ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ތިނަދޫ ކައުންސިލްގެ ޙިފްޒު ކުލާސް ހިންގުމުގެ އުޞޫލް

ގދ. ތިނަދޫ ކައުންސިލްގެ ޙިފްޒު ކުލާސް ހިންގުމުގެ އުޞޫލް

ތަޢާރަފް : މިއީ ތިނަދޫ ގެ ގިނަބަޔަކަށް ކީރިތި ޤުރުއާން ހިތުން ދަސްކޮށްދިނުމަށް އެހީތެރިވުމުގެ މަޤުޞަދުގައި ތިނަދޫ ކައުންސިލުން ހިންގާ ޙިފްޒު ކުލާސް ހިންގުމުގައި ޢަމަލު ކުރުމަށް ތިނަދޫ ކައުންސިލުން ކަޑައަޅާއިފައިވާ އުޞޫލެކެވެ. މިއުޞޫލަށް ކިޔަނީ "ތިނަދޫ ކައުންސިލުގެ ޙިފްޒު ކުލާސް ހިންގާ އުޞޫލް' އެވެ. 

  1. 1.      ތިނަދޫ ކައުންސލްގެ ހިފްޒު ކުލާހަކީ ތިނަދޫގައި ދިރިއުޅެމުންގެންދާ ޢުމުރުން 05 އަހަރާއި 18 އަހަރާއިދެމެދު ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭ ކުލާހެކެވެ. 
  2. 2.      ތިނަދޫ ކައުންސިލްގެ ޙިފްޒު ކުލާހުގައި ކިޔަވާ ދައިވަރުންގެ އަތުން އެއްވެސް ފީއެއް،ނުވަތަ އުޖޫރައެއް ނުނަގާނެއެވެ.
  3. 3.      ތިނަދޫ ކައުންސިލްގެ ޙިފްޒު ކުލާހުގައި ބައިވެރިވެވޭނީ "ތިނަދޫ ކައުންސިލްގެ ޙިފްޒު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯރމް" ފުރިހަމަކޮށް ތިނަދޫ ކައުންސިލަށް ހުށަހެޅުމުން އެދަރިވަރެއްގެ ފެންވަރު ބަލައި ޖާގަހުރި މިންވަރަކުން ޖާގަދިނުމުންނެވެ. 
  4. 4.      ތިނަދޫ ކައުންސިލްގެ ޙިފުޒު ކުލާހުގައި ކިޔަވާ ކޮންމެ ދަރިވަރަކުވެސް ކޮންމެ މަހެއްގައި ކިޔަވައިދޭ ދުވަސްތަކުގެ %90 ޙާޟިރުވާންވާނެއެވެ. މަޤުބޫލް އުޒުރެއްނެތި ޙާޟިރުވާން ޖެހޭ މިންވަރަށް މަސްދުވަހުގެ ތެރޭގައި ޙާޟިރު ނުވެވިއްޖެ ނަމަ އެދަރިވަރަކު ކުލާހުން ވަކިކުރެވޭނެއެވެ. އަދި މިގޮތައް ވަކިކުރެވޭ ދަރިވަރަކު 01 އަހަރުގެ މުއްދަތައް ތިނަދޫ ކައުންސިލުގެ ޙިފްޒު ކުލާހުން ޖާގާނުލިބޭނެއެވެ. 
  5. 5.      ތިނަދޫ ކައުންސިލްގެ ޙިފުޒު ކުލާހުގައި ބައިވެރިވާ ކޮންމެ ދަރިވަރަކު ހަފްތާއަކަށް ކަޑައެޅިފައިވާ މިންވަރެއް ދަސްކޮށް ހިތުން ކުލާހުގެ މުދައްރިސަށް ކިޔައިދޭން ވާނެއެވެ. އަދި ހަފްތާއަކަށް ދަސްކުރަން ޖެހޭމިންވަރު (މަޤުބޫލް އުޒުރެއްނެތި) ދަސްކޮށް މުދައްރިސަށް ކިޔައިނުދެވި 02 ހަފްތާއަށް ވުރެ އިތުރުވެއްޖެނަމަ އިތުރަށް 02 ދުވަސް ދިނުމަށްފަހު ކިޔައިނުދެވިއްޖެނަމަ ފަރުވާކުޑަކަމަށް ބަލައި އެދަރިވަރަކު ކުލާހުން ވަކިކުރެވޭނެއެވެ. އަދި މިގޮތައް ވަކިކުރެވޭ ދަރިވަރަކު 02 މަހުގެ މުއްދަތައް ތިނަދޫ ކައުންސިލުގެ ޙިފްޒު ކުލާހުން ޖާގާނުލިބޭނެއެވެ. 
  6. 6.      ތިނަދޫ ކައުންސިލުން ހިންގާ ޙިފްޒު ކުލާހުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ ހަފްތާއަކު އެއްދުވަހު ތަޖުވީދު ކިޔަވައިދެވޭނެއެވެ.
  7. 7.      ތިނަދޫ ކައުންސިލުން ހިންގާ ޙިފްޒު ކުލާސް އޮންނާނީ ޢާއްމުކޮށް ހަފްތާއަކު 05 ދުވަހު  ކޮންމެ ދުވަހަކު ފަތިހު 5:30 ން 6:30 އަށެވެ. 
