މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މަޑުއްވަރީ އައިސްޕްލާންޓް އޮޕަރޭޓްކުރާނެ ގޮތުގެ އުޞޫލު

 

1.

ތަޢާރަފާއި ނަން

(ހ)

މިއުޞޫލަކީ ރ.މަޑުއްވަރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓް ހިންގުމާއި އޮޕަރޭޓް ކުރުމާއި ގުޅޭ ގޮތުން ޢަމަލުކުރާނެ މިންގަނޑު ކަނޑައެޅުމަށް އެކުލަވާލާފައިވާ އުޞޫލެކެވެ.

(ށ)

މި އުޞޫލަށް ކިޔާނީ "ރ.މަޑުއްވަރީ އައިސްޕްލާންޓް އޮޕަރޭޓްކުރާނެ ގޮތުގެ އުޞޫލު" އެވެ.

2.

މަޤްޞަދު

 

މިއުޞޫލުގެ މަޤްޞަދަކީ ރ.މަޑުއްވަރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް ހެޔޮ އަގުގައި ފަސޭހައިން އައިސް ލިބޭނެ ނިޒާމެއް ޤާއިމުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ ނިޒާމެއް ޤާއިމުކުރުމާއި، އައިސް ވިއްކައިގެން ލިބޭ އާމްދަނީން ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމާއި، އައިސް ވިއްކާނެ ގޮތްތަކެއް ކަނޑައެޅުމާއި، އައިސް ޕްލާންޓްގެ އޮޕަރޭޝަނަލް ކަންކަމާއި، އިދާރީ ހިންގުމާއި، ފައިސާގެ ކަންކަމާއި، އެނޫންވެސް ކަންކަން ބެލެހެއްޓުމާއި ހިންގުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމެވެ.

3.

ޢަމަލުކުރަން ފަށާ ތާރީޚް

 

 

މިއުޞޫލަށް ޢަމަލުކުރަން ފަށާނީ އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

4.

އައިސް ޕްލާންޓް ހިންގައި ބެލެހެއްޓުން

(ހ)

އައިސްޕްލާންޓް ހިންގައި ބަލަހައްޓާނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލުންނެވެ.

 

 

(ށ)

އައިސްޕްލާންޓުގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް ކައުންސިލްގެ ފަރާތުން ކައުންސިލް މެންބަރަކު ކަނޑައަޅައި ޚާއްޞަކުރަންވާނެއެވެ.

 

 

(ނ)

އައިސްޕްލާންޓް ހިންގައި ބެލެހެއްޓުމަކީ، އައިސްޕްލާންޓަށް ނަގާ މުވައްޒަފުންގެ ޒިންމާއެކެވެ. އަދި އައިސްޕްލާންޓް ހިމެނޭ ސަރަޙައްދާއި، ޕްލާންޓްގެ ވަށައިގެންވާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަކީވެސް، އައިސްޕްލާންޓަށް ނަގާ މުވައްޒަފުންގެ ޒިންމާއެކެވެ. މީގެއިތުރުން، އައިސްޕްލާންޓާއި ޖަނަރޭޓަރާއި، ތަނުގެ ހަރުމުދަލާއި، ޓޫލްސްއާއި، ފައިސާއާއި، ފައިސާއާއި ގުޅުންހުރި ލިޔެކިއުންތަކާއި، ޕްލާންޓްގެއަށް ހޯދާފައިވާ އެނޫންވެސް ތަކެތި ބެލެހެއްޓުމަކީވެސް އައިސްޕްލާންޓްގެ މުވައްޒަފުންގެ ޒިންމާއެކެވެ. އަދި އެކަންކަން ބަލައި މޮނިޓަރކުރުމަކީ ކައުންސިލްގެ ފަރާތުން އައިސްޕްލާންޓަށް ޚާއްސަކޮށްފައިވާ މެންބަރުގެ ޒިންމާއެކެވެ.

