ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލުމާއިބެހޭ އުޞޫލު

 c

 

 

 

 

ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލުމާއިބެހޭ އުޞޫލު

 

1- ތަޢާރަފް:

 (ހ). މިއީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ޤަވާޢިދު ނަންބަރު: 2015/R-91 ގެ 13 ވަނަ މާއްދާއިން ބާރު ލިބިގެން އެ ޤަވާޢިދު ނަގަހައްޓާ ހިންގުމަށްޓަކައި ކަލައިދޫ ކައުންސިލުގެ ޢާއްމު ޖަލްސާއިން ފާސްކޮށް ޢަމަލު ކުރުމަށް ހަދައިފައިވާ "ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލެވެ.

(ށ). މި އުޞޫލުގައި ބަޔާން ވެގެންވާނީ މި ނިޒާމުގެ ދަށުން ޢަމަލުކުރާނެ ޢާންމު އުޞޫލުތަކާއި، ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް ކުނި ނައްތާލާ ނިޒާމުގައި ބައިވެރިވާ ފަރާތްތަކާއި އަދި އެ ނިޒާމުގައި ބައިވެރި ނުވާ ފަރާތްތައް ޢަމަލު ކުރަންވީ ގޮތުގެ އުޞޫލުތަކެވެ.

 2- މަޤުޞަދު:

(ހ). "ރައްކާތެރި ގޮތުގައި ކުނި  މެނޭޖްކުރުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލް" އެއް ހެދުމުގެ މައިގަނޑު މަޤުޞަދަކީ ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި ޢާންމު ރައްޔިތުންނަށް އުނދަގުލާއި ދަތި ނުފޯރާނެހެން ވަކި ތަރުތީބަކުން ފަސޭހަކަމާއެކު ހަރުދަނާ އުޞޫލަކުން ކުނި ނައްތާލުމަށް ޢަމަލު ކުރުމެވެ.

(ށ). އަދި ރަށުގެ އާންމު ސާފުތާހިރުކަން އިތުރުކޮށް ރަށާއި ރަށުގެ ފަޅާއި، ފަރު ކުނިބުނިން ރައްކާތެރިކޮށް ތިމާވެށި ހިމާޔަތްކޮށް އާންމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކޮށް ރައްޔިތުން، ކުނީގެ މައްސަލައަށް ހޭލުންތެރިކަން އިތުރުކޮށް ސާފު ރަށެއްގެ ގޮތުގައި ބޭއްވުމެވެ.

 3.ޢަމަލު ކުރަން ފަށާ ތާރީޚް:

މި އުސޫލަށް ޢަމަލު ކުރަން ފަށާނީ، މިއުސޫލު ކައުންސިލުން ފާސްކޮށް ގެޒެޓުގައި ޝާއިޢު ކުރާ ދުވަހުން ފެށިގެންނެވެ.

 4.ކުރީގައި ހިނގާފައިވާ ކަންކަމަށް މިއުޞޫލު ހިންގުން:

(ހ) މި އުޞޫލަށް ޢަމަލުކުރަން ފެށުމުން ކުރިން "ކުނި އުކާލުމާއި ކުނި ނައްތާލުމުގެ އުޞޫލު" ގެ ދަށުން ކުރަމުން އައިސްފައިވާ ކަންކަމުގެ ތެރެއިން މި އުޞޫލާއި އެއްގޮތަށް ކުރަމުން އައި ކަންކަން ފިޔަވާ އެހެންކަންކަން މިއުޞޫލާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަންވާނެއެވެ.

 5.ޚިދުމަތަށް ރަޖިސްޓްރީކޮށްގެން ކުނި ނައްތާލުން:

(ހ) މި އުޞޫލުގެ ދަށުން ކުނި ނައްތާލުމުގެ ޚިދުމަތް ދާއިމީކޮށް ލިބިގަތުމައްޓަކައި މިކައުންސިލުގައި ޚިދުމަތް ހޯދުމަށް އެދި ރަޖިސްޓްރީ ކުރަންވާނެއެވެ. މިގޮތުން ޚިދުމަތް ދިނުމުގެ ކުރިން ޚިދުމަތަށް އެދޭ ފަރާތާއި ކައުންސިލާއި ދެމެދު ވެވޭ ''ކުނި ނައްތާލުމުގެ އެއްބަސްވުމުގައި'' ސޮއި ކުރަންވާނެއެވެ.

