މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމުގެ އުސޫލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

އިޢުލާން

ގޯތި ދޫކުރުމުގެ އުޞޫލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:

މިރަށުން އަލަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާ 53 ގޯތި ދޫކުރުމަށްޓަކައި މިކައުންސިލުން އެކުލަވާލާފައިވާ "މުލަކަތޮޅު މުލިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް" އަށް ޚިޔާލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިއުޞޫލަށް ޚިޔާލް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 24 ނޮވެންބަރ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ޚިލާލު ހުށަހެޅުމަށް އެދޭ ފޯމް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމަށް ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

           08 ނޮވެންބަރ 2020

 

މުލަކަތޮޅު މުލިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް:

1- މިއީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ހުއްދައިގެ ދަށުން، މުލަކަތޮޅު މުލިން މިހާރު ދޫކުރުމަށް ހަމަޖެހިފައިވާ 53 ގޯތި ދޫކުރުމުގައި އަމަލުކުރާނެގޮތުގެ އުޞޫލެވެ.

2- މުލަކަތޮޅު މުލިން މިއުޞޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗަށް އެދިހުށަހެޅޭނީ، މުލަކަތޮޅު މުލީ ކައުންސިލުގެ އިދާރާއިން ދޫކުރާ އެގޯތިތައް ދޫކުރުމަށް ޚާއްޞަކުރެވިފައިވާ ގޯއްޗަށްއެދޭ ފޯމުންނެވެ.

3- ގޯއްޗަށް އެދޭ ފޯމު ހުށަހެޅިކަމަށް ބެލޭނީ، ފޯމުހުށަހެޅުމަށް އިޢުލާނުގައި ކަނޑައަޅާ މުއްދަތުގައި، ފޯމާއެކު ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެހައި ލިޔެކިޔުންތަކާއެކު ފޯމު ހުށަހަޅާފައިވާނަމައެވެ. މުއްދަތުގެ ފަހުން ހުށަހަޅާ ފޯމާއި، ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމު ބަލައެއް ނުގަނެވޭނެއެވެ. އަދި އެފަދަ ފޯމެއް ކައުންސިލަށް ބަލައިގަނެފައި އޮތްނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ހުށަހަޅާފައިވާ ފޯމާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް އެކަން ބަޔާންކޮށް އަނބުރާ ރައްދުކުރަންވާނެއެވެ.

4- ގޯތިދޫކުރުން ކުރިއަށްގެންދާނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން 07 މެމްބަރުންގެ ކޮމިޓީއަކުންނެވެ. މިގޮތުން ކޮމިޓީގައި ހިމެނޭނީ، މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ  02 މުވައްޒަފުންނާއި، މ.އަތޮޅުތައުލީމީމަރުކަޒުގެ މުވައްޒަފަކާއި، މުލީ ރީޖަނަލްހޮސްޕިޓަލްގެ މުވައްޒަފަކާއި، މުލަކަތޮޅު މުލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރަކާއި، މުލި ރައްޔިތުންގެ ތެރޭގައި ހިމެނޭ އާއްމުންގެ ތެރެއިން މެންބަރަކާއި، މުލަކަތޮޅު އަތޮޅު ކައުންސިލުން ކަނޑައަޅާ ފަރާތެކެވެ.

5- މުލަކަތޮޅު މުލީ ކައުންސިލް އިދާރާއިން ކޮމިޓީއަށް ކަނޑައަޅާ އިދާރީ މުވައްޒަފުން ކަނޑައަޅާނީ ސެކްޝަންތަކުގެ މަޝްވަރާގެމަތީން ކައުންސިލްގެ ބައްދަލުވުމަކުންނެވެ. އާއްމުންގެ ތެރެއިން ކޮމިޓީގައި ހިމަނާ މެމްބަރު ކަނޑައަޅާނީ އެކަމަށްޓަކައި ކުރެވޭ އާއްމު އިޢުލާނަށް ކުރިމަތިލާ ފަރާތެކެވެ. 1 ފަރާތަށްވުރެ ގިނަފަރާތުން ކުރިމަތިލައިފިނަމަ މެމްބަރަކު ހޮވާނީ ގުރުއަތުލައިގެންނެވެ. އާއްމުންގެ ތެރެއިން އެއްވެސް ފަރާތަކުން ކުރިމަތިނުލައިފިނަމަ ކައުންސިލްގެ ފަރާތުން އެޖާގައަށް މެމްބަރަކު އައްޔަންކުރެވިދާނެއެވެ.

