ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކަނޑުތަކުގެ މާޙައުލުން ފެންނަ އެންމަޑި، ވައިފިޔަމަޑި އަދި މިނޫނަސް ކަނޑާއި މޫދުގައި ދިރިއުޅޭ މަޑީގެ ގިނަ ބާވަތްތަކަކީ، އެ އެއްޗެތީގެ އާބާދީ މަދުވެ، ނަސްލު ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކެކެވެ. ވީމާ، އެންމަނޑި، ވައިފިޔަމަޑި އަދި ކަނޑާއި މޫދުގައި ދިރިއުޅޭ މަޑީގެ ހުރިހާ ބާވަތެއް ޙިމާޔަތްކޮށް، އެތަކެތީގެ ނަސްލުތައް ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ ގޮތުން، މިއަދުން ފެށިގެން ސުޕަރއޯޑާ Batoidea ދަށުގައި ހިމެނޭ މަޑީގެ ހުރިހާ ބާވަތްތަކަކީ ، ޤާނޫނު ނަންބަރު 93 /4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޙިމާޔަތްކޮށްފައިވާ ތަކެތި ކަމުގައި ކަނޑައަޅައި ޢާންމުކޮށް އަންގައި ޢިއުލާނު ކުރަމެވެ.
ވީމާ، އެންމަޑި، ވައިފިޔަމަޑި އަދި ކަނޑާއި މޫދުގައި ދިރިއުޅޭ މަޑީގެ ބާވަތްތައް ހިފުމާއި، ގެންގުޅުމާއި، އެތަކެތީގެ ނުވަތަ އެތަކެތީގެ ބައިތަކުގެ ވިޔަފާރި ކުރުމާއި އެތަކެއްޗަށް ގޯނާކުރުމާއި އަދި އެތަކެތި ދިރިއުޅޭ މާޙައުލަށް އެއްވެސް ގެއްލުމެއް ދިނުމަކީ މަނާކަމެއްކަމުގައި އަންގައި އިޢުލާނު ކުރަމެވެ. މިއާ ޚިލާފުވާ ފަރާތްތަކާމެދު، ޤާނޫނު ނަންބަރު 93 /4 ގެ ދަށުން ހަދާފައިވާ، ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011/R-9)ގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.
11 ޝަޢުބާން 1435ހ.