އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކަނޑޫފާތަކުން ގިނަ ޢަދަދަކަށް ގަސްތައް މަރުވަމުންދިޔުމާއި ގުޅިގެން، ކުރެވެމުންދާ ދިރާސާއާބެހާ

ނަންބަރު: (PR)203-ERC/1/2021/8

 

ނޫސްބަޔާން

        މިދިޔަ އަހަރުގެ މާރޗުމަހުން ފެށިގެން، ރާއްޖޭގެ އުތުރުގައިވާ އެންމެ ބޮޑެތި ކަނޑޫފާތަކުން ގިނަ ޢަދަދަކަށް ގަސްތައް ގޮތްނޭގޭގޮތަކަށް މަރުވަމުންދިޔުމާއި ގުޅިގެން، އެ ގަސްތައް މަރުވަމުންދާ ސަބަބު ހޯދުމަށް، މި އެޖެންސީން ދިޔައީ މަސައްކަތްކުރަމުންނެވެ. މިގޮތުން، މިދިޔަ ޖުލައި މަހު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން ދިރާސާތަކެއްވަނީ ކުރެވިފައެވެ. މި ދިރާސާގެ ހޯދުންތަކުން ކަނޑޫފާތައް މަރުވަމުންދާ ސަބަބު ކަނޑައެޅިގެން ހޯދިފައިނުވާތީ، ކަނޑޫފާތައް މަރުވަމުން ދިޔުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް އިތުރު ތަހުލީލުތަކެއް ކުރަންޖެހޭތީ، ކަނޑޫފާ އެންމެ ބޮޑަށް މަރުވަމުންދާ ރަށްރަށުން، ނެގިފައިވާ ގަހުގެ ސާމްޕަލްތައް، އިންޑިއާގެ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (CUSAT)އަށް ފޮނުވި ތަޙްލީލްތަކެއްވަނީ ކުރެވިފައެވެ. މިތަޙްލީލްތަކަކީ ކަނޑޫފާގައި ހެދޭ ގަސްގަހުގެ ފަތާއި، ގަސްގަނޑުގެ ތޮށި، ވެލި، އަދި ކުޅީގެ ފެންނަގައިގެން ކުރެވުނު ތަޙްލީލްތަކެކެވެ.

         ކޮޗިން ޔުނިވާރސިޓީއާ ގުޅިގެން ކަނޑޫފާ މަރުންވަމުންދިޔަ 7 ރަށަކުންނާއި ކަނޑޫފާ މަރުވުމުގެ އަސަރު ނުފެންނަ 2 ރަށަކުން، ފެނާއި ވެލި ތަހުލީލުކޮށް ބެލިބެލުމުން، ފެނާއި ވެލީގައި އެކުލެވިފައިވާ "ނިޔުޓްރިއެންޓްސް"ގެ މާއްދާތައް ހުރި މިންވަރު، ދިވެހިރާއްޖެފަދަ ހޫނު ގައުމުތަކުގެ ކުޅި، ފައު އަދި ޗަސްބިންތަކާއި ދާދިއެއްގޮތްކަމަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މީގެ އިތުރުން، 'ހެވީމެޓަލް' ގެ އަސަރެއް މީގެ އެއްވެސް މާހައުލަކުން އަދި ފާހަގަވެފައެއްނެތެވެ. މިމާހައުލުތަކުގެ ވެއްޔާއި ފެން، އަދި ކަނޑޫގަސްތަކުގެ މުލާއި، ފަތާއި، ތޮށީގައި އެއްވެސް ޖަރާސީމެއްވޭތޯ ބެލިބެލުމުން، މިފަދަ މާހައުލުންނާއި މިފަދަ މާޙައުލުތަކުގައި ހެދޭ ގަސްގަހުން ނުފެންނަ، މާގިނަ ބަލިޖައްސާފަދަ  ލޮލަށް ނުފެންނަ ބާވަތްތަކުގެ ކުދި ދިރުންތައް ފާހަގަވެފައެއް ނުވެއެވެ.