 

ކޮމިޓީގެ އެއްވެސް މަސައްކަތެއް ކުރަންވާނީ މަދުވެގެން 05 މެންބަރުންގެ ހާޟިރުގައެވެ. އެއްވެސް ސަބަބަކާހުރެ އެއްވެސް މެންބަރަކު ކޮމިޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އެމެންބަރެއްގެ ބަދަލުގައި މެންބަރަކު ހަމަޖައްސާނީ އެ މެންބަރަކު އައްޔަންކުރިގޮތަކަށެވެ. ކޮމެޓީއިން މެންބަރަކު ވަކިވާން ބޭނުންވެއްޖެނަމަ، ވަކިވާން ބޭނުންވާ ސަބަބު ބަޔާންކޮށް ކޮމެޓީއިން ވަކިކޮށްދިނުމަށްއެދި ސިޓީއަކުން މުލަކަތޮޅު މުލި ކައުންސިލްގައި އެދެންވާނެއެވެ. މިގޮތަށް މެންބަރަކު ވަކިވާން އެދުމުން އެ މެންބަރަކު ވަކިކުރުމާއިމެދު ކޮމެޓީއިން ވަކިގޮތެއް ނިންމަންވާނެއެވެ.

 

6- ކޮމެޓީގެ އެއްވެސް މެންބަރަކީ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތެއް ނުވަތަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ދަރިއެއް ނުވަތަ އަނތްބެއް ނުވަތަ ފިރިއެއް ކަމުގައި ވެގެންނުވާނެއެވެ. ކޮމެޓީގެ އެއްވެސް މެންބަރަކީ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތެއް ނުވަތަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ދަރިއެއް ނުވަތަ އަނތްބެއް ނުވަތަ ފިރިއެއްކަން ފާހަގަކުރެވިއްޖެނަމަ، އެންމެއަވަހަށް އޮންނަ ކޮމެޓީގެ ބައްދަލުވުމަކުން އެ މެންބަރު ކޮމެޓީއިން ވަކިކުރަންވާނެއެވެ. އަދި ގޯއްޗަށްއެދި ހުށަހަޅާ އެނޫންވެސް ފަރާތަކާ މަޞްލަޙަތު ފުށުއެރުމެއް އޮތްކަމަށް ބެލެވޭފަދަ ފަރާތެއްނަމަ، އެފަރާތަކުން ކޮމިޓީގެ މަސައްކަތްތަކުގައި ބައިވެރިނުވެ، އެކަން އަންގައި ކޮމިޓީން ވަކިވާންވާނެއެވެ. ތިމާގެ ކަމުގެ ދަރަޖަ މި މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް ނޫން، އެހެން ފަރާތަކާ އޮތް ގުޅުމެއްގެ ސަބަބުން މަޞްލަޙަތު ފުށުއެރުމެއް އޮތްކަމަށް ބެލެވޭނަމަ، އެފަރާތަކީ މަޞްލަޙަތު ފުށުއެރުން އޮތްފަރާތެއްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ކަނޑައަޅާނީ، އެކަމާގުޅޭ މަޝްވަރާތަކުގައި އެފަރާތުން ބައިވެރިނުވާގޮތަށް ބޭއްވޭ ކޮމެޓީގެ ބައްދަލުވުމަކުންނެވެ.

7- މިއުޞޫލުގެދަށުން ދޫކުރެވޭނީ 1800 އަކަފޫޓާ 2000 އަކަފޫޓްގެ 53 ގޯއްޗެވެ.