 

 

(ރ)

އައިސް ޕްލާންޓް ހިންގުމަށް ބޭނުންކުރާ ޖަނަރޭޓަރު ބެލެހެއްޓުމަކީ އައިސްޕްލާންޓްގެ މުވައްޒަފުންގެ ތެރެއިން މިމަސައްކަތަށް ޚާއްސަކުރާ މުވައްޒަފުންގެ ޒިންމާއެކެވެ. ދުވަހުން ދުވަހަށް ބަލަންޖެހޭ ކަންކަން ބެލުމާއި ޖަނަރޭޓަރއަށް ބޭނުންވާ ތެލާއި ސްޕެއާޕާޓްސް ހޯދުމާއި، ހުއްޓުމެއްނެތި ޖަނަރޭޓަރު ހިންގޭނެ އިންތިޒާމް ހަމަޖެއްސުމަކީ މިމަސައްކަތަށް ޚާއްސަކުރާ މުވައްޒަފުންގެ ޒިންމާއެކެވެ.

 

 

(ބ)

ކޮންމެ ދުވަހަކުވެސް، މަސައްކަތް ފަށާއިރު، ބަލަންޖެހޭ ކަންކަން އައިސްޕްލާންޓަށް ނަގާ މުވައްޒަފުންގެ ތެރެއިން އެޒިންމާ ޙަވާލުކުރެވޭ މުވައްޒަފުން ބަލަންވާނެއެވެ. އަދި އެއްވެސް މައްސަލައެއް ފާހަގަކުރެވޭނަމަ، ލަސްނުކޮށް ކައުންސިލްގެ ފަރާތުން އައިސްޕްލާންޓަށް ޚާއްސަކޮށްފައިވާ މެންބަރަށް އަންގަންވާނެއެވެ. އަދި އެމައްސަލަ ޙައްލުކުރުމަށް ކުރެވެން ހުރި މަސައްކަތެއް ވީއެންމެ އަވަހަކަށް ކުރަންވާނެއެވެ.

 

 

(ޅ)

އައިސްޕްލާންޓަށް ހޯދާފައިވާ ހަރުމުދަލާއި ތަކެއްޗާއި، ޕްލާންޓާއި ޖަނަރޭޓަރާއި އެނޫންވެސް ތަކެތި ބެލެހެއްޓުމުގައި އެކަމާއި ޙަވާލުވެފައިތިބި އައިސްޕްލާންޓްގެ މުވައްޒަފުން އިހުމާލުވެއްޖެނަމަ، ނުވަތަ އެމުވައްޒަފެއްގެ ފަރުވާކުޑަކަމުން ނުވަތަ އިހުމާލުން އެއިން އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމަށް އެމުވައްޒަފު ފުރިހަމައަށް ޒިންމާވާންޖެހޭނެއެވެ. އަދި އެފަދަ މައްސަލަތައް ބަލައި، ކައުންސިލްގެ ފަރާތުން އެމުވައްޒަފުންނަށް އިޞްލާޙީ ފިޔަވަޅު އަޅަންވާނެއެވެ.

 

 

(ކ)

އައިސްޕްލާންޓަށް ހޯދާފައިވާ އެއްވެސް ހިފާ ގެންގުޅޭ އެއްޗެއް ނުވަތަ ޓޫލްސްއެއް ނުވަތަ އެނޫންވެސް އެއްޗެއް، ޕްލާންޓްގެއިން ބޭރަށް ގެންގޮސްގެން ނުވާނެއެވެ. އެހެންނަމަވެސް، ރަސްމީ އެހެން ބޭނުމަކަށް ކައުންސިލްގެ އިސްވެރިއެއްގެ ފަރާތުން އެކަމަށް އެދިއްޖެނަމަ، ބޭރަށް ގެންދާ ތަކެތީގެ މަޢުލޫމާތު ރިކޯޑު ކުރުމަށްފަހު ބޭރަށް ގެންދެވިދާނެއެވެ.

5.

ބަޖެޓް ކުރުން

 

އައިސްޕްލާންޓް ހިންގުމާއި ބެލެހެއްޓުމަށް ބޭނުންވާ ފައިސާއާއި، އައިސްޕްލާންޓަށް ނަގާ މުވައްޒަފުންގެ މުސާރައާއި އެލެވަންސާއި، ޕްލާންޓާއި ޖަނަރޭޓަރު ހިންގުމަށް ބޭނުންވާ ތަކެއްޗާއި، ސަރވިސްކުރުމާއި މަރާމާތުކުރުމަށް ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ޕްލާންޓްގެއަށް ބޭނުންވާ ހަރުމުދަލާއި ފަރުނީޗަރާއި، ފައިސާ ގެންގުޅުމާއި ބެލެހެއްޓުމަށް ބޭނުންވާ ތަކެއްޗާއި، އިދާރީ ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތަކަށް ބޭނުންވާ ފައިސާ އެއަހަރަކަށް ފާސްކުރާ ކައުންސިލްގެ މާލިއްޔަތު ބަޖެޓުގައި ހިމަނަންވާނެއެވެ.