 6.މި ނިޒާމުގެ ދަށުން ޢަމަލުކުރާނެ އާންމު ޢުސޫލުތައް:

 6.1 ކުނި ކޮށްޓަށް ކުނި އެޅުމުގައި ޢަމަލު ކުރަންޖެހޭ ގޮތް

(ހ) ރަށުގައި އުފެދޭ އަދި އުފައްދާ އެންމެހާ ކުނިބުނިތައް ނައްތާލުމަށް ނުވަތަ ކުނި އަންދާލައިގެން ނައްތާލުމަށް ކުނި ޖަމާކުރާނީ ކައުންސިލުން ކުނި މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ކުނި ކޮށްޓަށެވެ.

(ށ) ކައުންސިލުން ކުނި ކޮށްޓަށް ކުނި އަޅާނީ ތަފާތު ކުނިތައް އެޅުމަށް ނަންބޯޑު ޖަހާފައިވާ ނުވަތަ ފާހަގަ ކުރެވިފައިވާ ތަންތަނަށް އެބާވަތްތަކުގެ ކުންޏެވެ.

 (ނ) ކުނީގެ ގޮތުގައި ހިމެނޭ އެއްވެސް އެއްޗެއް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލ.ކަލައިދޫ ކުނި ކޮށްޓަށް ނޫންތަނަކަށް ކުނި އަޅައިގެން ނުވާނެއެވެ. ކުނި ޖަމާކުރުމަށް ކަނޑައަޅާފައިވާ ކަލައިދޫ ކުނި ކޮށްޓަށް ފިޔަވާ އެނޫން ތަނަކަށް ކުނި އަޅައިފި ނަމަ ބެލެވޭނީ، މި އުޞޫލާއި އަދި ކަލައިދޫ ކުނި އުކާލުމާއި، ކުނި ނައްތާލުމާއި ބެހޭ  ނަންބަރު  2015/R-91 ޤަވާޢިދާ ޚިލާފުވީ ކަމަށެވެ.

(ރ) ކުނި އެޅުމަށް ޚާއްޞަކުރެވި ކަނޑައެޅިފައިވާ ތަނަށް ކުނި ނާޅައި، އެނޫން ތަންތަނަކަށް އެއްވެސް ފަރާތަކުން ކުނި އަޅައިފި ނަމަ ނުވަތަ މިއުޞޫލާއި އަދި ޤަވާޢިދުގައި މަނާކޮށްފައިވާ ކަމެއް ކޮށްފިނަމަ މި އުޞޫލާއި ޤަވާޢިދާ ޚިލާފުވީކަމަށް ބަލައި، އެފަރާތަކާމެދު ކަލައިދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު، ނަންބަރު 2015/R-91 ޤަވާޢިދާއި، މި އުޞޫލުގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.

(ބ) އަދި ރަށުތެރެއަށާއި ރަށުގެ ހޭޅިއަށާއި ރަށުގެ ގޮނޑުދޮށާއި މަގުތަކާއި އާންމު ބިންތަކާއި، ފަޅުތެރެއަށް ކުނި އަޅަމުން ގެންދާނަމަ ތިމާވެށި ހިމާޔަތް ކޮށް ރައްކާތެރި ކުރުމާއި ބެހޭ ގޮތުން ހެދިފައިވާ ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

 6.2 މި ނިޒާމުގައި ބައިވެރިވެވޭނެ ގޮތާއި އަދި ފީ ނެގޭނެ ގޮތް:

(ހ) މި ނިޒާމުގައި ބައިވެރިވުމަށްޓަކައި "ރައްކާތެރި ގޮތުގައި ކުނި އުކާލުމުގެ ޚިދުމަތަށް އެދޭ ފޯމު" (އެނެކްސް 2 ގައިވާ ފޯމު) ފުރުމަށްފަހު ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި ނިޒާމުގައި ބައިވެރިވާ ފަރާތްތަކުން "ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމާއި ކުނި ނައްތާލުމާއިބެހޭ އުޞޫލީ އެއްބަސްވުމުގައި"  ސޮއި ކުރަންވާނެއެވެ.

