މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސަރަޙައްދުން ރަށަށް ދަތުރުކުރާ ފަރާތްތަކާއި ގުޅޭ!

މިދުވަސްވަރަކީ މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށްވާތީ، ވެކްސިން ޑޯޒްތައް ފުރިހަމަވެ، 14 ދުވަސް ހަމަވެފައިވާ ފަރާތެއްނަމަ، 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ނޫނީ ދަތުރު ނުކުރެވޭނެކަމާއި، ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތެއްނަމަ، ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމާއި، ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ނޫނީ ދަތުރު ނުކުރެވޭނެކަމަށް  ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އަންގާފައެވެ.

އެހެންނަމަވެސް، ބައެއް ފަރާތްތަކުން، ޕީސީއާރު ނަތީޖާ ނުލިބެނިސް ރަށަށް ދަތުރުކުރަމުންދިއުމާއި، ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ޕީސީއާރު ނަހަދައި ދަތުރުކުރުމާއި، ދަތުރުގެ މަޢުލޫމާތު ޙިއްސާނުކޮށް ދަތުރުކުރަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކުންވެސް، ކަރަންޓީނުގެ އިންތިޒާމްތައް ހަމަނުޖައްސައި ދަތުރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

 އެހެންކަމުން، މާލެ ސަރަޙައްދުން ރަށަށް ދަތުރުކުރައްވާ ފަރާތްތަކުން، އެޗް.ޕީ.އޭގެ އުޞޫލާއި އެއްގޮތަށް ޢަމަލުކުރުމަށާއި، ކައުންސިލްގެ ހޮޓްލައިން 7580025 އަށް ގުޅުއްވައި، ވެކްސިން ކާޑާއި، ޕީސީއާރު ނަތީޖާ އަދި އެނޫންވެސް މަޢުލޫމާތު ޙިއްސާކުރެއްވުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14   ޖަނަވަރީ   2022

14 ޖަނަވަރީ 2022
ހޯދާ