6.

އައިސް ޕްލާންޓްގެ މުވައްޒަފުން

(ހ)

އައިސް ޕްލާންޓްގައި މަސައްކަތް ކުރުމަށް ކައުންސިލްގެ ބަޖެޓުން މުސާރައާއި އިނާޔަތްދޭ ގޮތަށް ތިރީގައި ބަޔާންކުރާ މަޤާމްތަކަށް މުވައްޒަފުން ނަގަންވާނެއެވެ.

  1. ޕްލާންޓް މެނޭޖަރ
  2. ޓެކްނީޝަން
  3. ކޭޝިއަރ
  4. ސަޕޯޓް ސްޓާފް

 

 

(ށ)

މިމާއްދާގެ (ހ) ގައި ބަޔާންކުރާ މަޤާމްތަކަށް އެކަކަށް ވުރެ ގިނަ މުވައްޒަފުން ނެގުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މިމަޤާމްތަކުގެ އިތުރުން އެނޫން މަޤާމްތަކަށް މުވައްޒަފުން ނެގުމުގެ އިޚްތިޔާރުވެސް ކައުންސިލަށް ލިބިގެންވެއެވެ.

 

 

(ނ)

އައިސްޕްލާންޓަށް ނަގާ މުވައްޒަފުންނަކީ، ކައުންސިލާއެކު ކޮންޓްރެކްޓް ކުރެވިގެން ވަކި މުއްދަތަކަށް ނެގޭ މުވައްޒަފުންނެވެ. މިމުވައްޒަފުންނަކީ ސިވިލް ސަރވިސް މުވައްޒަފުންނެއް ނޫނެވެ.

7.

މުވައްޒަފުންގެ މުސާރަ

 

އައިސްޕްލާންޓަށް ނަގާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ކައުންސިލުން ނިންމާ ނިންމުމެއްގެ މައްޗަށް ބަލައި، ނުވަތަ ކައުންސިލުން ފާސްކުރާ އުޞޫލެއްގައި ބަޔާންކުރާ ގޮތުގެ މަތިން، އެއަހަރުގެ ބަޖެޓުން ޚަރަދުކުރެވޭނެ މިންވަރަށް ބަލައިގެންނެވެ.

8.

މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުން

(ހ)

އައިސްޕްލާންޓަށް ނަގާ މުވައްޒަފުން މަސައްކަތްކުރަންޖެހޭނީ ހަފްތާއަކު 6 ދުވަހު، ދުވާލަކު 8 ގަޑިއިރެވެ. އަދި ދަންފަޅި އުޞޫލުން މަސައްކަތްކުރަން ޖެހިއްޖެ ޙާލަތެއްގައި މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް، ދަންފަޅި އުޞޫލުން މަސައްކަތްކުރަންވާނެއެވެ.

 

 

(ށ)

މުވައްޒަފުންގެ ޑިއުޓީއަށް ކަނޑައަޅާފައިވާ ވަގުތުގެ އިތުރަށް މަސައްކަތްކުރަން ޖެހިއްޖެނަމަ، އެމުވައްޒަފަކު ސުޕަވައިޒްކުރާ ފަރާތުގެ ހުއްދައާއެކު، މަސައްކަތްކުރުމަށްފަހު އިތުރުގަޑީގެ ގޮތުގައި ހިމެނިދާނެއެވެ. އަދި ހުއްދަ ދިން ފަރާތުގެ ސޮއާއެކު ހުށަހެޅުމުން، ކަމާއި ގުޅުންހުރި ޤަވާއިދުތަކާއި، އުޞޫލުތަކާއި އެއްގޮތަށް، ކައުންސިލްގެ ފަރާތުން އެމުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދޭންވާނެއެވެ.

 

 

(ނ)

އައިސްޕްލާންޓަށް ނަގާ މުވައްޒަފުން ހާޟިރީއާއި އިތުރުގަޑި ރިކޯޑްކުރެވޭނެ އިންތިޒާމް ކައުންސިލްގެ ފަރާތުން ހަމަޖައްސަންވާނެއެވެ. އަދި ހާޟިރީ ރިކޯޑްތައް ބެލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުމަށް އައިސްޕްލާންޓަށް ނެގޭ މުވައްޒަފުންގެ ތެރެއިން ކަނޑައަޅާ މުވައްޒަފަކާއި ޙަވާލުކުރަންވާނެއެވެ. އަދި ކައުންސިލުން ކަނޑައަޅާ ތާރީޚެއްގެ ކުރިން ކޮންމެ މަހެއްގެ ހާޟިރީއާއި އިތުރުގަޑީގެ ތަފްޞީލްތައް ކައުންސިލަށް ހުށަހަޅަންވާނެއެވެ.

9.

މުވައްޒަފުންގެ ޗުއްޓީ

 

އައިސްޕްލާންޓަށް ނަގާ މުވައްޒަފުންގެ ޗުއްޓީ ހަމަޖައްސާނީ، ކައުންސިލުން ކަނޑައަޅާ ފާސްކުރާ އުޞޫލަކާއި އެއްގޮތަށް ނުވަތަ އެމުވައްޒަފަކާއެކު ހަދާ އެއްބަސްވުމުގައި ބަޔާންކުރާ ގޮތެއްގެ މަތިންނެވެ. އައިސްޕްލާންޓަށް ނަގާ ކޮންމެ މުވައްޒަފަކަށްވެސް ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ޗުއްޓީތައް ހަމަޖައްސައިދޭންވާނެއެވެ. އަދި މިއީ ސިވިލް ސަރވިސްއަށް ނިސްބަތްވާ މުވައްޒަފުންނަށް ނުވިކަމުގައި ވިޔަސް  މިމުވައްޒަފުންގެ ސަލާމާއި އާއިލީޒިންމާ އަދި އެހެނިހެން ޗުއްޓީތައް ހަމަޖެއްސުމުގައި އަސްލަކަށް ބަލާނީ ދިވެހި ސިވިލްސަރވިސްގެ އުޞޫލުތަކާއި މިންގަނޑުތަކެވެ.

10.

ތަމްރީނު ދިނުން

 

އައިސްޕްލާންޓް މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދައިދިނުމަށް ކައުންސިލުން މަސައްކަތްކުރަންވާނެއެވެ.

11.

އައިސްޕްލާންޓަށް ބޭނުންވާ ތަކެތި/ ޚިދުމަތް ހޯދުން

(ހ)

އައިސްޕްލާންޓް އޮޕަރޭޓް ކުރަން ފެށުމަށް ބޭނުންވާ ތަކެތި ގަތުމަށް ނުވަތަ ޚިދުމަތަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމެނުމުން، ޕްލާންޓްގެއަށް ބޭނުންވާ އެންމެހާ ތަކެއްޗާއި ޚިދުމަތްތައް ކައުންސިލުން ހޯދަންވާނެއެވެ.

 

 

(ށ)

އައިސްޕްލާންޓް އޮޕަރޭޓް ކުރަން ފެށުމަށްފަހު، އިތުރަށް ހޯދަން ބޭނުންވާ ތަކެތި ހޯދުމަށް ކައުންސިލްގެ "މުދާ ލިބިގަތުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، އައިސްޕްލާންޓްގެ މުވައްޒަފުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި މިފަދައިން ހުށަހަޅާ ފޯމުގައި ހިމެނޭ ތަކެތި ސްޓޮކުގައި ހުރިނަމަ، އަދި އެތަކެތި ދޫކުރުމަށް ކައުންސިލުން އިޢުތިރާޒްނުކުރާނަމަ، ސްޓޮކް ބަލަހައްޓާ ފަރާތުން އެތަކެތި ދޫކުރަންވާނެއެވެ. އަދި އެތަކެތި ސްޓޮކްގައި ނެތްނަމަ، ޕްރޮކިއުމަންޓް މަސައްކަތް ކުރާ ޔުނިޓަށް ހުށަހަޅައިގެން އެތަކެތި ގަތުމުގެ މަސައްކަތްކުރަންވާނެއެވެ.

