މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ހޫނުމޫސުމުގައި ބޯފެނަށްޖެހޭ ރ. އަތޮޅުގެ މީހުންދިރިއުޅޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމާބެހޭ

ސުރުހީގައި ދެންނެވިފައިވާ މަސައްކަތް މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކުން ޕުރޮޕޯސަލް ހުށައެޅުއްވުމުގައި މި އިޢުލާނާއެކު ދެވިފައިވާ ޢާއްމު މަޢުލޫމާތުގެ މައްޗަށްބިނާކޮށް ޕުރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މި މަސައްކަތް ކޮށްދިނުމަށް ޕްރޮޕޯސަލް ހުށައަޅުއްވަންވާނީ ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏަކުން ނުވަތަ ކޯޕަރޭޓިވްސްއެއް، ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް އޮތް ފަރާތަކުންނެވެ. އަދި ޕްރޮޕޯސަލާއެކު ކުންފުނި ނުވަތަ ކޯޕަރޭޓިވް ނުވަތަ އަމިއލްފަރުދުންގެ ވިޔަފާރިގެ ރަޖިސްޓްރީގެ ކޮޕީއާއި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ރަޖިސްޓްރީގެ ކޮޕީއާއި، ކުންފުނި ނުވަތަ ކޯޕަރޭޓިވް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރީގެ ޕްރޮފައިލް އާއި މަސައްކަތުގެ ތަޖުރިބާގެ ލިއުންތައް ހުށައަޅުއްވަންވާނެއެވެ.  އަދި ފެންފޯރުކޮށްދިނުމުގެ ޕޮރޮޕޯސަލްގައި ފެންފޯރުކޮށްދިނުމުގެ އަގު ހިމަނާނީ ޓަނުންނެވެ.

ޢާއްމު މަޢުލޫމާތު

             މި އިޢުލާނުގައި ހިމެނިފައި މިވަނީ ރައްކާތެރި ގޮތުގައި އެއްތަނުން އަނެއްތަނަށް ގަނޑުކޮށް ބޯފެން އުފުލުމާއިބެހޭ މިންގަނޑުތަކެވެ. މި މިންގަނޑު އެކުލަވާލުމުގައި އަޞްލެއްކަމުގައި ބަލާފައިވާނީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ W.H.O ގެ " ގައިޑްލައިން ފޮރ ޑްރިންކިންގް ވޯޓަރ ކޮލިޓީ ( ISBN 92 4 154696  4 ) " އާއި ކޯޑެކޮސްގެ " ޖެނެރަލް ޕްރިންސިޕަލްސް އޮފް ފުޑް ހައިޖީން ( CAC/RCP  1-1969,REV . 4 – 2003 ) " އެށެވެ.

 މި މިންގަނޑަކީ  ރާއްޖެގައި  ބޯފެން ( 500 ލީޓަރަށް ވުރެގިނައިން ) އެއްތަނުން އަނެއްތަނަށް އުފުލުމުގައި އަމަލު ކުރާނެ ގޮތުގެ މިންގަނޑެވެ. މި މިންގަނޑުން ރެގިއުލޭޓް ކުރާ ފެނަކީ އެހެން ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ރެގިއުލޭޓްކުރާ  ފެނެއްނަމަ  އެޤާނޫނަކަށް ނުވަތަ އެޤަވާއިދާއިއެކު މި މިންގަޑަށްވެސް ޢަމަލު ކުރަންވާނެއެވެ.

 

 

 ފެން އުފުއްލާ ފަރާތުގެ ޒިންމާ 

ބޯފެން ބޭނުންކުރާ ފަރާތަށް މިމިންގަނޑަށް ފެތޭ ބޯފެން ފޯރުކޮށްދިނުމަކީ ފެން އުފުއްލާ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން ފެން އުފުއްލާ ފަރާތުން ކުރަންޖެހޭ ކަންތައްތައް :

( ހ ) ފެން އުފުއްލާ ފަރާތުން ފެން އުފުލުމަށް ބޭނުންކުރާ އުޅަނދަކީ މި މިންގަނޑުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ އުޅަނދުކަށް ވާންވާނެއެވެ.

