ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ތިނަދޫގައި ބަންޑާރަ ނުވަތަ އަމިއްލަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ އުޞޫލް

އިޢުލާން

މިއިދާރާއިން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދިނުމުގެ އަމަލުކުރާނެ ޙާއްސަ އުޞޫލް އިސްލާޙް ކުރުމަށްފަހު 01 ނޮވެމްބަރ 2020 ވަނަ ދުވަހު ތިނަދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 154 ވަނަ ރަސްމީ ބައްދަލްވުމުން ވަނީ ފާސްކޮށްފައެވެ.

ވީމާ، 25 ނޮވެމްބަރ 2020 އިން ފެށިގެން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމުގައި މި އިދާރާއިން އަމަލުކުރަމުންދާނީ މަތީގައި ދެންނެވިފައިވާ އުޞޫލަށް ގެނައި އިސްލާޙްތަކާއި އެއްގޮތައް ކަމުގައި ދަންނަވައި މިވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރީމެވެ. މި އިޢުލާނާއެކު " ގދ.ތިނަދޫގައި ބަންޑާރަ ނުވަތަ އަމިއްލަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ އުޞޫލު "  އެއްކަރުދާސް ކުރެވިފައިވާނެއެވެ.   

 

 

ގދ.ތިނަދޫގައި ބަންޑާރަ ނުވަތަ އަމިއްލަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ އުޞޫލް

 

1 ތަޢާރަފް:

(ހ) މިއީ ޤާނޫންނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން) ގެ 152 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ކައުންސިލުން އެކުލަވާލައިފައިވާ" ގދ.ތިނަދޫގައި ބަންޑާރަ ނުވަތަ އަމިއްލަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ އުޞޫލެވެ.

(ށ) މިއުޞޫލު ހަދާފައިވަނީ، ޤާނޫނު ނަންބަރު 01/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ  13 ވަނަ މާއްދާއާއި 21 ވަނަ މާއްދާ އަދި 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމާބެހޭ ޤަވާޢިދު، (ޤަވާޢިދު ނަންބަރު 2016/R-88) ގައިވާ އިރުޝާދުތަކާއި ބާބުތަކާއި ތަޢާރުޟު ނުވާނޭ ގޮތުގެ މަތިން، ގދ.ތިނަދޫގައި ބިނާކުރާ ގެދޮރާއި ބިނާތައް ރަޖިސްޓްރީ ކުރެވޭނެ ފަސޭހަ މަގުތައް ރައްޔިތުންނަށް ލިބިދީ، ޤަވާޢިދާއި އުޞޫލުތަކާއެއްގޮތަށް ގެދޮރު ރަޖިސްޓްރީ ކުރެވޭނެ އިދާރީ އިންތިޒާމް ފަހިކުރުމަށެވެ.

(ނ) މިއުޞޫލަށް ކިޔާ "ގދ.ތިނަދޫގައި ބަންޑާރަ ނުވަތަ އަމިއްލަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ އުޞޫލު" އެވެ.

2. ޢިމާރާތުގެ ރަޖިސްޓްރީ ކުރުން.

(ހ) ގޯތި ދޫކުރާތާ 5 އަހަރުދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެވޭ ފެންވަރަށް ޢިމާރާތް ކުރުމަށްފަހު، ޢިމާރާތް ރަޖިސްޓްރީ ކުރަން ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ގޯތި ދޫކުރި ތާރީޚު ކަމަށް ބަލާނީ، ގޯތި ލިބުނު ފަރާތަށް ގޯތި ޙަވާލުކުރިކަމގެ ލިޔުން ޙަވާލުކުރާ ތާރީޚެވެ.

(ނ) މި އުޞޫލުގެ ދަށުން ޢިމާރާތް ރަޖިސްޓްރީ ކުރުން ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދަނީ ތިރީގައި އެވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ގެދޮރު ޢިމާރާތް ކުރުމާ ބެހޭގޮތުން ހަދާފައިވާ ޤާނޫނުތަކާއި ޤަވާޢދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފައިވާ ނަމައެވެ.

