އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިދާރީ ހިންގުމުގެ އުޞޫލުތައް

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ

އއ.ބޮޑުފޮޅުދޫ، ދިވެހިރާއްޖެ

އިދާރީ ހިންގުމުގެ އުޞޫލުތައް

އެއްވަނަ ޢަދަދު

2019

ތަސައްވަރު

ބޮޑުފޮޅުދޫގެ މުޖްތަމަޢަކީ އިޖްތިމާޢީ ފޭރާން ރަނގަޅު، ދުޅަހެޔޮ މުޖުތަމަޢަކަށް ވުމާއި ޞިއްޙީގޮތުންނާއި ތަޢުލީމީ ރޮނގުން ހޭލުންތެރި އަދި ދީނާއި ތަރައްޤީއާއި ތަހުޒީބަށް ލޯބިކުރާ އެކުވެރި މުޖުތަމަޢަކަށް ހެދުން.

 

އަމާޒު

 

  • ދިރިއުޅުމުގެ ފަސޭހަތަކާއި އަސާސީ ފުދުންތެރިކަން ލިބިފައިވާ މުޖުތަމައުއެ ބިނާކުރުން
  • ރަށުގެ ރައްޔިތުންނަކީ ޑެންގީ އާއި ޗިކަންގުންޔާ ފަދަ ބަލިތަކަށް ހޭލުންތެރިވެފައިވާ އެބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރާ، އަމިއްލައަށް އަޅަންޖެހޭފިޔަވަޅުތައް އަޅަމުންގެންދާ ބަޔަކަށް ހެދުން
  • ރަށުގައި ޤާއިމް ކުރެވިފައިވާ ޕްރީސްކޫލަކީ ކުދިންނަށް ދެވޭ ފަށާ ތައުލީމާއި ހަމަޔަށް ކުދިން ގެނައުމުގެ ކުރިން  އެކުދިންނަށް ދެވޭ ތައުލީމާއި ތަރުބިއްޔަތު ފުރިހަމަޔަށް ދެވޭވަރުގެ ފެންވަރު ރަނގަޅު ރާއްޖޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ވަރުގެ ޕްރީސްކޫލް ތަޢިލީމްދޭ ތަނަކަށް ހެދުން
  • މިރަށުގެ އަންހެނުންނަކީވެސް ފިރިހެނުންނޭ އެއްފަދައިން އެންހަމައެއްގައި ދިރިއުޅުމުގެ ކަންކަން ނިންމުމުގައްޔާއި އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި އެންހަމައަކުން ހަރަކާތްތެރިވެ،އިސްނަގައި އުޅޭ ބައެއްކަމުގައި ހެދުން
  • ރައްކާތެރި ގޮތުގައި ބޯފެންނަގައި ރައްކާކުރުމާއި ، އެފެން ފަސޭހަ ކަމާއެކު ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ރަށަކަށް ހެދުމާއި ،ރަށުގެ ރަށްވެހިން ސާފުތާހިރު ވުމަށާއި ފެންވެރުމަށް ބޭނުންކުރާ ފެނަކީ ސިއްޙީގޮތުން ރައްކާތެރި ، އެކަންކަން ކުރުމަށް އެކަށީގެންވާ ފެން ކަމުގައި ހެދުން.
  • މިރަށުގައި ދެމެހެއްޓެނިވި އަދި އިތުބާރުހިފޭ ގޮތެއްގައި ކަރަންޓު އަތްފޯރާ އަގެއްގައި ފޯރުކޮށް ދިނުން
  • ބޮޑުފޮޅުދޫއަކީ ރައްޔުތުންނަށް ފަސޭހަ ވާނެ ގޮތަށް އަދި ތަރައްޤީއާ ތަހުޒީބު ފެންނާނެހެން އުމްރާނީ މަސއްކަތްތައް ކުރާ ރަށަކަށް ހެދުން.
  • ބޮޑުފޮޅުދޫއަކީ އިސްލާމްދީން ކުރިއެރުމަށް މަސައްކަތްކުރާ ، ދީނަށް ލޯބިކުރާ މީހުންދިރިއުޅޭ ރަށަކަށް ހެދުން.
  • ބޮޑުފޮޅުދޫއަކީ އިންސާނީ ވަޞީލަތްތައް ދެނެގަނެވި އެވަޞީލަތްތަކުން ފުރިހަމަ މަންފާ ރަށުގެ ރަރއްޔިތުންނަށް ލިބެމުންދާ ، އިންސާނީ ވަޞީލަތް އިތުރު ކުރުމަށް މަސައްކަތްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ވެއްޓަކަށް ހެދުން.
  • ބޮޑުފޮޅުދޫއަކީ ރަށްގިރުމުގެ މައްސަލަތަކަށް ސަމާލުކަންދެވި ރަށްގިރުން ހުއްޓުވުމުގެ މަސައްކަތް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދާ ރަށަކަށް ހެދުން.
  • ބޮޑުފޮޅުދޫއަކީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގެ އާދަ އަށަގަނެފައިވާ ރައްޔިތެއް އުޅޭ ރަށަކަށްހެދުން.
  • ބޮޑުފޮޅުދޫގެ ކައުންސިލަކީ ކައުންސިލުގެ އެތެރޭގެ ހިންގުން ހަރުދަނާކުރެވި ، ރައްޔިތުންނަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމައްޓަކައި ރައްޔިތުންނާ ގުޅިގެން ، ގާތުން ޚިދުމަތް ފޯރުކޮށްދޭ ކައުންސިލަކަށް ހެދުން.

ތަސައްވަރު

އަމާޒު

ބޮޑުފޮޅުދޫގެ މުޖްތަމަޢަކީ އިޖްތިމާޢީ ފޭރާން ރަނގަޅު، ދުޅަހެޔޮ މުޖުތަމަޢަކަށް ވުމާއި ޞިއްޙީގޮތުންނާއި ތަޢުލީމީ ރޮނގުން ހޭލުންތެރި އަދި ދީނާއި ތަރައްޤީއާއި ތަހުޒީބަށް ލޯބިކުރާ އެކުވެރި މުޖުތަމަޢަކަށް ހެދުން.

 

އެއްވަނަ ޢަދަދު

2019

 


 



 

އިދާރީ ހިންގުމުގެ އުޞޫލުތައް

މިއީ އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ ހިންގުން ހަރުދަނާކޮށް، އިދާރާއިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި، އެކުލަވާލެވިފައިވާ އިދާރާގެ ހިންގުމުގެ އުޞޫލުތަކެވެ. މިފަދަ އުޞޫލުތަކެއް ލިޔެވި އޭގެ އެންމެ ފުރަތަމަ ޢަދަދު ޢާންމު ކުރެވިފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރ މަހުއެވެ.

އޮކުޓޫބަރ 2019

 

 

 

 

 

ފިހުރިސްތު

ބާބު 1- ތަޢާރަފް 4

(ހ)އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ އޮފީސް އުފެދުން  ...............................................................................................4

(ށ)އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން  4

(ނ) އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް 4

(ބ)މ އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ައުންސިލްގެ އިދާރާ. 5

(ޅ)އިދާރީ އޮނިގަނޑު 5

(ކ) ޔުނިޓްތަކުގެ މަސައްކަތްތައް ބެހިފައިވާގޮތް 6

ބާބު 2 - އިދާރާހިންގުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް 10

1.އިދާރާ ހުޅުވާ ބަންދުކުރުން 10

2.ޙާޟިރުވުން 10

3.ސަލާމްބުނުމާއި ޗުއްޓީ ނެގުން 11

4.އިދާރާއަށް ކަންކަން ހުށަހެޅުމާއި ބަލައިގަތުން 11

5.ތަކެތި ބަލައިގަތުމާއި ތަކެތި ޙަވާލުކުރުން 12

6.އެންޓްރީކުރުމާއި ރޫޓްކުރުން 12

7.ހުށަހެޅޭ ކަންކަމުގެ ރަޖީސްޓްރީ ބެލެހެއްޓުން 13

8.ކައުންސިލްގެ ޖަލްސާތައް ބޭއްވުން 13

9.މެނޭޖްމަންޓް މީޓިން ބޭއްވުން 14

10.ސްޓާފް މީޓިންގ ބޭއްވުން  14

11.އެޕޮއިންޓްމެންޓް ހަމަޖެއްސުން  15

12.ރަސްމީ ލިޔުންތަކުގައި ސޮއިކުރުން  15

13.ރަސްމީ ލިޔުންތަކުގެ މިންގަނޑު ދެމެހެއްޓުން  15

14.ޚިދުމަތާއި ތަކެތިހޯދުން  16

15.ބިޑް އިވެލުއޭޓިން ކޮމެޓީ 17

16.ފައިސާ ޚަރަދުކުރުމާއި ބަލައިގަތުން  17

17.ޗެކްގައި ސޮއިކުރުން  18

18.ތަކެއްޗާއި ވަޞީލަތްތައް ބޭނުންކުރުން  18

19.އިދާރާގެ ތަކެތި އެކިފަރާތްތަކަށް ދޫކުރުން  19

20.ސްޓޮކްބެލެހެއްޓުން  19

21.އިންވެންޓްރީ ބެލެހެއްޓުން  20

22.ވެބްސައިޓް ބެލެހެއްޓުން  20

23.ސެކިއުރިޓީ ބެލެހެއްޓުން  21

24.ޢިމާރާތްތަކާއި ގޯތި ސާފުކޮށް ބެލެހެއްޓުން  21

25.ކުރަންޖެހޭ މަސައްކަތްތައް މުއްދަތަށް ނިންމުން  22

26.އިތުރުގަޑީގައި މަސައްކަތް ކުރުން  22

27.ފައިލްކުރުމާއި މަޢުލޫމާތު ރައްކާކުރުން  22

ބާބު 3- ކައުންސިލުން ހިންގާ ޕްރޮގްރާމްތައް 23

28.އަތޮޅު ކައުންސިލްގެ ނަމުގައި ވިޔަފާރި ހިންގުމުގެ ސިޔާސަތު 23

29.ޖަދުވަލުތައް 24

 

 

 

ބާބު 1- ތަޢާރަފް

                                            

(ހ) އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ އޮފީސް އުފެދުން

               

ބޮޑުފޮޅުދޫ އޮފީހަކީ 7 ޖުލައި 1997 ގައި އޭރުގެ އެޓޮލްސް މިނިސްޓަރ އަލްއުސްތާޒް އަބްދުއްﷲ ހަމީދު ބިންގާ އަޅުއްވާ ދެއްވި އިމާރާތެކެވެ. އެދުވަސްވަރު ބިނާކުރެވުނު އެންްމެހައި އިމާރާތްތައް ބިނާ ކުރެވިފައިވަނީ އެއް ޑިޒައިނަކަށް ،އޭރު އިދާރީ މަސައްކަތްތަކަށް ފަސޭހަ ވާނޭގޮތަށެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ޤާނޫނުގައިވާގޮތުގެ މަތީން ކުރިން ކައުންސިލުން ހިންގަމުން އައި އިމާރާތުގައި 26 ފެބްރުއަރީ 2014 އިން ފެށިގެންވެސް ލާމަރުކަޒީ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ދެމުން އައި ހިދުމަތްތައް ދެމުން ގެންދެވުނެވެ. ނަމަވެސް މިއިމާރާތް ހެދިފައި ހުރިގޮތުން އޮފީސް ހިންގުމަށާއި ،ރައްޔިތުންނަށް ޚިދުމަތްދިނުމަށް ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިވަމުންދެއެވެ.އެގޮތުން އިދާރާގައި ކޮންފަރެންސް ހޯލެއް ނެތުމުން ކޮންފަރެންސް ހޯލެއްގައި ކުރަންޖެހޭ އެންމެހާ ބޭނުންތައް ކުރެވެމުންދަނީ ރައީސް އާއި ނައިބްރައީސް އަށް ޚާއްސަކުރެވިފައިވާ ކޮޓަރީގައެވެ.އަދި މީގެއިތުރުން  ،ކައުންސިލަރުންނަށް ކެބިން ނެތުމާއި ،މުވައްޒަފުންނަށް ވާރކިންގ ސްޓޭޝަންތަކެއްވެސް ނެތުމުގެ ސަބަބުން ތަފާތު ގޮންޖެހުންތަކާއި އިންތިހާއަށް ކުރިމަތިވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.

(ށ) އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން

                              

07 އޯގަސްޓް 2008 ގައި ތަސްދީޤްކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ބުނެ ޤާނޫނު އަސާސީގެ  އަށްވަނަ ބާބުގައި މިކަމުގެ ދުސްތޫރީ އަސާސްތައްވަނީ ބަޔާން ކޮށްފައެވެ. އަދި މިއަސާސްތައް ބުނާގޮތުން އިދާރީ ދާއިރާތައް ހިންގަންވާނީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އިންތިޚާބުކުރެވޭ ކައުންސިލްތަކުންނެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި ރައްޔިތުންގެ މަޖުލީހުން އެކަށައެޅުއްވި ޤާނޫނު ނަންބަރު 2010/7 އެމަޖިލީހުން ފާސްކުރައްވާފައިވަނީ 28 އޭޕްރީލް 2010 ގައެވެ. މިޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރައްވާފައިވަނީ 17 މެއި 2010 ގައެވެ.

(ނ) އަރިއަތޮޅު  އުތުރުބުރީ ބޮޑުފޮޅުދޫ  ކައުންސިލް

މިކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު ނަންބަރު 2010/7 (17 މެއި 2010) ގެ ދަށުން އުފެދިފައިވާ ކައުންސިލެކެވެ. ޤާނޫނުބުނާގޮތުން ކައުންސިލުގައި ހިމެނޭ މެންބަރުންގެ ޢަދަދަކީ 5 ކެވެ. އެހެންނަމަވެސް ޤާނޫނަށް ގެނައި އިސްލާހަކާއެކު 1000 ގެ އާބާދީއަށްވުރެ ކުދި އާބާދީތަކުން އިންތިހާބުކުރެވޭނީ ތިން މެމްބަރުންކަން ބާޔާންކޮށްފައި އޮތުމާއެކު 3 ވަނަ ދައުރަކަށް ކައުންސިލަށް އިންތިހާބު ކުރެވިފައިވަނީ 3 މެމްބަރުންނެވެ.

 

(ބ) އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ

މިއިދާރާގެ ނަމަކީ "އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ" އެވެ.

އިގިރޭސިބަހުންނަމަSecretariat of the Bodufolhudhoo Council,North Ari Atoll އެވެ.

