކަސްޓަމްސްއަށް ދައްކައި ނިންމަންވާނެއެވެ.
5- މި ރޫލިންގގެ 4 ވަނަ ނަންބަރުގައިވާ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކަށް، ޑިއުޓީ ދެއްކުން ފަސްކޮށް އިތުރު މުދަލެއް ދޫކުރެވޭނީ ކުރިން ދޫކުރި މުދަލަށް އެފަރާތުން ދައްކަންޖެހޭ ފައިސާ ދައްކައި ނިމުމުންނެވެ.
6- މި ރޫލިންގގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޑިއުޓީއާއި އެހެނިހެން ފައިސާ ދައްކާފައިނުވާނަމަ، އެ ފަރާތްތަކަށް ކަސްޓަމްސްއިން ދެމުންދާ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ.
ވީމާ، ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ތަރުކާރީ، މޭވާ، ފިނިކުރިމަސް، ޗީޒް ފަދަ މުދަލުގެ ޑިއުޓީ ދެއްކުން ފަސްކޮށް ދޫކުރެވޭނީ މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.