ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ ކަލައިދޫ މަގުމަތި ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ ގޮތުގެ އުޞޫލު

a

 

ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ

         ލ.ކަލައިދޫ

         ދިވެހިރާއްޖެ.

 

ހައްދުންމަތީ ކަލައިދޫ މަގުމަތި ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ ގޮތުގެ އުޞޫލު

  1. 1.       ތަޢާރަފް:

(ހ)  މިއީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ޑ) ގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ޤަވާޢިދު ނަންބަރު: 2015/R-106 ''މަގުމަތި ކުނިކެހުމާއި ބެހޭ ޤަވަޢިދު'' ނަގަހައްޓާ ހިންގުމަށްޓަކައި ކަލައިދޫ ކައުންސިލުގެ ޢާއްމު ޖަލްސާއިން ފާސްކޮށް ޢަމަލު ކުރުމަށް ހަދައިފައިވާ އުޞޫލެކެވެ.

(ށ)  މި އުޞޫލަށް ކިލަޔަނީ ''ހައްދުންމަތީ ކަލައިދޫ މަގުމަތި ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ ގޮތުގެ އުޞޫލެވެ''.

2. ޢަމަލު ކުރަން ފަށާ ތާރީޚް:

       މި އުޞޫލަށް ޢަމަލު ކުރަންފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިޢުޞޫލު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

3. ކުނިކަހައި ސާފުކުރަންޖެހޭ ތަންތަން:

  (ހ)  މި އުޞޫލުގެ ދަށުން އަންނަނިވި ތަންތަން ޙަވާލުކޮށްފައިވާ ފަރާތްތަކުން، އެތަންތަނާ އިންވެގެންވާ މަގުތަކުގެ މެދުންފެށިގެން، އެ ތަނަކާވީ ފަޅީގެ މަގުމަތި ކުނިކަހައި ސާފުކޮށް ސާފުކޮށް ބަލަހައްޓަން ވާނެއެވެ.

      1. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް

       2. ވިޔަފާރި އުޞޫލުން ދޫކޮށްފައިވާ ބިންތައް

       3. ދަވްލަތުގެ އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ބިންތައް

       4. ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް

       5. ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކުންފުނިތަކަށް ދޫކޮށްފައިވާ ބިންތައް

       6. ގުރީން އޭރިޔާ ނުވަތަ ހުސްބިންތައް

(ށ)  މި މާއްދާގެ (ހ) ނަންބަރު 1 އާއި 2 އާއި 3 އާއި 4 އާއި 5 ގައި ބަޔާން ކޮށްފައިވާ ތަންތަން ޙަވާލު ކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން މި މާއްދާގެ (ހ) ގައިވާ ގޮތަށް، ކުނިކަހައި ސާފުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަކީ އެ ގޯއްޗެއް ނުވަތަ އެ އެ ބިމެއް ޙަވާލުކޮށްފައިވާ ފަރާތުގެ ޒިންމާއެކެވެ.

4. ކުނިކަހައި ސާފުކުރުމަށް ޢުޒުރުވެރިވުން:

(ހ)   ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ޙަވާލުކޮށްފައިވާ ފަރާތުން، މި އުޞޫލުގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ވާގޮތަށް ކުނިކަހައި ސާފު ކުރުމަށް ޢުޒުރުވެރިވާނަމަ، އެސަރަހައްދު ކުނިކަހައި ސާފުކުރުމަށްޓަކައި ތިރީގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން، ކައުންސިލުގެ އިދާރާއަށް ''ކުނިކަހައި ސާފުކުރުމުގެ މަހުފީ'' ދައްކަން ޖެހޭނެއެވެ.

     1. އެއްމަގު ހިމެނޭ ގޯތިތައް: -/150ރ (އެއްސަތޭކަ ފަންސާސް) ރުފިޔާ

     2. ދެމަގު ހިމެނޭ ގޯތިތައް: -/300ރ (ތިންސަތޭކަ) ރުފިޔާ

     3. ތިންމަގު ހިމެނޭ ގޯތިތައް: -/400ރ (ހަތަރު ސަތޭކަ) ރުފިޔާ

     4. ހަތަރުމަގު ހިމެނޭ ގޯތިތައް: -/500ރ (ފައްސަތޭކަ) ރުފިޔާ

     5. ހުސްބިން ނުވަތަ ގުރީން އޭރިޔާ -/200ރ (ދުއިސައްތަ) ރުފިޔާ

(ށ)  ވިޔަފާރި އުޞޫލުން ދޫކޮށްފައިވާ ބިންތަކާއި، ދަވްތަތުގެ އެކިއެކި ބޭނުމަށް ދޫކޮށްފައިވާ ބިންތަކާއި، ޖަމްޢިއްޔާ ނުވަތަ ޖަމާޢަތްތަކާއި ކުންފުނިތަކަށް ދޫކޮށްފައިވާ ބިންތައް ޙަވާލުކޮށްފައިވާ ފަރާތްތަކުން، މި އުޞޫލުގެ 3 ވަނަ މާއްދާގައިވާ ގޮތަށް، މަގުމަތި ކުނިކަހައި ސާފުކުރުމަށް ޢުޒުރުވެރިވާނަމަ، އެސަރަހައްދު ކުނިކަހައި ސާފުކުރުމަށްޓަކައި އެ ބިމުން މަގަށް އިންވެގެންވާ ފަރާތެއްގެ ދިގުމިނުން، ފޫޓަކަށް -/5ރ (ފަސް) ރުފިޔާގެ މަގުން، މަހުފީ ދައްކަން ޖެހޭނެއެވެ.