މިނަމުގައި ރައީސުލްޖުމްހޫރިއްޔާ މިއިދާރާ އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން 22 ފެބްރުއަރީ 2011 ގައެވެ. އަދި މިއިދާރާ ޤާއިމުވެފަ ހުންނަންވާނީ މިޤާނޫނުގެ 128 ވަނަ މާއްދާއާއި 155 ވަނަ މާއްދާގެ (ދ ) ގައި ބަޔާންކުރެވިފައިވެއެވެ. ޤާނޫނުބުނާ ގޮތުން އިދާރާ ހިންގުމުގެ ޒިންމާއުފުލަންޖެހޭ އިސްފަރާތަކީ ކައުންސިލްގެ ރައީސް އެވެ. ރައީސް ނެތް ޙާލަތުގައި ނައިބުރައީސްއެވެ.އަދި ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސް ނެތް ހާލަތެއްގައި ކައުންސިލުން ކަނޑައަޅާ ފަރާތެކެވެ.

(ޅ) އިދާރީ އޮނިގަނޑު

އިދާރާގެ ހިންގުމުގެ އޮނިގަނޑު އެކުލަވާލެވިފައިވާ ގޮތުގެ އަޞްލު ބިނާކޮށްފައިވާނީ ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތަކާއި ދައުރުގެ މައްޗަށެވެ. މިގޮތުން ކައުންސިލަރުން އަދާކުރާނީ ސިޔާސަތު އެކުލަވާލައި ދެމެހެއްޓުމުގެ ދައުރާއި ވިލަރެސްކުރުމާއި އިރުޝާދު ދިނުމުގެ ދައުރެވެ.

ސިވިލްސަރވަންޓުން އަދާކުރާނީ ތަންފީޒީ ދައުރާއި ޢަމަލީ މަސައްކަތުގެ ދައުރާއި ޚިދުމަތްދިނުމުގެ ދައުރެވެ. މިގޮތުން މަސައްކަތްތައް ބަހާލެވިފައިވަނީ މައިގަނޑު 3 ޔުނިޓެއްގެ މައްޗަށެވެ.

1. ކޯޕަރޭޓް އެފެއަރޒް ޔުނިޓް

  • ބަޖެޓް އެންޑް ފައިނޭންސް
  • ޖެނަރަލް އެޑްމިނިސްޓްރޭޝަން

2. އެކޮނޮމިކް،ސޯސަލްއެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

  • ޕޮލިސީ، ޕްލޭނިންގ، ރިސާރޗް އެންޑް މޮނިޓަރިންގ
  • އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް
  • ކައުންސިލް ބިއުރޯ

3- ހިއުމަން ރިސޯސް މެނޭޖްމަންޓް ޔުނިޓް

 

(ކ) ޔުނިޓްތަކުގެ މަސައްކަތްތައް ބެހިފައިވާގޮތް

        ކައުންސިލްގެ އިދާރީ ހިންގުން ބަހާލެވިފައިވާ 3 ޔުނިޓުން މައިގަނޑުގޮތެއްގައި ކުރާނެ މަސައްކަތްތަކަކީ :-

1.    ކޯޕަރޭޓް އެފެއަރޒް ޔުނިޓް

          * ޖެނަރަލް އެޑްމިނިސްޓްރޭޝަން

          ކައުންސިލް އިދާރާގެ އިދާރީ މަސައްކަތްތަކާއި، އިމާރާތާއި ތަންތަނުގެ މަރާމާތާއި، ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ރަށު ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ދިނުމަށް އުފައްދާފައިވާ ކޯޕަރޭޓް އެފެއަރޒް ޔުނިޓުން ޖެނެރަލް އެޑްމިނިސްޓްރޭޝަންގެ އެންމެހައި ކަންކަން ބަލަހައްޓަމުން ގެންދާނެއެވެ. ޖެނެރަލް އެޑްމިނިސްޓްރޭޝަންގައި މައިގަނޑު ގޮތެއްގައި ކުރާނެ މަސައްކަތްތަކަކީ:

  • ކައުންސިލް އިދާރާގެ އިދާރީ ހިންގުމާ ބެހޭ އެންމެހާ މަސައްކަތް
  • ކައުންސިލް ހިންގުމަށްބޭނުންވާ ވަޞީލަތްތަކާއި، ހަރުމުދާ ބެލެހެއްޓުމާއި، ކައުންސިލްގެ ޢިމާރާތްތަކާއި، އުޅަނދުފަހަރު ބެލެހެއްޓުން
  • ރަށު ރައްޔިތުންނަށް އައިޑީކާޑުގެ ޚިދުމަތް ދިނުމާބެހޭ މަސައްކަތްތައް މޮނިޓަރ ކުރުން
  • އިންތިޚާބުތަކާބެހޭ މަސައްކަތްތައް
  • އެކިއެކި ވޯކްޝޮޕްތަކާއި، ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުމާބެހޭ މަސައްކަތްތައް
  • ރަށަށް ވަޑައިގަންނަވާ އެކިއެކި ވަފުދުތަކާއި،ޓީމްތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން 
  • ރާއްޖޭގެ މީޑިޔާތަކަށް މަޢުލޫމާތު ދިނުމާބެހޭ މަސައްކަތްތައް
  • ޕެނިޓެންޝަރީންފޮނުވާ ކުށްވެރިންނާ ބެހޭ ކަންތައްތައް
  • ކައުންސިލުން އިންތިޒާމްކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ކަންތައްތައް
  • އިދާރާގެ ބޭނުމަށް ހޯދިފައި ހުންނަތަކެތީގެ ސްޓޮކް ބެލެހެއްޓުން
  • އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި މަސައްކަތްތައް ކުރުން
  • ކައުންސިލްގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ދައުލަތުގެ ހާއްޞަ އެހީއަށް ބޭނުންވާ މީހުންނާބެހޭ ކަންތައްތައް.

 

 

 

* ބަޖެޓް އެންޑް ފައިނޭންސް

        ކައުންސިލް އިދާރާގެ ފައިސާ އާއި ބެހޭ ކަންކަން ބެލެހެއްޓުމަށާއި، ކައުންސިލުން ފައިސާ ދޭންޖެހޭ ފަރާތްތަކަށް ފައިސާ ޙަވާލުކުރުމަށާއި، ކައުންސިލަށް ބަލައި ގަންނަފައިސާ ބަލައިގަތުމަށް އުފައްދާފައިވާ ކޯޕަރޭޓް އެފެއަރޒް ޔުނިޓުން ބަޖެޓް އެންޑް ފައިނޭންސްގެ އެންމެހައި ކަންކަން ބަލަހައްޓަމުން ގެންދާނެއވެ. ބަޖެޓް އެންޑް ފައިނޭންސްގައި މައިގަޑު ގޮތެއްގައި ކުރާނެ މަސައްކަތްތަކަކީ:-

  • ކައުންސިލް އިދާރާގެ ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުން
  • ކައުންސިލް އިދާރާގެ މުވައްޒަފުންނަށް މުސާރަދިނުމާގުޅޭ މަސައްކަތްތައް
  • ކައުންސިލް އިދާރާގެ ބަޖެޓް ތައްޔާރުކޮށް ތަންފީޒުކުރުން
  • ކައުންސިލް އިދާރާގެ މާލިއްޔަތާއިގުޅޭ މަސައްކަތްތައް
  • ދައުލަތަށްލިބޭ އާމްދަނީ ފައިސާ ބަލައިގަތުމާއި، ކަމާބެހޭ އިދާރާތަކަށް ފޮނުވުން
  • ކައުންސިލަށް ލިބޭ އާމްދަނީ ފައިސާ ބަލައިގަތުން
  • ޤައުމީ އިދާރާތަކާއި، ކައުންސިލާއި ގުޅިގެން ހިންގޭ މަޝްރޫޢުތަކުގެ ފައިސާއާއި ބެހޭ މަސައްކަތްތައް
  • ކައުންސިލުން ހިންގާ ލޯނު ޕްރޮގްރާމްތައް މޮނިޓަރކޮށް ހިންގުން
  • ކައުންސިލް އިދާރާގެ ޕްރޮކިއުމެންޓާބެހޭ ހުރިހާ މަސައްކަތްކުރުން

 

2 . އެކޮނޮމިކް،ސޯސަލްއެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

    * ޕޮލިސީ، ޕްލޭނިންގ، ރިސާރޗް އެންޑް މޮނިޓަރިންގ

    ރަށު ކަންސިލުން އެކުލަވާލާ އެކިއެކި ސިޔާސަތުތައް ތަންފީޒުކުރުމާ، ރަށު ފެންވަރުގައިކުރެވޭ އެކިއެކި ރިސާރޗްތައް ހެދުމަށާއި، މޮނިޓަރިން ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ އެކޮނޮމިކް،ސޯސަލްއެންޑް މުނިސިޕަލް ސަރވިސްޔުނިޓުން ޕޮލިސީ، ޕްލޭނިންގ، ރިސާރޗް އެންޑް މޮނިޓަރިންގެ އެންމެހައި ކަންކަން ބަލަހައްޓަމުން ގެންދާނެއެވެ. ޕޮލިސީ، ޕްލޭނިންގ، ރިސާރޗް އެންޑް މޮނިޓަރިންގައި މައިގަނޑު ގޮތެއްގައި ކުރާނެ މަސައްކަތްތަކަކީ:-

  • ރަށުގެ ތަފާސް ހިސާބުއެއްކުރުމާއި، ތަފާސް ހިސާބާބެހޭ މަޢުލޫމާތުތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ފޮނުވުން
  • ރަށުގައި ހިންގޭ ޕްރޮޖެކްޓްތައް މޮނިޓަރކުރުން
  • ރަށު ތަރައްޤީގެ ޕްލޭން އެކުލަވާލުމާއިބެހޭ ކަންކަން ކުރުން
  • ބޯ ހިމެނުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • އަތޮޅުގެ ފެރީ ޚިދުމަތް ވިލަރެސްކުރުމުގެ މަސައްކަތް
  • ރަށުގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ޓޫރިޒަމް ފަދަ އިޤްތިޞާދީ ޕްލޭންތައް އެކުލަވާލުމާއި، މޮނިޓަރ ކުރުމުގެ މަސައްކަތް
  • ރަށުން ބިންދޫކުރުމާބެހޭ މަސައްކަތްތައް
  • ކައުންސިލްއިދާރާގެ ސްޓެރެޓެޖިކް ޕްލޭން އެކުލަވާލުން
  • ރަށުގެ ސިއްހީ ، ތަޢުލީމީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ތިމާވެއްޓާއިގުޅޭ ކަންކަން ދިރާސާކޮށް މޮނިޓަރކުރުން
  • ރަށުގެ އިޖްތިމާޢީ ރައްކާތެރިކަން ދެމެހެއްޓުމުގެ ޕްރޮގްރާމްތައް ހިންގުމާއި، މޮނިޓަރކޮށް ބެލެހެއްޓުން
  • އެކިއެކި ޤައުމީ މުނާސަބަތުތައް ފާހަގަކުރުމުގެ މަސައްކަތްތައް

     * އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް

      ރަށު ކައުންސިލުން ރާވައިގެން ހިންގާ ވިޔަފާރިތަކާއި ތަރައްޤީއަށް ހިންގާ ޕްރޮގްރާމްތައް ވިލަރެސްކޮށް ބެލެހެއްޓުމަށް އެކުލަވާލެވިފައިވާ އެކޮނޮމިކް،ސޯސަލްއެންޑް މުނިސިޕަލް ސަރވިސްޔުނިޓުން އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެހައި ކަންކަން ބަލަހައްޓަމުން ގެންދާނެއެވެ. އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓްގައިމައިގަޑު ގޮތެއްގައި ކުރާނެ މަސައްކަތްތަކަކީ:-

  • ރަށުގެ ތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތަކާ ޕްރޮޖެކްޓްތައް ރާވާ ހިންގުން
  • ވިޔަފާރީގެ ޚިދުމަތްތަކުގެ ހިންގުން ހަރުދަނާކޮށް ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރުން
  • އެއްގަމާއި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާއި، މަސްވެރިކަމުގެ ލައިސަންސް، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގެ ޚިދުމަތް، ރޯޑްވާދިނަސްގެ ޚިދުމަތް ދިނުމުގެ މަސައްކަތް
  • އިކޮނޮމިކް މިނިސްޓްރީން ޢާންމުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެތެރެއިން ކައުންސިލާއި ޙަވާލުކުރެވިފައިވާ މަސައްކަތްތައް
  • ކައުންސިލުން ހިންގާ ޕްރޮގްރާމްގެ މަސައްކަތްތައް ހިންގުން 
  • ޤައުމީއިދާރާތަކާއި، ކައުންސިލާއި ގުޅިގެން ހިންގޭ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުން

* ކައުންސިލް ބިއުރޯ

      ރަށު ކަންސިލުގެ ޖަލްސާތަކާއި ނިންމުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް އެކުލަވާލެވިފައިވާ އެކޮނޮމިކް،ސޯސަލްއެންޑް މުނިސިޕަލް ސަރވިސްޔުނިޓުން ބިރޯގެ އެންމެހައިކަންކަން ބަލަހައްޓަމުން ގެންދާނެއެވެ. ބިއުރޯއިން މައިގަޑު ގޮތެއްގައި ކުރާނެ މަސައްކަތްތަކަކީ:-

  • ކައުންސިލްގެ ޖަލްސާތައް އިންތިޒާމްކުރުމާއި، ޖަލްސާއާއިގުޅިގެން ކުރަންޖެހޭ މަސައްކަތްތައް
  • ކައުންސިލަރުންގެ ރެކޯޑްތައް ބެލެހެއްޓުން
  • އެކިއެކި އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމާއި، އިންތިޒާމްކުރުން
  • ލާމަރުކަޒީ ޤާނޫނުގެ ދަށުން ތައްޔާރުކޮށް ފޮނުވަންޖެހޭ ރިޕޯޓްތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް ފޮނުވުން.
  • ބައްދަލުވުންއިންތިޒާމްކޮށް، އިދާރީ ކަންކަން ހަމަޖެއްސުން

3- ހިއުމަން ރިސޯސް މެނޭޖްމަންޓް ޔުނިޓް

މިއީ ކައުންސިލް އިދާރާގެ އިދާރީ މުއައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމަށާއި، މުއައްޒަފުން އިތުރުކުރުމާއި ވަކިކުރުމަށް އަދި މުއައްޒފުންގެ ފެންވަރު މަތިކޮށް ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ސިވިލްސާވިސްގެ ޤާނޫނު ތަންފީޒުކުރުމަށް އުފައްދާފައިވާ ޔުނިޓެކެވެ. މި ޔުނިޓުން މައިގަނޑު ގޮތެއްގައި ކުރާނެ މަސައްކަތްތަކަކީ:

      ކައުންސިލްއިދާރާގެ އޮނިގަނޑު އެކުލަވާލުމާއި، މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުން

      އިދާރާގެ މަޤާމްތަކަށް މުވައްޒަފުންލެއްވުމާއި ވަޒީފާއިން ވަކިކުރުމާއި، އިސްލާޙީ ފިޔަވަޅު އެޅުމާއި ގުޅޭ މަސައްކަތްތައް

      މުއައްޒަފުންނަށް ލިބެންޖެހޭ ވަޒީފާގެ ކުރިއެރުމާއި، އިނާޔަތްތައް ހޯދައިދިނުމުގެ މަސައްކަތްތައް

      ރަށުކައުންސިލްތަކުގެ މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމާއި، ސަލާމާއި، ޗުއްޓީތަކުގެ ރެކޯޑް ބެލެހެއްޓުން

      ސިވިލްސަރވިސްގެ ޤަވާޢިދު ތަންފީޒުކުރުމުގެ މަސައްކަތް

      މުއައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ރިކުއަރމެންޓް ތައްޔާރުކޮށް، ތަމްރީނުވުމުގެ ފުރުޞަތު ފަހިކޮށްދިނުން

      ކައުންސިލަރުންނާއި، މުއައްޒަފުންގެ ހާޟިރީއާއި ސަލާމާއި ޗުއްޓީތަކުގެ ރެކޯޑްތައް ބެލެހެއްޓުން.

