މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މަޑުއްވަރީގެ ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުމާއި ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

Secretariat of the Maduvvaree Council, North Maalhosmadulu

 

12 އޮގަސްޓު 2020

ރ.މަޑުއްވަރީގެ ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުމާއި ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

ނަންބަރު: 2020/3

1.

ތަޢާރަފާއި ނަން

(ހ)

މިއުޞޫލަކީ ޤަވާއިދު ނަންބަރު 2013/R-816 (ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު) ގެ 13 ވަނަ މާއްދާގެ ދަށުން، ރ.މަޑުއްވަރީގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ޢާންމުތަންތަން ކަނޑައެޅުމާއި، އެފަދަ ތަންތަނާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުމާއި ނެގުމުގައި ޢަމަލުކުރާނެ ގޮތާއި، ޙަވާލާދެވުނު ޤަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ދޫކޮށްލަފާއިވާ އެއްޗެއް ބޭނުންކުޑަކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑު ކަނޑައެޅުމަށް އާންމުކުރާ އުޞޫލެވެ.

(ށ)

މި އުޞޫލަށް ކިޔާނީ "ރ.މަޑުއްވަރީގެ ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުމާއި ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އެވެ.

2.

މަޤްޞަދު

 

މިއުޞޫލުގެ މަޤްޞަދަކީ ރ.މަޑުއްވަރީގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ޢާންމުތަންތަނާއި މަގުތަކާއި، ފަޅުތެރެ ސާފުކޮށް ބޭއްވުމާއި، ރަށުގައި ދިރިއުޅޭ ފަރާތްތަކާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިރަށަކީ ސާފުތާހިރު، ބަލިތަކުން ރައްކާތެރި ރަށެއްގެ ގޮތުގައި ބޭއްވުމާއި، ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައަޅައި، ނެގުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމެވެ.

3.

ޢަމަލުކުރަން ފަށާ ތާރީޚް

 

 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 2020 އޮގަސްޓް 16 ވަނަ ދުވަހުން ފެށިގެންނެވެ.

4.

އާންމުތަންތަނާއި މަގުމައްޗާއި ފަޅުތެރެ ކަނޑައެޅުން

(ހ)

މިއުޞޫލުގައި އާންމުތަންތަން ގޮތުގައި ބެލެވޭނީ ރ.މަޑުއްވަރީގެ ބިމުގެ އިޚްތިޞާސްގެ ތެރެއިން ކައުންސިލުން ވަކިފަރާތަކަށް ރަޖިސްޓަރީކޮށްފައިވާ ބިމެއް ނުވަތަ ކުލީ ބިމުގެ މުއްދަތު ހަމަނުވާ އެއްބަސްވުމެއް އޮތް ބިމެއް ނުވަތަ އެނޫންވެސް ހުއްދައަކުން ވަކިފަރާތަކަށް ކަނޑައަޅާފައިވާ ބިމެއް ފިޔަވައި އެހެން ހުރިހާ ބިމަކާއި ޖެޓީ ސަރަޙައްދާއި ގޮނޑުދޮށްތަކެވެ.

 

(ށ)

މަގުގެ ގޮތުގައި ބެލެވޭނީ، ރ.މަޑުއްވަރީގެ ބިމުގެ އިޚްތިޞާސްގެ ތެރެއިން މަގާއި ގޯޅީގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެހާ ތަންތަނެވެ.

 

(ނ)

ފަޅުތެރެ ކަމުގައި ބަލާނީ ކައުންސިލްގެ އިޚްތިޞާސް ހިނގާ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ކަނޑާއި ގުޅިފައިވާ ފަޅާއި ވިލާއި ފަރާއި ގިރި ހިމެނޭ ގޮތަށް ކަނޑު ކަމުގައި ނުބެލެވޭ ސަރަޙައްދެވެ. މީގެ ތެރޭގައި ބަނދަރު ހެދުމަށް ކޮނެފައިވާ ފަޅުވެސް ހިމެނޭނެއެވެ.

5.

ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައެޅުން

(ހ)

މިކައުންސިލްގެ ޤަވާއިދު ނަންބަރު 2013/R-816 (ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލާނެ ތަކެއްޗަކީ:

 

 

  1. 1.       އާންމު ތަންތަނުގައިހުރި ރުއްގަސް ފިޔަވައި، ކައުންސިލް އިދާރާގެ ހުއްދައެއް ލިޔުމަކުންނެތި ބަހައްޓާފައިވާ އެންމެހާ ތަކެތި.

(މީގެ ތެރޭގައި ދަރާއި، ފަނާއި، ދަރުފުނިތަކާއި، ލަކުޑިތަކާއި، ތަޅާއަޅާފައިވާ ގައުތަކާއި، ހޮޅިތަކާއި، ބަސްތާތަކާއި، ގަސްގަހުގައި އެލުވާފައިހުރި ޖޯލިތަކާއި، ޖޯލިފަތިތަކާއި، ގޮނޑިއާއި، މޭޒާއި، ހަޓްތަކާއި، ހަރުގެތަކާއި، އޮޑިދޯނިފަހަރު އެހެލުމުގެ އުޞޫލާ ޚިލާފަށް އެހެލާފައިވާ ދޯނި، ބޮއްކުރާ، ލޯންޗު، ޑިންގީ، ކެނޯ ފަދަ ތަކެއްޗާއި، އެއްގަމު އުޅަނދުފަހަރާއި، އެކިއެކި މަސައްކަތްކުރަން ބޭނުންކުރާ ސާމާނާއި، މެޝިނަރީސް ފަދަ ތަކެތި ހިމެނެއެވެ.)

 

 

  1. 2.       މަގުތަކާއި ގޯޅިތަކުގައި، ކައުންސިލް އިދާރާގެ ހުއްދައެއް ލިޔުމަކުންނެތި ބަހައްޓާފައިވާ އެންމެހާ ތަކެތި.

(މީގެ ތެރޭގައި މަގު ހުރަސްކޮށާއި ދިގަށް ބިމުގެ އަޑިންނާއި ބިންމަތިންނާއި ބިމުގައި ނުޖެހޭގޮތަށް އަޅާފައި ނުވަތަ ދަމާފައިވާ ކޭބަލްތަކާއި ހޮޅިތަކާއ، ނަރު/ވައު/ނަނުތަކާއި، މަގުމަތީގައި ހައްދާފާއިހުންނަ ރުއްގަހާއި، ގޭގޭގައި ހައްދާފައިވާ ގަސްގަހުގެ ތެރެއިން 5 ފޫޓަށްވުރެ ތިރިވާގޮތަށް މަގަށް ވާގޮތަށް ހުންނަ ރުއްގަހުގެ ބައިތަކާއި، ދަރާއި، ފަނާއި، ދަރުފުނިތަކާއި، ލަކުޑިތަކާއި، ތަޅާއަޅާފައިވާ ގައުތަކާއި، ހޮޅިތަކާއި، ބަސްތާތަކާއި، ޖޯލިތަކާއި، ޖޯލިފަތިތަކާއި، ގޮނޑިއާއި، މޭޒާއި، ހަޓްތަކާއި، އެކިއެކި މަސައްކަތްކުރަން ބޭނުންކުރާ ސާމާނާއި، މެޝިނަރީސް ފަދަ ތަކެއްޗާއި، ކަނޑުއުޅަނދުފަހަރާއި، ދެފުރޮޅުލީ އެއްގަމު އުޅަނދުފަހަރު ފިޔަވައި އެހެނިހެން ވެހިކަލްތައް ހިމެނެއެވެ.)

 

 

  1. 3.       ފަޅުގައި އަޅާފައިވާ އޮޑިދޯނިފަހަރާއި، އެއޮޑިދޯނިފަހަރު އެޅުމަށް ބޭނުންކުރާތަކެތި ފިޔަވައި، ކައުންސިލް އިދާރާގެ ހުއްދައެއް ލިޔުމަކުންނެތި ބަހައްޓާފައިވާ އެންމެހާ ތަކެތި.

(ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަ ތަކެތި ކަމުގައި ބެލެވޭނީ އެއެއްޗެއް ހުންނަންޖެހޭ ގޮތް ނުވަތަ ބާއްވަންޖެހޭ ގޮތް ނޫން އެހެން ގޮތަކަށް ފަޅުތެރޭގައި ދޫވެފައިހުރި ތަކެއްޗަށެވެ.)

