ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް، ދިވެހިރާއްޖެ.
ނަންބަރު: (IUL)353/353/2021/47
އިޢުލާން
އދ.ދިގުރަށުން ބަންޑާރަ ގޯތި ދޫކުރުން
އަރިއަތޮޅު ދެކުނުބުރީ ދިގުރަށުން ގޯއްޗަށް އެދޭ ފަރާތްތަކަށް 02 ޑިސެމްބަރ 2021 އިން ފެށިގެން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މިގޮތުން މި ބުރުގައި މިރަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓުގެ 77 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ގޯއްޗަށް އެދުމުގެ ޝަރުތުހަމަވާ ފަރާތްތަކުން " ދިރިއުޅަށްޓަކައި އދ. ދިގުރަށުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު 02 ޖެނުއަރީ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އދ.ދިގުރަށު ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
ގޯއްޗަށް އެދޭ ފޯމް ދޫކުރުން އޮންނާނީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 10:00 އިން މެނދުރު 12:00 އާ ދެމެދުއެވެ. ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ މެންދުރު 12:00 އިން 14:00 އަށެވެ.
ގޯއްޗަށް އެދޭ ފޯމު ލިބޭނީ ގޯއްޗަށް އެދޭ މީހާ ނުވަތަ އެނާގެ ބަދަލުގައި ފޮނުވާ މީހަކު މި އިދާރާއަށް ދުރުވުމުންނެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއެއް ފޮނުވަން ވާނެއެވެ. އެ ސިޓީގައި ފޯމު ޙަވާލުވުމަށް ފޮނުއްވާ މީހާގެ ނަމާއި އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އޮންނަންވާނެއެވެ.
ގޯތި ދިނުމާއިބެހޭ އެންމެހައި ކަންކަން ބަލަހައްޓާނީ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދިނުމުގެ ޤަވާޢިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީންނެވެ. ގޯއްޗަށްއެދޭ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއިދާރާއިން ކޮށްފައިވާ އިޢުލާނާއެކު ޝާއިއުކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6680631 ފޯނަށެވެ.
ދިރިއުޅުމަށްޓަކައި އަލަށް ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:
ދިވެހި ރައްޔިތަކު ކަމުގައިވުން
- އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން.
- ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.
- އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.
- އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ލިބި، ނުވަތަ ލިބެންއޮތް ނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.
- ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވުން.
- އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
ގޯތި ދޭ ކޮމިޓީން ރިޢާޔަތްކުރާނެ ކަންކަން:
ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތި ނުނެގޭނެ ގޮތެއް ބަލައި، ދެމަފިރިންގެ ތެރެއިން ގޯއްޗަށް އެންމެ ޙައްގުވެރި ފަރާތަށް ގޯތި ދިނުން، މިގޮތުން ދެމަފިރިން ގޯއްޗަށް އެދިފައިވާނަމަ ދެމަފިރިންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަށް ގޯތި ދޫކުރުން. ދެމަފިރިންނަށް ލިބިފައިވާ ޕޮއިންޓް އެއްވަރު ވެފައިވާނަމަ، ދެމަފިރިން ވާހަކަ ދައްކައިގެން ގޯތި ދޭނެ ފަރާތެއް ނިންމައި ލިއުމުން އެކަން ކައުންސިލަށް އެންގުން އަދި ދެމަފިރިންގެ ތެރެއިން ގޯތި ނަގާނެ ފަރާތެއް ކަނޑައެޅުމުގައި ދެމަފިރިންނަށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ގުރުއަތުލައިގެން ގޯތިދޭނެ ފަރާތެއް ކަނޑައެޅުން.
- ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެގޯއްޗަކާ މެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް ގޯތި ކޮމިޓީއަށް ފެނުން (ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހުން ކަށަވަރުކުރާނީ ގޯއްޗަށް އެދޭ ފަރާތުން ހުށަހަޅާ ޝަރުޢީ ލިޔުމުގެ މައްޗަށެވެ.)