 

 

 

.ބާބު 2 - އިދާރާހިންގުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް

1.              އިދާރާ ހުޅުވާ ބަންދުކުރުން

1.1.    ސަރުކާރުގެ ރަސްމީ މަސައްކަތް ހިނގާ ކޮންމެ ދުވަހަކު 7:50 ވުމުގެކުރިން އިދާރާ ހުޅުވަން ވާނެއެވެ. އަދި ރަސްމީ މަސައްކަތް 14:00 ގައި ނިމުމާއެކު ލަސްނުކޮށް އިދާރާ ބަންދު ކުރަންވާނެއެވެ. މިގޮތުން އިދާރާ ހުޅުވައި ބަންދުކުރަންވާނީ އިސްމުވައްޒަފެއްގެ ބެލުމުގެ ދަށުންނެވެ. (ރަމަޟާން މަހު  ރަސްމީކޮށް ކައުންސިލްގެ އިދާރާ ހުޅުވާ ބަންދުކުރާނީ ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ އާއްމުކުރައްވާ ގަޑިއެއްގައެވެ.)

1.2.    އިދާރާ ހުޅުވައި ބަންދުކުރުމަށް އިސްވެ ހުންނަވާ މުވައްޒަފުންގެ ތާވަލެއް ތައްޔާރުކޮށް ޒިންމާދާރު ވެރިޔާގެ އެޕްރޫވަލް ހޯދައި، ކަމާބެހޭ މުވައްޒަފުންނަށް އެކަން އަންގަންވާނެއެވެ. މިކަންކުރާނީ އެޗް.އާރުގެ ކަންކަން ބަލަހައްޓާ ޔުނިޓުންނެވެ.

1.3.    އިދާރާހުޅުވައި ބަންދުކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުވައްޒަފަކަށް އެކަން ނުކުރެވޭފަދަ ޙާލަތެއް ދިމާވެއްޖެނަމަ ގަޑިޖެހުމުގެ 1 ގަޑިއިރު ކުރިން ޒިންމާދާރު ވެރިޔާއަށް ނުވަތަ އެޗް.އާރުގެ ކަންކަން ބަލަހައްޓާ ޔުނިޓަށް އަންގަން ވާނެއެވެ.

1.4.    ރަސްމީގަޑިތައް ފިޔަވައި އެނޫން ވަގުތެއްގައި އިދާރާ ހުޅުވަންޖެހިއްޖެ ނަމަ އެކަންކުރެވޭނީ ކައުންސިލްގެ ރައީސް ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ ހުއްދަ ލިބިގެންނެވެ.

1.5.    އިދާރާގެ ތަޅުދަނޑި ބަލަހައްޓާނީ އިދާރާ ހިންގެވުމާ އެވަގުތަކު ހަވާލުވެ ހުންނެވި ވެރިއެއްގެ ބެލުމުގެ ދަށުންނެވެ.

1.6.    ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައިވެސް އިދާރާ ހުޅުވައި ބަންދުކުރާ ރިކޯރޑް ބަލަހައްޓަން ޖެހޭނެއެވެ.

1.7.    އިދާރާ ބަންދު ކުރާއިރު ކޮންމެހެން ދިއްލާފައި ބަހައްޓަން ނުޖެހޭ ލައިޓްތައް ނިއްވާލުމާއި، ފަންކާތަކާއި އޭސީތައް ނިންވާލުމަކީ އިދާރާ ބަންދުކުރާ މުވައްޒަފެއްގެ ޒިންމާއެކެވެ. އަދި ހުރިހާ ދޮރުފަތްތަކެއް ހުރީ ތަންޑުއެޅުވިފަތޯ ޗެކުކުރަންވާނެއެވެ.

1.8.    ރަސްމީ ގަޑިތައްފިޔަވާ އެނޫން ވަގުތެއްގައި އިދާރާ ހުޅުވަން ބޭނުންވާނަމަ ރަސްމީ މަސައްކަތް ނިމުމުގެ 30 މިނެޓް ކުރިން އިދާރާ ހުޅުވުމުގެ ހުއްދަ ހޯދަންވާނެއެވެ. މިކަންކުރާނީ މަސައްކަތު ނިކުންނަ ޔުނިޓަކުންނެވެ.

2.              ޙާޟިރުވުން

2.1      އިދާރާހުޅުވާ މުވައްޒަފު އިދާރާހުޅުވަން ކަނޑައަޅާފައިވާ ގަޑިޔަށް ޙާޟިރުވާން ޖެހޭނެއެވެ. އެނޫން މުވައްޒަފުން 8:00 ގެ ކުރިން ޙާޟިރުވާން ޖެހޭނެއެވެ. ރަމަޟާން މަހު ހާޟިރުވާނީ ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ އާއްމުކުރައްވާ ގަޑިއެއްގައެވެ. މިއާޚިލާފަށް ޢަމަލުކޮށްފިނަމަ ގަޑީލާރި ކަނޑާނެއެވެ.

2.2      އިދާރާގެ ރަސްމީ މަސައްކަތުގެ ވަގުތަކީ 8:00 އިން 14:00 އަށެވެ. އަދި 10:00 އިން 13:00 އަށް އޮންނަ ވަގުތުކޮޅުގެ ތެރޭގައި މަސައްކަތަށް ދަތިނުވާނޭ ގޮތެއްގެމަތިން 30 މިނިޓްގެ ބްރޭކެއް ނެގޭނެވެ.

2.3      ދަންގަޑީގައި މަސައްކަތު ނިކުންނަންޖެހޭ މުއައްޒަފުންނަށް ސިވިލް ސާރވިސް ކޮމިޝަނުން ހަމަޖައްސާ އުސޫލުތެރެއިން އިނާޔަތްތައް ލިބިދެވޭނެއެވެ. މިގޮތުން ދަންވަރު 12:00 ގެފަހުން މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް ގަޑިއިރެއް އެދުވަހުގެ އޮފީހަށް ނިކުތުމުގައި އެމުއައްޒަފަކަށް ފަސްކޮށްދެވޭނެއެވެ. މި ގޮތުން އޮފީހަށް ނިކުތުން ފަސްކުރެވޭނެ އެންމެ ލަސްގަޑިއަކީ އެދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށެވެ.

2.4      ރަސްމީ މަސައްކަތުގެ ވަގުތުތަކުގައި އިދާރާގެ ބޭނުމެއްގައި މެނުވީ މަޤުބޫލު އުޒުރެއްނެތި އިދާރާއިން ބޭރަށް ގޮސްގެން ނުވާނެއެވެ. އަދި  ބޭރަށްދާން ޖެހިއްޖެނަމަ ރަސްމީގަޑީގައި ބޭރަށްދާ ފޮތުގައިލިޔެ ސްޕަވައިޒަރުގެ ހުއްދަ ހޯދަން ޖެހޭނެއެވެ.

2.5      ކައުންސިލަރުން ރަސްމީ މަސައްކަތަށް ހާޟިރުވުމުގައި އަމަލު ކުރާނީ ކައުންސިލުގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

3.              ސަލާމްބުނުމާއި ޗުއްޓީ ނެގުން

3.1      ސިވިލް ސާވިސްގެ ޤާނޫނާއި ޤަވާއިދުގައި ބަޔާންވެފައިވާ މިންވަރަށް ސަލާމާއި ޗުއްޓީ ލިބޭނެއެވެ. އަދި މިގޮތުން ސަލާމް ބުނުމުގައި ނުވަތަ ޗުއްޓީ ނެގުމުގައި ޢަމަލު ކުރަން ޤަވާއިދުގައި ކަނޑައެޅިފައިވާ ކަންކަމާ އެއްގޮތަށް ޢަމަލު ކުރަންވާނެއެވެ.

3.2      އޮފީހަށް ޙާޟިރުނުވެވޭފަދަ އުޒުރެއް ދިމާވެގެން ސަލާމުގެ ޗުއްޓީ ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީގައި ހުންނަން ޖެހިއްޖެނަމަ ރަސްމީގަޑި ފެށޭތާ ލަސްވެގެން 1 ގަޑިއިރުގެ ތެރޭގައި އެޗް.އާރު. ޔުނިޓަށް އަދި އެމުވައްޒަފެއްގެ ސްޕަރވައިޒަރަށް އަންގަންވާނެއެވެ.

3.3      ޗުއްޓީނެގުމުގައި އިދާރާގެމަސައްކަތަށް ދަތިނުވާނޭ ގޮތަށް ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ތެރޭގައި ޗުއްޓީ ތާވަލެއް އެކުލަވާލަންވާނެއެވެ. މިތާވަލު ތައްޔާރުކުރާނީ މުއައްޒަފުންގެ މަޝްވަރާގެ މަތިން އެޗް.އާރުގެ ކަންކަން ބަލަހައްޓާ ޔުނިޓުންނެވެ.

3.4      މުވައްޒަފުންގެ ޗުއްޓީ ނެގުމަށް ތައްޔާރުކުރެވިފައިވާ ތާވަލަށް ބަދަލުގެނައުމަށް ބޭނުންވާނަމަ އެފުރުޞަތު ހަމަޖެހިފައި އޮންނަންވާނެއެވެ.

3.5      ޗުއްޓީއަށް އެދި ހުށަހަޅާއިރު ޗުއްޓީ ފެށުމާހަމައަށް 3 ދުވަހުގެ ނޯޓިސްއެއް ދޭންވާނެއެވެ. އަދި އަހަރީ ޗުއްޓީ އެއްފަހަރާނެގުމުގެ ބަދަލުގައި 2 ބަޔަކަށް ބަހާލައިގެން ނެގުމަށް އިސްކަންދޭންވާނެއެވެ.

3.6      ޗުއްޓީއަށް އެދި ހުށަހަޅާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމުންނެވެ.

3.7      ޗުއްޓީއަށް ފެށުމުގެކުރިން މަސައްކަތާ ޙަވާލުވާ މުވައްޒަފަށް މަސައްކަތްތަކާބެހޭ އިރުޝާދުތައް ފުރިހަމައަށް ދޭންވާނެއެވެ.

4.              އިދާރާއަށް ކަންކަން ހުށަހެޅުމާއި ބަލައިގަތުން

3       

4       

4.1      އެކިފަރާތްތަކުން އިދާރާއަށް ކަންކަން ހުށަހެޅުމުގައި އެންމެ އެދެވޭ ގޮތަކީ ލިޔުމަކުން ހުށަހެޅުމެވެ. އަދި ވަކިޚާއްޞަ ކަމަކާއިގުޅޭ ގޮތުން އެދޭނަމަ ހުށަހަޅާނީ އެކަމަކަށް ޚާއްޞަ އެޕްލިކޭޝަން ފޯމަކުންނެވެ.

4.2      ފަރުދީގޮތުން ލިޔުމަކުން ހުށަހެޅުމަށް ނުކުޅޭފަރާތްތަކަށް އަނގަބަހުން ކަންކަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

4.3      ފެކްސް އާއި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ކަންކަންވެސް ލިޔުމެއްގެ ގޮތުގައި ބަލައިގަނެވޭނެއެވެ.

4.4      ކައުންސިލާއި ނުވަތަ ކައުންސިލުގެ މެންބަރަކަށް އެޕޮއިންމަންޓަކަށް ހުށަހަޅައިފިނަމަ އެކަމުގެ މަޢުލޫމާތު ބިއުރޯގެ ގޮތުގައި ހަރަކާތެރިވާ މުވައްޒަފަށް ދޭންވާނެއެވެ. އަދި އެޕޮއިންޓްމަންޓަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފުރިހަމަ މެހެމާންދާރީ އަދާކުރަންވާނެއެވެ.

4.5      ހިދުމަތް ލިބިގަތުމަށް  ވަޑައިގަންނަވާ ބޭފުޅުންނަށް ފުރިހަމަ މެހެމާންދާރީ އަދާކުރަންވާނެއެވެ.

5.              ތަކެތި ބަލައިގަތުމާއި ތަކެތި ޙަވާލުކުރުން

   

5.1      އިދާރާއަށް ލިބޭ ސިޓީ މެސެޖްފަދަ ތަކެތި ބަލައިގަންނާނީ ރަސްމީ ގަޑީގައި ރިސެޕްޝަން ކައުންޓަރުންނެވެ.

5.2      ފެކްސްއާއި އީމެއިލްގެ ޒަރީޢާއިން ލިބޭ ލިޔުންތައްވެސް ބަލައިގަންނާނީ ރިސެޕްޝަން ކައުންޓަރުންނެވެ. އީމެއިލް އެކައުންޓް ކޮންމެ ދުވަހަކުވެސް ޗެކްކުރަންވާނެއެވެ.

5.3      ރިސެޕްޝަން ކައުންޓަރުން ބަލައިގަންނަ ތަކެތީގެ ރިކޯޑުބަލަހައްޓަން ވާނެއެވެ. އަދި ބަލައިގަންނަލިޔުންތައް ލަސްނުކޮށް އެންޓްރީކޮށް، ކަމާބެހޭ ޔުނިޓާއި ޙަވާލުކުރަންވާނެއެވެ. މިކަންކުރާނީ ޒިންމާޙަވާލުކުރެވިފައިވާ މުވައްޒަފެކެވެ.

5.4      އިދާރާއިން އެކިފަރާތްތަކަށް ރައްދުކުރެވޭ ލިޔުމާއި ތަކެތި ހަވާލުކުރެވޭ އިރު ފޮތުގައި ލިޔެ ހަވާލުވި ފަރާތުގެ ސޮއިކުރުވަން ވާނެއެވެ.