8- 53 އަށްވުރެ ގިނަ ފަރާތްތަކުން ގޯއްޗަށް އެދި ހުށަހަޅާފައިވާނަމަ ގޯތި ދޫކުރެވޭނީ މި އުސޫލުގެދަށުން އެންމެ މަތިން މާކްސް ލިބޭ53  ފަރާތަކަށެވެ. ތަފާތު އެކި ދަރަޖައިގައިވެސް އެކި ފަރާތްތަކުގެ މާކްސް އެއްވަރުވާނަމަ، ގޯތި ދޫކުރެވޭނީ މާކްސްގެ ގޮތުން އެއްވަރުވި ފަރާތްތައްވެސް ހިމެނޭގޮތުން އެންމެ މަތިން މާކްސް ލިބޭ ޖުމުލަ 53 ފަރާތަށެވެ.

9- އެންމެ ފަހު ޖާގައަށް މާކްސްގެ ގޮތުން އެއްވަރުވެގެން އެއް ފަރާތަށް ވުރެ ގިނަ ފަރާތް އަތުވެއްޖެނަމަ، އެ ގޯތި ނުވަތަ އެގޯތިތަކެއް ލިބޭ ފަރާތްތައް ކަނޑައަޅާނީ އެއްވަރުވާ ހުރިހާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

10-ޕޮއިންޓް ލިބޭ މިންވަރަށްބަލައި އިސްކަންދޭ ތަރުތީބުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ދެމަފިރިއަކު ހޮވިއްޖެނަމަ ގޯތި ދޫކުރެވޭނީ އޭގެ ތެރެއިން އެންމެ މަތީ ޕޮއިންޓް ލިބޭ މީހަކަށް އެކަންޏެވެ. ދެމަފިރިންކުރެ މަދުން ޕޮއިންޓްލިބޭ ފަރާތް ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓުން އުނިކޮށް އެފަރާތުގެ ފޯމު ބާޠިލުކުރެވޭނެއެވެ.

11- ގޯއްޗަށް އެދި ހުށަހަޅާފައިވާ ދެމަފިރިން ޕޮއިންޓްގެ ގޮތުން އެއްވަރުވާ ޙާލަތުގައި ދެމަފިރިންކުރެ ގޯތި ލިބިގަންނާނެ ފަރާތަކާމެދު ދެފަރާތުން އެއްބަސްވެއްޖެނަމަ، ދެފަރާތުން އެއްބަސްވާގޮތް ކޮމިޓީގެ ޙާޟީރުގައި ބަޔާންކޮށް ކޮމިޓީއަށް ބަޔާންދީ ދެފަރާތުން ސޮއިކުރަންވާނެއެވެ. އަދި ބަޔާން ދިން އިރު ޙާޟިރުވެ ތިބި ކޮމިޓީގެ މެންބަރުން ބަޔާނުގައި ސޮއިކުރަންވާނެއެވެ.

12- ގޯއްޗަށް އެދި ހުށަހަޅާފައިވާ ދެމަފިރިން ޕޮއިންޓްގެ ގޮތުން އެއްވަރުވާ ޙާލަތުގައި ދެމަފިރިންކުރެ ގޯތި ލިބިގަންނާނެ ފަރާތަކާމެދު އެއްބަސް ނުވެވިއްޖެނަމަ ގޯތިލިބޭ މީހެއް ކަނޑައަޅާނީ ކޮމެޓީގެ ޙާޟިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ. އެގޮތުން ގުރުއަތުން ގޯތި ލިބުމަށް ކަނޑައެޅުނު ފަރާތަކީ ކޮބައިކަން ނޯޓުކޮށް ޙާޟިރުވެ ތިބި ކޮމިޓީގެ މެންބަރުން ސޮއިކުރަންވާނެއެވެ.

 

13- ގޯއްޗަށް އެދޭ މީހުންގެ ހުންނަންވާނެ ޝަރުޠުތައް

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ) ޢުމުރުން 18 އަހަރުވެފައިވުން.