 

(ށ)

ކައުންސިލްގެ ހުއްދައާއެކު ރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅިގެން ބިމުގައި ވަޅުލާފައިވާ ކޭބަލްތަކާއި ހޮޅިތަކާއި، މަގުތަކުގައި ބަހައްޓާފައި ޖަންކްޝަން ފޮށިތަކާއި، ކައުންސިލްގެ ފަރާތުން މަގުގައި ބަހައްޓާ މަގުބައްތިތަކާއި ނެރުގައި ބަހައްޓާ ނެރުބައްތިތަކާއި އެނޫންވެސް ތަކެތި، މިމާއްދާގެ (ހ) ގައި ބަޔާންކުރާ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ނުބެލެވޭނެއެވެ.

 

(ނ)

ވެހިކަލްތަކުގެ ތެރެއިން ދެފުރޮޅުލީ އުޅަނދުފަހަރު މަގުމަތީގައި ބަހައްޓާނަމަ، ބަހައްޓަންވާނީ ދެފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދެއްގައެވެ. ޕާކުކުރާނެ ތަނެއް ޚާއްސަކޮށްފައިނުވާނަމަ، އެފަދަ އުޅަނދުފަހަރު ބަހައްޓަންވާނީ، ހިނގާމީހުންނާއި ދުއްވާއެއްޗެއްސަށް އަދި އިންވެގެންހުރި ގޯތިގެދޮރަށް ވަދެނިކުމެ ހެދުމަށް އުނދަގޫ ނުވާނެފަދަ ގޮތަކަށް މަގުގެ އެއްފަރާތުގައެވެ.

 

(ރ)

ވެހިކަލްތަކުގެ ތެރެއިން ދެފުރޮޅުލީ އުޅަނދުފަހަރު ފިޔަވައި އެހެން އުޅަނދުފަހަރު ބަހައްޓަންވާނީ އެއުޅަނދަކަށް ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްގައެވެ. މަސައްކަތެއްގެ ތެރެއިން އުޅަނދު މަގުމަތީގައި ބަހައްޓަންޖެހޭނަމަ، އެފަދަ އުޅަނދުފަހަރު ބަހައްޓަންވާނީ، ހިނގާމީހުންނާއި ދުއްވާ އެއްޗިއްސަށް އަދި އިންވެގެންހުރި ގޯތިގެދޮރަށް ވަދެނިކުމެ ހެދުމަށް އުނދަގޫ ނުވާނެފަދަ ގޮތަކަށް މަގުގެ އެއްފަރާތުގައެވެ. އަދި އެދުވަހުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އުޅަނދު މަގުމަތިން ނަގަންވާނެއެވެ.

6.

އިޢުލާނު ކުރުން

(ހ)

މިއުޞޫލަށް ޢަމަލުކުރަން ފެށުމާއެކު، މިއުޞޫލަށް ޢަމަލުކުރުމުގެ ކުރީން ރަށުގެ މަގުތަކަށާއި، އާންމުތަންތަނަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމަށް 3 މަސްދުވަހުގެ މުއްދަތަކާއެކު ކައުންސިލުން ޢާންމުކޮށް އިޢުލާން ކުރަންވާނެއެވެ.

 

 

(ށ)

މިމާއްދާގެ (ހ) ގައި ބަޔާންކުރާ އިޢުލާނު ކުރާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެތަކެތި އޭގެ ވެރިފަރާތުން ނުނަގައިފިނަމަ މިކައުންސިލްގެ ޤަވާއިދު ނަންބަރު 2013/R-816 (ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު) ގެ ބޭނުމަށްޓަކައި އެއީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި އެމުއްދަތުގެ ފަހުން އިތުރު އެންގުމަކާއި ނުލައި އެތަކެތި ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

7.

ދޫކޮށްލާފައިވާ އެއްޗަކަށް ހުއްދަ ހޯދުމާއި، ނެގުމަށް އެންގުން

(ހ)

ކައުންސިލުން އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމަށް ކަނޑައެޅުމަށްފަހުވެސް، އެތަނަކީ އެފަދަ އެއްޗެއް ބޭއްވުމަށް އެކަށީގެންވާ ތަނެއްކަމަށް ކައުންސިލަށް ފެންނަނަމަ، ލިޔުމުން ކައުންސިލްގެ ހުއްދައާއެކު، ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް އެއެއްޗެއް އެތަނުގައި ބޭއްވިދާނެއެވެ.