6.              އެންޓްރީކުރުމާއި ރޫޓްކުރުން

6       

6.1      އެކިފަރާތްތަކުން ލިބޭލިޔުންތައް އެންޓްރީ ކުރުމަށްފަހު އޮފީހަށް ބަލައިގަތް ސޮއިކޮށް ރޫޓިންގ ތައްގަޑުޖަހާ ކަމާބެހޭ ޔުނިޓާއި ޙަވާލުކުރާނީއެވެ.

6.2      ޔުނިޓުން ލިޔުންތަކާއި ޙަވާލުވާނީ ޔުނިޓުގެ އެންމެ އިސްމުވައްޒަފެވެ. ލިޔުމާއި ޙަވާލުވުމަށްފަހު ރޫޓިންގ ތައްގަނޑުގައިވާ މަޢުލޫމާތު ފުރިހަމަ ކުރަންޖެހޭނެއެވެ.

6.3      ޔުނިޓުގެ ފަރާތުން ލިޔުމާއި ޙަވާލުވެ ސްޕަވައިޒަރުގެ މަޝްވަރާގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ލަސްނުކޮށް ކުރިޔަށް ގެންދަންޖެހޭނެއެވެ.

6.4      ކައުންސިލަރުންނާއި ޙަވާލުކުރެވިފައިވާ ޒިންމާތަކާއި ގުޅޭ ލިޔުންތައް ޔުނިޓްތަކުން ޙަވާލުވުމަށް ފަހު ލަސްނުކޮށް ޒިންމާދާރު ވެރިޔާގެ ބެލުމުގެ ދަށުން ކައުންސިލުގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާއިހަވާލުވެ ހުރި ފަރާތެއްގެ މަޝްވަރާހޯދަންވާނެއެވެ.

6.5      އިދާރާއަށް ބަލައިގަންނަ އެންމެހައި ލިޔުންތައް ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާއި ހަވާލުވެ ހުންނަ ފަރާތެއްގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

 

7.              ހުށަހެޅޭ ކަންކަމުގެ ރަޖީސްޓްރީ ބެލެހެއްޓުން

     

7.1      ޔުނިޓުގެ މަސައްކަތްތަކާއި ގުޅޭގޮތުން ހުށަހެޅޭ ކަންކަމުގެ ރަޖިސްޓްރީއެއް ކޮންމެ ޔުނިޓަކުންވެސް ލިޔެބަލަހައްޓަން ވާނެއެވެ. މައްސަލަތައް ރަޖިސްޓްރީކުރާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ސޮފްޓްވެއަރގައެވެ. ނުވަތަ ލޮގްގައެވެ.

7.2      ކަންކަން ނިންމުމަށާއި ޖަވާބުދީ ނިންމަންޖެހޭ މުއްދަތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅެމުންދޭތޯ ބަލައި ޗެކްކުރުމަކީ ޔުނިޓްގެ އިސްމުވައްޒަފު އަދާކުރަންޖެހޭ ޒިންމާއެކެވެ. އަދި މައްސަލައާއި ގުޅޭ ގޮތުން އަޅާ ފިޔަވަޅުތައް ދުވަހުން ދުވަހަށް މައްސަލަ ރަޖިސްޓްރީގައި އަޕްޑޭޓް ކުރަންވާނެއެވެ.

8.              ކައުންސިލްގެ ޖަލްސާތައް ބޭއްވުން

8       

8.1      ކައުންސިލްގެ ޖަލްސާ ބޭއްވުމުގެ އިންތިޒާމު ހަމަޖައްސާނީ ބިއުރޯ އެއްގެ ގޮތުގައި ހަރަކާތްތެރިވާމުވައްޒަފެވެ. އިންތިޒާމުތައް ހަމަޖެއްސުމުގައި ބިއުރޯ އެއްގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފު އެހީ އަކަށް އެދިއްޖެނަމަ ކޮންމެ މުވައްޒަފަކުވެސް އެހީތެރިކަން ދޭންޖެހޭނެއެވެ.

8.2      ޖަލްސާއަށް ބޭނުންވާ ލިޔެކިއުންތައް  ތައްޔާރުކޮށް ލިޔުންތައް ހަމަކުރުމަށް ސަމާލުކަން ދޭންޖެހޭނެއެވެ.

8.3      ކައުންސިލްގެ ޖަލްސާއަކަށް ޔުނިޓަކުން މަޢުލޫމާތެއް ބޭނުންވެގެން ހުށައަޅައިފިނަމަ ވަގުތުއޮއްވައި ބިއުރޯ އެއްގެ ގޮތުގައި ހަރަކާތްތެރިވާމުވައްޒަފަށް އެމަޢުލޫމާތެއް ހިއްސާކުރަންޖެހޭނެއެވެ.

8.4      ކައުންސިލުގެ ޖަލްސާއަކަށް ކައުންސިލަރަކު މައްސަލައެއް އެޖެންޑާކުރުމަށް ބޭނުންވެއްޖެނަމަ އެކަމެއްބަޔާންކޮށް ކަމާބެހޭލިޔުންތަކާއި އެކު ހުށައަޅަންވާނެއެވެ. މިގޮތުން ހުށަހަޅާނީ ޖަލްސާގައި އެޖެންޑާކުރުމަށް ހުށަހަޅާފޯމުންނެވެ.

8.5      ކައުންސިލުގެ ޖަލްސާއަކަށް ޔުނިޓަކުން މައްސަލައެއް އެޖެންޑާކުރުމަށް ބޭނުންވެއްޖެނަމަ އެކަމެއްބަޔާންކޮށް ކަމާބެހޭލިޔުންތަކާއި އެކު ޒިންމާދާރުވެރިޔާ މެދުވެރިކޮށް ކައުންސިލުގެ ރައީސްއަށް ނުވަތަ ކައުންސިލު ހިންގުމާއި ހަވާލުވެ ހުންނަ ފަރާތަކަށް ހުށަހަޅަންވާނެއެވެ.

8.6      ޖަލްސާ އަޑުއަހަން ބޭނުންވެގެން ހޯލަށް ޙާޟިރުވާ ފަރާތްތަކަށް ކައުންސިލްގެ ހިންގާ ޤަވާއިދުގައި ވާގޮތުގެ މަތިން ތިބެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެއެވެ.

8.7      އެއްވެސް ޔުނިޓަކުން ހުށަހަޅާ މައްސަލައަކަށް ކައުންސިލުގެ ބައްދަލުވުމެއްގައި މަޝްވާރާކުރާނަމަ އެޔުނިޓެއްގެ އިސް މުވައްޒަފަކު އެ ބައްދަލުވުމަށް ޙާޟިރުވާން ވާނެއެވެ.  

8.8      ބިއުރޯ އެއްގެ ގޮތުގައި ހަރަކާތްތެރިވާމުވައްޒަފަށް އެޖެންޑާކުރުމަށް ހުށަހެޅޭ ކަންކަން އެޖެންޑާ ކުރާނީ ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތަކުން ނިންމަވާ ގޮތެއްގެ މަތީންނެވެ.

 

9.              މެނޭޖްމަންޓް މީޓިން ބޭއްވުން

    

9.1      ކޮންމެ ހަފުތާއެއްގެ ރަސްމީ މަސައްކަތުގެ ކޮންމެ ދުވަހެއްގެ ހެދުނު 8:45 އިން 9:30 އަށް މެނޭޖްމަންޓް މީޓިންގ ނަމުގައި ބައްދަލުވުމެއް ބޭއްވޭނެއެވެ.

9.2      މެނޭޖްމަންޓް މީޓިންއަކީ ކައުންސިލުގެ މަސައްކަތުގެ ތެރެއިން ސަމާލުކަންދީ ނިންމުން އަވަސްކުރަންޖެހޭ މައްސަލަތަކާމެދު މަޝްވަރާކުރުމަށާއި، ކައުންސިލަރުންނާއި އިދާރާއާއި ދެމެދުއޮންނަ ގުޅުން ބަދަހިކޮށް އިދާރީ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމުގެ މަޤްޞަދުގައި ބާއްވާ ބައްދަލުވުމެކެވެ.

9.3      މިބައްދަލުވުން ޗެއާރ ކުރާނީ ކައުންސިލުގެ ރައީސް ނުވަތަ ކައުންސިލުހިންގުމާ ޙަވާލުވެހުންނަވާ ވެރިއެކެވެ. މި ބައްދަލުވުމުގައި ބައިވެރިވާނީ ކައުންސިލަރުންނާއި، ޒިންމާދާރުވެރިޔާއާއި ސެކްޝަންތަކުގެ ވެރިންނެވެ.

9.4      މިބައްދަލުވުމުގައި ޒިންމާދާރުވެރިޔާއަށް ހުރި ދަތިތަކާއި އިދާރީ ހިންގުމުގެ ޙާލަތު ޚުލާސާކޮށް ކައުންސިލަރުންނަށް ހުށަހަޅަންޖެހޭނެއެވެ. އަދި އިދާރާގެ ހިންގުން ހަރުދަނާކޮށް ހަލުއިކުރުމަށް ކުރެވިދާނެ ކަންކަމާއިމެދު،މަޝްވަރާކޮށް ޔުނިޓްތަކުގެ މެދުގައި މަޢުލޫމާތު ޙިއްސާކުރެވޭނެއެވެ.

9.5      މި ބައްދަލުވުމުގައި ދުވަހުން ދުވަހަށް ނިންމި މައްސަލަތަކާއި، ނުނިމިހުރި މައްސަލަތަކުގެ މަޢުލޫމާތު ކައުންސިލަރުންނާއި، ޔުނިޓްތަކުގެ މެދުގައި ޙިއްސާކުރަންވާނެއެވެ. އަދި ނުނިމި ހުރި މައްސަލަތައް އަވަހަށް ނިންމުމަށް ބޭނުންވާނެ ޚިޔާލާއި މަޝްވަރާހޯދޭނެއެވެ.

9.6      މީގެ އިތުރުން ޔުނިޓްތަކުގެ މަސައްކަތް އިތުރަށް ވިލަރެސްކޮށް ހަރުދަނާކުރުމަށާއި ކުރިއަށްދާ އިވެންޓެއް އަދި ހާދިސާއަކާއި ގުޅިގެން ކައުންސިލަރުންނަށާއި ޒިންމާދާރުވެރިޔާއަށް އަދި ޔުނިޓްތަކުގެ ވެރިންނަށް އިތުރުބައްދަލުވުންތައް އިންތިޒާމްކޮށް ބޭއްވިދާނެއެވެ.

9.7      މެނޭޖްމަންޓް މީޓިންގތައް އިންތިޒާމްކޮށް ރިކޯޑްތައް ލިޔެ ބަލަހައްޓާނީ އިދާރީ ބައިންނެވެ.

10.         ސްޓާފް މީޓިންގ ބޭއްވުން

 

10.1  ކޮންމެ މަހަކު މަދުވެގެން 1 ފަހަރު އިދާރާގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހައި މުވައްޒަފުންނާއެކު ކައުންސިލަރުން ހިމެނޭގޮތަށް ކައުންސިލުގެ ރައީސް ބައްދަލުވުމެއް ބާއްވަންވާނެއެވެ.

10.2  މި ބައްދަލުވުމުގެ ބޭނުމަކީ އިދާރާގެ ހުރި އިދާރީ މައްސަލަތަކާއި މުވައްޒަފުންގެ މައްސަލަތަކާއި،ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތަކާއި ، އިދާރީ ހިންގުމުގައި ލިބިފައިވާ ކުރިއެރުންތަކާއި ގުޅޭ ގޮތުން މުވައްޒަފުންނާއި އިދާރާގެ އިސްވެރިންނާއި އެކު މަޝްވަރާކުރުމެވެ.

10.3  މި ބައްދަލުވުން އިންތިޒާމްކުރާނީ އެޗް.އާރު ގެ ކަންކަން ބަލަހައްޓާ ޔުނިޓުންނެވެ. އަދި މި ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ.

11.         އެޕޮއިންޓްމެންޓް ހަމަޖެއްސުން

  

11.1     އިދާރާގައި މަސައްކަތްކުރައްވާ ކައުންސިލަރުންނާ ބައްދަލު ކުރުމުގެ އެޕޮއިންޓްމަންޓް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު އެކަންކުރުމުގެ ފުރުޞަތު އޮންނަންވާނެއެވެ.

11.2     ކައުންސިލަރަކާއި ބައްދަލު ކުރުމުގެ އެޕޮއިންޓްމެންޓަކަށް އެއްވެސް ފަރާތަކުން އެދިއްޖެނަމަ އެކަމުގެ މަޢުލޫމާތު ލަސްނުކޮށް ބިއުރޯ އެއްގެ ގޮތުގައި ހަރަކާތްތެރިވާމުވައްޒަށް ހުށަހަޅަން ވާނެއެވެ.

11.3     ކައުންސިލަރުންނަށް ދަންނަވައި އެޕޮއިންޓްމެންޓްތައް އިންތިޒާމު ކުރާނީ ބިއުރޯ އެއްގެ ގޮތުގައި ހަރަކާތްތެރިވާމުވައްޒަފެވެ. އެޕޮއިންޓްމަންޓް ތަކުގެ މަޢުލޫމާތު ޔައުމިއްޔާއަށް ދިނުމަކީ ބިއުރޯ އެއްގެ ގޮތުގައި ހަރަކާތްތެރިވާމުވައްޒަފުގެ މަޝްއޫލިއްޔަތެކެވެ.

12.         ރަސްމީ ލިޔުންތަކުގައި ސޮއިކުރުން

    

12.1      އިދާރާއިން އެކިފަރާތްތަކަށް ފޮނުވޭ ރަސްމީ ލިޔުންތަކުގައި ސޮއިކުރާނީ ކައުންސިލްގެ ރައީސްއެވެ. ރައީސް ނެތް ހިނދެއްގައި ނައިބުރައީސްއެވެ. ރައީސް އަދި ނައިބުރައީސް ނެތްހާލަތެއް ދިމާވެއްޖެނަމަ ކައުންސިލުން ނިންމާގޮތެއްގެ މަތީން ޙަވާލުވެހުންނަވާ ފަރާތެއް ކަނޑައަޅުއްވާ، ބިއުރޯ އެއްގެ ގޮތުގައި ހަރަކާތްތެރިވާމުވައްޒަފު އިންޓާރނަލް މެމޯއަކުން ޔުނިޓްތަކަށް އަންގަވަންވާނެއެވެ.

12.2      އިންޓަރނަލްކޮށް އެއްޔުނިޓުން އަނެއް ޔުނިޓަށް ބަދަލުކުރެވޭ ލިޔުންތަކުގައި ސޮއިކުރާނީ އެޔުނިޓެއްގެ އިސްވެރިޔާއެވެ.