(ނ) މި ނިޒާމުގައި ބައިވެރިވާ ފަރާތްކުން ތިރީގައި މިދަންނަވާ ފީ، މަހު ފީގެ ގޮތުގައި ކަލައިދޫ ކައުންސިލުގެ އިދާރާއަށް ދައްކަންވާނެއެވެ.

 #

ތަފްޞީލް

ރޭޓް

1

 ގޭބިސީތަކުން

140.00ރ

2

 ކައުންސިލް އިދާރާ

500.00ރ

3

 ވިޔަފާރިތައް

200.00ރ

4

 ސައިހޮޓާ/ ރެސްޓޯރެންޓް/ ކެފޭތައް

300.00ރ

5

 ވޯކް ޝޮޕްތައް/ ވަޑާންގެތައް

300.00ރ

6

 ޞިއްޚީ މަރުކަޒު

500.00ރ

7

 ސްކޫލު

500.00ރ

8

 އިންޖީނުގެ

500.00ރ

9

 މިސްކިތްތައް

500.00ރ

10

 ދިރާގު ސައިޓް

500.00ރ

11

 އުރީދޫ ސައިޓް

500.00ރ

12

 ފުޓުބޯޅަ ދަނޑު

200.00ރ

13

 ކުޅިވަރު ކުލޭ ދަނޑު ބިންތަކާއި އެހެނިހެން ކުޅިވަރު ކޯޓުތައް/ ޕާރކްތައް

200.00ރ

14

 އިޖްތިމާޢީ މަރުކަޒުތައް

200.00ރ

15

 މެޖިސްޓްރޭޓް ކޯޓް

500.00ރ

16

 ޕްރީ ސްކޫލް

500.00ރ

17

 ކުލަބު ޖަމިއްޔާތައް

200.00ރ

18

 އަންހެނުންގެ ކޮމިޓީ

200.00ރ

19

 ބޭސް ފިހާރަ

500.00ރ

20

 ކޮންސްޓްރަކްޝަން މަސައްކަތު ސައިޓު

600.00ރ

21

 އިޖްތިމާޢީ ސަރަޙައްދު

200.00ރ

22

 ހަރުގެ ވަޅުތައް

200.00ރ

23

 ބަކަރި ކޮށިތައް

200.00ރ

24

 ކަނޑު އުޅަނދުފަހަރާއި ފެރީ ދަތުރު ކުރާ އުޅަނދުފަހަރު

200.00ރ

 (ރ) މި ނިޒާމުގައި ބައިވެރިވާ ފަރާތްތަކުން ކަލައިދޫ ކައުންސިލުގެ އިދާރާއަށް ފީ ދަންކަންވާނީ ކުރިއަށް އޮންނަ މަހުގެ ފީ ހިނގާމުންދާ ކޮންމެ މީލާދީ މަހެއްގެ ފުރަތަމަ 10 ދުވަހުގެ ކުރިންނެވެ.

(ބ) މި ނިޒާމުގައި ބައިވެރިވާ ކޮންމެ ގޭބިސީއަކަށް ފީކާޑެއް ކަލައިދޫ ކައުންސިލުން ދޫކޮށްފައި އޮންނާނެއެވެ. ފީ ދައްކަން އަންނައިރު ފީކާޑު ގެންނަންވާނެއެވެ. ފީ ދެއްކުމަށްފަހު ކޮންމެ ފަރާތަކަށްވެސް ފައިސާ ބަލައިގެންފައި ދޫކުރާ ރަސީދު ކަލައިދޫ ކައުންސިލުން ދޫކޮށް، ފީކާޑުގައި ފީ ދެއްކި މަހާއި ދިމާލުގައި ކަލައިދޫ ކައުންސިލުގެ ސިއްކަ ޖަހައި ސޮއިކުރާނެއެވެ. އެނޫން ފަރާތްތަކަށް ކަލައިދޫ ކައުންސިލުގެ އިދާރާއިން ބިލު ކުރާނެއެވެ.