 

 

(ނ)

އައިސްޕްލާންޓް އޮޕަރޭޓް ކުރުމަށް މެދުނުކެނޑި ހޯދަންޖެހޭ ތަކެތި (މިސާލަކަށް: ޑީސަލް) ނުވަތަ ޚިދުމަތެއް (މިސާލަކަށް ޕްލާންޓް ނުވަތަ ޖަނަރޭޓަރު ސަރވިސްކުރުމާއި މެއިންޓެއިންކުރުމަށް) އެފަދަ މަސައްކަތްކޮށްދޭ ނުވަތަ ތަކެތި ސަޕްލައި ކޮށްދޭ ފަރާތެއް ހޯދުމަށް އިޢުލާނުކޮށް، އެއްބަސްވުމެއް ހަދައި، އެއްބަސްވުމުގެ ބަޔާންކުރާ ގޮތުގެ މަތިން މަސައްކަތްކުރުމަށްފަހު އަގު ދެވިދާނެއެވެ.

 

 

(ރ)

އައިސްޕްލާންޓަށް ޚާއްސަކޮށް ފޯނު ނަންބަރެއް ކަނޑައަޅައި، ކައުންސިލްގެ ފަރާތުން ފޯނެއް ފޯރުކޮށްދޭންވާނެއެވެ.

 

 

(ބ)

އައިސްޕްލާންޓްގެ ޔުޓިލިޓީ ޚަރަދުތަކާއި އޮފީސް ހިންގުމުގެ ޚަރަދުތަކާއި ފޮޅާ ސާފުކުރުމާއި މަރާމާތުކުރުމާއި އެނޫންވެސް ކުރަންޖެހޭ ޚަރަދުތައް ކުރާނީ ކައުންސިލުން އެކަންކަމަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިންނެވެ.

 

 

(ޅ)

މިމާއްދާގައި ބަޔާންކުރާ ތަކެއްޗާއި ޚިދުމަތް ކައުންސިލުން ހޯދާނަމަ، އެޚިދުމަތެއް ހޯދަންވާނީ ނުވަތަ ތަކެތި ގަންނަންވާނީ ދަޢުލަތުގެ މާލިއްޔަތު ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްގެ ޕްރޮކިއުމަންޓް މަސައްކަތްކުރާ ޔުނިޓުންނެވެ. އަދި އައިސްޕްލާންޓަށް ހޯދާ ތަކެއްޗާއި ޚިދުމަތްތަކުގެ ބިލްތަކަށް ފައިސާ ދައްކާނީ، ކައުންސިލުން އެކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކައުންސިލްގެ ފައިނޭންސް މަސައްކަތްކުރާ ޔުނިޓުންނެވެ.

12.

ޚިދުމަތްދޭ ދުވަސްތަކާއި ގަޑިތައް

 

އައިސްޕްލާންޓުން ޚިދުމަތްދޭނެ ދުވަސްތަކާއި ގަޑިތައް ކައުންސިލުން އިޢުލާންކުރަންވާނެއެވެ. އަދި މުވައްޒަފުންގެ ޑިއުޓީތަކާއި އެއްގޮތަށް އައިސް ޕްލާންޓް ހުޅުވާ ލެއްޕުމުގެ އިންތިޒާމް އައިސްޕްލާންޓްގެ މުވައްޒަފުންގެ ތެރެއިން އެންމެ އިސް މުވައްޒަފަކު ހަމަޖައްސަންވާނެއެވެ.

13.

އައިސްއަށް އޯޑަރު ދިނުން

(ހ)

އައިސްޕްލާންޓުން އައިސް ގަންނަން ބޭނުންވާ ފަރާތްތަކުން ނުވަތަ ދޯނިތަކުން އައިސް ގަންނަން ބޭނުންނަމަ، ކޮންމެ ދުވަހަކުވެސް ރޭގަނޑު 11:00 ގެ ކުރިން ޖެހިގެން އަންނަ ދުވަހަށް ބޭނުންވާ އައިސްއަށް އޯޑަރުކުރަންވާނެއެވެ.

 

 

(ށ)

އައިސްއަށް އޯޑަރުކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު އައިސް ބަލާ ނާންނަ ކަމުގައިވާނަމަ، އެއޯޑަރު ކެންސަލް ކުރެވޭނެއެވެ.