2.1   - އެއްބުރިއަށް (ސިންގަލްސް ސްޓޯރީ) ޢިމާރާތް:

މި ކެޓގަރީގެ ޢިމާރާތްތައް ހެދިފައި ހުންނަންވާނީ ޢިމާރާތް ކުރުމުގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފެންވަރު ރަނގަޅު ތަކެތި ބޭނުންކޮށްގެން، ޢިމާރާތުގެ ގިއުގަނޑު ހަދައި ތިރީގައި އެވާ ކަންކަން ފުރިހަމަ ކޮށްފައެވެ.

2.1.1        ޢިމާރާތުގެ ގިއުގަނޑު ބިނާކުރުމުގައި ފައުންޑޭޝަން އަޅާފައިވުން.

2.1.2         ގޯތީގައި ސާފު ފެން ނަގައި ބޭނުން ކުރެވޭ ގޮތަށް ވަޅު ބެހެއްޓިފައިވުން. އަދި ވަޅުދޮށް ނިވާކުރެވިފައިވުން.

2.1.3         މުޅި ޢިމާރާތް ހިޔާކޮށްފައިވުން، ނުވަތަ ޢިމާރާތުގެ ކޮންމެވެސް 1 ބައި ވާރެއާއި އަވިން ސަލާމަތްވެވޭ ވަރަށް ހިޔާކޮށް، ދޮރާއި ދޮރުފަތް ހަރުކޮށްފައިވުން.ނުވަތަ ދޮރުތައް  ބަންދު ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައިހުރުމުގެ އިތުރުން ޢިމާރާތުގެ އެބައިގައި ނިދުންފަދަ ޟަރޫރަތުތައް ފުއްދަން ބޭނުންވާ މިންވަރު ހުރުން.

2.1.4        ގޯތީގައި ފާޚާނާކޮށް ތާހިރުވެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.

2.1.5        ގޯތީގައި ކައްކާކެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.

2.1.6        މަތީގައިވާ ކަންތައްތައް ފުރިހަމަ ނުވި ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ފަދަ ޚާއްޞަ ޙާލަތެއް މެދުވެރިވެ، އެކަން ސާބިތުކުރެވޭ މިންވަރަށް ލިޔުންތަކާއެކު ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުން، އިދާރާގެ ފަންނީ މުވައްޒަފުންގެ ވަފުދަކުން ޢިމާރާތް ބެލުމަށްފަހު، އެފަދަ ޙާލަތެއް މެދުވެރިވެފައިވާ ކަން ޔަޤީން ކުރުމަށްފަހު، ތިރީގައި އެވާ ޝަރުތުތައް ފުރިހަމަވާނަމަ، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދެވިދާނެއެވެ.

2.1.6.1  ޢިމާރާތުގެ ބޮޑުމިން 200 އަކަފޫޓަށް ވުރެ ކުޑަނުވުން.

2.1.6.2  ޢިމާރާތުގެ ފުރަތަމަ ބެރި ރޫފިން ބީމާ ހަމައަށް ބިތްތައް 09 (ނުވައެއް)  ފޫޓައްވުރެ ތިރިނުވާވަރަށް ރާނާފައިވުން.