(ޅ) މި ނިޒާމުގައި ބައިވެރިވެފައިވާ ފަރާތްތަކުން އެއްބަސްވުމާއި އެއްގޮތަށް ފީ ނުދައްކާނަމަ އަންނަނިވި އުޞޫލުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

(1) ޖޫރިމަނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީ ނުދައްކައި ދާ ކޮންމެ ދުވަހަކަށް ފީގެ %2 ގެ ރޭޓުން ނެވެ.

(2) ހިނގާމަހުގެ 30 ވަނަ ދުވަހުގެ ކުރިން ފީ ނުދައްކައިފިނަމަ އެތަނަކުން ކުނި ނެގުން ހުއްޓާލެވޭނެއެވެ.

(3) ފީ ނުދައްކައިގެން ކުނި ނެގުން ހުއްޓާލެވިފައިވާ ތަނަކުން ކުނި ނަގަން ފެށޭނީ ޖޫރިމަނާއާއެކު ދައްކަންޖެހޭ ފީތައް ދެއްކުމުންނެވެ.

(ކ) ފީ ދެއްކުން ލަސްވެ ޖޫރިމަނާ ވެފައިވާ ފަރާތްތަކުން ކަލައިދޫ ކައުންސިލްގެ އިދާރާއިން ފީ ބަލައިގަންނާނީ ވެފައިވާ ޖޫރިމަނާ ފައިސާއާ އެކުގައެވެ.

(އ) ކުނި ނެގުމަށް ދާން ހަމަޖެހިފައިވާ ގަޑިއަކީ، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 ން ފެށިގެން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ހެނދުނު 8.00 އިން 10.00އަށް ބަދިގޭ ކުނި (ކާބޯ ތަކެއްޗާއި، ކުނިވާ ޒާތުގެ ކުނި) ނެގުމަށް ކަލައިދޫ ކުނި ކޮށީގެ ވެހިކަލުގައި ދާނެއެވެ. މި ކުނި ހުންނަންވާނީ ކޮތަޅަށްލައި ޑަސްބިނުގައެވެ.

(ވ) އުކާލުމަށް ބޭނުންވާ ކުނި ހުންނަންވާނީ ގޯތިން ކަނޑައަޅާ ދޮރޯޓެއްގެ ކައިރީގައި ގޯތި ތެރޭގައި ފަސޭހައިން ނެގޭގޮތަށެވެ. ފަތްކުނި ހުންނަންވާނީ ޑަސްބިނަށް އަޅާފައެއެވެ. ދަގަނޑު، ޕްލާސްޓިކް، ބިއްލޫރި، ނެފީ، އިލެކްޓްރޯނިކް ކުނި، އަޅި، ވަކިވަކިން އެއްޗިއްސައް އަޅައި އައްސައި، ފަސޭހައިން އުފުލައި ގެންގުޅެވޭ ގޮތަށް ބެހެއްޓިފައެވެ. ބަދިގޭކުނި (ކާބޯ ތަކެއްޗާއި، ކުނިވާ ޒާތުގެ) ކުނި ހުންނަންވާނީ ކޮތަޅަށްލައި ޑަސްބިނުގައެވެ.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުނި ވަކިވަކިން ބެހެއްޓިފައި ނެތް ނަމަ އެދުވަހަކު އެގެއަކުން ކުނި އުކާ ނުލެވޭނެއެވެ. ދެން އެގެއަކުން ކުނި އުކާލެވޭނީ މި މާއްދާގެ (ވ) ގައިވާ ގޮތަށް ކުނި ވަކިކޮށް އެކަން އިޞްލާޙު ކުރުމުން ޖެހިގެން އަންނަ ދުވަހުއެވެ.