12.3      ސިވިލްސަރވިސް މުވައްޒަފުންނާއި ގުޅޭ ލިޔުންތަކުގައި ސޮއިކުރާނީ ޒިންމާދާރުވެރިޔާ އެވެ.

12.4      ކައުންސިލުން ހިންގާ އެކި އެކި ޕްރޮގްރާމްތަކާއި ގުޅޭގޮތުން ފޮނުވަންޖެހޭ ޢާއްމު ލިޔުންތަކުގައި ސޮއި ކުރާނީ ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލު ހިންގުމާއި އެވަގުތަކު ހަވާލުވެ ހުރި ވެރިއެކެވެ.

13.         ރަސްމީ ލިޔުންތަކުގެ މިންގަނޑު ދެމެހެއްޓުން

   

      

13.1     އިދާރާގެ ހުރިހާ ލިޔުމެއްވެސް ލިޔަންވާނީ ކަނޑައަޅާފައިވާ ފޯމެޓާއި އެއްގޮތަށެވެ.

13.2     އިދާރާއިން ފޮނުވާ ހުރިހާ ލިޔުންތަކުގައިވެސް ރަސްމީގޮތުން ސޮއިކުރަން ކަނޑައަޅާފައިވާ ފަރާތެއްގެ ސޮޔާއި، އިދާރާގެ ރަސްމީ ތައްގަނޑު ޖަހަންޖެހޭނެއެވެ.

13.3     އިދާރާއިން އެއްވެސް ފަރާތަކަށް ލިޔުމެއް ފޮނުވަންވާނީ ރަސްމީކޮށް ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަ ކުރެވިފައިވާ ލިޔުމެއްތޯބަލައި ޗެކްކުރުމަށްފަހު އެވެ.

13.4     ރަސްމީ ލިޔުންތަކުގައި ސޮއިކުރަން ކަނޑައަޅާފައިވާ ފަރާތްފިޔަވާ އެނޫންފަރާތެއް ސޮއިކޮށްގެން ނުވާނެއެވެ.

13.5     ރަސްމީލިޔުންތަކަކީ އިދާރާގެ ސިއްރު އެއްޗަކަށްވާތީ މިކަން ދެމެހެއްޓުމަކީ މުވައްޒަފުންގެ ޒިންމާއެކެވެ.

 

14.         ޚިދުމަތާއި ތަކެތިހޯދުން

  

14.1     އިދާރާގެ ހިންގުމަށާއި އަދި ކުރެވޭ ކަންކަމަށް ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުމުގައި ޢަމަލުކުރަންޖެހޭ މައިގަނޑު އަސާސަކީ ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި، މާލިއްޔަތާބެހޭ ޤަވާއިދާއި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ޤާނޫނާއި، އަދި ކައުންސިލުގެ ހިންގާ ޤަވާއިދެވެ. އެހެންކަމުން މިކަން ކުރުމުގައި މިއަސާސް އާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

14.2     ޚިދުމަތާއި ތަކެތި ހޯދައިދިނުމުގެ މަސައްކަތްކުރާނީ ކޯޕަރޭޓް އެފެއަރޒް ޔުނިޓުންނެވެ.

14.3     ޔުނިޓަކުން ޚިދުމަތެއް ނުވަތަ އެއްޗެއް ހޯދަން ބޭނުން ވެއްޖެނަމަ އެކަން އެޑްމިން ބަޔަށް ހުށަހަޅާނީއެވެ.

14.4     އެޑްމިން ބަޔަށް ހުށައެޅުމުން ހޯދުމަށްއެދިފައިވާ ތަކެތި ސްޓޮކްގައި ހުރިނަމަ، ނުވަތަ ޚިދުމަތަކީ އިދާރާއިން ލިބެންހުރި ޚިދުމަތެއްނަމަ އެކަން ހަމަޖައްސާނީއެވެ. އަދި އެއެއްޗެއް ނުވަތަ ޚިދުމަތެއް ލިބެންނެތްނަމަ ބޭރުން އެއެއްޗެއް ނުވަތަ ޚިދުމަތް ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދާނީއެވެ.

14.5     ފައިސާ ދައްކާގޮތަށް ހޯދޭ ހުރިހާ ޚިދުމަތަކާއި، ތަކެއްޗެއް ހޯދުމުގެ ކުރިން ބަޖެޓްގައި އެކަމަކަށް ޚަރަދުކުރުމަށް ފައިސާ ހުރިތޯ ޔަޤީންކުރަންވާނެއެވެ.

14.6     ޕްރޮގްރާމްތަކާގުޅޭ ގޮތުން ހޯދޭއެއްޗެއް ނުވަތަ ޚިދުމަތެއްނަމަ ތަކެއްޗާއި ޚިދުމަތަށްއެދި ފޮނުވޭ ލިޔުމުގައި ސޮއިކުރައްވާނީ ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލު ހިންގުމާއި އެވަގުތު ހަވާލުވެ ހުރި ވެރިއެކެވެ.

14.7     ހޯދޭތަކެއްޗަކީ ނުވަތަ ޚިދުމަތަކީ އިދާރާގެ ހިންގުމުގައި ޢާންމުކޮށް ކުރެވޭ ކަންކަމުގެ ތެރޭގައި ހިމެނޭ އެއްޗަކަށް ނުވަތަ ޚިދުމަތަކަށް ވާނަމަ ތަކެއްޗާއި ޚިދުމަތަށްއެދި ފޮނުވޭ ލިޔުންތަކުގައި ސޮއިކުރައްވާނީ ރައީސްގެ މަޝްވަރާގެ މަތީން ޒިންމާދާރުވެރިޔާއެވެ.

14.7ހޯދޭތަކެތިނުވަތަ ޚިދުމަތުގެ އަގަކީ-/2000ރ. އިން ދަށުގެ އަގެއްނަމަ ބަޖެޓްގައި ފައިސާ ހުރިތޯ ކަށަވަރުކުރުމަށްފަހު، ޒިންމާދާރު ވެރިޔާގެ ހުއްދަ ލިބެގެން ހޯދާނީއެވެ.

14.8     ހޯދޭތަކެތީގެ އަގު -/2000ރ. އިންފެށިގެން -/35000ރ. އާދެމެދުގެ އަގެއްނަމަ އެ މުދަލެއް ހޯދަންވަނީ 3ފަރާތަކުން އަގު ނުވަތަ ކޯޓޭޝަން ހޯދުމަށްފަހު އެންމެ އަގުހެޔޮ ފަރާތަކުންނެވެ. (އަގު ހޯދުމުގައި އެއްފެންވަރެއް ނުވަތަ އެއްކޮލިޓީއެއްގެ ތަކެތީގެ އަގު ހޯދުމަށް ސަމާލުކަން ދޭންވާނެއެވެ.)

14.9     3 ފަރާތަކުން އެއްފެންވަރެއްގެ ނުވަތަ އެއްކޮލިޓީއެއްގެ ތަކެތީގެ އަގު ނުލިބިއްޖެނަމަ އެމުދާ ހޯދުމުގެ ކުރިން އެކަންބަޔާންކޮށް އިދާރާހިންގުމާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ހުއްދަ ހޯދަންޖެހޭނެއެވެ.

14.10  ހޯދޭ ޚިދުމަތުގެ ޚަރަދު -/2000ރ. އިންފެށިގެން -/35000ރ. ދެމެދުގެ އަގެއްނަމަ އެ ޚިދުމަތެއް ހޯދަންވާނީ 3ފަރާތަކުން އަގު ސާފްކުރުމަށް ފަހު އެކަން ކުރުމަށް އެންމެ އެކަށިގެންވާ އަގެއްގެ މައްޗަށް ބިނާކޮށެވެ. (އަގު ހޯދުމުގައި ޢާންމުކޮށް އިޢުލާނުކުރުމަށް ކައުންސިލުހިންގުމާ ހަވާލުވެ ހުންނަވާވެރިއަކަށް ފެނިއްޖެނަމަ އަގުހޯދަންވާނީ އާންމުކޮށް އިޢުލާނުކޮށްގެންނެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ އިދާރާ ހިންގުމާއި ހަވާލުވެ ހުންނަވާ ވެރިއެއްގެ މަޝްވަރާގެ މަތިންނެވެ.)

14.11  ހޯދޭތަކެއްޗާއި ޚިދުމަތުގެ އަގު -/35000ރ އިން 1.5 މިލިއަން ރުފިޔާއާއި ދެމެދުގެ މުދަލެއް ނުވަތަ ޚިދުމަތެއް ހޯދަންވާނީ ބިޑް އުޞޫލުން އާންމުކޮށް އިޢުލާނުކޮށްގެންނެވެ. ބިޑްކުރުމުގެ ހުރިހާ މަރުޙަލާއެއް ގެންދަންވާނީ އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން،ބިޑް އިވެލުއޭޓިން ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

15.         ބިޑް އިވެލުއޭޓިން ކޮމެޓީ

    

15.1     ކޮންމެ އަހަރެއްގެ މާރޗް 30ގެ ކުރިން ކައުންސިލުގެ މަޝްވަރާގެ މަތިން ކައުންސިލުގެ ރައީސް ބިޑް އިވެލުއޭޓިންކޮމެޓީ އެއް އެކުލަވާލަންވާނެއެވެ.

15.2     ބިޑް އިވެލުއޭޓިން ކޮމެޓީ އުފެދުމަށްފަހު ކޮމެޓީގެ އެންމެހާކަންތައް ގެންދަންވާނީ ކޮމެޓީގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

15.3     ކޮމެޓީގެ ޤަވާއިދު ޖަދުވަލުގައި ބަޔާންކުރެވިފައިވާނެއެވެ.

16.         ފައިސާ ޚަރަދުކުރުމާއި ބަލައިގަތުން

     

16.1      ފައިސާ ޚަރަދުކުރުމާއި ފައިސާ ބަލައިގަތުމުގެ ހުރިހާކަމެއްވެސް ކުރަންވާނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނާއި، މާލިއްޔަތާއިބެހޭ ޤާނޫނާއި، މާލީކަންކަމާބެހޭ ޤަވާއިދާ އެއްގޮތަށެވެ.

16.2      އިދާރާއަށް ބަލައިގަންނަ ހުރިހާ ފައިސާއެއް ބަލައި ގަންނަންވާނީ ފައިސާގެ ރަސީދަކުންނެވެ. އަދި އިދާރާއިން ޚަރަދުކުރާ ހުރިހާ ފައިސާ އެއް ޚަރަދުކުރަންވާނީ ވައުޗަރުން ފައިސާ ޚަރަދުކުރުމަށް ހުއްދަލިބުމުންނެވެ.

16.3      އިދާރާއިން ހޯދާ ޚިދުމަތްތަކާއި، ތަކެތީގެ ބިލު ލިބޭތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަވާ ނިންމަންވާނެއެވެ.

16.4      ފައިސާ ޚަރަދު ކުރުމުގެ ހުއްދަދީ ވައުޗަރގައި ފުރަތަމަ ސޮއިކުރާނީ ކައުންސިލްގެ ރައީސް ނުވަތަ އެވަގުތަކު އިދާރާހިންގުމާއި ހަވާލުވެ ހުންނެވި ފަރާތެވެ. ވައުޗަރގައި ސޮއިކުރުމާއި ހަމައަށް ދާއިރު ފޯމަލިޓީސް އާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ޑޮކިއުމެންޓެއް ހުންނަންވާނީ ފުރިހަމަ ކުރެވިފައެވެ.

16.5      ޚަރަދުކުރުމުގެ ހުއްދަ ލިބުމަށްފަހު މެނުވީ  ޗެކުންފައިސާ ދޫކުރުމުގެ ކަންތައް ކުރިޔަށް ގެންގޮސްގެން ނުވާނެއެވެ.

16.6      ފައިސާ ބަލައިގަންނަ ގަޑިއަކީ ހެނދުނު 9:30 ން މެންދުރުފަހު 11:30 އަށެވެ. ރަމަޟާންމަހު ފައިސާ ބަލައިގަންނާނީ ހެނދުނު 9:30 ން 12:00 އަށެވެ.

16.7      އިދާރާއަށް އެކިގޮތްގޮތުން ލިބޭފައިސާގެ ދަފްތަރެއް ލިޔެބަލަހައްޓަން ޖެހޭނެއެވެ. މިކަންކުރާނީ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުންނެވެ. އަދި ދަފްތަރު ކުރެވިފައިވާ ގޮތުމަތިން ކަނޑައެޅިފައިވާ މުއްދަތުގައި އިދާރާއަށް ލިބެންޖެހޭ ފައިސާ ލިބެމުންދޭތޯ ކަމާގުޅޭ ޔުނިޓްތަކުން ބަލާ މޮނިޓަރ ކުރަންވާނެއެވެ.

16.8      އިދާރާއަށް ލިބޭ ފައިސާއާއި،އެކިފަރާތްތަކުން އިދާރާއަށް ދައްކަންޖެހޭ ފައިސާބަލައިގަނެވޭނީ ހަމައެކަނި ހުއްދަދެވިފައިވާ މުވައްޒަފަށެވެ. މިގޮތުން ބަލައިގަންނަ ފައިސާ މަހަކު އެއްފަހަރު އެކައުންޓަށް ޖަމާކުރަން ޖެހޭނެއެވެ. ދިމާވާ ސަބަބަކާހުރެ ޖަމާކުރެވޭގޮތް ނުވެއްޖެނަމަ ޒިންމާދާރުވެރިޔާ އަށް އެކަން ރިޕޯރޓް ކުރަންވާނެއެވެ. އަދި މިފަދަ ޙާލަތެއްގައި، ޖަމާކުރެވެންދެން ފައިސާ ބަހައްޓަންޖެހޭނީ ތިޖޫރީގައެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ކައުންސިލްގެ ރައީސްއަށް ނުވަތަ ކައުންސިލާއި އެވަގުތަކު ހަވާލުވެ ހުރި ވެރިއަކަށް އެކަން އަންގަންވާނެއެވެ.

17.         ޗެކްގައި ސޮއިކުރުން

   

17.1      -/2000 ރުފިޔާ އިން ދަށުގެ ޗެކްތަކުގައި ސޮއިކުރައްވާނީ ޒިންމާދާރު ވެރިޔާއެވެ. ނަމަވެސް ވަކި ޕްރޮގްރާމެއްގެދަށުން ކުރާ ޚަރަދެއްނަމަ ސޮއިކުރާނީ އެ ޕްރޮގްރާމަކަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރެވެ. ކޯޑިނޭޓަރު ނެތް ހާލަތްތަކުގައި ޒިންމާދާރުވެރިޔާއެވެ. ކޯޑިނޭޓަރާއި ޒިންމާދާރުވެރިޔާ ނެތްޙާލަތުގައި ހުއްދައޮންނަ އެހެން ފަރާތަކަށްވެސް ސޮއިކުރެއްވި ދާނެއެވެ.

