ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތް
މާލެ، ދިވެހިރާއްޖެ
އިޢުލާން
އަސާސީ ބޭހަކީ މެދު ނުކެނޑި ދާއިމީ ގޮތެއްގައި ބަލި މީހުންނަށް ފަސޭހަ ކަމާއި އެކު އަބަދުވެސް ލިބެން ހުންނަން ޖެހޭ މުހިއްމު ބޭސް ތަކެކެވެ. މި ބޭސް ލިސްޓަކީ ސިއްޚީ ދާއިރާ ތަޖުރިބާކާރުންގެ ފަންނީ ލަފައާއި އިރުޝާދާއި އެކު ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔު އެޗް އޯ)ގެ އެސެންޝިއަލް މެޑިސިން ލިސްޓް ނަމޫނާ އަކަށް ބަލައިގެން ރާއްޖޭގެ ސިއްޙީ ހާލަތަށް ރިޔާއަތްކޮށް ކޮންމެ 02 އަހަރުން 01 އަހަރު، އަޕްޑޭޓްކޮށް ޕަބްލިޝް ކުރެވޭ ލިސްޓެކެވެ.
އަސާސީ ބޭސް ނުަވަތަ އެސެންޝިއަލް މެޑިސިން އަކީ އަބަދުވެސް މެދު ނުކެނޑި ބަލި މީހުންނަށް ބޭނުން ވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއި އެކު އެގިންތި އަކަށް ކަނޑައެޅިފައިވާ ހެލްތް ފެސިލިޓީ އަދި ފާރމަސީ ތަކުގައި ކޮންމެހެން އަބަދުވެސް ލިބެން ހުންނަށް ޖެހޭ ބޭސްތަކެކެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ، އާންމުންނާއި ޙިދުމަތް ދޭ ފަރާތް ތަކުގެ ޝަކުވާވެސް ދަނީ ލިބެމުންނެވެ. އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ބޭސް އިމްޕޯރޓް ކުރާ ފަރާތް ތަކުގެ ޒިންމާއެއް ކަމަށްވީނަމަވެސް ، މާރކެޓުން ބޭސް ހުސްވެ ބައެއް މުޚިއްމު ބޭސް ބަލިމީހުންނަށް ނުލިބޭ ޙާލަތަށް ދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.
ބޭހާއި ބެހޭ ޤަވާއިދު ނަންބަރ: R-46/2014 ގެ 7.12 ގައި ބަޔާން ކޮށްފައިވާ ގޮތުން " ބޭސް ވިއްކާ ފިހާރަ ތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެވަގުތެއްގައި ކަނޑައަޅއަޅާފައިވާ އެސެންޝިއަލް މެޑިސިން ލިސްޓު ގެ ގޮތުގައި ފާހަގަ ކުރެވޭ ބޭސްތައް ކޮންމެ ބޭސް ފިހާރައަކުންވެސް އަބަދުވެސް ލިބެން ހުންނަންޖެހޭނެއެވެ”.
އެހެން ކަމުން މިއޮތޯރިޓީގައި ރަޖިސްޓްރީ ކުރެވިގެން ހިންގަމުން ގެންދާ ހުރިހާ ފާރމަސީ ތަކުން، އެސެންޝިއަލް މެޑިސިން ލިސްޓް ގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީ އޯ އެމް) އާއި އޯވަރ ދި ކައުންޓަރ މެޑިސިން ( އޯ ޓީ ސީ )
ބޭހުގެ ތެރެއިން ހީރަސް ކުރެވިފައިވާ ލިސްޓްގައި ހިމެނޭ ބޭސްތައް މެދު ނުކެނޑި ފާރމަސީ އިން ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް އަންގައި އާއްމުކޮށް އިޢުލާން ކުރަމެވެ.
އެސެންޝިއަލް މެޑިސިން ލިސްޓް ގައި ހިމެނޭ ބޭހުގެ އިތުުރުން އެޕްރޫވްޑް ޑަރަގް ލިސްޓްގައި ހިމެނެޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީ އޯ އެމް) އާއި އޯވަރ ދި ކައުންޓަރ މެޑިސިން ( އޯ ޓީ ސީ ) ވެސް ފާރމަސީ ތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމުގައި ވެސް ދެންނެވީމެވެ.
އެހެން ކަމުން ޤަވާއިދާއި ޙިލާފުވާ ފަރާތް ތަކަށް ބޭހާއި ބެހޭ ޤަވާއިދު ނަންބަރ :R-46/2014 އާއި ސިއްޚީ ޚިދުމަތް ދިނުމުގެ ޤާނޫނު ނަންބަރ: 2015/29 ގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި ވެސް ދެންނެވީމެވެ.