ދިވެހިރާއްޖެ
ރަށުގެ އިޖުތިމާއީ ހަމަޖެހުން ހިފެހެއްޓުމަށާއި އިޤްތިސާދީ ފުއްދުންތެރިކަން ޤާއިމު ކުރުމަށާއި އާއްމު އިޖުތިމާއީ މައްސަލަތައް ކުޑަކުރުމަށް، ރަށުގެ ވެއްޓަކީ ބެލެހެއްޓެނިވި ތަނެއްގެ ގޮތުގައި ހެދުމަކީ މުހިއްމު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއްކަމަށް ފެންނާތީއާއި، އަދި ރަށުގެ އާއްމު މަސްލަހަތާއި ގުޅުންހުރި މައްސަލަތަކަށް އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ބިދޭސީން ރަށަށް އެތެރެކުރުމާއި އަދި ރަށުގައި ގެންގުޅޭ ބިދޭސީންނާއި މެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ކަނޑައަޅާ އަދި އެފަދަ ކަންކަމާއި ޚިލާފުވާ ފަރާތްތަށް، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒު ކުރުމާއި ގުޅޭ ޤާނޫނު" ގެ 143 ވަނަ މާއްދާގެ ދަށުން ކައުންސިލުން ކުރި އަމުރަކާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅާ ޖޫރިމަނާ ކުރުމަށް ކައުންސިލްގެ 03 ވަނަ ދައުރުގެ 112 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.
އެގޮތުން ރަށަށް އެތެރެވާ ބިދޭސީންނާއި އަދި ރަށުގައި ދިރިއުޅޭ ބިދޭސީންނާއި މެދު ޢަމަލުކުރުމަށް ކައުންސިލުން ނިންމާފައިވާ އުޞޫލުތައް ތިރީގައި އެވަނީއެވެ.
ރަށަށް ބިދޭސީން އެތެރެކުރުމަށް ޢަމަލު ކުރާނެ ގޮތުގެ އުޞޫލު
- ރަށަށް ބިދޭސީން އެތެރެކުރަން ބޭނުންވާ ފަރާތްތަކުން ކައުންސިލަށް ހުށަހަޅާ ހުއްދަ ހޯދުމަށްފަހު ނޫނީ ރަށަށް ބިދޭސީން އެތެރެނުކުރުން ( ބިދޭސީން ރަޖިސްޓަރީ ވުމަށް އެދޭ ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ. )
- ކައުންސިލްގެ ހުއްދަނެތި ޤަވާއިދާ ހިލާފަށް ބިދޭސީން ގެންނަ އުޅަނދުފަހަރުގެ ވެރިފަރާތް އަދި ކެޕްޓަން މި އުޞޫލުގެ ދަށުން ޖޫރިމަނާކުރުން.
ރަށުގައި ގެންގުޅޭ ބިދޭސީންނާއި މެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު
- ބިދޭސީން ރަށުގައި އުޅުމުގެ ހުއްދަ ދެވިފައިވާކަން އަންގާދޭ ކާޑު ހެއްދުން ( ރަށުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން ކާޑު ހެއްދުމަށް މިއިދާރާއަށް ދުރުވެ ރަޖިސްޓަރީ ކުރުން. ރަޖިސްޓަރީ ވުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. )
( މިކާޑަކީ ކޮންމެ 6 މަހަކުން މުއްދަތު ހަމަވާ ގޮތަށް މިއިދާރާއިން ހައްދައިދޭ ކާޑެކެވެ. އަދި މިކާޑު ހެއްދުމުގެ ފީއެއްގެ ގޮތުގައި -/150 ރުފިޔާ ނެގޭނެއެވެ. )
- ޤަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާއި އަދި ޤަވާއިދާ ޚިލާފަށް ރަށަށް އައިސްފައިވާ ބިދޭސީން ދެނެގަނެ އެފަރާތްތަށް ފޮނުވާލުމުގެ މަސައްކަތް އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި މިއިދާރާއާއި ގުޅިގެން ކުރިއަށް ގެންދެވޭނެއެވެ.
ޖޫރިމަނާ ކުރުން
މަތީގައި ދަންނަވާފައިވާ ކަންކަމާއި ޚިލާފަށް ޢަމަލު ކުރަމުންދާ ފަރާތްތަށް ތިރީގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނެއެވެ.
- ފުރަތަމަ ފަހަރަށް ނަމަ -/1000 ރުފިޔާއިން ޖޫރިމަނާކުރުން
- ދެވަނަ ފަހަރަށް ނަމަ -/2500 ރުފިޔާއިން ޖޫރިމަނާކުރުން
- ތިންވަނަ ފަހަރަށް ނުވަތަ އިތުރުވާ ކޮންމެ ފަހަރަކު -/5000 ރުފިޔާއިން ޖޫރިމަނާ ކުރުން
ވީމާ، މަތީގައި ދެންނެވިފައިވާ ކަންކަމަށް 2020 ސެޕްޓެމްބަރު 06 ވާ އާދިއްތަ ދުވަހުން ފެށިގެން މިއިދާރާއިން ޢަމަލު ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.