(ށ)

މިއުޞޫލުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅާ ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް އެއީ ދޫކޮށްލާފައިވާ އެއްޗެއް ކަމުގައި ކަނޑައަޅަންވާނީ، އެއެއްޗެއްގެ ވެރިފަރާތް އެނގޭނަމަ، ވެރިފަރާތަށް އެއެއްޗެއް ނެގުމަށް 15 (ފަނަރަ) ދުވަހުގެ މުއްދަތު ލިޔުމުން ދިނުމަށްފަހުއެވެ. ވެރިފަރާތް ނޭނގޭނަމަ، ވެރިފަރާތް ހޯދުމަށް އިޢުލާނު ކުރަންވާނެއެވެ. އިޢުލާނު ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަސް ތެރޭގައި ވެރިފަރާތުން އެއެއްޗަކާއި ޙަވާލުވެ އެތަނަކުން ނުނަގައިފިނަމަ، އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ބެލެވޭނެއެވެ.

8.

ދޫކޮށްލާފައިވާ ތަކެތި ނެގުން

(ހ)

މިއުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައެޅުމަށްފަހު އެ އެއްޗެއް ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ)

މިގޮތުން ދޫކޮށްލާފައިވާ ތަކެތި ނަގައިގެން ގެންދިއުމުގައި އެއެއްޗަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

 

(ނ)

ދޫކޮށްލާފައިވާ ތަކެތި ނެގުމުގެ ކުރިން އެތަކެތި ހުރި ގޮތް އެނގޭނެ ގޮތަށް ކައުންސިލުން އެތަކެތީގެ ފޮޓޯ ނަގައި، އެތަކެތި ހުރި ތަނާއި، ހުރި ޙާލަތާއި ފޮޓޯ ހިމަނައިގެން ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.

9.

ދޫކޮށްލާފައިވާ އެއްޗެއް އަނބުރާ ގެންދިއުން

(ހ)

މިއުޞޫލުގެ ދަށުން ކައުންސިލުން ނަގާ ތަކެތި، އަނބުރާ އޭގެ ވެރިފަރާތަށް ލިބޭނީ ޖޫރިމަނާގެ ގޮތުގައި -/500 (ފައްސަތޭކަރުފިޔާ) އާއިއެކު، ތިރީގައި މިވާ ކަންކަމަށް ކައުންސިލުން ކުރި ޚަރަދު ކައުންސިލަށް ދެއްކުމުންނެވެ.

  1. ވެރިފަރާތް ނޭނގޭނަމަ ވެރިފަރާތް ހޯދުމަށް އިޢުލާނުކުރުމަށް ޚަރަދެއް ކޮށްފައިވާނަމަ އެޚަރަދު
  2. ދޫކޮށްލާފައިވާ އެއްޗެއްކަން ކަނޑައެޅުމަށްޓަކައި އެއެއްޗެއް ނެގުމަށް އެންގުމަށް އިޢުލާނެއް ކުރަންޖެހުނުނަމަ، އެކަމަށް ދިޔަ ޚަރަދު.
  3. ދޫކޮށްލާފައިވާ ތަކެތި އެއޮތްތަނުން ނެގުމާއި، އެއޮތްތަން ނޫން އެހެންތަނަކަށް ގެންދިއުމާއި، އެހެންތަނެއްގައި އެތަކެތި ބެހެއްޓުމަށް އެއްވެސް ޚަރަދެއް ކޮށްފައިވާނަމަ އެޚަރަދު

10.

ދޫކޮށްލާފައިވާ ތަކެތި ނައްތާލުން

(ހ)

މިއުޞޫލުގެ ދަށުން ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައަޅާ ތަކެތީގެ ތެރެއިން ބޭނުންކުޑަކަމަށް ފާހަގަކުރެވޭ ތަކެތި އެގޮތަށް ކަނޑައެޅުމަށްފަހު އެތަކެތި ނެގުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަސް ފަހުން ކައުންސިލްގެ ފަރާތުން ނައްތާލަންވާނެއެވެ.

