ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ ކަލައިދޫން ބަންޑާރަގޯތި ދޫކުރުން

         ހައްދުންމަތީ ކަލައިދޫން ގޯއްޗަށް އެދޭ ފަރާތްތަކަށް 18 އޮކްޓޯބަރ 2020 އިން ފެށިގެން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މިގޮތުން މި ބުރުގައި މިރަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 3000 އަކަފޫޓުގެ 35 ގޯއްޗެވެ.

         ގޯއްޗަށް އެދުމުގެ ޝަރުތުހަމަވާ ފަރާތްތަކުން " ދިރިއުޅަށްޓަކައި ހައްދުންމަތީ ކަލައިދޫން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު 05 ނޮވެމްބަރ 2020 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

         ގޯއްޗަށް އެދޭ ފޯމް ދޫކުރުމާއި ފޯމް ބައިލަގަތުން އޮންނާނީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން މެނދުރު 12:00 އާ ދެމެދުއެވެ. ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދޭ މީހާ ނުވަތަ އެނާގެ ބަދަލުގައި ފޮނުއްވާ މީހަކު މި އިދާރާއަށް ދުރުވުމުންނެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއެއް ފޮނުއްވަން ވާނެއެވެ. އެ ސިޓީގައި ފޯމު ޙަވާލުވުން ނުވަތަ ހުށަހެޅުމަށް ފޮނުއްވާ މީހާގެ ނަމާއި އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އޮންނަންވާނެއެވެ.

 ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް: 

  1. ދިވެހި ރައްޔިތަކު ކަމުގައިވުން
  2. އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން.
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.
  5. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ލިބި، ނުވަތަ ލިބެންއޮތް ނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.
  6. ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވުން.
  7. އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.

 

ގޯތި ދޭ ކޮމިޓީން ރިޢާޔަތްކުރާނެ ކަންކަން:

  1. ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތި ނުނެގޭނެ ގޮތެއް ބަލައި، ދެމަފިރިންގެ ތެރެއިން  ގޯއްޗަށް އެންމެ ޙައްގުވެރި ފަރާތަށް ގޯތި ދިނުން، މިގޮތުން ދެމަފިރިން ގޯއްޗަށް އެދިފައިވާނަމަ ދެމަފިރިންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަށް ގޯތި ދޫކުރުން. ދެމަފިރިންނަށް ލިބިފައިވާ ޕޮއިންޓް އެއްވަރު ވެފައިވާނަމަ، ދެމަފިރިން ވާހަކަ ދައްކައިގެން ގޯތި ދޭނެ ފަރާތެއް ނިންމައި ލިއުމުން އެކަން ކައުންސިލަށް އެންގުން އަދި ދެމަފިރިންގެ ތެރެއިން ގޯތި ނަގާނެ ފަރާތެއް ކަނޑައެޅުމުގައި ދެމަފިރިންނަށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ގުރުއަތުލައިގެން ގޯތިދޭނެ ފަރާތެއް ކަނޑައެޅުން.
  2. ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެގޯއްޗަކާ މެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް ގޯތި ކޮމިޓީއަށް ފެނުން (ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހުން ކަށަވަރުކުރާނީ ގޯއްޗަށް އެދޭ ފަރާތުން ހުށަހަޅާ ޝަރުޢީ ލިޔުމުގެ މައްޗަށެވެ).
  3. ބަންޑާރަގޯތި ދޫކުރުމުގައި ގޯއްޗަށް އެދިކުރިމަތިލާ އެއްވެސް ފަރާތަކަށް ދެގޯތި ނުލިބޭނެކަން ކަށަވަރު ކުރުމަކީ، ޤާނޫނު ނަންބަރު 2002/1 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އިން ލާޒިމްކުރާ ކަމަކަށްވާތީ  ގޯއްޗަށް އެދި ކުރިމަތިލާ އެއްވެސް ފަރާތަކަށް ދެގޯތި ނުލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި އެފަރާތަކަށް ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެން އޮތްބައި ދޫކޮށްލަން އެއްބަސްވާ އިޤްރާރު ހުށަހެޅުން. މިދެންނެވި އިޤްރާރު ހުށަނާޅާ އެއްވެސް ފަރާތަކަށް ގޯތި ދޫނުކުރެވޭނެއެވެ.

 

  • ގޯތި ލިބޭގޮތް:

          ގޯތި ލިބޭ މީހުން ހޮވާނީ ގޯތި ހޯދުމަށް ހުށަހަޅާފައިވާ އެންމެނަށް ޕޮއިންޓް ދިނުމަށްފަހު ޕޮއިންޓް ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބުނު މީހުންގެ ތަރުތީބުންނެވެ. މިގޮތުން ޕޮއިންޓް ތަރުތީބުން ގޯތި ދެމުން އައިސް އެންމެ ފަހު ގޯއްޗާއި ހަމައިން އެއްފަރާތަށްވުރެ ގިނަ ފަރާތުގެ ޕޮއިންޓް އެއްވަރުވެފައި ވާނަމަ އެ ގޯތި ލިބޭފަރާތް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނި އިތުރު ބަލާނީ ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚާއި ހަމައަށެވެ. މިގޮތުން ފޯމު ހުށަހެޅުމަށްފަހު އެއްވެސް މީހެއްގެ މަޢުލޫމާތަކަށް ބަދަލެއް އައިސްފައިވާނަމަ އެކަން ލިޔުމުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. ގޯތި ދިނުމާއިބެހޭ އެންމެހައި ކަންކަން ބަލަހައްޓާނީ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދިނުމުގެ ޤަވާޢިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީންނެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6800730 ފޯނަށެވެ.

          ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 އޮކްޓޫބަރު 2020
ހޯދާ