(ފ) ޚާއްޞަ ޙާލަތުގައި އުފެދޭ ކުނިބުނިތައް އުކާލެވޭނީ ދަތުރަކަށް -/60ރުފިޔާ (ފަސްދޮޅަސް ރުފިޔާ) ކަލައިދޫ ކައުންސިލުގެ އިދާރާއަށް ދެއްކުމުންނެވެ. (ޚާއްޞަ ޙާލަތްކަމަށް ބުނެފައި އެވަނީ މި މާއްދާގެ (ވ) ގައި ބަޔާން ކޮށްފައިވާ ކުނި ފިޔަވާ އެނޫން ކުނިތަކަށެވެ). މިފަދަ ކުނި ވެހިކަލަށް އަރުވައި ކުނިކޮށްޓަށް ބޭލުމަކީ ގޭގެ ފަރާތުން ކުރަންޖެހޭ ކަމެކެވެ.

(ދ) ރަށުގައި ކުރިއަށްދާ އެކިއެކި ޕްރޮޖެކްޓްތަކުގެ ދަށުން ކުރާ މަސައްކަތުގެ ތެރެއިން އުފެދޭ ކުނިބުނިތައް އުކާލަންވާނީވެސް މިއުސޫލުގެ ދަށުންނެވެ. މިގޮތުން މިފަދަ ދަތުރުތައް ކުރާނީ ދަތުރަކަށް -/60 (ފަސްދޮޅަސް) ރުފިޔާ ކަލައިދޫ ކައުންސިލުގެ އިދާރާއަށް ދެއްކުމުންނެވެ. މިފަދަ ކުނި ވެހިކަލަށް އަރުވައި ކުނިކޮށްޓަށް ބޭލުމަކީ ޚިދުމަތަށް އެދޭ ފަރާތުން ކުރަންޖެހޭ ކަމެކެވެ.

 7- ކުނި އެންދުން:

(ހ) އެއްވެސް މީހަކަށް ދޫކޮށްފައިވާ ގޯއްޗެއްގެ ތެރޭގައި ނުވަތަ ބަންޑާރަ ބިމެއްގައި ނުވަތަ އަމިއްލަ ބިމެއްގައި ނުވަތަ އާންމު ތަނެއްގައި ވިޔަސް ކުނި އަންދާނަމަ ކުނި އަންދަންވާނީ، އެކަން ކުރުމުގެ ކުރިން ކައުންސިލަށް ލިޔެ، ލިޔުމަކުން ހުއްދަ ހޯދައިގެން، އެހެން މީހުންނަށް ދަތިނުފޯރާ ގޮތެއްގެ މަތިންނެވެ.

(ށ) ގޭސް ރައްކާކުރެވިފައިވާ ތަކެއްޗާއި، ޕްލާސްޓިކް އަދި ފައިބަރ ފަދަ ތަކެއްޗާއި އެ އެއްޗެއް އެންދުމުގެ ސަބަބުން ނުބައިވަހެއް ދުވާފާނެ ތަކެތި، ޞިއްޚީ ގޮތުން ގެއްލުން ލިބިދާނެފަދަ ތަކެތި އަމިއްލަ ގޯތީގައި އެންދުމަކީ މަނާކަމަށްވާތީ މިފަދަ ތަކެތި ގޯތީގައި އެންދުމަށް ކަލައިދޫ ކައުންސިލުން އެއްވެސް ފަރާތަކަށް ހުއްދަ ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތްތަކާމެދު، ޤަވާޢިދާއި އަދި މިއުޞޫލާ ޚިލާފުވީ ކަމަށް ބަލައި އެފަރާތަކާއި މެދު ކަލައިދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރު 2015/R-91 ޤަވާޢިދާއި އަދި މި އުޞޫލުގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.