17.2      -/2000 ރުފިޔާ އިން ފެށިގެން މަތީގެ ޗެކްތަކުގައި ސޮއިކުރައްވާނީ ކައުންސިލްގެ ރައީސް ނުވަތަ ނައިބުރައީސްގެ ނުވަތަ އެވަގުތަކު އިދާރާ ހިންގުމާ ހަވާލުވެ ހުރި ފަރާތުގެ އިތުރުން ޒިންމާދާރުވެރިޔާއެވެ. ނަމަވެސް ވަކި ޕްރޮގްރާމެއްގެދަށުން ކުރާ ޚަރަދެއްނަމަ ސޮއިކުރާނީ އެ ޕްރޮގްރާމަކަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރ އަދި ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސްއެވެ. ކޯޑިނޭޓަރު ނެތް ހާލަތްތަކުގައި ޒިންމާދާރުވެރިޔާއެވެ. ކޯޑިނޭޓަރާއި ޒިންމާދާރުވެރިޔާ ނެތްޙާލަތުގައި ހުއްދައޮންނަ އެހެން ފަރާތަކަށްވެސް ސޮއިކުރެއްވި ދާނެއެވެ.

17.3      ޗެކްތަކުގައި ސޮއިކުރުމުގެ އިތުރުން ޗެކުތަކުގައި ޖެހުމަށް ޚާއްޞަކުރެވިފައިވާ ތައްގަނޑު ޖަހަންޖެހޭނެއެވެ.

17.4      ޗެކްގައި ސޮއިކުރުވުމަށްފަހު ހަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުމުގެ ކަންތައް ދުވަހުން ދުވަހަށް ނިންމަންޖެހޭނެއެވެ. ދިމާވާ ސަބަބަކާއި ހުރެ ޗެކު ޙަވާލުނުކުރެވިއްޖެނަމަ ޗެކު ޙަވާލުކުރެވެންދެން ބާއްވަންވާނީ ތިޖޫރީގައެވެ.

18.         ތަކެއްޗާއި ވަޞީލަތްތައް ބޭނުންކުރުން

      

18.1      އިދާރާގެ ބޭނުންތަކުގައި ބޭނުންކުރުމަށް ހުންނަ ތަކެއްޗާއި ވަޞީލަތްތައް ބޭނުން ކުރަންވާނީ އިދާރާގެ ރަސްމީ ބޭނުންތަކަށާއި، ކައުންސިލަށް އާމްދަނީލިބޭނެ ޕްރޮގްރާމްތަކަށެވެ. އަދި މިގޮތުން ތަކެއްޗާއި ވަޞީލަތްތައް ބޭނުންކުރުމުގައި އިހުމާލު ވެގެންނުވާނެއެވެ.

18.2      އިދާރާތެރޭގައި ބޭނުންކުރުމަށް ހުންނަ ކޮމްޕިއުޓަރ ފަދަ ވަޞީލަތްތައް ބޭނުން ކުރަމުންދަނިކޮށް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޓެކްނީޝަނެއްގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފަށް ރިޕޯރޓް ކުރަންވާނެއެވެ. އަދި މިފަދަތަކެތި ސާފުކޮށް ބެލެހެއްޓުމަށް، ބޭނުންކުރާ މުވައްޒަފު ސަމާލުކަން ދޭންވާނެއެވެ. އަދި ރަސްމީ ގަޑި ނިމުމުން ކޮމްޕިއުޓަރތައް ނިއްވާލަންވާނެއެވެ.

18.3      ވެހިކަލްތައް ބޭނުންކުރުމުގައިވެސް ފަރުވާތެރިވެ، އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުދުއްވުމުގެ ޤަވާއިދުތަކާއި ޚިލާފުނުވާ ގޮތަށް އަދި މާލިއްޔަތާބެހޭ ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ވެހިކަލްތައް ދުއްވޭނީ ހުއްދަ ކުރެވިފައިވާ މުވައްޒަފުންނަށް އެކަންޏެވެ.

18.4      އެއްގަމާއި ކަނޑުގެ އުޅަނދުތަކުގެ ދަތުރުތަކުގެ ލޮގް ލިޔެ ބަލަހައްޓަންވާނެއެވެ.

18.5      ފޯނާއި އިންޓަރނެޓް ފަދަ ވަޞީލަތްތައް ބޭނުންކުރަންވާނީ ރަސްމީ މަސައްކަތާގުޅޭ ކަންކަމުގައެވެ.

18.6      ލިޔެކިއުމުގެ ތަކެތި ބޭނުންކުރުމުގައި ބޭކާރުގޮތުގައި ތަކެތި ބޭނުން ކުރުމަކީ ކޮށްގެންވާނޭ ކަމެއްނޫނެވެ.

18.7      އިދާރާގެ އެއްވެސް އެއްޗެއް އަމިއްލަބޭނުންތަކުގައި ބޭނުންކޮށްގެންނުވާނެއެވެ.

18.8      އިދާރާގެ އެއްވެސް އެއްޗެއް އެއްވެސްފަރާތަކާއި ޙަވާލުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ.

19.         އިދާރާގެ ތަކެތި އެކިފަރާތްތަކަށް ދޫކުރުން 

      

19.1      އިދާރާގެ އެއްވެސް އެއްޗެއް އެހެންފަރާތަކަށް ދޫކުރަންވާނީ، އެ އެއްޗެއް އަނބުރާދައްކާގޮތަށެވެ. އަދި ޙަވާލުވާފަރާތުގެ ބެލުމުގެ ދަށުގައި ވަނިކޮށް ލިބޭ ކޮންމެގެއްލުމަކަށް ފުރިހަމައަށް ޒިންމާ ނަގާނެކަމަށް ސޮއިކުރުވުމަށް ފަހުގައެވެ.

19.2      އެއްވެސް އެއްޗެއް އެހެންފަރާތަކަށް ދޫކުރަންވާނީ އެއެއްޗެއް ހޯދުމަށް އެދި ލިޔުމަކުން ހުށައެޅުމުން އެ އެއްޗަކީ އަނބުރާދެއްކުމަށް ހުއްދައޮތް އެއްޗަކަށްވާނަމަ ކައުންސިލް ހިންގުމާ ޙަވާލުވެހުންނަވާ ވެރިއެއްގެ ހުއްދަ ހޯދުމަށް ފަހުއެވެ.

19.3      އަނބުރާ ދައްކާގޮތަށް ދޫކުރެވޭނީ ކައުންސިލްގެ ހަރުމުދަލުގެ ރަޖިސްޓްރީގެތެރެއިން، ޕްލާސްޓިކް ގޮނޑި، ޕްލާސްޓިކް މޭޒު، ޤައުމީ ދިދަ (މުނާސަބަތު ދިދަ)، މާކަރީ ލައިޓް ފަދަ ތަކެއްޗެވެ.

19.4      މިގޮތަށް ދޫކުރެވޭ ތަކެތި ދޫކުރުމުގެ ކުރިން ޙަވާލުވާ ފަރާތުގެ ޙާޟިރުގައި ތަކެތީގެ ޙާލަތުބަލާ ޗެކު ކުރަންވާނެއެވެ. އަދި ހަލާކުވެފައިވާ އެއްވެސް އެއްޗެއް ދޫކޮށްގެންނުވާނެއެވެ.

19.5      އަނބުރާ ދައްކާގޮތަށް ތަކެތި ދޫކުރެވޭނީ ހަމައެކަނި ސަރުކާރުގެ އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.

20.         ސްޓޮކްބެލެހެއްޓުން

     

20.1      އިދާރާގެ ބޭނުމަށް ހޯދޭތަކެއްޗާއި ބޭނުންކުރެވޭ ތަކެތި އެނގޭ ގޮތަށް ދުވަހުން ދުވަހަށް ރިކޯޑްކޮށް ސްޓޮކް ބަލަހައްޓަން ވާނެއެވެ. މިކަންކުރާނީ އިދާރީ ބައިންނެވެ.

20.2      އިދާރާގެ ބޭނުމަށް ހޯދޭތަކެތި ބަލައިގަތުމަށްފަހު ސްޓޮކަށް ޖަމާކުރަންވާނެއެވެ. ސްޓޮކަށް ބަލައިގަތުމަށްފަހު މެނުވީ ތަކެތި ބޭނުންކޮށްގެން ނުވަތަ ހަވާލުކޮށްގެން ނުވާނެއެވެ. އެމެޖެންސީކޮށް ނުވަތަ މަރާމާތެއް ކުރުމަށް ހޯދޭތަކެތި ސްޓޮކަށް ނުވައްދާ އޯޑަރު ފޯމުގައި އެތަކެތި ޙަވާލުވި ކަމަށް ސޮއިކުރުމުން ފުދޭނެއެވެ.

20.3      ސްޓޮކުން އެއްޗެއް ބޭނުންވެއްޖެނަމަ ސްޓޮކުން މުދާ ލިބިގަތުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށް ފަހު އިދާރީ ބަޔަށް ހުށަހަޅާނީއެވެ. ފޯރމްގައި ހުރިތަކެތި ސްޓޮކުގައި ލިބެންހުރިނަމަ ލަސްނުކޮށް ރިކުއެސްޓް ކުރި ޔުނިޓަކާއި ޙަވާލުކުރަންވާނެއެވެ. އަދި ސްޓޮކްގައި ނެތް މުދަލަކަށް ރިކުއެސްޓްކޮށްފިނަމަ އެމުދަލެއް ހޯދުމަށް ކަމާގުޅޭ ޔުނިޓަށް ހުށަހަޅަންނެއެވެ.

21.         އިންވެންޓްރީ ބެލެހެއްޓުން

   

21.1      އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ތަކެތީގެ އިންވެންޓްރީ ލިޔެ ބަލަހައްޓަން ވާނެއެވެ. މިކަންކުރާނީ އިދާރީ ބައިންނެވެ.

21.2      އަލަށްހޯދޭ ތަކެތީގެ ތެރެއިން އިންވެންޓްރީކުރަންޖެހޭ ތަކެތި އެއެއްޗެއް ހޯދޭތާ 3 ދުވަހުގެ ތެރޭގައި އިންވެންޓްރީ ކުރުމުގެ ކަންތައް ނިންމަންޖެހޭނެއެވެ.

21.3      އިންވެންޓްރީ ކުރެވިފައިވާ ތަކެތީގައި އިންވެންޓްރީ ނަންބަރު ޖަހަންވާނެއެވެ. އިންވެންޓްރީ ނަންބަރު ނުޖަހާ އެއްޗެއް މުވައްޒަފުން ބޭނުންކޮށްގެން ނުވާނެއެވެ. އަދި މިފަދަ ކަމެއް މުވައްޒަފަކަށް ފާހަގަ ކުރެވިއްޖެނަމަ އިންވެންޓްރީ އާއި  ޙަވާލުވެހުރި މުވައްޒަފަކަށް ނުވަތަ އިދާރީ ބަޔަށް ރިޕޯޓް ކުރަންވާނެއެވެ.

21.4      އިންވެންޓްރީ ކުރެވިފައިވާ އެއްޗެއް ގެއްލިއްޖެ ނަމަ ނުވަތަ ހަލާކުވެއްޖެނަމަ ވަގުތުން އެކަން އިންވެންޓްރީ އާއި ޙަވާލުވެހުރި މުވައްޒަފަކަށް ނުވަތަ އިދާރީ ބަޔަށް ރިޕޯރޓް ކުރަން ވާނެއެވެ. އަދި މިކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅު ލަސްނުކޮށް އަޅަންވާނެއެވެ.

21.5      އިންވެންޓްރީގައި ހުރި އެއްވެސް މުދަލެއް އެއްތަނުން އަނެއްތަނަށް ބަދަލުކުރަންވާނީ އިންވެންޓްރީ އާއި ޙަވާލުވެހުރި މުވައްޒަފެއްގެ ބެލުމުގެދަށުންނެވެ.

21.6      ހަލާކުވުމުން ނުވަތަ ބޭނުން ކުރުމަށް އެކަށީގެންނުވާ ވަރަށް ބައުވުމުން އިންވެންޓްރީއިން އުނިކުރަން ބޭނުންވާ ހަރުމުދަލުގެ ލިސްޓްއައުޓްކޮށް ކައުންސިލަށް ހުށަހަޅައި ފާސްކުރުމަށްފަހު މެނުވީ އިންވެންޓްރީން އުނިކޮށްގެން ނުވާނެއެވެ. މިގޮތުން އުނިކުރެވޭ ތަކެއްޗާމެދު ޢަމަލުކުރާނީ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށެވެ.

21.7      އިންވެންޓްރީއަށް އަންނަ އުނި އިތުރު ދުވަހުން ދުވަހަށް ރިކޯރޑް ކުރަންވާނެއެވެ.

21.8      ޔުނިޓް ނުވަތަ މުވައްޒަފެއްގެ ބޭނުމަށް ސްޓޮކުންނެގޭ ތަކެއްޗަކީ އިންވެންޓްރީކުރަންޖެހޭ މުދަލެއްނަމަ އެބޭނުންކުރުމުގެ ކުރިން އިންވެންޓްރީ އާއި ޙަވާލުވެހުންނަވާ މުވައްޒަފަކަށް ރިޕޯޓްކޮށް އިންވެންޓްރީއަށް އަރުވަންޖެހޭނެއެވެ.

22.         ވެބްސައިޓް ބެލެހެއްޓުން

    

22.1      އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ ވެބްސައިޓް www.Bodufolhudhoo.gov.mv މިއިދާރާގެ ރަސްމީ ވެބްސައިޓްއެވެ. މިސައިޓްގެ ފިކުރީމުދަލުގެ ޙައްޤުވެރިޔަކީ މިއިދާރާއެވެ.

22.2      ވެބްސައިޓް ބަލަހައްޓާނީ އެޑްމިން ބައިންނެވެ.އެހެންކަމުން  ވެބްމާސްޓަރގެ ހައިސިއްޔަތުން ސައިޓްގެ ސެކިއުރިޓީއާއި އެކްސެސް ކޮންޓްރޯލްގެ ޒިންމާއުފުލާނީ އައިޓީ ޓެކްނީޝަންގެ ގޮތުގައި ހަރަކާތެރިވުމަށް ކަނޑައަޅާފައިވާ މުވައްޒަފެވެ.

22.3      ވެބްސައިޓްގައި ޝާއިޢުކުރުމަށް ޔުނިޓްތަކުން ބޭނުންވާ ލިޔުންތައް ތައްޔާރުކުރާނީ އެޔުނިޓަކުންނެވެ. އަދި ލިޔުންތައް ޝާއިޢުކުރުމުގެ ކުރިން އިދާރާގެ އިސްފަރާތެއްގެ އެޕްރޫވަލް ނެތް އެއްވެސް ލިޔުމެއް ވެބްސައިޓަށް އަޕްލޯޑް ކޮށްގެން ނުވާނެއެވެ.