( ށ ) ފެން އުފުލުމަށް ބޭނުންކުރާ އުޅަނދަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓްރީކޮށް ސާފުތާހިރުކަމުގެ ސެޓްފިކެޓް ލިބިފައިވާ އުޅަނދަކަށް  ވާންޖެހޭނެއެވެ.

( ނ ) ފެން އުފުއްލާ ފަރާތުން އުޅަނދަށް ފެން ބަރުކުރުމާއި ފެން ދޫކުރުމުގެ މަސައްކަތްކުރަންވާނީ މި މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

( ރ ) ފެން ބޭނުންކުރާ ފަރާތްތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި އިތުރު އެއްޗަކަށް އެޅުމުގެ ކުރިން ނުވަތަ ފެން ދޫކުރަން ފެށުމުގެ ކުރިން ފެނުގެ ފެންވަރު ބެލުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ ތަޙްލީލުތައް ކުރުމަކީ ފެންއުފުއްލާ ފަރާތުގެ ޒިންމާއެކެވެ.

( ބ ) ފެން އުފުއްލާ ފަރާތުން މި ނުކުތާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ނުކުތާ 3 ، 4 ، 5 ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

 ފެނުގައި ހުންނަށްޖެހޭ ޝަރުތުތައް

( ހ ) މިފެން ވާންވާނީ ބޯފެނުގެ ރައްކާތެރިކަން ކަށަވަރުކުރާ، ސަރުކާރުގެ ކަމާބެހޭ އޮތޯރިޓީން ބަލާ ތަޙްލީލުކޮށް ބޯން ކަމުދާ ފެނެއްކަމުގައި ކަނޑައަޅާފައިވާ ފެނަކަށެވެ.

( ށ ) ބޯފެން ގިނަ ދުވަހަށް ރައްކާކޮށްފައި ބަހައްޓާނަމަ ހަފްތާއަކު އެއްފަހަރު ކޮންމެ 1000 ލީޓަރަކަށް 1 ގްރާމު ކެލްސިއަމް ހައިޕޯކްލޮރައިޓް އަޅައިގެން ކްލޮރިނޭޓް ކުރަންވާނެއެވެ. އަދި ކްލޮރިނޭޓް ކުރުމަށްފަހު އޭގެ ވަހާއި ރަހަ ކަނޑުވާލުމަށް 2 ގަޑިއިރު ވަންދެން ބަހައްޓަން ވާނެއެވެ.

 ބޯފެން އުފުލާ އުޅަނދުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް

 

( ހ ) ބޯފެން އުފުލާ އުޅަނދަކީ އެކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ އުޅަނދަކަށް ވާންވާނެއެވެ.

( ށ ) އުޅަނދު ފަރުމާކޮށްފައި ހުންނަންވާނީ ނުސާފުފެން، ނަޖިސްފެން، ގިރިސް އަދި މިނޫންވެސް އުޅަނދުގައި ކޮންމެހެން ގެންގުޅެންޖޭފަދަ  ބާވަތެއްގެ ސަބަބުން ކޮންޓައިނަރު ނުވަތަ ބޯފެން ތަޣައްޔަރު ނުވާނެ ގޮތަށެވެ. އަދި އުޅަނދުގައި ކޮންމެހެން ގެންގުޅެން ނުޖެހޭ ބާވަތެއްގެ ކެމިކަލް ނުވަތަ މިނޫންވެސް ތަކެތި އުޅަނދުގައި ގެންގުޅެގެން ނުވާނެއެވެ.

( ނ ) އުޅަނދުގައި ޖަނަވާރާއި ދޫނި ސޫފާސޫފި ފަދަ ތަކެތި ގެންގުޅެގެން ނުވާނެއެވެ. އަދި މި ފަދަ ތަކެތި އުޅަނދުގައި އުފުލައިގެންވެސް ނުވާނެއެވެ.

