ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ސަރވިސްޗާޖުގެ މަޢުލޫމާތު ހުށަހެޅުމާ ގުޅޭ

ޤާނޫނު ނަންބަރު: 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާއާއި ގަވާއިދު ނަންބަރު: 2021/R-41 (ސަރވިސްޗާޖާބެހޭ ގަވާއިދު) ގައި ވަޒީފާދޭ ފަރާތަށް ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކަށް ލިބުނު އާމްދަނީގެ ތަފްޞީލާއި، އެ މަހަކު ސަރވިސްޗާޖް ލިބުނު މުވައްޒަފުންގެ ޢަދަދާއި، ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ޙައްޤުވާ މިންވަރާއި، ސަރވިސްޗާޖުގެ ގޮތުގައި ދިން ފައިސާގެ ޢަދަދުގެ މަޢުލޫމާތު ބަލަހައްޓަންވާނެ ކަމަށާއި، އެ މަޢުލޫމާތު ގަވާއިދުން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މިގޮތުން، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ޚިދުމަތްތަކުން ސަރވިސްޗާޖު ނަގާ ފަރާތްތަކުން އެލް.އާރް.އޭ އާއި މީރާއަށް ހުށަހަޅަންޖެހޭ ސަރވިސްޗާޖުގެ މަޢުލޫމާތު ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، މީރާގެ އޮންލައިން ޓެކްސްޕޭޔަރ ސަރވިސް "މީރާކަނެކްޓް" މެދުވެރިކޮށް އެ މަޢުލޫމާތު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖެއްސިފައެވެ. އަދި މިގޮތަށް މަޢުލޫމާތު ހުށަހެޅުމުން، ސަރވިސްޗާޖާބެހޭ ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް މަޢުލޫމާތު ހުށަހެޅުނީކަމުގައި ބެލޭނެއެވެ.

ވީމާ، ޚިދުމަތްތަކުން ސަރވިސްޗާޖް ނަގާ އެންމެހައި ފަރާތްތަކުން ސަރވިސްޗާޖުގެ މަޢުލޫމާތު ހުށަހެޅުމަށް "މީރާކަނެކްޓް" ގައި ރެޖިސްޓަރވެ، ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ސަރވިސްޗާޖުގެ މަޢުލޫމާތު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މިއޮތޯރިޓީގެ މޯބައިލް ނަންބަރު 7204545 އަށް ގުޅުއްވުން އެދެމެވެ.

(ސަރވިސްޗާޖުގެ މަޢުލޫމާތު ހުށަހަޅަންޖެހޭ ގޮތުގެ އިރުޝާދު: https://lra.gov.mv/sc-user-manual)

(މީރާކަނެކްޓްގެ ލިންކް: https://www.mira.gov.mv/MIRAconnect)

17 ނޮވެންބަރު 2021
ހޯދާ