- ބަންޑާރަގޯތި ދޫކުރުމުގައި ގޯއްޗަށް އެދިކުރިމަތިލާ އެއްވެސް ފަރާތަކަށް ދެގޯތި ނުލިބޭނެކަން ކަށަވަރު ކުރުމަކީ، ޤާނޫނު ނަންބަރު 2002/1 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އިން ލާޒިމްކުރާ ކަމަކަށްވާތީ ގޯއްޗަށް އެދި ކުރިމަތިލާ އެއްވެސް ފަރާތަކަށް ދެގޯތި ނުލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި އެފަރާތަކަށް ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެން އޮތްބައި ދޫކޮށްލަން އެއްބަސްވާ އިޤްރާރު ހުށަހެޅުން. މިދެންނެވި އިޤްރާރު ހުށަނާޅާ އެއްވެސް ފަރާތަކަށް ގޯތި ދޫނުކުރެވޭނެއެވެ.
ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލް
ނަންބަރު |
ޕޮއިންޓް ދެވޭ ބައިތައް |
ޕޮއިންޓް |
1 |
ގޯއްޗައް އެދޭ މީހާ މީހަކާ އިނދެގެން އުޅޭނަމަ |
35 |
2 |
ގޯއްޗައް އެދޭ މީހާ މީހަކާ އިނދެ ވަރިވެފައި ނުވަތަ ފިރި/އަނބި މަރުވެ ދަރިން ތިބިނަމަ ނުވަތަ 18 އަހަރުވެ މީހަކާ ނުއިންނަނަމަ |
30 |
3 |
ދަރިންގެ ބައި: ހ. ގޯއްޗަށް އެދޭމީހާގެ ދަރިން ތިބިނަމަ (ގޯތި ލިބިފައިނެތް ކޮންމެ ކުއްޖަކަށް 5 ޕޮއިންޓް، ގިނަވެގެން 20 ޕޮއިންޓް) ށ. ގޯތި ލިބިފައިނެތް ދެމަފިރިން ގޯއްޗަށް އެދިފައިވާނަމަ ( ގޯތި ލިބިފައިނެތް ކޮންމެ ކުއްޖަކަށް 2.5 ޕޮއިންޓް، ގިނަވެގެން 10 ޕޮއިންޓް) ގޯއްޗަށް އެދިފައިވާ މީހާ ވަރިވެފައިވާނަމަ: ނ. ގޯއްޗަށް އެދިފައިވާ މީހާ ވަރިވެގެން އުޅޭތާ 01 އަހަރުވެފައި ދަރިންގެ ބައްޕަގެ/މަންމަގެ ގޯތި އޮތްނަމަ (ގޯތި ލިބިފައިނެތް ކޮންމެ ކުއްޖަކަށް 2.5 ޕޮއިންޓް، ގިނަވެގެން 10 ޕޮއިންޓް) ރ. ގޯއްޗަށް އެދިފައިވާ މީހާގެ ދަރިންގެ ބައްޕަގެ/މަންމަގެ ގޯތި ނެތްނަމަ (ގޯތި ލިބިފައިނެތް ކޮންމެ ކުއްޖަކަށް 5 ޕޮއިންޓް، ގިނަވެގެން 10 ޕޮއިންޓް) ދަރިއަކު ނުލިބި ބޭސްކުރާނަމަ: ބ. ގޯއްޗަށް އެދިފައިވާ މީހާ، މީހަކާ އިނދެގެން އުޅޭތާ 3 އަހަރަށްވުރެ ގިނަދުވަސްވެފައި އަދި ދަރިއަކު ހޯދަން ބޭސްކޮށްފައި ވާނަމަ ( ޑޮކްޓަރުގެ ލިޔުން ހުށަހަޅާފައިވާނަމަ 3 ޕޮއިންޓް) v ނޯޓް:
|
20 |
4 |
ނުކުޅެދުންތެރިކަން ހުންނަ 25 އަހަރުން މަތީގެ ފަރާތެއްނަމަ (ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަމުގެ ލިޔުން ހުށަހަޅާފައިވާނަމަ) |
31.5 |
5 |
މައިންބަފައިން ނުވަތަ ޝަރުޢީގޮތުން ބަލަންޖެހޭ ފަރާތެއް ބަލަމުންދާނަމަ އަދި މިގޮތަށް ބަލަމުންދާ ފަރާތަކަށް 600 އަކަފޫޓު ހަމަވާ ގޯއްޗެއް ލިބިފައި ނުވާނަމަ (ގޯތި ލިބިފައިނެތް ކޮންމެ ފަރާތަކަށް 3 ޕޮއިންޓް، ގިނަވެގެން 12 ޕޮއިންޓް) |
03 |
6 |
ރަށުގެ ރަށްވެއްސަކަށްވެ ރަށުގައި ދިރިއުޅޭތާ 18 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވާނަމަ |
20 |