(ނ) ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.

(ރ) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދިރުއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.

(ބ) ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

(ޅ) އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

(ކ) ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސްރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައިނެތުން.

(އ) ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކޮށް، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތި ނުލިބޭނެގޮތެއް ބަލާ، އެމީހަކީ، ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް، މި އުޞޫލުގެ 4 ވަނަ މާއްދާގައި ބުނާ ކޮމެޓީއަށް ފެނުން.

 

14- ޕޮއިންޓުދޭ ތާވަލު

މި އުޞޫލުގެ ދަށުން ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓު ދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

ޕޮއިންޓްލިބޭ ބައިތައް

1

ރަށްވެހިކަމުގެ ބައި

1.1

މުލީގެ ރަށްވެއްސެއްނަމަ

10

1.2

ރަށްވެހިވެފައިވާ ރަށް ދޫކޮށް މުލީގައި ދިރިއުޅޭތާ 5 އަހަރުވެފައިވާނަމަ

5

1.3

މުލީގެ ރަށްވެއްސެއްގެ ގޮތުގައި މެދުކެނޑުމެއްނެތި މުލިގައި ދިރިއުޅެމުންދާތާ 5 އަހަރުވެފައިވާނަމަ

15

1.4

މުލީގެ ރަށްވެއްސެއްގެ ގޮތުގައި މެދުކެނޑުމެއްނެތި މުލީގައި ދިރިއުޅެމުންދާތާ 7 އަހަރުވެފައިވާނަމަ

20

1.5

މުލީގެ ރަށްވެއްސެއްގެ ގޮތުގައި މެދުކެނޑުމެއްނެތި މުލިގައި ދިރިއުޅެމުންދާތާ 10 އަހަރުވެފައިވާނަމަ

25

2

ޢުމުރުގެ ބައި

2.1

18 އަހަރު ފުރި 26 އަހަރު ފުރިފައިނުވާނަމަ

7

2.2

26 އަހަރު ފުރި 56 އަހަރު ފުރިފައިނުވާނަމަ

10

2.3

56 އަހަރު ފުރިފައިވާނަމަ

5

3

ކައިވެނީގެ ބައި

3.1

ކައިވެނިކޮށްގެން އުޅޭނަމަ

20

3.2

ކުރިން ކައިވެންޏެއްކޮށް، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ

15

3.3

ކައިވެންޏަށް 1 އަހަރު ވެފައިވާނަމަ، އަހަރަކަށް 1 ޕޮއިންޓު

(މިގޮތަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓު)

6

4

ދަރިންގެ ބައި

4.1

18 އަހަރުން ދަށުގެ ދަރިއަކުހުރިނަމަ

5

4.2

18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް

(މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް)

4

4.3

ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކު ހުރިނަމަ

4

4.4

ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ 1 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް

(މިބަޔަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓް)

3

ޕޮއިންޓު އުނިކުރެވޭނެ ޙާލަތްތަކާއި އުނިކުރެވޭނެ މިންވަރު

5

ގޯއްޗަށް އެދޭމީހާއަށް ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބަޔަކާމެދު ޢަމަލުކުރިގޮތް

5.1

މުލިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ވޭތުދިޔަ  10 އަހަރު ތެރޭގައި ވިއްކާފައިވާނަމަ ނުވަތަ ދީފައިވާނަމަ ނުވަތަ ދޫކޮށްލާފައިވާނަމަ

20

6

މަންމަގެ ގޯއްޗެއް ނުވަތަ ބައްޕަގެ ގޯއްޗެއް ނުވަތަ އެ ދެމީހުންގެ އެއްމެދު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށެއްގައި އޮވެފައި ގޯތި ލިބިފައިނުވާ ދަރިންގެ މެދުގައި ބެހުމުން ބަޔަކަށްޖެހޭ އަދަދު

