ދިވެހިރާއްޖެ
ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން
އިނާމު ކަނޑައެޅިފައިވާ މަސައްކަތް: ކުނަލާއި، ކުނަލުން ތަކެތި އުފެއްދުން.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ގިންތިތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުން" މި ގިންތިން 2014 ވަނަ އަހަރު އިނާމު ދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، ނެތެމުންދާ ދިވެހި މަސައްކަތްތެރިކަން ދިރުވައި އާލާކުރުމުގެ ދާއިރާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމަނުއްވާފައެވެ. މި ދާއިރާއިން އިނާމު ދެއްވާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ބާއްވާ، ކުނަލާއި، ކުނަލުން ތަކެތި އުފެއްދުމުގެ މުބާރާތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މުބާރާތް ހުޅުވައިލެވިފައިވަނީ ވަކިވަކި ފަރުދުންނަށެވެ.
ކުނަލާއި، ކުނަލުގެ އުފެއްދުންކަމުގައި ބަލާނީ، ފަނާއި، ފަތާއި، ހައި ފަދަ ތަކެތި ބޭނުންކޮށްގެން ވިޔެފައި ނުވަތަ ގަތައިފައި ހުންނަ އުފެއްދުންތަކަށެވެ.
މި އިނާމު ދެވޭނީ، މި މުބާރާތުގައި މަދުވެގެން 4 ފަރާތަކުން ބައިވެރިވެ ތަކެތި ހުށަހަޅާފައިވާނަމައެވެ. އަދި މިއިން އުފެއްދުމަކީ މީގެ ކުރިން ސަރުކާރުން ނުވަތަ އެހެން ފަރާތަކުން ބާއްވާފައިވާ މުބާރާތަކަށް ނުވަތަ މައުރަޒަކަށް ނުވަތަ ފެއަރއަކަށް ހުށަހަޅާފައިވާ އުފެއްދުމަކަށް ވެގެންނުވާނެއެވެ.
މި އިނާމު ދެވޭނީ، މި މުބާރާތުން 1 ވަނައަށް އަންނަ ފަރާތަކަށް ނުވަތަ ފަރާތްތަކަށެވެ. މި މުބާރާތުން 1 ވަނައަށް އަންނަ ފަރާތެއް ކަނޑައަޅާނީ، ކޮންމެ ފަރުދަކު ހުށަހަޅާ އުފެއްދުމެއްގެ ތެރެއިން ތިރީގައިވާ، މާކުސް ދިނުމުގެ ހަމަތަކުގައިވާގޮތުގެ މަތިން މާކުސް ދިނުމަށްފަހު، ލިބޭ ޖުމުލަ މާކުހުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން، 1 ވަނައަށް އަންނަ ފަރާތުގެ ގޮތުގައި ކަނޑައަޅާނީ، ޖުމުލަ މާކުހުގެ ގޮތުގައި %75 ނުވަތަ އެއަށްވުރެ މަތިން މާކުސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކުސް ލިބޭ ފަރާތް ނުވަތަ ފަރާތްތަކެވެ.
މި މުބާރާތަށް ހުށަހަޅާ ތަކެއްޗަކީ މި މުބާރާތަށް އިޢުލާނުކުރެވުނު ފަހުން އުފައްދާފައިވާ ތަކެތިކަމުގައި ވާންޖެހޭނެއެވެ. މި މުބާރާތަށް ހުށަހަޅާ ތަކެތީގެ މިލްކުރެވި ފަރާތަކީ އެތަކެތި އުފައްދައި ހުށަހެޅި ފަރާތެވެ.
މުބާރާތަށް ހުށަހެޅޭ ހުށަހެޅުންތައް ދިރާސާކޮށް، އިނާމު ޙައްޤުވާ ފަރާތް ކަނޑައަޅާނީ އެކަމަށް، މި މިނިސްޓްރީން އެކުލަވައިލާ ފަންނީ ކޮމިޓީއަކުންނެވެ. އިނާމު ދެވޭ ފަރާތް ކަނޑައެޅުމަށްޓަކައި މާކުސް ދެވޭނެ ގޮތް ތިރީގައި މިވަނީއެވެ.
މާކުސް ދެވޭ ކަންތައް |
މާކުހުގެ ނިސްބަތް |
މަސައްކަތުގެ ފަށުވިކަމާއި، ޑިޒައިންގެ ފުރިހަމަކަމާއި ޚިޔާލުގެ މުއްސަދިކަން |
40% |
ސަގާފީ ސިފަ އެކުލެވިގެންވާ މިންވަރު |
20% |
މީހާގެ ހުނަރު ބޭނުންކޮށްގެން އުފެއްދުން އުފައްދާފައިވާ މިންވަރު |
15% |
ޕެކްކުރުމާއި ގެންގުޅުމުގެ ފަސޭހަކަން |
10% |
އުފެއްދުމަށް މާކެޓު އޮތް މިންވަރު |
15% |
ވީމާ، މި އިނާމަށް އެދޭ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށްޓަކައި، މުބާރާތަށް ހުށަހަޅާ ތަކެއްޗާއެކު، މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ. މި ފޯމު، މި މިނިސްޓްރީންނާއި، މި މިނިސްޓްރީގެ ވެބްސައިޓް (www.trade.gov.mv) އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް، މިއޮފީހުގެ ނަންބަރު 3333152 ފޯނަށް ގުޅުން އެދެމެވެ.