2.1.7        އިމާރާތަށް ކަނޑައަޅާފައިވާ ޑްރޯވިންގ އާއެކު ހިސާބުކޮށްފައިވާ ބިލް އޮފް ކުއަންޓިޓީސް (ބީއޯކިއު) ގެ ޚަރަދުގެ މަދުވެގެން 30 އިން ސައްތަ ހޭދަކޮށް، ބޭންކު ލޯނަކުން ފައިސާ ލިބިގެން ނޫނީ ބާކީއޮތް ބައި ފުރިހަމަ ނުކުރެވޭނެ ހާލަތަކަށް ޢިމާރާތުގެ ވެރިފަރާތުގެ މާލީ ޙާލަތު ދަށްވެގެން، މިފަދަ ޙާލަތުގައި އެކަން ބަޔާންކޮށް ގޯތީގެ ވެރިފަރާތުގެ ސިޓީއެއް ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

2.1.8        މި ޚާއްސަ އުޞޫލުގެ ދަށުން ހަދައިދެވޭ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމަށް ހުށަހަޅާފައިވާ ޢިމާރާތް ބިނާކުރެވޭނެ ކަމަށް އިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް އެދި ހުށަހެޅި ފަރާތުން ތިނަދޫ ކައުންސިލްގެ އިދާރާއަށް ދީފައިވާ މުއްދަތުގައި އެ ޢިމާރާތް ކަނޑައެޅިފައިވާ މިންގަނޑާއި އެއްގޮތައް ބިނާކޮށްފައި ނުވާނަމަ، މި އުޞޫލްގެ ދަށުން ހަދައިދެވުނު ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލު ކުރެވުނުކަން ޢާއްމުކޮށް އިޢުލާން ކުރެވޭނެއެވެ. އަދި އެފަރާތަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދެވޭނީ، 5000 ރުފިޔާގެ ޖޫރިމަނާއެއް ތިނަދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމުންނެވެ. އަދި މިގޮތުން ފިޔަވަޅު އަޅައިފިނަމަ، ބާޠިލްކުރެވުނު ރަޖިސްޓްރީގެ ބަދަލުގައި އެބިމުގައި ބިނާކުރެވޭ ޢިމާރާތެއްގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދޭނީ ޢިމާރާތް ފުރިހަމަކުރިކަން ތިނަދޫ ކައުންސިލްގެ އިދާރާގެ ފަންނީ މުވައްޒަފުންގެ ވަފުދަކުން ޗެކުކުރުމަށްފަހުގައެވެ.

2.2   އެއްބުރިއަށްވުރެ އުސްކޮށް ބިނާ ކުރާ ޢިމާރާތް:

މި ކެޓގަރީގެ ޢިމާރާތްތައް ހެދިފައި ހުންނަންވާނީ ޢިމާރާތް ކުރުމުގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ބިލްޑިންގ ކޯޑާއި ތަޢާރުޟު ނުވާނޭ ގޮތުގެ މަތިން، ޢިމާރާތް ކުރެހުމުގެ ފަންނީ މާހިރަކު ކުރަހައި، ދިވެހި ސަރުކާރުގެ ހައުސިންގ މަސައްކަތަކާއި ބެހޭ މައި ޤައުމީ އިދާރާ ނުވަތަ ހައުސިންގ އާއި ބެހޭ ވުޒާރާއިން ކުރެހުން ފާސްކުރި ކަމުގެ ތަތްގަނޑު ޖަހައި، ތިނަދޫ ކައުންސިލުން ޢިމާރާތްކުރުމަށް އެކްރެޑިޓްކޮށްދީފައިވާ އާރކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑްރޯވިންގ އަށް ބަރޯސާކޮށް، ޢިމާރާތްކުރުމުގެ ތަޖުރިބާ ލިބިފައިވާ، އެފަންނުގެ މަސައްކަތްކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކާއި ޢިމާރާތުގެ ވެރިފަރާތާއި ދެމެދު ވެވޭ ކޮންޓްރެކްޓެއްގެ ދަށުން ފެންވަރު ރަނގަޅު ތަކެތި ބޭނުންކޮށްގެން، ޢިމާރާތުގެ ގިއުގަނޑު ހަދައި ތިރީގައި އެވާ ކަންކަން ފުރިހަމަ ކޮށްފައެވެ.