 

 

(ށ)

މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ދޫކޮށްލާފައިވާ އެއްޗެއްގެ ބޭނުންކުޑަ ކަމުގައި ބަލާނީ ތިރީގައިވާ މިންގަނޑުތައް ފުރިހަމަވާކަމުގައި ވާނަމައެވެ.

  1. އެއެއްޗެއްގެ ބޭނުން ހިފޭ މިންވަރަށްވުރެ ބޮޑަށް ހަލާކުވެފައިވުން
  2. އެއެއްޗެއް މަރާމާތުކުރުމަށް އެއަށް އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ޚަރަދެއް ދާނެކަމަށް ކައުންސިލަށް ޤަބޫލުކުރެވުން
  3. ޒަމާނަށް އައި ބަދަލާއެކު އެއެއްޗެއްގެ ބަދަލުގައި އެހެން އެއްޗެއް އީޖާދުކޮށްފައިވުމުގެ ސަބަބުން އެއެއްޗެއްގެ ބޭނުމެއް ނެތުން
  4. އެއެއްޗެއްގެ ސަބަބުން ތިމާވެށްޓަށް ގެއްލުމެއް ލިބިދާނެ ނުވަތަ ރައްކާތެރިގޮތުގައި ނައްތާނުލައިފިނަމަ، ގެއްލުމެއް ލިބިދާނެފަދަ ފުރުޞަތެއް އޮތުން
  5. އެއެއްޗެއްގެ ސަބަބުން އާންމު ޞިއްޙަތަށް ގެއްލުމެއް ލިބިދާނެފަދަ ފުރުޞަތެއް އޮތުން
  6. އެއެއްޗެއް ނައްތާނުލައިފިނަމަ، މުޖުތަމަޢުގެ މަޞްލަހަތު ގެއްލިދާނެކަމަށް ކައުންސިލަށް ޤަބޫލުކުރެވުން

11.

ދޫކޮށްލާފައި ހުންނަ ތަކެތި ވިއްކާލުން

(ހ)

މިއުޞޫލުގެ ދަށުން ދޫކޮށްލާފައިވާ އެއްޗެއް ނެގުމަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހު ވެރިފަރާތުން ނުނެގުމުގެ ސަބަބުން ކައުންސިލްގެ ފަރާތުން ނަގައިގެން ގެންދާ ތަކެތި، ކައުންސިލުން ނެގުމަށްފަހު 3 (ތިނެއް) މަސްދުވަސް ވުމުން އެތަކެތި ނީލަމުގައި ވިއްކާލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

12.

ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަ އުޅަނދު

(ހ)

އެއްވެސް އުޅަނދެއް ފަޅުތެރެއަށް ފެތިއްޖެނަމަ، އެއުޅަނދެއްގެ ވެރިފަރާތުން 7 (ހަތެއް) ދުވަސް ތެރޭގައި އެއުޅަނދެއް ނަގަންވާނެއެވެ. ފަޅުތެރެއަށް ފެތިފައި އޮންނަ އުޅަނދުފަހަރު ކަނޑައެޅިފައިވާ މުހުލަތުގައި ނުނަގައިފިނަމަ، އެއީ ފަޅުތެރެއަށް ދޫކޮށްލާފައިހުންނަ ތަކެތި ކަމުގައި ބެލޭނެއެވެ.

 

 

(ށ)

އެއްވެސް އުޅަނދެއް ފަޅުތެރެއަށް ފެތިފައި އޮވެ، 10 (ދިހައެއް) ދުވަހަށްވުރެ އިތުރުވާނަމަ، އެއުޅަނދެއްގެ ވެރިފަރާތަށް އެއުޅަނދެއް ނެގުމަށް ކައުންސިލުން އަންގަންވާނެއެވެ. ވެރިފަރާތް ޔަޤީން ނުވާނަމަ، ވެރިފަރާތް ހޯދުމަށްޓަކައި އިޢުލާން ކުރަންވާނެއެވެ.

