މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ކުންފުނީގެ އަހަރީ ފީ

ކުންފުނި އަހަރީ ފީ

1.   ކުންފުނީގެ އަހަރީ ފީ ދައްކަން ޖެހެނީ ކޮން ފަރާތްތަކެއް؟

                ކުންފުނީގެ އަހަރީ ފީ އަކީ، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ޕްރައިވެޓް ކުންފުނިތަކުންނާއި ޕަބްލިކް ކުންފުނި ތަކުން އަހަރަކު އެއްފަހަރު ދައްކަންޖެހޭ ފީ އެކެވެ.

2. ކުންފުނީގެ އަހަރީ ފީގެ ގޮތުގައި ދައްކަންޖެހެނީ ކިހާވަރެއް؟

ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕްރައިވެޓް ކުންފުނިތަކުން އަހަރީ ފީގެ ގޮތުގައި ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ނިޔަލަށް ދައްކަންޖެހެނީ -/2,000  ( ދެހާސް ) ރުފިޔާ އެވެ. އަދި ޕަބްލިކް ކުންފުނިތަކުން އަހަރީ ފީގެ ގޮތުގައި ދައްކަންޖެހެނީ -/10,000 (ދިހަހާސް) ރުފިޔާ އެވެ.

ކުންފުނި ރަޖިސްޓަރީ ކުރާ އަހަރުގެ އަހަރީ ފީ ދައްކާނީ ކުންފުނި ރަޖިސްޓަރީ ކުރާއިރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓަށެވެ. އެއަށްފަހު އަހަރީ ފީ ދައްކާނީ މީރާއަށެވެ.

4.   ކުންފުނިތަކުގެ އަހަރީ ފީ ދެއްކުމުގެ ސުންގަޑިއަކީ ކޮބާ؟

ކޮންމެ އަހަރެއްގެ އަހަރީ ފީވެސް އެ އަހަރުގެ މާރިޗު މަސް ނިމުމުގެ ކުރިން ދައްކަން ޖެހޭނެއެވެ.

5.   ކުންފުނިތަކުގެ އަހަރީ ފީ، ސުންގަޑިއަށް ނުދެއްކިއްޖެނަމަ، ޖޫރިމަނާ ވާނެތޯ އަދި ޖޫރިމަނާ ވާނީ ކިހިނެއް؟

ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ އަހަރީ ފީ އެ އަހަރެއްގެ މާރިޗު މަސް ނިމުމުގެ ކުރިން ދައްކަން ވާނެ އެވެ. މާރިޗު މަހުގެ ނިޔަލަށް އަހަރީ ފީ ނުދެއްކިއްޖެނަމަ، ޖޫރިމަނާ ވާ އުސޫލަކީ :

މާރިޗު މަސް ނިމި އެޕްރީލް މަހުގެ ނިޔަލަށް: -/1,000 ( އެއްހާސް ) ރުފިޔާ

އެޕްރީލް މަހުގެ ފަހުން: -/2,500 ( ދެހާސް ފަސްސަތޭކަ ) ރުފިޔާ

6.   ކުންފުނިތަކުގެ އަހަރީ ފީ ފާއިތުވި އަހަރަށް ނުދައްކައި، ހިނގަމުންދާ އަހަރުގެ އަހަރީ ފީ ދެއްކޭނެތަ؟

ހިނގަމުންދާ އަހަރުގެ އަހަރީ ފީ ބަލައިގަންނާނީ، ފާއިތުވި އަހަރުތަކުގެ އަހަރީ ފީ މީރާއަށް ދައްކާފައިވާނަމައެވެ.

7.    އުވާލަން ހުށަހަޅާފައިވާ ކުންފުނި ތަކުންވެސް ހިނގާ އަހަރުގެ އަހަރީ ފީ ދެއްކުމަށް ލާޒިމުވޭތަ؟

31 މާރިޗުގެ ކުރިން ކުންފުނި އުވާލުމަށް ހުށަހަޅާފައިވާ ކުންފުނިތަކުން އެ އަހަރުގެ އަހަރީ ފީ ދެއްކުން ލާޒިމެއް ނުވާނެއެވެ. ނަމަވެސް އުވާލަން ހުށަހަޅާފައިވަނީ އެ އަހަރުގެ 31 މާރިޗުގެ ފަހުންކަމުގައިވާނަމަ އެ އަހަރަށް އެ ކުންފުންޏަކުން އަހަރީ ފީ ދައްކަންޖެހޭނެއެވެ.