 ( ރ ) ޖަނަވާރާއި ދޫނި ސޫފާސޫފީގެ ސަބަބުން އުޅަނދުގައިވާ ތަކެތި ރައްކާތެރިކުރާނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެއެވެ. އަދި މި ތަކެތީގެ ސަބަބުން އޭގައިވާ ބޯފެން ތަޣައްޔަރުވެގެން ނުވާނެއެވެ.

( ބ ) ބޯފެން ރައްކާކުރާ ކޮންޓައިނަރު ހަދަން ބޭނުންކޮށްފައިވާ އެއްޗެއްގެ ސަބަބުން ފެން ތަޣައްޔަރުވެގެން ނުވާނެއެވެ. އަދި ކޮންޓައިނަރުގެ އެތެރެ ތައްޔާރުކޮށްފައި ހުންނަންވާނީ އެކަށީގެންވާ ފުޑް ގްރޭޑެޑް މެޓީރިއަލަކުންނެވެ.

( ޅ ) ކޮންޓައިނަރުގެ އެތެރެ ތައްޔާރުކޮށްފައި ހުންނަންވާނީ އޮމާން، ފަސޭހައިން ސާފުކުރެވޭ އަދި ޖަރާސީމު ނައްތާލެވޭ ގޮތަށެވެ.

( ކ ) ކޮންޓައިނަރުގެ އެތެރެއަށް އެއްވެސް އެއްޗެއް ނޭޅޭގޮތަށް ރަގަނޅަށް މަތިޖަހާ ބަންދުރަން ވާނެއެވެ.

( އ ) ބޯފެން ސަޕްލައިކުރުމަށްޓަކައި ކޮންޓައިނަރަށް ގުޅާފައިވާ ފިޓިންގްސްތައް އަދި ވަކިން ބޭނުންކުރާ އާލާތްތައް ހަދާފައި ހުންނަންވާނީ އެކަމަށް އެކަށީގެންވާ ފުޑް ގްރޭޑެޑް މެޓީރިއަލަކުންނެވެ. އަދި  ވަކިން ބޭނުންކުރާ މި ފަދަ ތަކެއްޗަކީ ހަމައެކަނި މިމަސައްކަތަށް ބޭނުންކުރާ  ތަކެތިކަމުގައި ވާންޖެހޭނެއެވެ.

( ވ ) ފެން ރައްކާކުރާ ކޮންޓައިނަރު އަދި މިއާއި ގުޅިފައިވާ ޕައިޕް ލައިންތައް ދޫވެ، ހަލާކުވެ، އަދި ފަޅައިގެން ގޮސްފައި ހުރެގެން ނުވާނެއެވެ.

( މ ) އުޅަނދުގައި ގެންގުޅޭ ބޯން ކަމުނުދާ ފެން ދައުރުކުރާ ހޮޅިތަކާއި ބޯން ކަމުދާފެން ރައްކާކުރާ ޓޭންކުތަކާއި ގުޅިފައިވާ ހޮޅިތައް ހުންނަން ވާނީ ވަކިން ދެފެން ތަޣައްޔަރު ނުވާގޮތަށެވެ.

( ފ ) އުޅަނދުގައި ބޭނުންކުރާ ފާޚާނާ ހުންނަންވާނީ ފެން ރައްކާކުރާ ސަރަޙައްދަށް އަސަރު ނުކުރާނެފަދަ ގޮތަކަށެވެ.

( ދ ) އުޅަނދުގެ ފާޚާނާ ހޮޅިތައް ހުންނަންވާނީ ފެންރައްކާކުރާ  ކޮންޓައިނަރަށް އަސަރެއް ނުކުރާނެ ގޮތަކަށެވެ.

( ތ ) ފެން ރައްކާކުރާ ކޮންޓައިނަރު އެތެރެ ފަސޭހަކަމާއިއެކު ފެންނާނެ ފަދަ އަލިކަމެއް ފޯރުކޮށްދެވޭ ގޮތެއް އުޅަނދުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

( ލ ) ފެން ސަޕްލައިކުރުމުގެ މަސައްކަތުގައި ބައިވެރިވާ ފަރާތްތައް އަތްދޮވެ ސާފްކުރުމަށް އެކަށީގެންވާ އިންތިޒާމް އުޅަނދުގައި ހުންނަންވާނެއެވެ.

