ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޮވުމުގެ ސިޔާސަތަށް ވަނީ ބަދަލު އައިސްފައެވެ. 2014 ވަނަ އަހަރުގެ ދެވަނަ ޓާމް އިން ފެށިގެން ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޮވުމަށް ހަމަޖެހިފައި ވަނީ މި ސިޔާސަތުގެ ދަށުންނެވެ. މިސިޔާސަތު ތިރީގައި މިވަނީއެވެ.
ރުހުން ފުރަތަމަ ލިބުނު ތާރީޚު: 22 ޖޫން 2000
މި އިޞްލާޙު: 24 މާރިޗު 2014
ރުހުން ދިނީ: އެކެޑެމިކް ސެނެޓް
ހ. ތަޢާރުފު
މި ސިޔާސަތުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (ޔުނިވަރސިޓީ) އަށް ދަރިވަރުން ވެއްދުމާއި ކޯހަށް ހޮވުމަށް އުސޫލެއް ހަމަޖެއްސުމެވެ. ޔުނިވަރސިޓީގެ ކްރެޑިޓް ލިބޭ ހުރިހާ ކޯސްތަކަކަށް ދަރިވަރުން ހޮވުމުގައި މި އުސޫލާ އެއްގޮތަށް އަމަލު ކުރެވޭނެއެވެ.
އެމްއެންޔޫ ގެ ދިރާސީ އަހަރު ބެހިފައިވަނީ 2 ޓާރމަށެވެ. ފުރަތަމަ ޓާމު އާންމުކޮށް ފަށަނީ ޖަނަވަރީ މަހުއެވެ. އަދި ދެވަނަ ޓާރމު ފަށަނީ ޖޫން/ޖުލައި ގައެވެ. ކޯސްތަކުގައި ކިޔަވާދޭން ފެށުމުގެ ހަތަރު މަސް ދުވަހުގެ ކުރިން، އުސޫލެއްގެ ގޮތުން ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމަށް އިޢުލާނު ކުރެވޭނެއެވެ.
ށ. އުސޫލުތައް
- ޔުނިވަރސިޓީގެ މަޤްޞަދަކީ އިންސާފުން ދަރިވަރުން ކޯސްތަކަށް ހޮވާ ނިޒާމެއް ތަނުގައި ޤާއިމުކުރުމެވެ. އިންސާފުން ދަރިވަރުން ހޮވާ ނިޒާމަކީ، އެދޭ ފަރާތްތަކުގެ ފަސްމަންޒަރަށް ނުބަލައި، ހުރިހާ މީހުންނަށް، އެމީހުންގެ ޤާބިލިއްޔަތާއި އުއްމީދުތަކާ ގުޅޭ ކޯސްތަކަށް ވަންނަން ހަމަހަމަ ފުރުޞަތު ދެވޭ ނިޒާމެކެވެ.
- އިންސާފުވެރިކޮށް ދަރިވަރުން ހޮވާ ނިޒާމެއް ގެ ދެފަރާތް ފެންނަހާ ސާފުވާން ވާނެއެވެ. މިފަދަ ނިޒާމެއްގައި ހުރިހާ ފަރާތްތަކަކަށް ވެސް ކޯސްތަކަށް ދަރިވަރުން ހޮވުމުގައި ގެންގުޅެފައިވާ އުސޫލުތައް ބެލުމުގެ ފުރުޞަތު، އެކަމަށް ހަމަޖެހިފައިވާ އިދާރީ ނިޒާމުގެ ތެރެއިން ފަހިކޮށްދެވެން ވާނެއެވެ.
- ހާސިލުކޮށްފައިވާ ތަޢުލީމީ ފެންވަރާ ބެހޭ މަޢުލޫމާތަކީ، މިސާލަކަށް، އޯލެވެލް/އައި.ޖީ.އެސް.ސީ/އެސް.އެސް.ސީ ނުވަތަ އޭލެވެލް/އެޗް.އެސް.ސީ ނަތީޖާތަކަކީ، ކޯހެއް ކާމިޔާބުކަމާއެކު ނިންމިދާނެކަން އަންގައިދޭ އެންމެ ރަގަނޅު އަލާމާތެވެ. އެއްވެސް ކޯހަކަށް ވަނުމަށް ކަނޑައަޅާ ޝަރުޠުތަކުގެ ތެރޭގައި، ކޯސް ކާމިޔާބުކަމާ އެކު ނިންމާނޭކަން ވަޒަން ކުރަން ބޭނުން ނުހިފޭ މަޢުލޫމާތެއް ހިމަނައިގެން ނުވާނެއެވެ.