22.4      ވެބްސައިޓްގެ ކޮންޓެންޓްއަށް ބަދަލެއް ގެންނަންވާނީ ކައުންސިލްގެ މަޝްވަރާ ހޯދައިގެންނެވެ.

22.5      އެޕްރޫވްކޮށް އަޕްލޯޑްކުރެވޭ ލިޔުންތައް ފައިލްކޮށް ބަލަހައްޓަން ވާނެއެވެ.

23.         ސެކިއުރިޓީ ބެލެހެއްޓުން

     

23.1      ދުވާލާއިރޭގަނޑުގެ ހުރިހާ ވަގުތުތަކެއްގައި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓެމުން ދާނީ ސެކިއުރިޓީ ކެމެރާބޭނުންކޮށްގެނެވެ.  މީގެ އިތުރުން ރޭގަނޑު 18:00 ފެށިގެން -6:00 ހަމައަށް ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އައުޓްސޯސް ކުރެވޭނެއެވެ.

23.2      ސެކިއުރިޓީ ކެމެރާސިސްޓަމް މޮނިޓަރކޮށް ބަލަހައްޓާނީ އިދާރީބައިންނެވެ.

23.3      ކޮންމެ ދުވަހަކުވެސް އޮފީސް ހުޅުވާ ގަޑީގައި، އަދި ބަންދުކުރާގަޑީގައި ކެމެރާސިސްޓަމް ބަރާބަރަށް މަސައްކަތްކުރޭތޯ ޗެކުކުރަންވާނެއެވެ. މިކަންކުރާނީ އައިޓީ ޓެކްނީޝަންއެއްގެ ގޮތުގައި ހަރަކާތެރިވާ މުވައްޒަފެވެ.

24.         ޢިމާރާތްތަކާއި ގޯތި ސާފުކޮށް ބެލެހެއްޓުން

    

24.1      އިދާރާ ހިނގަމުންދާ ޢިމާރާތާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކާއި، އެތަންތަން ހިމެނޭ ގޯތިތައް ކަނޑައެޅިފައިވާ ޝެޑިއުލެއްގެ ދަށުން ކުނިކަހާ ސާފުކޮށް ބެލަހެއްޓުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނެއެވެ. މިކަން އިންތިޒާމުކޮށް ސްޕަވައިޒް ކުރާނީ ކަމާގުޅޭ ޔުނިޓުންނެވެ.

24.2      އެކޮމަޑޭޝަން ބްލޮކްތަކުގައި ހުންނަ ކޮޓަރިތަކާއި އެނޫން ތަންތަންވެސް ކޮންމެ ދުވަހަކު ސާފުކުރަން ވާނެއެވެ.

24.3      ތަންތަނުގެ ޒީނަތްތެރި ކަމަށާއި ހިތްފަސޭހަކަން އިތުރުކުރުމަށްޓަކައި ގަސްހައްދައި ބަލަހައްޓަން ޖެހޭނެއެވެ. އަދި ގަސްތަކަށް ފެންދިނުމުގެ އިންތިޒާމެއް ހަމަޖައްސައި ގަސްކޮށައި ތަރުތީބު ކުރުމަށް ސަމާލުކަންދީ މަސައްކަތް ކުރަންވާނެއެވެ.

24.4      އެއްވެސް ޢިމާރާތެއްގެ އެތެރޭގައި ދުންފަތުގެ އިސްތިޢުމާލު ކޮށްގެން ނުވާނެއެވެ. ގޯތިތެރޭގައި ވެސް ދުންފަތުގެ އިސްތިޢުމާލު ކޮށްގެން ނުވާނެއެވެ.

24.5      ކުނީގެ ގޮތުގައި އުކާލަންޖެހޭ ފަތް ފަދަތަކެތި އުކާލެވެންދެން ގޯނިފަދަ އެއްޗަކަށް އަޅާފައި ޚާއްޞަކުރެވިފައިވާ ތަނެއްގައި ބެހެއްޓުމަށްފަހު ހަފުތާއަކު އެއްފަހަރު އުކާލަންވާނެއެވެ. ކުނި އުކާލަންވާނީ ކުނިކޮށްޓަށެވެ. އެއްވެސް ޙާލެއްގައި ރަށުގެ އަތިރިމައްޗަށް ނުވަތަ ސާފުކޮށް ބާއްވަންޖެހޭ ސަރަހައްދަކަށް ކުނިއުކައިގެން ނުވާނެއެވެ.

 

25.         ކުރަންޖެހޭ މަސައްކަތްތައް މުއްދަތަށް ނިންމުން

    

25.1      ޤާނޫނީގޮތުން ވަކިމުއްދަތަކަށް ނިންމަންޖެހޭ ކަންކަން ނުވަތަ އުޞޫލެއްގެ ގޮތުން ވަކިމުއްދަތަކަށް ނިންމަންޖެހޭ ކަންކަން އެމުއްދަތަކަށް ނިންމުމުގެ ޒިންމާ ކޮންމެ މުވައްޒަފަކުމެ އުފުލަންޖެހޭނެއެވެ. މިކަމަށްޓަކައި އެހެން ފަރާތަކުން ޖަވާބެއް ހޯދަންޖެހޭނަމަ ދުރާލައި މަސައްކަތްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދޭންޖެހޭނެއެވެ.

25.2      ކައުންސިލް އިދާރާއަށް ހުށަހަޅާ މައްސަލައަކީ އެހެންއިދާރާއަކުން މަޢުލޫމާތު ހޯދަންޖެހޭ މައްސަލައެއްނަމަ  5 ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ. އެނޫންމައްސަލަތަކަށް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބުދޭންވާނެއެވެ.

25.3      އެއްވެސް އިދާރާއަކުން ވަކިމުއްދަތަކަށް ކަމެއް ނިންމައިދިނުމަށް ނުވަތަ ވަކިމުއްދަތަކަށް ޖަވާބު ދިނުމަށް އެދިއްޖެނަމަ އެކަމަށް އިޙްތިރާމްކޮށް އެއީ އަމާޒުކަމަށް ބަލައިގެން މަސައްކަތް ހަލުވިކޮށް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަންޖެހޭނެއެވެ.

25.4      ކޮންމެ ޔުނިޓަކުންވެސް ޔުނިޓެއްގެ މަސައްކަތުގެ ދާއިރާއާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މަސައްކަތް ހަވާލުވެފައިވާ މުވައްޒަފު އެނގޭގޮތަށް ލިޔެ ރަޖިސްޓްރީއެއް ބަލަހައްޓަން ވާނެއެވެ. އަދި ވަކިމުއްދަތުތަކަށް ނިންމަންޖެހޭ ރިޕޯރޓް ފަދަތަކެތި ނިންމަންޖެހޭ މުއްދަތުވެސް ރަޖިސްޓްރީއިން  އެގެންއޮންނަން ޖެހޭނެއެވެ.

26.         އިތުރުގަޑީގައި މަސައްކަތް ކުރުން

     

26.1      ޙަވާލުކުރެވިފައިވާ މަސައްކަތެއް ރަސްމީގަޑީގައި ނުނިމިއްޖެނަމަ ނުވަތަ ކައުންސިލް އިދާރާއިން އަންގައިގެން ކުރަންޖެހޭ ޚާއްސަ މަސައްކަތަކަށް ރަސްމީގަޑީގެ އިތުރުން މުވައްޒަފުން ކައުންސިލް އިދާރާއަށް ނުކުންނަނަމަ ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

26.2      އިތުރުގަޑީގެ މަސައްކަތަށް ނުކުންނަންޖެހޭނީ ރަސްމީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުއެވެ. އެގޮތުންއެމުވައްޒަފެއް ސްޕަވައިޒްކުރާ މުވައްޒަފަކަށް ހުށަހަޅާ އިތުރުގަޑީގެ މަސައްކަތު ނުކުތުމަށް ހުއްދަހޯދަންވާނެއެވެ. އަދި ކައުންސިލް އިދާރާ ހުޅުވައިގެން ކުރަންޖެހޭ މަސައްކަތެއް ނަމަ ކައުންސިލް އިދާރާ ހުޅުވުމުގެ ހުއްދަވެސް ހޯދަންޖެހޭނެއެވެ.

26.3      އެމެޖެންސީ ޙާލަތެއް ދިމާވެގެން ކައުންސިލްގެ ވެރިއަކު އަންގަވައިގެން ނުރަސްމީގަޑީގައި މަސައްކަތު ނުކުންނަން ޖެހިއްޖެނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހެއްގެ 12:00ގެ ކުރިން ރަސްމީކޮށް ފުރިހަމުރަންޖެހޭ ފޯމްތަކާއި ހުއްދާގައި ސްޕަވައިޒަރ ލައްވާ ސޮއިކުރުވަން ޖެހޭނެއެވެ.

26.4      ހުއްދަ ނުހޯދާ އިތުރުގަޑީގެ މަސައްކަތް ކުރިނަމަވެސް ފައިސާ ދުލެއްނުކުރެވޭނެއެވެ.

 

27.         ފައިލްކުރުމާއި މަޢުލޫމާތު ރައްކާކުރުން

   

27.1      އިދާރީ މައްސަލަތަކާއި ލިޔުންތައް ސޮއިކޮށް އިދާރާގެ ތައްގަޑުޖެހުމަށް ފަހު ފޮނުވުމުގެ ކުރިން ޖެމްސް އަށް އަޕް ލޯޑްކުރަންޖެހޭނެއެވެ.

27.2      އިދާރީ މައްސަލަތަކާއި ލިޔުންތައް ފައިލްކުރުމުގައި ގެންގުޅެން ޖެހޭނީ ސަބްޖެކްޓް ފައިލިންގ ސިސްޓަމް (މައުޟޫތަކަށް ބިނާކޮށް ބައިކުރެވޭ) ނިޒާމަށެވެ. ކޮންމެ ޔުނިޓަކުންވެސް އެޔުނިޓަކުން ފައިލްތަކުގެ ސަބްޖެކްޓް ރަޖިސްޓްރީއެއް އެކުލަވާލަން ޖެހޭނެއެވެ. އަދި ފައިލްތަކުގައި ލޭބަލްކުރާއިރު ކޯޑްނަންބަރާއި މަޢުޟޫ ލިޔަންވާނެއެވެ.

27.3      މައްސަލަތަކާއި ލިޔުންތައް ފައިލްކުރުމާއި ހަމައަށްދާނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ނިމުމުންނެވެ. ފިޔަވަޅުއަޅަމުންދާ މަރުޙަލާގައި މައްސަލަތަކާއި ލިޔުންތައް ބަހައްޓާނީ ވަގުތީކެބިނެޓް ގައެވެ. ފިޔަވަޅުތައް އަޅާނިމުމުން މައްސަލަ ރަޖިސްޓްރީއިން އަޕްޑޭޓް ކުރުމަށްފަހު ފައިލްކުރަންވާނެއެވެ.

27.4      އިދާރީގޮތުން ލިޔެވޭ ލިޔުންތަކުގެ އިލެކްޓްރޯނިކް ކޮޕީ ވަކިވަކިން ސޭވްކުރެވިދާނެއެވެ. މިގޮތުން ސޭވްކުރެވޭ ފައިލްތައް ސޭވްކުރާނީ ސާވަރގައި ކޮންމެ ޔުނިޓަކަށްވެސް ކަނޑައަޅާފައިވާ ފޯލްޑަރ ގައި ސަބްޖެކްޓްތަކަށް ބަހާލައިގެނެވެ.

27.5      އިދާރާގެ އެއްވެސް ލިޔުމެއް ފިޔަވަޅުއަޅާ މަރުޙަލާގައި ވަނިކޮށް ނުވަތަ ފައިލްކުރެވިފައި ވަނިކޮށް ނައްތާލައިގެން ނުވާނެއެވެ. އަދި އިދާރާގެ ބޭނުމެއްގައި މެނުވީ ލިޔުންތަކުގެ ބޭނުން ހިފައިގެން ނުވާނެއެވެ.

27.6      ފައިލްކުރެވިފައިވާ ލިޔުންތައް ނުވަތަ ސޭވްކުރެވިފައިވާ ފައިލްތަކުގެ ތެރެއިން އަރުޝީފް ކުރަންޖެހޭ ތަކެތި ކަނޑައަޅައި އަރުޝީފްކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނެއެވެ. އަރުޝީފްކުރެވޭ ތަކެތި ކަނޑައަޅަމުންދާނީ ކައުންސިލުން ހަމަޖައްސާ ގޮތެއްގެ މަތިންނެވެ.

ބާބު 3- ކައުންސިލުން ހިންގާ ޕްރޮގްރާމްތައް 

28.         އަތޮޅު ކައުންސިލްގެ ނަމުގައި ވިޔަފާރި ހިންގުމުގެ ސިޔާސަތު

  1. ތަޢާރަފް

މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ (2010/7) ޤާނޫނުގެ  73 ވަނަ މާއްދާއިން ބާރުލިބިގެން، ވިޔަފާރީގެ އެކިއެކި ރައުސުލްމާލުތައް އުފައްދާ ހިންގުމަށާއި، ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުކޮށް، ރަށުގެ އިޖުތިމާޢީ ތަރައްޤީ ފުޅާކޮށް ދަމަހައްޓަން މަގުފަހިކޮށްދީ، ރަށުގެ މަދަނީ ހަމަޖެހުމާއި އުފާފާގަތިކަން ދެމެހެއްޓުމަށް އެހީތެރިވެދިނުމަށް ބޭނުންވާ މާލީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ސިޔާސަތުތައް އެކުލަވާލައި ،މިއުސޫލު ކައުންސިލުން ފާސްކުރާތާ 2 މަސް ދުވަހުގެ ތެރޭގައި އާއްމުކުރަންވާނެއެވެ. 

މިއުޞޫލަށް ޢަމަލުކުރަން ފަށާނީ ކައުންސިލުން ފާސްކުރުމަށްފަހު ކައުންސިލްއިން ނިންމާ ތާރީޚަކުން ފެށިގެންނެވެ.