 

 

(ނ)

މިގޮތުން އިޢުލާނުކުރާ ދުވަހުންފެށިގެން ނުވަތަ ވެރިފަރާތަށް ނެގުމަށް އަންގާ ދުވަހުން ފެށީގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ވެރިފަރާތުން އެއުޅަނދެއް ނުނަގައިފިނަމަ، މިއުޞޫލުގެ 8 ވަނަ މާއްދާގައި ވާގޮތުގެ މަތިން އެއުޅަނދެއް ނަގައިގެން އެފަދަ އުޅަނދުތައް ބެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ ތަނަކަށް އެއުޅަނދެއް ގެންދަންވާނެއެވެ. މިގޮތުން އުޅަނދު ފަޅުން ނަގާއިރުއާއި ގެންދާ ގެންދިއުމުގައި އަދި އެހެންތަނެއްގައި ބޭއްވުމުގެ ސަބަބުން އެއުޅަނދަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.

 

 

(ރ)

މިގޮތުން ގެންދާ އުޅަނދެއް ގެންދާތާ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެއުޅަނދެއްގެ ވެރިން، އެއުޅަނދަކާ ޙަވާލުވުމަށްޓަކައި އެއުޅަނދެއްގެ ރަޖިސްޓަރީ ނުވަތަ ވެރިފަރާތް އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅައިފިނަމަ، އުޅަނދު އަނބުރާ ޙަވާލުކުރަންވާނީ، މިއުޞޫލުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ޚަރަދުތަކާއެކު، ޖޫރިމަނާގެ ގޮތުގައި -/500 (ފައްސަތޭކަ ރުފިޔާ) ކައުންސިލަށް ދެއްކުމަށްފަހުއެވެ. އަދި ރަސްމީ ލިޔުން ހުށަހެޅީ އެމުއްދަތުގެ ފަހުން ކަމުގައިވާނަމަ، އުޅަނދު އަނބުރާ ޙަވާލުކުރަންވާނީ، މިއުޞޫލުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ޚަރަދުތަކާއެކު، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ 30 (ތިރީސް) ދުވަހަށް -/500 (ފައްސަތޭކަ ރުފިޔާ) އަދި އެއަށްފަހު ހިނގާ ކޮންމެ ދުވަހަކަށް ދުވާލަކަށް -/100 (ސަތޭކަ ރުފިޔާ) ގެ ރޭޓުން ދައްކަންޖެހޭ ޖުމްލަ ފައިސާ ކައުންސިލަށް ދެއްކުމަށްފަހުއެވެ.

 

 

(ބ)

މިމާއްދާގެ (ނ) ގެ ދަށުން ދޫކޮށްލާފައިކަމަށް ކަނޑައަޅާ އުޅަނދެއް ނައްތާލަންވާނީ ނުވަތަ ވިއްކާލަންވާނީ އެއުޅަނދެއް ނަގައިގެން ގެންދިޔަ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ފާއިތުވީއިރުވެސް އޭގެ ވެރިފަރާތުން އެއުޅަނދާއި ޙަވާލުނުވިނަމަ، ވެރިފަރާތަށް އެތަކެތި ނައްތާލާނެކަމަށް ނުވަތަ ނީލަމުގައި ވިއްކާލާނެކަމަށް ލިޔުމަކުން އަންގައި، އެކަމަށް ޝަރުޢީ ކޯޓަކުން ޢަމުރެއް ހޯދުމަށްފަހުގައެވެ. އުޅަނދުގެ ވެރިފަރާތް ނޭނގޭނަމަ، ލިޔުމުން އެންގުމަކާނުލައި މިއަކުރުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެއެވެ.

13.

ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަ ތަކެތި ވަގުތުން ނެގުން

 

ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެއްޗަކީ އޭގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގާފާނެ އެއްޗެއްކަމުގައިވާނަމަ، ނުވަތަ އޭގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސަރެއް ފޯރާފާނެ އެއްޗެއް ކަމުގައި ވާނަމަ، އެފަދަ އެއްޗެއް ވަގުތުން ނެގުން ނުވަތަ އޭގެ ސަބަބުން ކުރިމަތިވާނެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެފަދަ އެއްޗެއް އެއަށްވުރެ ނުރައްކާތެރިކަން ކުޑަ ސަރަޙައްދަކަށް ގެންދިއުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

14.

މާނަކުރުން

 

މި އުޞޫލުގައި "ކައުންސިލް" ކަމަށް ބުނެފައި އެވަނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލަށެވެ.

 

12 އޮގަސްޓް 2020
ހޯދާ