 

 

(ނ)

އައިސްއަށް އޯޑަރުކުރުމަށް ގުޅާނެ ނަންބަރު ކައުންސިލުން އިޢުލާންކުރަންވާނެއެވެ. އަދި އޯޑަރު ރަޖިސްޓަރީކުރުމަށް ބޭނުންވާ މަޢުލޫމާތުތައްވެސް އިޢުލާންގައި ހިމަނަންވާނެއެވެ. އޯޑަރު ރަޖިސްޓަރީކުރުމަށް ބޭނުންވާ މަޢުލޫމާތު ނުލިބޭނަމަ، އޯޑަރު ބަލައެއް ނުގަނެވޭއެވެ.

 

 

(ރ)

އައިސްއަށް އޯޑަރު ދެވޭނީ އެންމެ ކުޑަކޮށް 500 ކިލޯއަށެވެ. އެހެންނަމަވެސް، އައިސް ހަދާފައިހުރިނަމަ، ނުވަތަ އައިސް ހަދަމުންދާ ގަޑީގައި އެއަށްވުރެ ކުޑަކޮށްވެސް އައިސް ވިއްކިދާނެއެވެ.

14.

އައިސް އުފެއްދުން

(ހ)

އައިސްޕްލާންޓުން އައިސް އުފައްދާނީ އައިސްއަށް އޯޑަރު ދިނުމުންނެވެ. ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 11:00 ގެ ކުރިން ކުރާ އޯޑަރުތަކަށް ބޭނުންވާ މިންވަރަށް ޖެހިގެން އަންނަ ދުވަހު އައިސް އުފައްދަންވާނެއެވެ. އަދި ކުރީދުވަހު އެއްވެސް ފަރާތަކުން އޯޑަރު ނުކުރާނަމަ ޚިދުމަތްދޭ ދުވަހު ލިބޭ އޯޑަރުތަކަށް އައިސް ހެދިދާނެއެވެ. 

 

 

(ށ)

ބޭނުންވާ ވަރަށްވުރެ އިތުރަށް އައިސް އުފައްދައިފިނަމަ، އެކަމަށް ޒިންމާވާނީ އައިސް އުފެއްދި ފަރާތަކުންނެވެ.

15.

އައިސް ވިއްކުން

(ހ)

އޯޑަރު ދީގެން އުފައްދާފައިވާ އައިސް ބަލާ އައުމުން، އެފަރާތަކަށް ނުވަތަ އެދޯންޏަކަށް އައިސް ދޫކުރަންވާނީ، އެއޯޑަރުގެ ފައިސާ ދެއްކުމުންނެވެ. އޮންލައިންކޮށް ފައިސާ ބަލައިގަނެވޭނެ އިންތިޒާމާއި، ނަގުދު ފައިސާދެއްކޭނެ އިންތިޒާމްވެސް ކައުންސިލުން ހަމަޖައްސަންވާނެއެވެ. އަދި ފައިސާ ދެއްކޭނެ ގޮތްތަކާއި ފައިސާ ބަލައިގަންނާނެ ގަޑިތައް ކައުންސިލުން ޢާންމުކޮށް އަންގާ އިޢުލާން ކުރަންވާނެއެވެ.

 

 

(ށ)

އައިސް ގަންނަ ފަރާތުން ފައިސާ ދެއްކުމުން، ފައިސާ ބަލައިގަތް ފަރާތުން ފައިސާ ދެއްކި ކަމުގެ ރަސީދެއް އެފަރާތަކަށް ދޭންވާނެއެވެ. މިފަދަ ރަސީދުތައް އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށްވެސް ފޮނުވިދާނެއެވެ.

16.

އައިސް ވިއްކުމުގައި އިސްކަންދޭނެ ތަރުތީބު

 

އައިސް ވިއްކާނީ އައިސްއަށް އޯޑަރ ލިބޭ ތަރުތީބުންނެވެ.

17.

އައިސް ވިއްކާނެ އަގު

(ހ)

އައިސް ޕްލާންޓުން އައިސް ވިއްކާނެ އަގު ކަނޑައަޅާނީ ކައުންސިލުން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށެވެ. އަދި މިފަދައިން ނިންމާ ނިންމުންތައް ޢާންމުކޮށް އަންގާ އިޢުލާންކުރަންވާނެއެވެ. އަދި އައިސް ވިއްކާ އަގު ފަސޭހައިން ފެންނަގޮތަށް ބަހައްޓަންވާނެއެވެ.

 

 

(ށ)

ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، އެނޫންވެސް ކަންކަމާއި ގުޅިގެން އައިސްގެ އަގަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

18.