  8. 8.      ތިނަދޫ ކައުންސިލްގެ ޙިފުޒު ކުލާސް އޮންނާނީ ގދ.ތިނަދޫ އިސްލާމީ މަރުކަޒުގެ ކްލާސް ރޫމުގައެވެ.
  9. 9.      ތިނަދޫ ކައުންސިލްގެ ހިފްޒު ކުލާހުގެ ދަރިވަރުންގެ ތެރެއިން  މަހުންމަހަށް ކިޔައިދިނުމަށް ކަޑައެޅިފައިވާ މިންވަރު ދަސްކޮށް ކިޔައިދޭ ދަރިވަރުންނަށް ތިނަދޫ ކައުންސިލްގެ އަހަރީ ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާގައި އިނާމާއި އަދި ފައިސާގެ އިނާމް ދެވޭނެއެވެ. މިގޮތުން ކޮންމެ އަހަރަކު 03  ފޮތައްވުރެ އިތުރަށް ދަސްކޮށް ކިޔައިދޭ ފަރާތްތަކަށް 1000.00 ރުފިޔާގެ ފައިސާގެ އިނާމް ދެވޭނެއެވެ. އަދި 5 ފޮތް ދަސްކޮށްދޭ ކޮންމެ ފަރާތަކަށް 3000.00 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
  10. 10.   ޙިފުޒު ކުލާހުގައި ކިޔަވައިދެއްވާ މުދައްރިސުންނަކީ ކޮންޓްރެކްޓު އުޞޫލުން ތިނަދޫ ކައުންސިލުން ހަޖައްސަވާ މުދައްރިސުންނެވެ. މުދައްރިސުންގެ ކޮންޓްރެކްޓް އައު ކުރުމުގައި ކޮންޓްރެކްޓުގެ މުއްދަތުގައި އެމުދައްރިސަކު މަސައްކަތްކަތްކޮށްފައިވާ ގޮތުގެ މައްޗަށް ބެލޭނެއެވެ. އަދި ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތްކުރާމިންވަރާއި ކައުންސިލަށް އެމުދައްރިސެއްގެ ޚިދުމަތް ލިބޭ މިންވަރެއްގެ މައްޗަށް ރިޢާޔަތް ކުރެވޭނެއެވެ.
  11. 11.   މުދައްރިސުން ނެގުމުގައި ބަލާނީ ތަޢުލީމީ ފެންވަރާއި އަދި ތަޖުރިބާއާއި އިންޓަވިޔުއަށެވެ.
  12. 12.   މަޤުބޫލް އުޒުރެއް ކަމުގައި ބެލެވޭނީ ސްކޫލުން އަންގަވައިގެން ކުރަންޖެހޭ ކަމެއްގައި ނުވަތަ ސްކޫލަށް ދާޖެހުން، ބަލިވުން ފަދަކަމެއް. (1 ދުވަހަށްވުރެ އިތުރުނަމަ ސެޓްފިކެޓް ހުށަހަޅަންވާނެ)
  13. 13.   ތިނަދޫ ކައުންސިލް ގެ ޙިފްޒު ކުލާހުގެ ކިޔެވުން އޮންނާނީ ސްކޫލްތަކުގެ ކިޔެވުން އޮންނަ ކޮންމެ ރަސްމީ ދުވަހަކު ފަތިހު 5:30 ން 6:30 އަށް
  14. 14.   މިއުސޫލް  ތިނަދޫ ކައުންސިލުން ފާސްވުމާއި އެކު މިއުސޫލްގެ ދަށުން ތިނަދޫ ކައުންސިލްގެ ޙިފްޒު ކުލާހަށް ބޭނުންވާ މުދައްރިސުން ހޯދުމަށް އިޢުލާން ކުރުމަށްފަހު ކުރިމަތިލައްވާ ފަރާތްތައް އިންޓަވިޔު ކުރުމަށްފަހު އެންމެ ރަގަޅު 02 މުދައްރިސެއްގެ 01 އަހަރު ދުވަހުގެ އެގްރިމެންޓެއްގެ ދަށުން ހަމަޖައްސަންވާނެއެވެ.
  15. 15.   މުދައްރިސުން ގަޑިނަގަންޖެހޭ ގޮތް : ކޮންމެ މުދައްރިސަކުވެސް ހަފްތާއަކު މަދުވެގެން 50 މިނިޓްގެ 05 ގަޑި ނަގަންވާނެއެވެ.
  16. 16.   މުދައްރިސުން ގެ އުޖޫރަ :
  • ކޮންމެ މުދައްރިސަކަށް މަހަކު 2500 ރުފިޔާ.
  • ދަރިވަރުން ޓެސްޓު ކުރުމަށް ކިޔުއްވާއިރު ކޮންމެ 50 މިނިޓަކަށް 150 ރުފިޔާ.

 

  • މިއުޞޫލަށް ޢަމަލުކުރަން ފަށާނީ މިއުޞޫލް ގެޒެޓްކުރެވޭ ތާރީޚުން ފެށިގެންނެވެ.

       

05 ޖަނަވަރީ 2022
ހޯދާ