2.3   ޢިމާރާތަށް ކަނޑައެޅިފައިވާ ޑްރޯވިންގއާއި އެއްގޮތަށް (އިންޖިނިއަރިންގ މިންގަނޑުން ފުރިހަމަ ކުރަންޖެހޭ އެންމެހާ އުންޞުރުތައް ފުރިހަމަކޮށް) ޢިމާރާތުގެ ގިއުގަނޑު ބިނާކުރުމުގެ ގޮތުން، ޢިމާރާތުގެ ލީން ކޮންކްރީޓުކޮށް، ބުޑު (ކޮލަމް ޕެޑް / ޕެޑް ފޫޓިންގ) ތައް ކޮންކްރީޓްކޮށް، ފައުންޑޭޝަން އަޅައި ޑްރޯވިންގ އާއި އެއްގޮތްވާ ގޮތިގެމަތިން ތަނބު (ކޮލަމް) ތައް ކޮންކްރީޓުކޮށްފައިވުން.  

2.4  ގޯތީގައި ސާފު ފެން ނަގައި ބޭނުން ކުރެވޭ ގޮތަށް ވަޅު ބެހެއްޓިފައިވުން. އަދި ވަޅުދޮށް ނިވާކުރެވިފައިވުން.

2.5  ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ / ފުރަތަމަ ޝީޓް ކޮންކްރީޓުކޮށްފައިވުން، ނުވަތަ ޢިމާރާތުގެ ކޮންމެވެސް 1 ބައި ވާރެއާއި އަވިން ސަލާމަތްވެވޭ ވަރަށް ހިޔާކޮށް، ދޮރާއި ދޮރުފަތް ހަރުކޮށްފައިވުން.ނުވަތަ ދޮރުތައް  ބަންދު ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައިހުރުމުގެ އިތުރުން ޢިމާރާތުގެ އެބައިގައި ނިދުންފަދަ ޟަރޫރަތުތައް ފުއްދަން ބޭނުންވާ މިންވަރު ހުރުން.

2.6   ގޯތީގައި ފާޚާނާކޮށް ތާހިރުވެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.

2.7  ގޯތީގައި ކައްކާކެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.

2.8  މަތީގައިވާ ކަންކަންތައްތައް ފުރިހަމަ ނުވި ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ފަދަ ޚާއްޞަ ޙާލަތެއް މެދުވެރިވެ، އެކަން ސާބިތުކުރެވޭ މިންވަރަށް ލިޔުންތަކާއެކު ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުން، އިދާރާގެ ފަންނީ މުވައްޒަފުންގެ ވަފުދަކުން ޢިމާރާތް ބެލުމަށްފަހު، އެފަދަ ޙާލަތެއް މެދުވެރިވެފައިވާ ކަން ޔަޤީން ކުރުމަށްފަހު، ތިރީގައި އެވާ ޝަރުތުތައް ފުރިހަމަވާނަމަ، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދެވިދާނެއެވެ.

2.8.1           ޢިމާރާތުގެ ބޮޑުމިން 200 އަކަފޫޓަށް ވުރެ ކުޑަނުވުން.

2.8.2           ޢިމާރާތުގެ ފުރަތަމަ ޝީޓު ކޮންކްރީޓުކޮށްފައިވުން.

2.8.3             ޢިމާރާތުގެ ފުރުތަމަ ޝީޓު ކޮންކްރީޓް ކުރެވިފައި ނުވާނަމަ، ޢިމާރާތަށް ކަނޑައަޅާފައިވާ ޑްރޯވިންގއާއި އެއްގޮތައް (އިންޖިނިއަރިންގ މިންގަނޑުން ފުރިހަމަ ކުރަންޖެހޭ އެންމެހާ އުންޞުރުތައް ފުރިހަމަކޮށް) ޢިމާރާތުގެ ގިއުގަނޑު ބިނާކުރުމުގެ ގޮތުން ޢިމާރާތުގެ ލީން ކޮންކްރީޓުކޮށް، ބުޑު (ކޮލަމް ޕެޑް / ޕެޑް ފޫޓިންގ) ތައް ކޮންކްރީޓްކޮށް، ފައުންޑޭޝަން އަޅައި ޑްރޯވިންގ އާއި އެއްގޮތްވާ ގޮތުގެމަތިން ތަނބު (ކޮލަމް) ތައް ކޮންކްރީޓްކޮށްފައިވުމާއެކު، ޢިމާރާތުގެ މައިގަނޑު ބިތްތައް 9 ފޫޓް އުސްމިނަށް ރާނާފައިވުން.