6.1

މަންމައާއި ބައްޕަގެ އެއްމެދު ގޯތި

6.1.1

600 އަކަފޫޓާއި 800 އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި އޮތްނަމަ

5

6.1.2

800 އަކަފޫޓާއި 1200 އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި އޮތްނަމަ

10

6.1.3

1200 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި އޮތްނަމަ

15

6.2

ބައްޕަގެ ގޯތި

6.2.1

600 އަކަފޫޓާއި 800 އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި އޮތްނަމަ

5

6.2.2

800 އަކަފޫޓާއި 1200 އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި އޮތްނަމަ

10

6.2.3

1200 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި އޮތްނަމަ

15

6.3

މަންމަގެ ގޯތި

6.3.1

600 އަކަފޫޓާއި 800 އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި އޮތްނަމަ

5

6.3.2

800 އަކަފޫޓާއި 1200 އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި އޮތްނަމަ

10

6.3.3

1200 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި އޮތްނަމަ

15

މި މާއްދާގެ ބޭނުމަށް ގޯތި ލިބިފައިނުވާ ދަރިންކަމުގައި ބަލާނީ އެ ދަރިއަކަށް ނުވަތަ އެ ދަރިއެއްގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިނުވާނަމައެވެ.

7

ގޯއްޗަށް އެދޭފަރާތުގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން ބިމެއް ލިބިފައި އޮތްނަމަ

7.1

އެއްމެދު ގޯތި

7.1.1

600 އަކަފޫޓާއި 800 އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި އޮތްނަމަ

3

7.1.2

800 އަކަފޫޓާއި 1200 އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި އޮތްނަމަ

5

7.1.3

1200 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި އޮތްނަމަ

8

7.2

ބައްޕަގެ ގޯތި

7.2.1

600 އަކަފޫޓާއި 800 އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި އޮތްނަމަ

3

7.2.2

800 އަކަފޫޓާއި 1200 އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި އޮތްނަމަ

5

7.2.3

1200 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި އޮތްނަމަ

8

7.3

މަންމަގެ ގޯތި

7.3.1

600 އަކަފޫޓާއި 800 އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި އޮތްނަމަ

3

7.3.2

800 އަކަފޫޓާއި 1200 އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި އޮތްނަމަ

5

7.3.3

1200 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި އޮތްނަމަ

8

8

ގޯއްޗަށް އެދޭ ފަރާތުގެ މަންމަ ނުވަތަ ބައްޕަގެ ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ ހަމައެކަނި ގޯއްޗަށް އެދިފައިވާ މީހާއަށްކަމަށްވާނަމަ

10

9

ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނިޔާވެ، ހުވަފަތްވެފައިވާތީ އެމީހާ ދިރިއުޅެނީ ނިޔާވެފައިވާ ފިރިމީހާ ނުވަތަ އަނބިމީހާގެ ގެދޮރުގައި ކަމަށްވާނަމަ، ނުވަތަ ދަރިއެއްގެ އަމިއްލަ ގެދޮރުގައި ކަމަށްވާނަމަ

20

15- އިތުރު މަޢުލޫމާތު:

(ހ) ތާރިޚް ނުވަތަ މުއްދަތު ބަލަންޖެހޭ ތަންތަނުގައި ބަލާނީ ގޯއްޗަށްއެދި ފޯމް ހުށަހަޅަން ކުރާ އިޢުލާނުގައި ފޯމް ހުށަހެޅުމަށް ދީފައިވާ އެންމެފަހު ތާރީޚަށެވެ.