(ނ)  ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް، މި އުޞޫލުގެ 3 ވަނަ މާއްދާގައި ވާގޮތަށް ކުނިކަހައި ސާފުކުރާނީ، ކައުންސިލުން ކަނޑައަޅައި ނިންމާ ގޮތެއްގެ މަތީން، ކައުންސިލުގެ އިދާރާއިންނެވެ.

5. ފިޔަވަޅު އެޅުން:

(ހ)  ކޮންމެ މީލާދީ މަހެއްގެ  2 (ދޭއް) ވަނަ ހަފުތާ ނިމުމުންނާއި، 4 (ހަތަރެއް) ވަނަ ހަފުތާ ނިމުމުން، މި އުޞޫލުގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ވާގޮތަށް، ކުނިކަހައި ސާފުކޮށްފައިވޭތޯ ކައުންސިލުގެ އިދާރާގެ ފަރާތުން ބަލައި ޗެކްކުރާއިރު، ކުނިކަހައި ސާފުކޮށްފައި ނުވާ ފަރާތްތައް -/100ރ (އެއްސަތޭކަ) ރުފިޔާ ޖޫރިމަނާ ކުރުމާއެކު، ''ކުނިކަހައި ސާފުކުރުމަށް އަންގާ ޗިޓް'' ފޮނުވޭނެއެވެ.

(ށ)  ކުނިކަހައި ސާފުކުރުމަށް އަންގާ ޗިޓް ފޮނުވުމަށްފަހު، އެ ޗިޓްގައިވާ މުއްދަތުގައި ކުނިކެހިނަމަވެސް، އެކަން ކައުންސިލުގެ އިދާރާއަށް ރިޕޯޓު ނުކުރާނަމަ، ކުނިކަހައި ސާފުނުކުރާ ފަރާތެއްގެ ގޮތުގައި ރެކޯޑުކޮށް، މި އުޞޫލުގެ 4 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައިވާގޮތަށް، ކުނިކަހައި ސާފުކުރުމުގެ މަހުފީ ދައްކަންޖެހޭ ފަރާތެއްގެ ގޮތުގައި ރެކޯޑުކޮށް އެކަން ބަލަހައްޓަމުން ގެންދެވޭނެއެވެ.

(ނ)  ކުނިކަހައި ސާފުކުރުމުގެ މަހުފީ ދައްކަންޖެހޭ ފަރާތްތަކުން، ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން މަހުފީ ނުދައްކައިފިނަމަ، މަހުފީގެ އިތުރަށް، -/30ރ (ތިރީސް) ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ.

(ރ) ކުނިކަހައި ސާފުކުރުމުގެ މަހުފީއާއި، ޖޫރިމަނާ ދައްކަންޖެހި، ނުދައްކާ ފަރާތްތަކުން، ފައިސާ ދައްކައި ޚަލާޞް ކުރަންދެން، އެ ގޯތިތަކާއި، ބިންބިމާއި ގުޅިގެން ކައުންސިލުގެ އިދާރާއިން ކޮށްދޭންޖެހޭ ކަންތައްތައް، ކޮށްނުދީ އިފެހެއްޓުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި އެ ފައިސާ އާއި ޖޫރިމަނާ، ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ ބާރުވެސް ކައުންސިލަށް ލިބިގެންވެއެވެ.

6. އިޙްތިޞާޞް:

ގޯއްޗާއި އިންވެގެން މަގު އޮންނަ ގޯތިތައް ޙަވާލުކޮށްފައިވާ ފަރާތްތަކުން މި އުޞޫލާ އެއްގޮތަށް ޢަމަލު ކުރަންޖެހޭނީ، ކައުންސިލުން ފުރަތަމަ ފަހަރަށް އެމަގު ސާފުކޮށްދިނުމުންނެވެ.

 

 

 

 

7. މާނަކުރުން:

(ހ) ''ކައުންސިލް'' ކަލަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 155 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިންތިޚާބު ކޮށްފައިވާ، ހައްދުންމަތީ ކަލައިދޫ ކައުންސިލަށެވެ.

(ށ)  ''ގޯތި'' ކަމަށް ބުނެފައި އެވަނީ، ކަލައިދޫ އިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗަށެވެ.

(ނ)  ''ބިން'' ކަމަށް ބުނެފައި އެވަނީ، ދިރިއުޅުން ފިޔަވައި، އެހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކަށެވެ.

(ރ)  ''މަހުފީ'' ކަމަށް ބުނެފައި އެވަނީ، ކުނިކަހައި ސާފުކުރުމަށް މަހަކު ދައްކަންޖެހޭ ''ފީ'' (ފައިސާ) އަށެވެ.

(ބ)  ''ގޯތި ނުވަތަ ބިން ޙަވާލުކޮށްފައިވާ ފަރާތް'' ކަމަށް ބުނެފައި އެވަނީ، ކަލައިދޫ ކައުންސިލުގެ ފަރާތުން އެ ގޯއްޗެއް ނުވަތަ ބިމެއް ޙަވާލުކޮށްފައިވާ ފަރާތަށް ނިސްބަތްކޮށެވެ.

(ޅ)  ''ގުރީން އޭރިޔާ ނުވަތަ ހުސްބިން'' ކަމަށް ބުނެފައި އެވަނީ، ގޯއްޗާއި ނުވަތަ ބިމާއި އިންވެގެން، ކައިރިގައިވާ މަގާއިދެމެދު އޮންނަ ހުސްބިން ނުވަތަ ގްރީން އޭރިޔާ އަށެވެ.

..................................................

 

 

 

 

 

 

 

 

 

30 އޮގަސްޓް 2020
ހޯދާ