2.8.4             އިމާރާތަށް ކަނޑައަޅާފައިވާ ޑްރޯވިންގ އާއެކު ހިސާބުކޮށްފައިވާ ބިލް އޮފް ކުއަންޓިޓީސް (ބީއޯކިއު) ގެ ޚަރަދުގެ މަދުވެގެން 30 އިން ސައްތަ ހޭދަކޮށް، ބޭންކު ލޯނަކުން ފައިސާ ލިބިގެން ނޫނީ ބާކީއޮތް ބައި ފުރިހަމަ ނުކުރެވޭނެ ހާލަތަކަށް ޢިމާރާތުގެ ވެރިފަރާތުގެ މާލީ ޙާލަތު ދަށްވެގެން، މިފަދަ ޙާލަތުގައި އެކަން ބަޔާންކޮށް ގޯތީގެ ވެރިފަރާތުގެ ސިޓީއެއް ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި ޢިމާރާތް ކުރުމަށް ހުއްދަދީފައިވާ ކުރެހުންތަކާއި ޢިމާރާތުގެ މަސައްކަތުގެ ކޮންޓްރެކްޓަރާއި ޢިމާރާތުގެ ވެރިފަރާތާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

2.8.5             މި ޚާއްސަ އުޞޫލުގެ ދަށުން ހަދައިދެވޭ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމަށް ހުށަހަޅާފައިވާ ޢިމާރާތް ބިނާކުރެވޭނެ ކަމަށް އިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް އެދި ހުށަހެޅި ފަރާތުން ތިނަދޫ ކައުންސިލްގެ އިދާރާއަށް ދީފައިވާ މުއްދަތުގައި އެ ޢިމާރާތް ކަނޑައެޅިފައިވާ މިންގަނޑާއި އެއްގޮތައް ބިނާކޮށްފައި ނުވާނަމަ، މި އުޞޫލްގެ ދަށުން ހަދައިދެވުނު ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލު ކުރެވުނުކަން ޢާއްމުކޮށް އިޢުލާން ކުރެވޭނެއެވެ. އަދި އެފަރާތަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދެވޭނީ، 5000 ރުފިޔާގެ ޖޫރިމަނާއެއް ތިނަދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމުންނެވެ. އަދި މިގޮތުން ފިޔަވަޅު އަޅައިފިނަމަ، ބާޠިލްކުރެވުނު ރަޖިސްޓްރީގެ ބަދަލުގައި އެބިމުގައި ބިނާކުރެވޭ ޢިމާރާތެއްގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދޭނީ ޢިމާރާތް ފުރިހަމަކުރިކަން ތިނަދޫ ކައުންސިލްގެ އިދާރާގެ ފަންނީ މުވައްޒަފުންގެ ވަފުދަކުން ޗެކުކުރުމަށްފަހުގައެވެ.

ޖަލްސާގެ ނަންބަރު:  138       ތާރީޚް:   14 އޮކްޓޯބަރ 2020    އުޞޫލު ނަންބަރު:  (PP)415/415/2020/2

 

އުޞޫލުގެ ނަން: ގދ.ތިނަދޫގައި ބަންޑާރަ ނުވަތަ އަމިއްލަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ އުޞޫލް

 

މި އުޞޫލު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން ފާސްކޮށްފީމެވެ.

 

 

29 ނޮވެންބަރު 2020
ހޯދާ