ދިވެހިރާއްޖެ
އިޢުލާން
" ކޮމަންވެލްތް ސެކެރެޓަރީ – ޖެނެރަލްސް އިނޮވޭޝަން ފޯ ސަސްޓޭނަބަލް ޑިވަލޮޕްމަންޓް އެވޯޑްސް " އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
“Commonwealth Secretary -General’s Innovation for Sustainable Development Awards” އަށް ކުރިމަތުލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. މި އަހަރުގެ އެވޯޑުތައް އަމާޒު ކުރެވިފައި ވަނީ ކޮމަންވެލްތް ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވާ އުފެއްދުންތެރި، ކުރިމަގު ބިނާކުރަނިވި ހައްލުތަކުގެ އަގުވަޒަންކޮށް، އެކަންތައްތައް ފާހަގަކޮށް އެއްބާރުލުން ދިނުމާއެކު ކޮމަންވެލްތް ޗާޓަރުގެ ހަމަތައް ކުރިއެރުވުމަށެވެ. މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވަނީ ކޮމަންވެލްތްގައި ހިމެނޭ ޤައުމުތަކުގެ ރައްޔިތުންނަށާއި، މި ޤައުމުތަކަށް ނިސްބަތްވާ ޖަމްޢިއްޔާ/ ޖަމާއަތްތަކަށާއި، އަމިއްލަ ނުވަތަ ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކަށެވެ. އަދި ޚާއްސަ ގޮތެއްގައި އަންހެނުންނާއި ޒުވާނުން މި އެވޯޑަށް ކުރިމަތިލުމަށް ކޮމަންވެލްތުން ބާރުއަޅައެވެ. މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވަނީ 5 ދާއިރާއަކުންނެވެ. މި ދާއިރާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
ދާއިރާތައް:
- ޕީޕަލް (އިންސާނުން): ފަޤީރުކަމާއި ބަނޑުހައިހޫނުކަން ނައްތާލުން.
- ޕްރޮސްޕަރިޓީ (ތިޔާގިކަން): ކާމިޔާބު އަދި ފާގަތި ދިރިއުޅުމެއް ކަށަވަރުކުރުމަށް ޤުދުރަތީ ވެށީގެ މުއްސަނދިކަން.
- ޕްލެނެޓް (ދުނިޔެ): ދުނިޔޭގެ މޫސުމާއި، ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުން.
- ޕީސް (އަމާންކަން): މުޖުތަމަޢުގެ އެންމެހާ ފަރުދުންގެ އަމާންކަމާއި ހަމަހަމަކަން އަދި ސިޔާދަތު ދެމެހެއްޓުން.
- ޕާޓްނަރޝިޕް (ގުޅުން): އެޖެންޑާ 2030 ތަންފީޒުކުރުމަށްޓަކައި ދެމެހެއްޓެނިވި ގުޅުންތައް ވަރުގަދަކުރުން.
މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކޮމަންވެލްތް ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ލަނޑުދަނޑިތަށް ހާސިލްކުމަށްޓަކައި ކޮންމެ ދާއިރާއަކުން އެންމެ ޤާބިލް، އުފެއްދުންތެރި 3 (ތިން) ހުށަހެޅުމެއް މިނިވަން ފަނޑިޔާރުންގެ ޓީމަކުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ހޮވާލެވޭ 15 (ފަނަރަ) ފަރާތަކަށް ޓްރޮފީ އާއި ހަނދާނީ ލިޔުން އަދި £3000 (ތިން ހާސް) ޕައުންޑްގެ ފައިސާގެ އިނާމެއް ލިބިގެން ދާނެއެވެ.
މި އެވޯޑާއި ގުޅޭގޮތުން އިތުރު މައުލޫމާތު އަދި އޮންލައިން ނޮމިނޭޝަން ފޯމް ތިރީގައިވާ ވެބްސައިޓްއިން ލިބެންހުންނާނެއެވެ.
އަދި މި އެވޯޑާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ބޭނުންފުޅުވެ ލައްވާނަމަ ހެޑް އޮފް އިނޮވޭޝަން އެންޑް ޕާރޓްނަރޝިޕްސް އަބީކް ސެން [email protected] ނުވަތަ އިނޮވޭޝަން އޮފިސަރ ޓީމް ބާލިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މި އެވޯޑަށް އޮންލައިންކޮށް ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީހަކީ 31 ޖަނަވަރީ 2021 އެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.