ފައިސާ ގެންގުޅުމާއި ބެލެހެއްޓުން

(ހ)

އައިސްޕްލާންޓަށް ލިބޭ ފައިސާ އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު ގެންގުޅެ ބެލެހެއްޓުމަކީ، އައިސްޕްލާންޓްގައި އެކަމަށް ޙަވާލުވެ ތިބޭ މުވައްޒަފުންގެ ޒިންމާއެކެވެ.

 

 

(ށ)

އައިސްޕްލާންޓުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމްތަކާއި، ފައިސާ ބަލައިގަތުމަށް ރަސީދު ދޫކުރުމުގެ އިންތިޒާމްތަކާއި، ފައިސާ ރައްކާކުރުމުގެ އިންތިޒާމްތައް ކައުންސިލުން ހަމަޖައްސަންވާނެއެވެ. އަދި ފައިސާ އާއި ގުޅުންހުރި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ތަމްރީނުތައް އެކަމާ ގުޅުންހުރި މުވައްޒަފަށް ކައުންސިލްގެ ފައިނޭންސް މަސައްކަތްކުރާ ޔުނިޓްގެ ފަރާތުން ދޭންވާނެއެވެ.

 

 

(ނ)

ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 12:00 އާއި ހަމައަށް ލިބޭ ފައިސާގެ ދުވަހު ރިޕޯޓް އައިސްޕްލާންޓްގެ ފައިސާއަށް ޒިންމާވާ މުވައްޒަފުން ތައްޔާރުކުރުމަށްފަހު، ނަގުދު ފައިސާއާއި ރިޕޯޓާއެކު އެދުވަހެއްގެ މެންދުރު 13:15 ގެ ކުރިން ކައުންސިލްގެ ފައިނޭންސް ޔުނިޓަށް ގެނެސް ޙަވާލުކުރަންވާނެއެވެ. އަދި ކައުންސިލަށް އެފައިސާ ބަލައިގަނެ، ވިޔަ މޮޑިއުލް މެދުވެރިކޮށް އާމްދަނީ ރިކޯޑްކުރުމަށްފަހު ފައިސާގެ ރަސީދު، ފައިސާ ގެނައި އައިސްޕްލާންޓް މުވައްޒަފާއި ޙަވާލުކުރަންވާނެއެވެ. އަދި އެރަސީދުތައް ރައްކާތެރިކަމާއެކު ފައިލްކުރަންވާނެއެވެ.

 

 

(ރ)

ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 12:00 ގެ ފަހުން ލިބޭ ފައިސާ ޙަވާލުކުރާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ލިބޭ ފައިސާ އާއި އެކުގައެވެ. މިފަދައިން ނެގޭ ފައިސާ ކައުންސިލާއި ޙަވާލުކުރެވެންދެން ބަހައްޓަންވާނީ އައިސްޕްލާންޓްގޭގައި ރައްކާތެރިކަމާއެކު ތިޖޫރީއެއްގައެވެ.

 

 

(ބ)

އައިސް ޕްލާންޓަށް ލިބޭ ފައިސާގެ ރިކޯޑުތައް އެކަމާއި ޙަވާލުވެ ހުންނަވާ އައިސްޕްލާންޓްގެ މުވައްޒަފު ދުވަހުން ދުވަހަށް ބަލަހައްޓަންވާނެއެވެ. އަދި ފައިސާ އާއި ބެހޭ ރިޕޯޓްތަކުގައި އެރިޕޯޓްތައް ތައްޔާރުކުރި މުވައްޒަފާއި ޗެކްކުރި މުވައްޒަފު އަދި އެޕްރޫވްކުރި މުވައްޒަފުން ސޮއިކުރަންވާނެއެވެ. ކައުންސިލުން ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެތަފްޞީލްތައް ފެންނާނެހެން ރައްކާކުރެވިފައި ހުންނަންވާނެއެވެ.

19.

ސެކިއުރިޓީ ބެލެހެއްޓުމާއި ސަލާމަތީ ފިޔަވަޅުތައް

(ހ)

އައިސްޕްލާންޓްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމްތައް ކައުންސިލުން ހަމަޖައްސަންވާނެއެވެ. އެގޮތުން އައިސްޕްލާންޓްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ރިކޯޑްކުރެވޭނެ އިންތިޒާމް ހަމަޖައްސަންވާނެއެވެ. އަދި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ސެކިއުރިޓީ ބެލެހެއްޓުމަށް އެނޫން އިންތިޒާމްތަކެއްވެސް ހަމަޖެއްސިދާނެއެވެ.