29.         ޖަދުވަލު

ޖަދުވަލުގައި ހިމެނޭނީ ހަވާލާދޭ ލިޔުންތަކާއި، އެކިލިޔުންތަކުގެ ނަމޫނާ ތަކެވެ. މިގޮތުން ޖަދުވަލުގައި ހިމެނޭ ލިޔުންތަކަކީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ބަދަލުކުރެވޭނެ ތަކެއްޗެވެ. ޖަދުވަލަށް އަންނަ ބަދަލުތައް އިންޓަރނަލް މެމޯއަކުން މުވައްޒަފުންނާ ހިއްސާކުރަން ވާނެއެވެ. މިގޮތުން ޖަދުވަލުގައި ހިމެނޭ ލިޔުންތަކަކީ:

  1. ބިޑް އިވެލުއޭޓިން ކޮމެޓީގެ ޤަވާޢިދު                                                (އެނެކްސް 1)

 

 

 

 

އެނެކްސް 1

`

 

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ

އއ.ބޮޑުފޮޅުދޫ

   ދިވެހިރާއްޖެ

 

އަންދާސީ ހިސާބު ބަލާކޮމިޓީގެ ޤަވާޢިދު

  1. 1.      ތަޢާރަފް
  2. މިއީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދު 8.18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއިން ބިޑަށް ހުޅުވާލެވޭ މަސައްކަތްތަކުގެ ބިޑް އިވެލުއޭޓްކުރުމަށް އުފައްދާފައިވާ ކޮމެޓިއެކެވެ.
  3. 2.      މަޤްޞަދު
  4. މި ކޮމެޓީގެ މަޤުޞަދަކީ މި އިދާރާއަށް ހުށައެޅޭ ބިޑްތައް ވީހާވެސް ހާމަކަންބޮޑު، އިންސާފުވެރި ގޮތެއްގައި އިވެލުއޭޓްކޮށް އެންމެ އެކަށީގެންވާ ފަރާތެއް ކަނޑައެޅުމެވެ.
  5. އަންދާސީ ހިސާބުބަލާ ކޮމިޓީއަކީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 8.18ގެ ދަށުން ބާރުލިބިގެން އުފެއްދޭ ކޮމިޓީއަކަށްވާތީ ތިރީގައިވާ ބާރުތަކަކީ މިއިދާރާއިން ކޮމިޓީއަށް ދީފައިވާ ބާރުތަކެކެވެ.
  6. 3.      ކޮމިޓީއަށް ލިބިގެންވާ ބާރުތައް
  7. ކައުންސިލްގެ އިދާރާއިން ބީލަމުގެ އުޞޫލުން ހުޅުވާލާ މަސައްކަތްތައް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުން.
  8. ބީލަމުގެ އުސޫލުން ކުރުވާ މަސައްކަތް ތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އިދާރާގެ އިސްވެރިންނާއި ކޮންޓެކްޓަރާއި އެކު މަޝްވަރާކޮށް ގޮތް ނިންމުން.
  9. މަސައްކަތްތައް ދާގޮތާއި މެދު އިދާރާގެ ފަރާތުން މައްސަލައެއް ދިމާވެއްޖެނަމަ މަސައްކަތުގެ އެއްބަސްވުމަށް ބަލާ ފިޔަވަޅުއެޅުން. 
  10. 4.      ކޮމިޓީ އެކުލެވިގެންވާގޮތް
  11. މި ކޮމިޓީގައި ހިމެނޭނީ 5 މެންބަރުންނެވެ.
  12. އެއީ 1 ކައުންސިލަރާއި، މިއިދާރާގެ ސިވިލްސާވިސް 3 މުވައްޒަފުންނާއި، ރަށުކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާއެވެ.
  13. 5.      ކޮމިޓީގައި ޓެކްނިކަލް މީހަކު ބައިވެރިކުރުވުން
  14. މިކޮމިޓީގެ ޗެއާރޕާސަން ބޭނުންވެއްޖެ ހިނދެއްގައި ހުށައެޅިފައިވާ ބިޑްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޓެކްނިކަލް މީހަކު ބައިވެރި ކުރެވިދާނެއެވެ.
  15. ނަމަވެސް އެ ފަރާތްތަކަށް އަންދާސީ ހިސާބު ބަލާ ކޮމިޓީގެ ނިންމުންތަކުގައި ވޯޓެއް ނުދެވޭނެއެވެ.
  16. 6.      ކޮމިޓީ އެކުލަވާލުމާއި ބަދަލުގެނައުން
  17. ކައުންސިލް އިދާރާގެ އަންދާސީ ހިސާބުބަލާ ކޮމިޓީ އެކުލަވާލުމަށްޓަކައި ނަން ހުށައެޅުމުގެ ފުރުޞަތު ރަށުކައުންސިލަށާއި، މިއިދާރާގެ ޔުނިޓްތަކުގެ ވެރިންނަށް ދޭންވާނެއެވެ.
  18. މިކޮމިޓީ އެކުލަވާލުމަށްޓަކައި ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ކައުންސިލްގެ ރައީސް ކޮމެޓީއަށް މެންބަރުން އައްޔަންކުރަށްވަން ވާނެއެވެ.
  19. ކޮންމެ މީލާދީ އަހަރެއްގެ މާރޗް 30ގެ ކުރިން އަންދާސީ ހިސާބުބަލާ ކޮމިޓީ އެކުލަވާލަން ވާނެއެވެ.
  20. 7.      މަސްލަޙަތު ފުށުއެރުން

އަންދާސީ ހިސާބު ބަލާ ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ އެމެންބަރެއްގެ ޝަރުޢީ އަދި ޤާނޫނީ ބަލަދުވެރިކަން އޮތް ކޮންމެ މީހެއްގެ މަޞްލަޙަތު ހިމެނޭ ނުވަތަ އެމެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއްއޮތް ކަމަކާމެދު އަންދާސީ ހިސާބުބަލާ ކޮމިޓީގައި މަޝްވަރާ ކުރާނަމަ، އެފަދަ މެންބަރަކު އެބައްދަލުވުމެއްގައި ބައިވެރިވެގެން ނުވާނެއެވެ.

  1. 8.      ކޮމިޓީގެ އިދާރީ މަސައްކަތް
  2. އަންދާސީ ހިސާބު ބަލަހައްޓާ ކޮމިޓީގެއިދާރީ މަސައްކަތް ބަލަހައްޓާނީ އިދާރީ ކަންކަން ބަލަހައްޓާ ޔުނިޓުންނެވެ.ކޮމިޓީއަށް ޢައްޔަންކުރެވޭ މެންބަރުންނަށް ލިޔުމުން އެކަން އިދާރީ ކަންކަން ބަލަހައްޓާ ޔުނިޓުން އަންގަންވާނެއެވެ.
  3. ކޮމިޓީގެ ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންތައްތަކާއި އެކަންކަމާއި ގުޅިގެން މެންބަރުންގެ މެދުގައި ފާޅުކުރެވުނު ޚިޔާލުތައް ޔައުމިއްޔާކޮށް، ބަލަހައްޓަން ވާނެއެވެ. އަދި ކޮމިޓީގެ މެންބަރުންގެ ހާޟިރީ ބަލަހައްޓަން ވާނެއެވެ.
  4. 9.      ކޮމިޓީގެ މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވުން
  5. އަންދާސީ ހިސާބު ބަލާ ކޮމިޓީގެ މެންބަރުން ، ކޮމިޓީގެ ބައްދަލުވުންތަކަށް ޙާޒިރުވެ ކޮމިޓީގެ މަސައްކަތުގައި ބައިވެރިވާން ވާނެއެވެ.
  6. އެއްވެސް ސަބަބަކާއިހުރެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރު ނުވެވޭނަމަ ބައްދަލުވުން ފެށުމުގެ 30 މިނިޓްކުރިން އެކަން ކޮމިޓީގެ ޗެއަރޕަރސަންއަށް އަންގަންވާނެއެވެ.
  7. މަޤްބޫލު ސަބަބެއްނެތި ވިދިވިދިގެން 3 ބައްދަލުވުމަށް ހާޒިރުނުވާ މެންބަރުން އަންދާސީ ހިސާބުބަލާ ކޮމިޓީން ވަކިކުރެވޭނެއެވެ. އެފަދައިން މެންބަރަކު ވަކިކުރެވިއްޖެނަމަ އެކަން އެ މެންބަރަކަށް ސަބަބާއިއެކު އަންގައި އަންދާސީ ހިސާބު ބަލާކޮމިޓީއަށް ބަދަލު މެންބަރަކު ހަމަޖައްސަންވާނެއެވެ.
  8. 10.  ކޮމިޓީގެ ޗެއަރޕަރސަން
  9. ކައުންސިލް އިދާރާގެ އަންދާސީ ހިސާބު ބަލާކޮމިޓީގެ ޗެއަރޕާރސަން އަކީ ކައުންސިލުން ކޮމިޓީއަށް އައްޔަންކުރާ ކައުންސިލަރަކެވެ.
  10. ކޮންމެ ދަޢުރެއްގެ ފުރަތަމަ ޖަލްސާ ޗެއަރ ކުރަންވާނީ އިދާރާ ހިންގުމާ ޙަވާލުވެ ހުންނެވި ވެރިއެކެވެ.
  11. ޗެއަރޕަރސަން ޗުއްޓީގައި ހުރުންފަދަ ސަބަބަކާއިހުރެ އަންދާސީ ހިސާބުބަލާ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރި ނުވެވޭ ހާލަތެއްގައި، ބައްދަލުވުމެއް ބާއްވަން ކޮންމެހެން ބޭނުންވެއްޖެނަމަ، އެ ބައްދަލުވުމެއް ޗެއަރކުރާނީ ޒިންމާދާރުވެރިޔާއެވެ.
  12. 4.      ކޮމިޓީގެ ކޯރަމް
  13. އަންދާސީ ހިސާބުބަލާ ކޮމިޓީގެ ކޯރަމް ހަމަވާނީ ކޮމިޓީގެ މެންބަރުންގެ ތެރެއިން ދެބައިކޮށްފަ އެއްބަޔަށްވުރެ ގިނަ މެންބަރުން ޙާޟިރު ވެގެންނެވެ.
  14. 5.      ކޮމިޓީގެ މަސައްކަތްތައް
  15. ކައުންސިލުން ބީލަމަށް ހުޅުވާލާ ކޮންމެ މަސައްކަތެއް ބީލަމަށް ހުޅުވާލުމުގެ ކުރިން އެ ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް ކޮމެޓީން ފާސްކުރަންވާނެއެވެ. އަދި އެ މަސައްކަތަކަށް މާކްސްދޭނެ އުޞޫލުވެސް ކަނޑައަޅަންވާނެއެވެ. އާންމުކޮށް ބީލަމަށް ހުޅުވާލާ ކަންކަމުގައި މާކްސް ދިނުމަށް އެއްއުޞޫލެއް ކޮމެޓީން ފާސްކޮއްފައި ބޭއްވިދާނެއެވެ. ނަމަވެސް ކަމުގެ ބާވަތައްބަލާ މާކްސްދޭނެ އުޞޫލު ބަދަލުކުރުމަށް ކޮމެޓީއަށް ފެނިއްޖެނަމަ އެގޮތަކަށް ބަދަލުކުރަންވާނެއެވެ.އަދި ކޮމިޓީއިން ފާސްކުރާ މާކްސްދޭނެ އުސޫލާއި މައުލޫމާތު ކަރުދާސް ކައުންސިލަށް ހުށަހަޅައި ކައުންސިލުން ފާސްކުރަންވާނެއެވެ.
  16. މި ކޮމިޓީއަށް ހުށައެޅޭ ކަންތައްތަކުގެ އަންދާސީ ހިސާބުތައް ބަލާ، ވަޒަންކުރުމުގައި އަގާއި، މުއްދަތުގެ އިތުރުން ތިރީގައިމިވާ ކަންކަމުގެ މައްޗަށް ބަލަންވާނެއެވެ.
  • މާލީގޮތުން އެކަން ކުރެވޭނެ ފެންވަރެއްގައިވާ ފަރާތެއްކަން.
  • ފަންނީގޮތުން ޤާބިލްކަން ހުރި މިންވަރު.
  • ހުށައަޅާފައިވާ އަގުތަކާއި، އެތަނަކުން އެކަމަކަށް އަންދާޒާކުރާ އަގާ އަޅާބަލާއިރު ހުށައަޅާފައިވާ އަގުތަކަކީ އެކަމަށް އެކަށީގެންވާ އަގެއްކަން.
  • މީގެކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް ހިނގާފައިވާ ގޮތާއި، މަސައްކަތުގެ ބޮޑު ކުޑަމިން.
  • މިނޫނަސް ފެންނަ މުހިންމު ކަންތައްތައް.
  1. އެކި މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށައަޅަންވާނީ މިނަންބަރުގެ (ށ)ގައިވާ މަޢުލޫމާތުތައް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ.
  2. އަންދާސީ ހިސާބު ހުށައަޅާއިރު އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތާއި އަގު، ޚުލާސާކޮށް ހުށަހަޅަންވާނެއެވެ.
  3. އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެއީ ކޮންމަސައްކަތެއްގެ އަންދާސީ ހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.
  4. މަދުވެގެން 3 ފަރާތަކުން އަންދާސީ ހިސާބު ހުށަނާޅާނަމަ، ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށް އަލުން އިޢުލާން ކުރަންވާނެއެވެ. 2ވަނަ ފަހަރު އިޢުލާން ކުރުމުންވެސް 3 ފަރާތަކުން އަގު ހުށަނާޅައިފިނަމަޢަމަލުކުރާނީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 8.32އަދި 8.35ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
  5. އަންދާސީ ހިސާބުތައް ބަލާނީ މިނަންބަރުގައި ބުނެފައިވާ ކަންތައްތަކަށް ޕޮއިންޓް ދީގެންނެވެ.
  6. 8.      ކޮމިޓީގެ ނިންމުން
  7. ތަކެތި ގަތުމާއި ޚިދުމަތް ހޯދުމަށް، މަސައްކަތާ ހަވާލުވާނެ ފަރާތްކަމުގައި ކަނޑައަޅަން ވާނީ އަންދާސީ ހިސާބުބަލާ ކޮމިޓީން ބަލާއިރު އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތެވެ.
  8. 9.      ކޮމިޓީއާއިބެހޭގޮތުން
  9. އަންދާސީ ހިސާބުބަލާ ކޮމިޓީން ނިންމާ ނިންމުންތަކާއި ބެހޭގޮތުން ހުށައެޅޭ މައްސަލަތަކާއި، ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު މިއިދާރާއަށް ލިބިގެން ވެއެވެ.
  10. 10.  ހުށަހެޅޭމައްސަލަ ބެލުން
  11. ކޮމެޓީގެ ރިޕޯޓް ހުށައެޅުން    ކޮންމެ އަހަރެއްގެ 31 ޑިސެމްބަރ ކުރިން ކޮމެޓީން ކުރެވުނު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާ ތައްޔާރު ކުރެވޭ ރިޕޯޓެއް ކައުންސިލްގެ ރައީސަށް ހުށަހަޅަންވާނެއެވެ.

 

 

 

 

 

01 އޮކްޓޫބަރު 2021
ހޯދާ