         ނަމަވެސް، ކަނޑޫފާ މަރުވަމުންދާ ރަށްރަށުން ނެގުނު ސާމްޕަލްތަކުން، ދުނިޔޭގެ ކަންކޮޅުތަކުގައި ބައެއް ބާވަތްތަކުގެ ގަސްތަކަށް ބަލިޖައްސާކަމަށް މީގެ ކުރިން ފާހަގަވެފައިވާ ބާވަތެއްގެ "ފަންގަސް" އެއްވަނީ ފެނިފައިވެއެވެ. މިހާރު ކުރެވުނު ތަޙްލީލްތަކުން ހޯދިފައިވާ "ފަންގަސް" އަކީ، ތަފާތު ސަބަބުތަކާއި ގުޅިގެން ކަނޑޫފާތައް ބަލިކަށިވުމަށް (ސްޓްރެސް ވުމަށް) ހުށަހެޅިފައިވެދާނެ ދަނޑިވަޅެއްގައި ގަސްތައް އިތުރަށް ބަލިކޮށްފާނެ ފަންގަސްއެއް ކަމަށް ތަޙްލީލްތަކުން ދައްކައެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ކަނޑޫފާ ގަސްތައް މަރުވަމުންދަނީ މި"ފަންގަސް"ގެ ސަބަބުންކަން ޔަގީން ކުރެވޭނީ، ތަހުލީލުކުރެވޭ "ސާމްޕަލް ސައިޒް" ބޮޑުކޮށް، ދިގުމުއްދަތަށް އިތުރު ތަހުލީލުތަކެއް ކުރެވިގެންނެވެ. ހަމަ މިފަދައިން، ކަނޑޫފާތަކުން ފެނިފައިވާ ސޫފާސޫފިތައް އިތުރަށް ތަހުލީލުކޮށް މީގެން ގަސްތަކަށް ކޮށްފާނެ އަސަރު ދެނެގަނެ، ބަޔާން ކުރުމަށް، އިލްމީ މާހިރުންގެ އިތުރު "ފީލްޑް ވިޒިޓް" ތަކާއި، ސައިންޓިފިކް ތަހުލީލުތައް ކުރަންޖެހިފައިވެއެވެ. އެހެންކަމުން، މިކަމުގައި އީ.ޕީ.އޭއާކު މަސައްކަތްކުރަމުން ގެންދަވާ CUSAT ގެ ޓީމެއް ވީހާވެސް އަވަހަކަށް މިރަށްރަށް ޒިޔާރަތްކޮށް، އިތުރު ސާމްޕަލްތައް ނަގައި، އިތުރު ތަހުލީލުތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.

         އިންސާނުން ދިރިއުޅޭ ހިސާބުތަކުގައި ހެދިފައިވާ ކުޅި، ފައު އަދި ޗަސްބިންފަދަ ސަރަހައްދުތަކަކީ ގިނަ ބާވަތްތަކުގެ 'ސްޓްރެސް' ތަކަށް ހުށަހެޅިފައިވާ މާހައުލުތަކެކެވެ. ދިވެހިރާއްޖެފަދަ ތަރައްޤީވަމުންއަންނަ ގައުމުތަކުގައި މިފަދަ މާހައުލަތަކަށް އިންސާނުންގެ ފަރާތުންނާއި މޫސުމަށް އަންނަ ބަދަލުތަކުންނާއި އަދި ބައެއް ޤުދުރަތީ ކަންކަމާއި ގުޅިގެން، މި ސަރަޙައްދުތަކުގެ މާޙައުލުތަކަށާއި ފެންދައުރުވުމަށް ބަދަލު އަންނަމުންދާކަމަށް ފާހަގަކުރެވެއެވެ. އަދި ކަނޑޫފާ މަރުވުމުގެ މައްސަލައަކީ ރާއްޖެއަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަން ފާހަގަކުރެވެއެވެ. މިގޮތުން، "ޓްރޮޕިކް" ސަރަޙައްދުގެ ކަނޑޫފާތަށް މަރުވަމުންދާކަން ދަނީ ފާހަގަކުރެވެމުންނެވެ. ތިމާވެށީގެ ވަސީލަތްތަކަށް އަންނަ ބަދަލުތަކަކީ ދެނެގަތުމަށް ގިނަދުވަސް ނަގާނެކަންކަމެވެ. ދިގުމުއްދަތަށް ދިރާސާކޮށް ޙައްލެއްހޯދުމަށް ދުވަސްނަގާނެކަމާއި "ސިންގަލް ސޮލިއުޝަން" އެއް މިފަދަ ކަންކަމަށް ނުހުންނަކަން މިފުރުސަތުގައި މި އޭޖެންސީން ފާހަގަކޮށްލަމެވެ.

05 ޖުލައި 2021

 

 

05 ޖުލައި 2021
ހޯދާ