( ގ ) ބޭރަށް ހިންގުން ފަދަ ގައިންގަޔަށް އަރާ ބައްޔެއް ހުރި މީހަކު ފެން ސަޕްލައި ކުރުމުގައި ހަރަކާތްތެރިވެގެން ނުވާނެއެވެ.

 

 

 ކޮންޓައިނަރުތަކާއި އެއާއި ގުޅިފައިވާ ފިޓިންގްސްތައް ސާފްކޮށް ބެލެހެއްޓުން

( ހ ) ދާއިމީ ގޮތެއްގައި ފެން ރައްކާކުރުމަށް ނުވަތަ އުފުލުމަށް ނުވަތަ ސަޕްލައިކުރުމަށް ބޭނުންކުރާ ކޮންޓައިނަރު އަދި އެއާއި ގުޅިފައިވާ އަދި ނުވަތަ ވަކިން ބޭނުންކުރާ ފިޓިންގްސްތައް ގަވާޢިދުން ސާފްކުރަންވަން ވާނެއެވެ. އަދި މިތަކެތި ބޭނުން ކުރުމުގެ ކުރިން ސާފްކޮށް ޖަރާސީމު ނައްތާލުމަށް ޑިސްއިންފެކްޓް ކުރަންވާނެއެވެ.

ސާފުކުރުމުގައި ޢަމަލުކުރަންވީގޮތް:

( 1 ) ކޮންޓައިނަރުގެ އެތެރެ ބުރުސްފަދަ ސާފްކުރާ އާލާތެއް ބޭނުންކޮށްގެން ރަނގަޅަށް ދޮވެ ސާފުކުރަން ވާނެއެވެ.

( 2 ) 4.0 މިލިގްރާމް / ލީޓަރ  ގެ ފްރީ ކްލޮރިން ހުންނަ ފެން ކޮންޓައިނަރު ފުރެންދެން އަޅާފައި މަދުވެގެން ބައި ގަޑިއިރު ބެހެއްޓުމަށް ފަހު މި ފެން އުކާލުމަށް ފަހު ބޯފެނުން ކޮންޓައިނަރު ރަނގަޅަށް ދޮންނަންވާނެއެވެ. މިގޮތަށް ސާފުކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަމަށް ބަލަންވާނެއެވެ.

( ށ ) ކޮންޓައިނަރު އަދި ފިޓިންގްސް ފުރަތަމަ ފަހަރަށް ބޭނުން ކުރާނަމަވެސް މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލު ކުރަންވާނެއެވެ.

( ނ ) ހިރަފުހާއި އަދި މިނޫންވެސް މިފަދަ ފެން ތަޣައްޔަރުކުރާ ޒާތުގެ އެއްޗެއް އެޅުނަ ނުދިނުމަށްޓަކައި ފެން އުފުލާއިރު ކޮންޓައިނަރު އަދި ފިޓިންގްސް ރަނގަޅަށް ބަންދުކުރަން ވާނެއެވެ.

( ރ ) ކޮންޓައިނަރު އަދި ފިޓިންގްސް ބޭނުންނުކުރާ ދުވަސް ވަރުވެސް މިތަކެތި ހަޑިނުވާ ގޮތަކަށް ރަނގަޅަށް ބަންދުކޮށްފައި ބަހައްޓަންވާނެއެވެ.

( ބ ) ފެން އުފުލާއިރު ކޮންޓައިނަރާއި ގުޅިފައިވާ ހުރިހާ ހޮޅިތަކަކުން ފެން ހުސްކޮށް އަދި ހޮޅިތަކާއި އިސްކުރުފަދަ ތަންތަނުގައި އުނގުރިޖަހާ ބަންދުކުރަން ވާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން 12 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ [email protected] މެއިލް މެދުވެރިކޮށް އަގު ހުށަހެޅުއްވުން އެދެމެވެ.

     

                   26  ޒުލްޙައްޖާ  1442

05 އޮގަސްޓް 2021
ހޯދާ