- ކޯހަށް ދަރިވަރުން ހޮވުމުގައި ގެންގުޅޭ އުސޫލުތައް ހަމަޖައްސަން ވާނީ، ކޯހަށް ޝަރުޠު ފުރިހަމަކުރަން ވީހާވެސް ހުރަސްތައް މަދު ކުރެވޭ ގޮތަށެވެ.
- ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ވެއްދުމުގައި ގެންގުޅޭ އުސޫލުތަކަކީ އާންމުން އިތުބާރު ކުރާ އުސޫލުތަކަކަށް ވާން ޖެހޭނެއެވެ. އެ އުސޫލުތަކުގެ ޛަރީޢާ އިން ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކަށް، ފެންވަރު ރަނގަޅު، އަވަސް، ޕްރޮފެޝަނަލް ޚިދުމަތް ދެވެން ޖެހޭނެއެވެ.
- ކޯސްތަކަށް ވަނުމަށް ޖާގަ ދެވޭނީ ޝަރުޠުހަމަވާ ފަރާތްތައް ފޯމުހުށަހަޅާ ތަރުތީބުންނެވެ. ޝަރުޠު ހަމަވާ ފުރަތަމަ ފޯމަށް ފުރަތަމަ ޖާގައެވެ. މީގެ މާނައަކީ ފޯމުހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް، ފޯމުހުށަހަޅާ ތަރުތީބުން ކޯހުގެ ޖާގަ އޮތް މިންވަރުން ކޯހަށް ހޮވަމުން ގެންދިއުމެވެ. މިގޮތަށް ކޯސްތަކަށް ދަރިވަރުން ހޮވާއިރު އެހެން ކަންތައްތައްކަށް، މިސާލަކަށް، މަތީ ގްރޭޑްތައް ލިބުނު ފަރާތްތަކަށް އިސްކަންދިނުން ފަދަ ހަމަތަކަކަށް ނުބަލާނެއެވެ.
- ޖާގަދޭއިރު، ކޯސްތަކަށް އެދޭ ފަރާތްތައް އެންމެ އެދޭ ކޯހަށް ފުރުޞަތު ދެވޭތޯ ޔުނިވަރސިޓީން ބަލާނެއެވެ.
ނ. މަޢުލޫމާތަށް އެދޭ ފަރާތްތަކާއި ކޯސްތަކަށް އެދެން ބޭނުންވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު
- ކޯސްތަކަށް ވަންނަން އެދޭ ދަރިވަރުންނަށް، ތެދު އަދި ގުޅޭ މަޢުލޫމާތު ދިނުމާއި އެތެރެ ފެންނަހާ ސާފުކޮށް ވަދެވޭގޮތްތައް ހަމަޖެއްސުމާއި، ވަނުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި އެހީތެރިކަން ޔުނިވަރސިޓީން ދެވޭނެއެވެ.
- ކޯހަށް ދަރިވަރުން ހޮވުމަށް ބޭނުންކުރާ ޝަރުޠުތަކާއި ކަންކަންކުރާނޭ ގޮތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓާއި ޢާންމު މީޑިއާގައި ޝާއިޢުކުރާނެއެވެ.
- ކޯސްތަކާ ބެހޭ މަޢުލޫމާތު ޝާއިޢުކުރާއިރު އެ މަޢުލޫމާތަކީ ޞައްޙަ އަދި ފުރިހަމަ މަޢުލޫމާތު ކަން ޔަޤީންކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެއެވެ. ކޯސްތަކާ ބެހޭ މަޢުލޫމާތާއި ކޯސްތަކަށް ވަނުމުގެ ޝަރުޠާއި، ޔުނިވަރސިޓީގެ ހަމަތަކާއި ސިޔާސަތުތަކާއި ފީތަކާ ބެހޭ މަޢުލޫމާތު ފަދަ ބަދަލު އައިސްފާނެ މަޢުލޫމާތު، ޔުނިވަރސިޓީގެ ވެބްސައިޓްގައި ބަދަލު އަންނަމުން ދިޔަވަރަކުން، އަޕްޑޭޓް ކުރެވޭނެއެވެ.
