އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން - ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން

(IUL)38-DA/38/2022/22 :ނަންބަރ

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން

 

2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2022 ޖަނަވަރީ 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 2022 ޖަނަވަރީ 24 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. މި އިންތިޚާބުގައި ރަޖިސްޓަރީ ވާނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ (ށ.ކޮމަންޑޫ، ށ.ފޯކައިދޫ، ށ.މަރޮށި) ރައްޔިތުންނެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އިސްވެ ދެންނެވުނު ރަށްރަށަށް ނުވަތަ މާލެ އަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. ވީމާ، މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ތަނަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ.

2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވިލިމާލެ އަދި ހުޅުމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މި ދާއިރާގެ ރައްޔިތުން މިހާރު ވާނީ މާލެއަށް ބަދަލު ކުރެވިފައެވެ. އަދި މާލެ ފިޔަވައި، (ދާއިމީ އެޑްރެސް ނިސްބަތްވާ ރަށް ނޫން) އެހެން ތަނެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމަ، އެފަރާތެއް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައެވެ. މި އިންތިޚާބުގައި މި ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލެސިޓީގައާއި މި ދާއިރާގެ ރަށްތައް ކަމުގައިވާ ށ. ކޮމަންޑޫ، ށ. ފޯކައިދޫ އަދި ށ. މަރޮށީގައި ކަމަށްވާތީ، ވޯޓުލުމަށް ރަޖިސްޓަރީ ކުރެވޭނީ މި ތަންތަނަށެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ((VR space IDNO Send to 1414 އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

 

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) ހުށަހެޅުން

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެސިޓީގެ އިންތިޚާބާ ބެހޭ މަރުކަޒަށް ވަޑައިގެން ފޯމު ހުށަހަޅައިގެންނެވެ.

 

އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުށަހެޅުން

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. މި ޕޯޓަލް ބޭނުންކުރާނެ ގޮތުގެ މެނުއަލްއެއް މި އިޢުލާނާ އެއްކަރުދާސްކޮށްފައިވާނެއެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

 

މާލެސިޓީގެ އިންތިޚާބާ ބެހޭ މަރުކަޒަށް ރީ-ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުން

ރަޖިސްޓަރީ ވުމަށް ފޯމު މެދުވެރިކޮށް ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މާލޭ ސިޓީގެ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ. އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށަހެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއައްސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށައެޅޭނީ ފޯމުގައި އެތަނެއްގެ ތައްގަނޑު ޖަހާފައިވާ 100 ފޯމެވެ.

ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ، 2022 ޖަނަވަރީ 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 2022 ޖަނަވަރީ 24 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ. ހުކުރު ދުވަސް ފިޔަވައި، މި މުއްދަތުގައި، މާލެސިޓީގެ އިންތިޚާބާ ބެހޭ މަރުކަޒުން ފޯމު ބަލައިގަންނާނީ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3004433 ނުވަތަ 9977542 ނަންބަރަށް ގުޅުއްވުން އެދެމެވެ.

19 ޖަނަވަރީ 2022
ހޯދާ