 

ރާއްޖެއިން ބޭރުން ގެންނަ މުދަލުގެ ކޮންސައިނީ ބަދަލުކުރުން

1.   ރާއްޖެއިން ބޭރުން ގެންނަ މުދަލުގެ ކޮންސައިނީ ބަދަލުކުރުމުގައި ބަލާ މިންގަނޑަކީ ކޮބާ؟

ރާއްޖެއަށް އެތެރެކުރާ މުދަލުގެ ކޮންސައިނީ ބަދަލުކޮށްދެވޭނީ، ކޮންސައިނީ ބަދަލުކުރާ ފަރާތާއި އަދި ބަދަލު ކުރެވޭ ފަރާތުންވެސް މީރާއަށް ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކަށްވެސް އެ ހިނދަށް ދައްކަންޖެހި ނުދައްކައި ހުރި އެއްވެސް ފައިސާއެއް ވާނަމަ، އެ ފައިސާ ދައްކައި ޚަލާޞް ކުރުމުންނެވެ.

2.   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހި ނުދައްކައި ހުރި އެއްވެސް ފައިސާއެއް ވޭތޯ ބަލާނީ ކިހިނެތް؟

"މީރާ 902" ފޯމު ފުރުމަށްފަހު މި އޮތޯރިޓީއަށް ހުށަހެޅުމުން، އެ މައުލޫމާތު ފޯރުވައިދެވޭނެއެވެ.

ޖީ.އެސް.ޓީ ހިމަނައިގެން، މުދަލުގެ އަގާއި ޚިދުމަތުގެ އަގު ޖެހުން

1.   ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރައްވައިފައިވާ ފަރާތްތަކުން މުދަލާއި ޚިދުމަތުގެ އަގު ޖަހަނީ ކިހިނެތް؟

މުދަލާއި ޚިދުމަތުގައި އަގު ޖަހާއިރު އަގު ޖަހަންޖެހޭނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. އަދި މި ބަދަލު އެންމެ ލަސްވެގެން 1 އޮގަސްޓް 2013 ގެ ކުރިން ގެނެސް ނިންމަންޖެހޭނެއެވެ.

2.    ވިޔަފާރީގެ ހަރަކާތް ހިންގާ ތަނުގައި ވިއްކާ މުދަލާއި ޚިދުމަތުގެ އަގު ޖެހިފައިވާ އުސޫލު ފެންނަން ހުރުން ލާޒިމުތަ؟

މުދަލާއި ޚިދުމަތުގައި އަގު ޖެހިފައިވާ ގޮތް ކަސްޓަމަރުންނަށް ފެންނާނެހެން ޓެކްސްނެގޭ ޙަރަކާތް ހިންގާ ތަނުގައި ހާމަކޮށްފައި ހުންނަންޖެހޭނެއެވެ.

3.    މި ބަދަލާ ގުޅިގެން ޓެކްސް އިންވޮއިސް/ރަސީދު ތައްޔާރު ކުރުމުގައި އެއްވެސް ބަދަލެއް ގެންނަން ޖެހޭތަ؟

މުދަލުގައި އަގު ޖަހާފައިވާގޮތަށް ގެނެވޭ މި ބަދަލާ ގުޅިގެން، މިހާރުވެސް ދޫކުރެވެމުންދާ ޓެކްސް އިންވޮއިސް އަދި ރަސީދުގެ ފޯމެޓަށް ބަދަލެއް ނާންނާނެއެވެ.

4.    ސަރވިސް ޗާރޖް ނަގައިގެން ދެވޭ ވިޔަފާރި ތަކުގައި އަގު ޖަހަންޖެހޭނީ ކިހިނެތް؟

ސަރވިސް ޗާރޖް ނަގައިގެން ދެވޭ ވިޔަފާރީގެ ޚިދުމަތްތަކުގައި އަގު ޖަހަންޖެހޭނީ، އެ ޚިދުމަތުގެ އަގާއި، ސަރވިސް ޗާރޖަށް ދައްކަންޖެހޭ މިންވަރާއި، ޖީ.އެސް.ޓީ އަށް ދައްކަންޖެހޭ މިންވަރު ހިމަނައިގެން ޖުމުލަ އަގު ހިސާބުކުރެވޭގޮތަށެވެ.

މި ލިޔުމުގައި ހިމެނިފައިވާ މަޢުލޫމާތަކީ، މި މަޢުލޫމާތު ޝާއިޢުކުރެވުނު ވަގުތުގައި ޞައްޙަ މަޢުލޫމާތެކެވެ. އަދި މި މަޢުލޫމާތަކީ ދިވެހިރާއްޖޭގެ ޓެކުހާ ގުޅޭ ތަފުސީލު ރިސާރޗަކާ އެއްފަދަ ނުވަތަ ދިވެހިރާއްޖޭގެ ޓެކުހާ ބެހޭގޮތުން ދެވޭ ފަންނީ ލަފަޔަކާ އެއްފަދަ މަޢުލޫމާތެއް ނޫނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ހޮޓްލައިން: 1415، ފެކްސް: 6577 331

އީމެއިލް: [email protected]، ވެބްސައިޓް: www.mira.gov.mv

 

20 މޭ 2013
ހޯދާ