ރ. ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިގެ ޒިންމާތަކާއި މަސްއޫލިއްޔަތު
- ކޯސްތަކާ ބެހޭ ގޮތުން އަންނަ ސުވާލުތަކަށް ޖަވާބުދާރީވުމާއި ވަކިވަކި އެޕްލިކޭޝަންތަކާ ބެހޭގޮތުން ކޯސްތަކަށް ވަންނަ ފަރާތްތަކަށް ނަސޭހަތްތެރިވުން.
- ކޯސްތަކަށްއެދޭ ހުރިހާ ފަރާތެއްގެ އެޕްލިކޭޝަން ބަލައިގަތުމާއި ޕްރޮސެސްކުރުން. ޕްރޮސަސް ކުރުމަކީ، ޖާގަ ދިނުމާ ނުދިނުމާބެހޭ ގޮތުން ގޮތެއް ނިންމުމަށްޓަކައި، ކުރަން ކަނޑައަޅާފައިވާ ކަންތައްތަކެއް ކުރުމެވެ.
- އިޢުލާން ކުރެވިފައިވާ ޝަރުޠުތަކާއި މިންގަނޑުތަކާއި ތައާރަޒުނުވާ ގޮތަށް ދަރިވަރުން ވައްދަން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޯސްތަކަށް ދަރިވަރުން ހޮވުމާއި، ހުށަހަޅާ އެޕްލިކޭޝަންތަކާއި މެދު ނިންމާގޮތް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކަށް އެންގުން.
- ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް އެހީތެރި ވުމާއި ނަސޭހަތްތެރިވުން.
- އެޕްލިކޭޝަން ފުރިހަމަކޮށްފައިވާނަމަ، ހުށަހެޅި އެޕްލިކޭޝަންތަކާއި މެދު ނިންމާގޮތް، އެޕްލިކޭޝަން ހުށަހަޅާތާ 2 ހަފުތާ ތެރޭ ކޯސްތަކަށް އެދޭފަރާތްތަކަށް އެންގުން.
ބ. ކޯހަށް އެދޭ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތު
- ކޯހަށް އެދޭއިރު ފުރިހަމަ ތެދު މަޢުލޫމާތު ފޯމާއެކު ހުށަހެޅުން. އަދި އެޕްލިކޭޝަން ހުށަހެޅިފަހުން އެއްވެސް މަޢުލޫމާތަކަށް ބަދަލެއް އައިސްފިނަމަ ލަސްނުކޮށް ޔުނިވަރސިޓީއަށް އެންގުން.
- ޔުނިވަރސިޓީގެ ޕޮލިސީތަކަށް އިޙްތިރާމް ކުރުން.
ޅ. ކޯހަށް ދަރިވަރުން ހޮވުމުގައި ބެލޭނެ މިންގަނޑު
ޔުނިވަރސިޓީގެ ގިނަ ކޯސްތަކަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފަރާތްތަކުގެ އަދަދު އާންމުކޮށް ހުޅުވާލެވިފައިވާ ޖާގަތަކަށް ވުރެ ގިނައެވެ. އެހެންކަމުން ކޯސްތަކަށް އެދި ފޯމު ހުށަހަޅާފަރާތްތަކުގެ ތެރެއިން ކޯސްތަކަށް ވަނުމަށް ބޭނުންވާ ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަކަށް ކޯހުން ޖާގައެއް ނުލިބޭނެއެވެ. ކޯސްތަކަށް އެދި ފޯމު ހުށަހަޅާ ހުރިހާ ފަރާތްތައް މިންކުރެވޭނީ، ޔުނިވަރިސިޓީގެ ވެބްސައިޓާއި އެހެނިހެން އާންމު މީޑިޔާ ޗެނެލްތަކުގައި ޝާއިޢު ކުރެވިފައިވާ ޝަރުޠުތަކަށް ބަލައިގެންނެވެ. ކޯސްތަކަށް ދަރިވަރުން ހޮވުމުގައި ބަލާނީ ކޯސްތަކަށް އެދި ފޯމު ހުށަހަޅާ ތަރުތީބުން ކަމުގައިވާތީ ތަޢުލީމީ ސެޓިފިކެޓްތަކުގެ ނަތީޖާ މަތީ ފަރާތަކަށް، ފޯމު ހުށަހެޅިއިރު، ޖާގަ ހުސްވެފައިވާނަމަ، ކޯހުން ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ތަޢުލީމީ ޝަރުޠުތައް
- ކޮންމެ ކޯހަކަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު (ކޯހުގެ އެންޓްރީ ރިކުއަރމެންޓްތައް) ކޯސްތަކަށް އިޢުލާން ކުރެވޭއިރު އާންމުކޮށް އިޢުލާން ކުރާނެއެވެ.