 8- މި އުޞޫލާއި ޚިލާފުވުމުން އަޅާނެ ފިޔަވަޅު:

(ހ) މި އުޞޫލާއި ޚިލާފު ވުމުން ފުރަތަމަ ފަހަރަށް އެފަރާތެއް ޙާޟިރުކޮށް އެކަމަކާއި ބެހޭ ގޮތުން ސުވާލުތައްކޮށް އިޢުތިރާފް ވާނަމަ ނުވަތަ ދެ ވަނަ ފަރާތެއްގެ ހެކިބަސް އެކަމަކަށް ލިބިފައިވާނަމަ އެފަރާތަކަށް މި އުޞޫލާއި ޚިލާފަށް ޢަމަލު ނުކުރުމަށް އަންގާ ނަޞޭހަތް ދިނުމާއެކު އެމީހަކު އެކުރިކަމެއް ރަގަނޅު ކުރުމަށް އެންގޭނެއެވެ.

(ށ) މި އުޞޫލާއި އަދި ކަލައިދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދާ ޚިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަޞޭހަތްދީ ރަނގަޅު ކުރުމަށް އަންގާކަމެއް ރަނގަޅު ނުކޮށްފިނަ ކަލައިދޫ ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރު 2015/R-91 ޤަވާޢިދުގެ ދަށުން މި އުޞޫލާއި ޤަވާޢިދުގައި ކަނޑައެޅިފައިވާ ކަންކަމަށް ކަނޑައެޅިފައިވާ މިންވަރަށް ޤާނޫނީ ފިޔަވަޅު އަޅައި އެފަރާތެއް މި އުޞޫލުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) މި ގޮތުން މި އުޞޫލާއި ޚިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތްދީ އެކުރި ކުށް އިސްލާހް ނުކޮށް ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފި ނަމަ އެފަރާތެއް -/500ރ (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) 3 ވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފިނަމަ އެ ފަރާތެއް -/1500ރ (ފަނަރަސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ބ) 4 ވަނަ ފަހަރަށް ކުށް ތަކުރަރު ކޮށްފި ނަމަ އެފަރާތެއް -/4000ރ (ހަތަރު ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ޅ) 4 ވަނަ ފަހަރަށް ވުރެ އިތުރަށް ކުށްކުރާ ކޮންމެ ފަހަރަކު އެ ފަރާތެއް -/5000ރ (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ކ) މި އުޞޫލާއި އަދި ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް އެކަމެއް ރަނގަޅު ކުރުމަށް އަންގާ އެއްވެސް ކަމެއް އެފަރާތަކުން ނުކޮށް ކައުންސިލުން ރަނގަޅު ކުރަން ޖެހިއްޖެ ނަމަ އެކަމަކަށް ދިޔަ ޚަރަދެއް މި އުޞޫލާއި ޚިލާފުވީ ފަރާތަކުން ކައުންސިލަށް ދައްކަންވާނެއެވެ.

9- ކަލައިދޫ ކުނި ކޮށްޓަށް ނޫންގޮތްގޮތަށް ރަށުގެ އެތަން މިތަނަށް ކުނިއުކާ ފަރާތްތަކާއި މެދު ޢަމަލު ކުރެވޭނީ، މި އުސޫލުގެ 8 ވަނަ މާއްދާގެ (ނ)، (ރ)، (ބ)، (ޅ) އަދި (ކ) އާއި އެއްގޮތަށް އެ އަކުރުތަކުގެ ދަށުންނެވެ.

 10- ޖޫރިމަނާ ފައިސާ ބަލައިގަތުން:

(ހ) މި އުޞޫލާއި އަދި ކަލައިދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރު 2015/91R- ޤަވާއިދާއި ޚިލާފުވެގެން ނެގޭ އެންމެހާ ޖޫރިމަނާ ފައިސާ ދައްކާނީ ކަލައިދޫ ކައުންސިލުގެ އިދާރާ އަށެވެ. ޖޫރިމަނާ ފައިސާ ކަލައިދޫ ކައުންސިލުގެ އިދާރާއަށް ދެއްކުމަށްފަހު ފައިސާ ބަލައިގަތް ކަމުގެ ރަސީދު އެމީހަކު ލިބިގަންނަންވާނެއެވެ.