(ށ) ރަށްވެހިކަން ކަށަވަރުކުރާނީ ރަށުކައުންސިލް އިދާރާގެ ރަށްވެހިކަމާބެހޭ ލިޔެކިޔުންތަކުންނެވެ. ގޯއްޗަށް އެދިފައިވާ ފަރާތަކީ މުލީގެ ރަށްވެއްސަކަށްވެފައި، ރަށުން ބޭރުގައި ދިރިއުޅެނީ ވަޒީފާއަދާކުރުމުގެ ބޭނުމުގައި ނުވަތަ ތަޢުލީމު ހާސިލްކުރުމުގެ ބޭނުމުގައި ނުވަތަ ބޭސްފަރުވާކުރުމަށްކަމަށްވެފައި، ފިރިމީހާ ނުވަތަ އަނބިމީހާގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވަނީ މުލީގައިކަމަށްވާނަމަ، އެފަރާތަކީ މުލީގައި ދިރިއުޅޭ ފަރާތެއްގެގޮތުގައި ބެލޭނެއެވެ.

(ނ) ގޯއްޗަށް އެދޭމީހާ، މީހަކާ ކައިވެނިކޮށްގެން އުޅޭކަން ކަށަވަރުކުރުމުގައި ބަލާނީ، ފޯމާއެކު ހުށަހަޅާ އެމީހަކު މީހަކާ ކައިވެނިކޮށްގެން އުޅޭކަން އެނގޭނެ ޝަރުޢީ ލިޔުމުންނެވެ. އެއްކައިވެންޏަށްވުރެ ގިނަ ކައިވެނި ކޮށްފައިވާ ފަރާތްތަކަށް ހުރިހައި ކައިވެނީގެ ޖުމްލަ މުއްދަތަށް ޕޮއިންޓު ދެވޭނެއެވެ.

(ރ) ގޯއްޗަށް އެދޭމީހާގެ ބައްޕަ/މަންމަ ގެ ގޯތިން ލިބިދާނެ ބައި ކަމަށްބަލާނީ އެގޯތީގެ އަކަމިން މަންމަ/ބައްޕަގެ މިހާރު ދުނިޔޭގައިތިބި ގޯތިލިބިފައިނުވާ ދަރިންގެ މެދުގައި ބެހުމުން ގޯއްޗަށް އެދޭ މީހާއަށް ލިބެން އޮތް މިންވަރެވެ. (ފޯމްހުށަހެޅުމުގެ އެންމެ ފަހު ތާރީހާ ހަމައަށް).

(ބ) ފޯމާއި އެކު ހުށައަޅަންވާނީ މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީއެވެ.

(ޅ) ފޯމާއެކު ހުށަހެޅުމަށް ފޯމުގައި ބުނާ ހުރިހާ ލިޔުމެއް ހުށައަޅަންވާނެއެވެ. އެއްވެސް ލިޔުމެއް މަދުވެއްޖެނަމަ އެފޯމެއް ބަލައެއް ނުގަނެވޭނެއެވެ. ނަމަވެސް މިއިދާރާގެ އިހްމާލުން އެއްވެސްކަމެއް ގޯސްކޮށް ހިނގާފައިވާނަމަ، ފޯމުތައް ބަލައިގަތުމަށްފަހު ޝަކުވާ ހުށައެޅުމަށް ހުޅުވާލެވޭ މުއްދަތުގައި އެކަމެއް ރަނގަޅުކުރުމަށް ޝަކުވާ ހުށައެޅުމުގެފުރުޞަތު އެފަރާތަކަށް ދެވޭނެއެވެ.

(ކ) ފޯމް ބަލައިގަންނައިރު ފޯމް ހުށައަޅާމީހާގެ ހާޒިރުގައި ފޯމްގައިވާ ހުރިހާ ބަޔަކަށް މަޢުލޫމާތު ހިމަނާފައިވޭތޯ ނުވަތަ ހުރިހާ ބަޔަކަށް ޖަވާބު ދީފައިވޭތޯ ޗެކްކުރެވޭނެއެވެ. އަދި މިގޮތުން ޗެކްކުރުމުގައި އެއްވެސް މަޢުލޫމާތެއް ހިމެނިފައިނުވާނަމަ  އެކަމެއް ރަނގަޅުކޮށްގެން ގެނައުމަށް ފޯމް އަނބުރާ ފޮނުވާލެވޭނެއެވެ. ފުރިހަމަ މަޢުލޫމާތު ބަޔާންކުރުމަކީ ފޯމް ހުށައަޅާފަރާތުގެ ޒިންމާއެކެވެ. އަދި ފޯމު ބަލައިގަތުމަށްފަހުގައިވެސް ފޯމުގައި ދޮގު މަޢުލޫމާތު ނުވަތަ ޞައްޙަނޫން މަޢުލޫމާތެއް ވާކަން ފާހަގަވެ އެކަން ޔަޤީންވާ ހިސާބުން އެފަރާތެއްގެ ފޯމް ބާޠިލް ކުރުމުގެ އިޙްތިޔާރު މިއުޞޫލުގެ 4 ވަނަ މާއްދާގައި ބުނާ ކޮމެޓީއަށް ލިބިގެން ވެއެވެ.