- ކޯހަކުން ޖާގަ ލިބުމަށް އެކޯހަކަށް ވަނުމަށް ފެކަލްޓީ/ ސެންޓަރުން ކަޑައަޅާފައިވާ އެންމެ ދަށް މިންގަނޑު އެ ފަރާތެއްގެ ކިބައިގައި ހުންނަންވާނެއެވެ. ޝާއިޢުކޮށްފައިވާ ކޯހަށް ވަނުމަށް ބޭނުންވާ ޝަރުޠަށް ނުފެތޭ އެއްވެސް ފަރާތަކަށް ކޯހުން ޖާގައެއް ނުދެވޭނެއެވެ. ކޯހެއް ހިންގުމަށް ބޭނުންވާ އަދަދަށް ޝަރުޠު ހަމަވާ ދަރިވަރުން ކުރިމަތިނުލައިގެން ޝަރުޠުތައް ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ ބަދަލުތައް ގެނައުމަށްފަހު، ޢާންމުކޮށް ކޯހަށް އަލުން އިޢުލާނު ކުރަންވާނެއެވެ.
ކޯހަށް ވަނުމަށް ބޭނުންވާ އެހެނިހެން ޝަރުޠުތައް
- ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށްޓަކައި އެކަށީގެންވާ ވަރަކަށް އިނގިރޭސި ބަސް އެނގުން ލާޒިމެވެ. މި ފެންވަރަށް އިނގިރޭސިބަހުގެ ފާހެއް ނެތް ފަރާތްތަކަށް ޚާއްޞަކޮށްގެން ޔުނިވަރސޓީން މަދުވެގެން އަހަރަކު 2 ފަހަރު ހިންގުމަށް ހަމަޖެހިފައިވާ އިނގިރޭސި އިމްތިޙާނުގައި ބައިވެރިވެ، މިއިމްތިޙާނުގެ ނަތީޖާ އެޕްލިކޭޝަން ފޯމާ އެކު ހުށަހެޅިދާނެއެވެ. ކޯހަށް ވަނުމަށްޓަކައި އެހެން މާއްދާތަކުން ވަކި ފެންވަރެއް ހުންނަންޖެހޭ ކޯސްތަކަށް ޚާއްޞަކުރެވިގެން މިފަދަ އިމްތިޙާންތައް ޔުނިވަރސިޓީން ބޭނުންވެއްޖެނަމަ، ހިންގާނެއެވެ.
- ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށްޓަކައި ތަޢުލީމީ ނޫން ޝަރުޠުތަކެއް ހަމަކުރުމަށް ލާޒިމް ކުރެއެވެ. މީގެ ތެރޭގައި އިންޓަރވިޔު ކުރުމާއި ފުލުހުންގެ ބަޔާން ހޯދުމާއި، މެޑިކަލް ޗެކަޕް ހިމެނެއެވެ. މިފަދަ ޝަރުޠުތައް ހިމެނޭ ކޯސްތައް، ކޯސްތަކުގެ އިޢުލާނުގައި ފާހަގަ ކުރެވިފައިވާނެއެވެ. އެކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް އެކަންކަމާބެހޭ މަޢުލޫމާތު، އެދެފިނަމަ އިތުރަށް ސާފުކޮށްދެވޭނެއެވެ.
- ބައެއް ކޯސްތަކަށް ވަންނަ ޝަރުޠުތަކުގައި، ޢުމުރަށާއި ތަޖުރިބާއަށް ބަލައި ވަދެވޭ ޝަރުޠުތަކެއް (އޯލްޓަނެޓިވް ރިކުއަރމަންޓް) ހިމަނައެވެ. މިފަދަ ކޯސްތަކަށް ވަންނަށް އެދޭ ފަރާތްތައް، ކޯހަށް ވަނުމަށް ބޭނުންވާ ތަޖްރިބާ ހުރިކަން އަންގައިދޭ ރަސްމީ ލިޔުން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ވާނެއެވެ.