(ށ) ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ދެވޭނެ މުއްދަތަކީ ޖޫރިމަނާ ކުރާ ދުވަހުން ފެށިގެން ރަސްމީ 7 (ހަތެއް) ދުވަހެވެ.

(ނ) އެއްވެސް ފަރާތަކަށް، ޖޫރިމަނާ ޗިޓު ޙަވާލުކޮށްފިނަމަ، ޖޫރިމަނާ ކުރިފަރާތަށް ޖޫރިމަނާ ޗިޓުގެ އަސްލު ޙަވާލުކުރުމަށްފަހު ޗިޓުގެ 1 ކޮޕީ ކަލައިދޫ ކައުންސިލުގެ އިދާރާގެ ފައިސާ އާއި ބެހޭ ބަޔަށް ޙަވާލު ކުރަން ވާނެއެވެ. އަދި އަނެއް ކޮޕީ ކަލައިދޫ ކައުންސިލުގެ އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުގައި އޮންނަންވާނެއެވެ.

(ރ) އެއްވެސް ފަރާތަކުން ޖޫރިމަނާ ޗިޓާއި ޙަވާލުނުވެ އަދި ފައިސާ ނުދައްކާ ހުރެއްޖެނަމަ އެފައިސާ އެއް ހޯދުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރެވޭނެއެވެ.

 10- ޝަރީޢަތުން ބަދަލު ހޯދުން:

މި އުޞޫލާއި ޤަވާޢިދާއި ޚިލާފުވެގެން ޖޫރިމަނާ ޗިޓު ލިބިފައިވާ ފަރާތްތަކުން ނުވަތަ ޖޫރިމަނާ ޗިޓާއި ޙަވާލު ނުވާ ފަރާތްތަކުން ކައުންސިލަށް ދައްކަންޖެހޭ ޖޫރިނަމާ ފައިސާ، އެއްވެސް ޙާލެއްގައި ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ އެފަދަ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު ކޯޓުގައި ދަޢުވާކޮށްގެން އެ ފައިސާ ކަލައިދޫ ކައުންސިލުން އެފަރާތްތަކުން އެއްފަހަރާ ހޯދޭނެއެވެ.

 11- މި އުޞޫލާއި އެއްގޮތަށް ޢަމަލު ކުރުން:

ކަލައިދޫ ކައުންސިލުން ފާސްކޮށްގެން އިތުރު ވަކިގޮތެއް ނާންގާހާ ހިނދަކު ނުވަތަ މިއުޞޫލު ބާޠިލު ނުކުރާހާ ހިނދަކު، މި އުޞޫލާއި އެއްގޮތަށް ކަލައިދޫ ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ކަންކަން ކުރުވައި މި އުޞޫލާއި ޤަވާޢިދު ތަންފީޒުކޮށް ނަގަހައްޓައި ހިންގަމުން ގެންދިއުން ކަލައިދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރު: 2015/R-91 ޤަވާޢިދުގެ ދަށުން ކަލައިދޫ ކައުންސިލުގެ މައްޗަށް ލާޒިމުކުރެއެވެ.

 12- އުޞޫލަށް ބަދަލު ގެނައުން:

މި އުޞޫލު އިސްލާޙުކޮށް އުނިއިތުރު ގެނައުމުގެ ބާރު ލިބިގެންވަނީ ކަލައިދޫ ކައުންސިލަށެވެ. މިގޮތުން މި އުޞޫލަށް ބަދަލު ގެނެވޭނީ ކަލައިދޫ ކައުންސިލުގެ ޢާންމު ޖަލްސާއަކަށް ހުށަހަޅައި، ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްގެންނެއެވެ.           

20 ޖުލައި 2020
ހޯދާ