މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ އެމް.ވީ. ނަވިއޯސް އަމާރީލިސް( ބަލްކް ކެރިއަރ) ފަރަށް އެރި ހާދިސާ އާއިގުޅޭ

 

ނަންބަރު: (PR)202-M/202/2021/1

ނޫސްބަޔާން

ޕެނެމާގައި ރަޖިސްޓަރީ ކޮށްފައިވާ އެމް.ވީ. ނަވިއޯސް އަމާރީލިސް (ބަލްކު ކެރިއަރ) ފަރަށް އެރި ހާދިސާއާއިގުޅޭ

ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ އައި.އެމް.އޯ ނަންބަރު 9423487 “Mv. Navios Amaryllis” ކާގޯ އުފުލާ ބޯޓެއް 2021 އޯގަސްޓް 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެއަތޮޅު ރަސްފަރީ ފަރަށް އަރާފައިވާ ހާދިސާއާއި ގުޅިގެން މި އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން މިގެންދަނީ މި އުޅަނދު ސެލްވޭޖުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

މި އުޅަނދަކީ އިންޑިޔާގެ ޓުޓުކޮރިންގ ބަދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނޮސެންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުންދިއަ ބޯޓެކެވެ. މި ބޯޓުގައި އެއްވެސް ކާގޯއެއް ނެތެވެ. މިހާތަނަށް ލިބުނު މަޢުލޫމާތުތަކުންނާއި ބެލިބެލުމުން އެނގިފައިވަނީ މި ބޯޓު ކާށިދޫ ކަނޑުގެ ދެކުނުން އިންޖީނު ފެއިލްވުމުގެ ސަބަބުން ޑްރިފްޓްވެ މި އުޅަނދުވަނީ ފަރަށް އަރާފައި ކަމެވެ.   

މި އުޅަނދު ފަރަށް އެރުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި، އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާއި، މޯލްޑިވްސް އިމިގްރޭޝަންއާއި ޕޯޓް ހެލްތާއި އަދި މި އުޅަނދުގެ ލޯކަލް އެޖެންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތުން މިދަނީ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިހާތަނަށް ބެލިބެލުމުން މި އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި މި ބޯޓުގައި ބޯޓު ދުއްވުމަށް ބޭނުންކުރުމަށް ހުރި 1200 ޓަނުގެ ލޯސަލްފާ އައި.އެފް.އޯ އަދި 80 ޓަނުގެ ލޯސަލްފާ މެރިންގ ގޭސް އޮއިލް ބޯޓުގައި ހުރިކަން ފާހަގަ ކުރެވިފައިވެއެވެ. އަދި ކަނޑަށް ތެޔޮ ބޭރު ނުވާނެގޮތަށް ކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އުޅަނދުގެ ވެރިފަރާތަށް މިހާރުވަނީ އެންގިފައެވެ. އަދި އުޅަނދު ފަރުން ނެގުމަށްޓަކައި ސެލްވޭޖު އޮޕަރޭޝަން ހިންގުމަށް ކުރަންޖެހޭ މަސައްކަތް ބޯޓުގެ ވެރިފަރާތުން ގެންދަނީ ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ކުރަމުންކަމުގައިވެސް ދެންނެވީމެވެ.

23 އޮގަސްޓް 2021
ހޯދާ