ކ. ކޯހަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި
- ކޮންމެ މީހަކަށް ވެސް ކުރިމަތި ލެވޭނީ ކޮންމެ ޓާރމެއްގައި ގިނަ ވެގެން ތިން ކޯހަށެވެ.
- ކޯހަށް ކުރިމަތިލާ ފަރާތުން އެދޭ ތިންކޯހުގެ ނަން، ބަޔާންކުރާނީ ކޯސްބޭނުންވާ ތަރުތީބުން އެއް ފޯމެއްގައެވެ. ކޯހުން ޖާގަ ދެވޭނީ، ކުރިމަތިލާ ފަރާތުން ކަނޑައަޅާ ނިސްބަތުން، ޖާގަހުރި ކޯހަށެވެ.
- ކޯސްތަކަށް އެދޭ ފަރާތްތައް ތިރީގައި ވާ ތަކެތި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.
ހ. ފުރިހަމަކުރެވި ސޮއިކޮށްފައިވާ ޔުނިވަރސިޓީ އެޕްލިކޭޝަން ފޯމު.
ށ. އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ.
ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ބައެއް ކޯސްތަކަށް އެދޭއިރު، ތިރީގައިވާ ތަކެތީގެ ތެރެއިން ބައެއް ނުވަތަ ހުރިހާ ތަކެއްޗެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން އަންގައެވެ. ބޭނުންވާ ލިޔުންތައް، ކޯހަށް އިޢުލާނުކުރާއިރު ހާމަކުރެވިފައިވާނެއެވެ.
ހ. ވަޒީފާ އަދާކުރިކަން ސާބިތުވާ ލިޔުމެއް.
ށ. ވަޒީފާ އަދާކުރާ/ކުރި ތަނުގެ ވެރިއެއްގެ ރެފަރެންސް ސިޓީއެއް.
ނ. ސްކޫލް ލީވިންގ ސެޓްފިކެޓް، އެންމެ ފަހުން އުޅުނު ގްރޭޑުން ދީފައިވާ ސްކޫލް ރިޕޯރޓް ގެ އަސްލާއެއްގޮތް ކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއެއް.
ރ. އެހެނިހެން ޑޮކިއުމަންޓްތައް.
އ. އެޕްލިކޭޝަން ވަޒަންކުރުމާއި ކޯސްތަކަށްއެދިފައިވާ ފަރާތްތަކާ މުޢާމަލާތްކުރުން
- ކޯހަށް ވަނުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާ ބެހޭބައިންނާއި ޔުނިވަރސިޓީގެ ކެމްޕަސް ތަކުންނެވެ.
- ކޯހަށް ވަނުމަށް އެދި ހުށަހަޅާ ފޯމުތައް ޕްރޮސެސް ކުރާނީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާ ބެހޭބައިންނެވެ.
- ކޯހަށްވަނުމަށް ބޭނުންވަނީ ހަމައެކަނި ތަޢުލީމީ ޝަރުޠުތައް ކަމުގައިވާ ނަމަ، ދަރިވަރުންގެ ޚިދްމަތްތަކާއި ބެހޭ ބައިން އިޢުލާނު ކުރެވިފައިވާ ކޯހަށް ވަނުމަށް ބޭނުން އެންމެ ދަށްމިންގަނޑަށް ބަލައި، އެޕްލިކޭޝަނާ މެދު ނިންމާ ގޮތް ކަޑައަޅާނީ ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާބެހޭ އޮފީހުންނެވެ. ކޯހަށް އެދި ފޯމު ހުށަހެޅި ފަރާތަށް، ހޮވުނުކަން ނުވަތަ ނުހޮވޭކަން އަންގާނީ އީމެއިލް މެދުވެރިކޮށެވެ.
- ކޯހަށްވަނުމަށް ބޭނުންވާ ޝަރުޠުތަކުގައި ފަސޭހައިން ވަޒަން ނުކުރެވޭ ކަންކަން ހިމެނޭ ނަމަ، އެފަރާތަކަށް ޖަވާބު ދިނުމުގެ ކުރިން ގުޅުން ހުރި ފެކަލްޓީ/ސެންޓަރަކާއި މަޝްވަރާ ކުރެވޭނެއެވެ.