(އ) ފޯމުގެ އެއްވެސްތަނެއްގައި ޓިޕެކްސްޖަހާފައި ހުރެގެން ނުވާނެއެވެ. އަދި  ރޮނގުދަމައިގެން ތަނެއް/ބައެއް ކަނޑާފައިވާނަމަ އެތަނެއްގެ ކައިރީގައި ނުވަތަ އެބައެއްގައި ސާފުކޮށް އެނގޭގޮތަށް ފޯމު ހުށައަޅާފަރާތުން ސޮއިކުރަންވާނެއެވެ.

(ވ) ފޯމް ބަލައިގަންނާނީ މުލަކަތޮޅު މުލީ ކައުންސިލް އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި މުލަކަތޮޅު މުލި ކައުންސިލުގެ އިދާރާއިން ނުވަތަ މުލަކަތޮޅު މުލީ ކައުންސިލުގެ އިދާރާއިން ކަނޑައަޅާ ތަނަކުންނެވެ.

(މ) ގޯތި ދޫކުރުމުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލަން ބޭނުންވާ އާއްމުރައްޔިތުންނަށް މަސައްކަތް ހިނގާނުހިނގާގޮތް ބެލުމުގެ ފުރުޞަތުދެވޭނެއެވެ. މިގޮތަށް މަސައްކަތް ހިނގާގޮތް ބެލުމުގެ ފުރުޞަތު ދެވޭނީ އެއްވަގުތެއްގައި ގިނަވެގެން 3 މީހުންނަށެވެ.

(ފ) ގޯއްޗަށް އެދި ހުށައަޅާފައިވާ ވަކި ފަރާތަކުން އެފަރާތުގެ ހުށައެޅުމާގޮޅޭގޮތުން ނުވަތަ ގޯތިދޫކުރުމުގެ ކަންކަމާގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް އެދި ހުށައެޅުމާއި، ބޭނުންވާ ކަމަކަށް އެދިހުށައެޅުން ފަދަ ކަމެއް ކުރަންވާނީ މުލަކަތޮޅު މުލި ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށައަޅައިގެންނެވެ. އެނޫން ގޮތަކަށް ދެކެވޭ ވާހަކައަކުން ލިބިފައިވާ މަޢުލޫމާތެއް ނުވަތަ ބުނެފައިވާ ވާހަކައެއް އެއީ މުލަކަތޮޅު މުލީ ކައުންސިލުން ރަސްމީ ސިފައެއްގައި އެފަރާތަށް ދީފައިވާ ޔަގީންކަމެއް ކަމުގައި ސާބިތު ކުރެވޭނެ ކަމެއްނޫނެވެ.

(ދ) މިއުޞޫލުގައި ނުހިމެނޭކަމެއް ދިމާވެއްޖެނަމަ އެކަމަކާއިމެދު ގޮތްނިންމާނީ މުލަކަތޮޅު މުލީ ކައުންސިލްގެ މަޝްވަރާގެމަތިން މިއުޞޫލުގެ 4 ވަނަ މާއްދާގައި ބުނާ ކޮމެޓީއިންނެވެ.

 

                                                               

08 ނޮވެންބަރު 2020
ހޯދާ