 

(ށ)

އައިސްޕްލާންޓްގައި މަސައްކަތް ކުރާ މުވްއަޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކައުންސިލުން އަޅަންވާނެއެވެ. ނުރައްކާތެރި ޙާދިސާއެއް ދިމާވެދާނެ ކަމަށް ތައްޔާރުވެ، އެފަދަ ޙާލަތްތަކުގައި ސަލާމަތަށް ބޭނުންކުރާނެ އާލާތްތައް ތަނުގައި ބަހައްޓަންވާނެއެވެ.

20.

އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް

(ހ)

ކޮންމެ މީލާދީ އަހަރެއްގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް (އައިސްޕްލާންޓްގެ 20XX ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް) އެއަހަރެއްގެ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި ކޮންމެ މީލާދީ އަހަރެއް ނިމުމާއެކު ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ކުރިން "އައިސް ޕްލާންޓްގެ އަހަރީ ރިޕޯޓް 20XX" ތައްޔާރުކޮށް ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

(ށ)

މިމާއްދާގައި ބަޔާންކުރާ ރިޕޯޓްތަކުގައި، އައިސްޕްލާންޓުން އައިސް އުފެއްދުނު މިންވަރާއި، އައިސް ވިކުނު މިންވަރާއި، ލިބުނު ފައިސާގެ ތަފްޞީލީ ޙިސާބުތަކާއި، އައިސްޕްލާންޓަށް ހޯދުނު ތަކެއްޗާއި، އެތަކެއްޗަށް ހިނގި ޚަރަދާއި، އައިސްޕްލާންޓުގެ އިންވެންޓްރީއާއި، ތަކެއްޗަށް ދިމާވި ގެއްލުމާއި، ދިމާވި މައްސަލަތަކާއި އެނޫންވެސް ދިމާވި ޚާއްސަ ކަންކަން ހިމަނަންވާނެއެވެ. މީގެ އިތުރުން އައިސްޕްލާންޓް ހިންގަން ހޭދަކުރި ޚަރަދުތަކުގެ ތަފްޞީލްތައްވެސް ރިޕޯޓްގައި ހިމަނަންވާނެއެވެ.

 

 

(ނ)

މިމާއްދާގައި ބަޔާންކުރާ ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތުތައް ކައުންސިލްގެ ފަރާތުން، އައިސްޕްލާންޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފޯރުކޮށްދެންވާނެއެވެ. އަދި ރިޕޯޓްތައް ތައްޔާރުކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދުތައް ކައުންސިލްގެ ފަރާތުން އައިސްޕްލާންޓްގެ މުވައްޒަފުންނަށް ފޯރުކޮށްދޭންވާނެއެވެ.

 

 

(ރ)

އައިސްޕްލާންޓްގެ ރިޕޯޓްތަކުގައި ހިމެނޭ މަޢުލޫމާތުތައް ކައުންސިލްގެ އަހަރީ ރިޕޯޓާއި ހަމަސްދުވަހުގެ ރިޕޯޓުގައި ހިމަނަންވާނެއެވެ.

21.

އުޞޫލަށް ބަދަލު ގެނައުމާއި އުޞޫލުގައި ނެތްކަމެއް ދިމާވުން

(ހ)

މިއުޞޫލަށް ބަދަލު ގެނެސް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު މަޑުއްވަރީ ކައުންސިލަށް ލިބިގެންވެއެވެ.

(ށ)

މިއުޞޫލުގައި ބަޔާންވެފައި ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމަށް ނިންމާނީ ކައުންސިލުންނެވެ.

22.

މާނަކުރުން

(ހ)

މިއުޞޫލުގައި "ކައުންސިލް" މާނަކޮށްފައި އެވަނީ މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލް އިދާރާއަށެވެ.

(ށ)

މިއުޞޫލުގައި "އައިސްޕްލާންޓް" މާނަކޮށްފައި އެވަނީ ރ.މަޑުއްވަރީ އައިސްޕްލާންޓަށެވެ.

08 ޑިސެންބަރު 2021
ހޯދާ