- ކޯހަށްވަނުމަށް އިންޓަރވިޔުއާއި އެންޓްރަންސް އެގްޒެމިނޭޝަން ފަދަ ތަޢުލީމީ ނޫން ޝަރުޠުތައް ހިމެނިފައިވާ ނަމަ، އެބައެއް ފުރިހަމަ ކުރުމަށްޓަކައި ގުޅުން ހުރި ފެކަލްޓީ/ސެންޓަރށް ފޮނުވޭނެއެވެ. މިފަދަ އެޕްލިކޭޝަންތަކަށް ޖަވާބު ދިނުން ލަސްވެދާނެއެވެ.
- ހުރިހާ ހާލަތެއްގައި އެދިފައިވާ ކޯހާއި ބެހޭ މަޢުލޫމާތާއި، ކޯހާއި މެދު ނިންމާ ގޮތް ކޯހަށް އެދޭފަރާތާއި ހިއްސާކުރާނީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާ ބެހޭބައިން، އީމެއިލްގެ ޛަރީޢާ އިންނެވެ.
ފޯމުހުށަހެޅި ފަރާތެއްގެ އެޕްލިކޭޝަން ނާކާމިޔާބު ވެއްޖެނަމަ، ފޯމާއި އެކު ހުށަހެޅި ސެޓިފިކެޓްތަކުގެ ޞައްޙަކަމަށް ތައްގަނޑުޖަހާފައިވާ (އެޓެސްޓަޑް) ކޮޕީތައް ހޯދުމަށް، ޓާމު ފެށުމަށްފަހު، އެއް އަހަރުދުވަހުގެ ތެރޭގައި އެދެފިނަމަ، އެ ލިޔުންތައް އަނބުރާ ދޭނެއެވެ.
ވ. ލިބިފައިވާ ޖާގައާމެދު ނިންމާގޮތާއި ކޯހުގައި ރަޖިސްޓްރީވުން
- ޔުނިވަރސިޓީގެ ކޯހަކުން ޖާގައެއް ލިބިއްޖެނަމަ، އެ ޖާގަ ކަށަވަރުކުރުމަށްޓަކައި، ޖާގަ ލިބުނު ފަރާތަކުން ތިރީގައިވާ ފިޔަވަޅުތައް އަޅަންވާނެއެވެ.
ހ. ޖާގަދިންކަމަށް ފޮނުވި ލިޔުމާއެކު ހިމެނޭ ފޯމު މެދުވެރިކޮށް، ކޯސް ޤަބޫލުކުރިކަން ކަނޑެއެޅިފައިވާ މުއްދަތުގައި އެންގުން.
ށ. ކޯހަށް ހޮވުނު ކަން އަންގާ ސިޓީގައި ބަޔާންކުރެވިފައިވާ މުއްދަތުގައި ކޯހުގައި ރަޖިސްޓްރީވެ ކޯހަށް ފީ ދެއްކުން.
ނ. ކޯހަށް ހޮވުނު ކަން އަންގާ ސިޓީގައި އެހެން ކަމެއް ކުރަން ބުނެފައިވާނަމަ، އެކަން ފުރިހަމަ ކުރުން.
- ކޯހަށް ހޮވުނު ކަން އަންގާ ސިޓީގައި ބަޔާންކުރެވިފައިވާ މުއްދަތުގައި ކޯހުގައި ރަޖިސްޓްރީ ނުވެއްޖެނަމަ ކޯހުން ދީފައިވާ ޖާގަ ކެންސަލް ކުރުމުގެ ޙައްޤު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
މ. ކޯހުން ލިބިފައިވާ ޖާގަ ކެންސަލްކުރުން ނުވަތަ ދޫ ކޮށްލުން
ތިރީގައިވާ ހާލަތްތަކުން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޯހަކުން ދެވިފައިވާ ޖާގަ ކެންސަލް ކުރުމުގެ ޙައްޤު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- ކޯހުން ޖާގަ ދީފައިވަނީ އެޕްލިކޭޝަން ފޯމާއި އެއާ އެކު ހުށަހަޅާފައި ލިޔުންތަކުގައި ހިމެނެނީ، ތެދު އަދި ޙަޤީޤީ މަޢުލޫމާތު ކަމަށްބަލާފައެވެ. ނަމަވެސް އެޕްލިކޭޝަން ފޯމާއި އެއާ އެކު ހުށަހަޅާފައިވާ ލިޔުންތަކުގައިވާ މަޢުލޫމާތާމެދު ޝައްކެއް އުފެދިއްޖެނަމަ އެކަން ބަލާ މަޢުލޫމާތު ޞައްޙަ ނޫންކަން ސާބިތުވެއްޖެ ހިނދެއްގައި ކޯހުން ދެވިފައިވާ ޖާގަ ކެންސަލް ކުރެވޭނެއެވެ.
- ކޯހުން ޖާގަދެވިފައިވާ ފަރާތެއްގެ މައްޗަށް ޤާނޫނީ ކުށެއްކުރިކަން ސާބިތުވެއްޖެނަމަ، ނުވަތަ ޔުނިވަރސިޓީގެ ކަރާމަތާއި ޤަދަރަށް އުނިކަމެއް ލިބިދާނެކަމަށް ފެނިއްޖެނަމަ، ނުވަތަ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށް ނުރައްކަލެއް ދިމާވެދާނެ ހަރަކާތެއްގައި އެފަރާތެއް ބައިވެރިވާކަން ނުވަތަ ވެފައިވާކަން ސާބިތުވެއްޖެނަމަ ކޯހުން ދެވިފައިވާ ޖާގަ ކެންސަލް ކުރެވޭނެއެވެ.
- ޔުނިވަރިސިޓީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ކޯހެއް ފެށޭނީ އެ ކޯހެއް ފެށުމަށް ބޭނުންވާ އެންމެ ދަށް މިންވަރަށް ދަރިވަރުން ކޯހުގައި ރަޖިސްޓްރީ ކުރުމުންނެވެ. އެހެންކަމުން މިއަދަދަށް ދަރިވަރުން ކޯހުގައި ރަޖިސްޓްރީ ނުވާނަމަ ކޯހުންދެވިފައިވާ ޖާގަ ކެންސަލް ކުރެވޭނެއެވެ.
- ދިމާވާ އާދަޔާ ޚިލާފު ހާލަތަކާ ގުޅިގެން ކޯސް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ޔުނިވަރިސިޓީއަށް ލިބޭގޮތް ނުވެއްޖެނަމަ އެ ކޯހުންދެވިފައިވާ ޖާގަ ކެންސަލް ކުރެވޭނެއެވެ.
- މަތީގައި ބަޔާންކުރެވިފައިވާ ހާލަތެއް މެދުވެރިވެގެން ކޯހުން ދެވިފައިވާ ޖާގަ ކެންސަލް ކުރެވިއްޖެނަމަ، އެފަރާތެއް އެދިފައިވާ ކޯސްތަކުގެ ތެރެއިން ދެވަނައަށް ނުވަތަ ތިންވަނައަށް އެދިފައިވާ ކޯހުގައި ޖާގަ ހުރިނަމަ އެކޯހަކުން ޖާގަ ދިނުމަށް ޔުނިވަރސިޓީން މަސައްކަތްކުރާނެއެވެ.
- ކޯހަށް ހޮވުނު ކަން އަންގާ ސިޓީގައި ބަޔާންކުރެވިފައިވާ މުއްދަތުގައި ކޯހުގައި ރަޖިސްޓްރީ ނުވެއްޖެނަމަ ކޯހުން ދީފައިވާ ޖާގަ، އެންގުމަކާ ނުލައި، ކެންސަލް ކުރެވޭނެއެވެ.
- ޔުނިވަރިސިޓީން ޖާގަދެވިފައިވާ ކޯހުގެ ޖާގަ ކެންސަލް ކުރެވިއްޖެނަމަ ޔުނިވަރސިޓީ ހަމަ އެކަނި ޒިންމާ ވާނީ އެކޯހަށް ފީ ދައްކާފައިވާނަމަ އެފީ އަބުރާ ދިނުމަށެވެ. އިތުރު އެއްވެސް ޒިންމާއަކުން ޔުނިވަރސިޓީ ބަރީޔަވެއެވެ.
14 ޖުމާދަލްއާޚިރާ 1435