7 |
ރަށުގެ ރަށްވެއްސަކަށްވެ ރަށުގައި ދިރިއުޅޭތާ 8 އަހަރާ 18 އަހަރާ ދެމެދު ނަމަ ނުވަތަ ރަށުގެ ރަށްވެއްސަކަށް ނުވިނަމަވެސް ރަށުގައިދިރިއުޅޭތާ 18 އަހަރަށްވުރެން ގިނަދުވަސް ވެފައިވާނަމަ |
10 |
8 |
ރަށުގެ ރަށްވެއްސަކަށްވެ ރަށުގައި ދިރިއުޅޭތާ 5 އަހަރާއި 8 އަހަރާ ދެމެދު ނަމަ ނުވަތަ ރަށުގެ ރަށްވެއްސަކަށް ނުވިނަމަވެސް ރަށުގައިދިރިއުޅޭތާ 8 އަހަރަށްވުރެން ގިނަދުވަސް ވެފައިވާނަމަ |
05 |
9 |
ރަށުގެ ރަށްވެއްސަކަށްވެ ރަށުގައި ދިރިއުޅޭތާ 2 އަހަރާއި 5 އަހަރާ ދެމެދު ނަމަ ނުވަތަ ރަށުގެ ރަށްވެއްސަކަށް ނުވިނަމަވެސް ރަށުގައިދިރިއުޅޭތާ 5 އަހަރަށްވުރެން ގިނަދުވަސް ވެފައިވާނަމަ |
02 |
10 |
ރަށުގެ ރަށްވެއްސަކަށްނުވެ ރަށުމީހަކާ ކައިވެނި ކޮށްގެން އުޅޭނަމަ:
|
04 |
11 |
|
06 |
12 |
އުފަންވީއްސުރެ ރަށުގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވެ ރަށުގައި ދިރިނޫޅޭ ނަމަ |
05 |
13 |
ރަށުގެ ރަށްވެއްސަކަށްވެ ރަށުގައި ދިރިނޫޅޭނަމަ ( ރަށުން ބޭރުމީހަކު ރަށުގެ ރަށްވެއްސަކަށްވެ ރަށުގައި ދިރިނޫޅޭނަމަ) |
02 |
ނަންބަރު |
ޕޮއިންޓު އުނިކުރެވޭ ބައިތައް |
ޕޮއިންޓް |
1 |
ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ / ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ |
35 |
2 |
ގޯއްޗަށް އެދިފައިވާ މީހާއަކީ ރަށުގެ ރަށްވެއްސަކަށް ނުވާނަމަ |
30 |
3 |
ގޯއްޗަށް އެދިފައިވާ މީހާ ނުވަތަ ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ/ފިރިމީހާ ގޯއްޗެއް ވިއްކާލައި ނުވަތަ މީހަކަށް ގޯތި ދިންތާ 10 އަހަރު ނުވާނަމަ |
20 |
4 |
ޢުމުރުން 50 އަހަރުވެފައިވުން އަދި އޭނާގެ ދަރިންގެ ގޯތި އޮތްނަމަ |
20 |
- ގޯތި ލިބޭގޮތް:
ގޯތި ލިބޭ މީހުން ހޮވާނީ ގޯތި ހޯދުމަށް ހުށަހަޅާފައިވާ އެންމެނަށް ޕޮއިންޓް ދިނުމަށްފަހު ޕޮއިންޓް ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބުނު މީހުންގެ ތަރުތީބުންނެވެ. މިގޮތުން ޕޮއިންޓް ތަރުތީބުން ގޯތި ދެމުން އައިސް އެންމެ ފަހު ގޯއްޗާއި ހަމައިން އެއްފަރާތަށްވުރެ ގިނަ ފަރާތުގެ ޕޮއިންޓް އެއްވަރުވެފައި ވާނަމަ އެ ގޯތި ލިބޭފަރާތް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނި އިތުރު ބަލާނީ ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚާއި ހަމައަށެވެ. މިގޮތުން ފޯމު ހުށަހެޅުމަށްފަހު އެއްވެސް މީހެއްގެ މަޢުލޫމާތަކަށް ބަދަލެއް އައިސްފައިވާނަމަ އެކަން ލިޔުމުން ކައުންސިލަށް ހުށަހަޅަންވާނެއެވެ.
- ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
27 ރަބީޢުލްއާޚިރު 1443
02 ޑިސެމްބަރ 2021
(ސޮއި)
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް