މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މަޑުއްވަރީއަށް ބިދޭސީން ގެނައުމާއި މަޑުއްވަރީގައި ބިދޭސީން ގެންގުޅުމުގައި ޢަމަލުކުރަންވީ އުޞޫލު

އިޢުލާން

ރ. މަޑުއްވަރީއަށް ބިދޭސީން ގެނައުމާއި މަޑުއްވަރީގައި ބިދޭސީން ގެންގުޅުމުގައި ޢަމަލުކުރަންވީ އުޞޫލު

ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ބަޔާންކުރާ ލިޔެކިޔުންތައް ފުރިހަމަ ނޫން ބިދޭސީންގެ މައްސަލަ ބޮޑުވެ މިކަމަކީ ޤައުމަށާއި ރައްޔިތުންނަށް ނުރައްކަލަކަށްވެ އަދި ނުޤަވާޢިދުން ރާއްޖެ އައިސްތިބި ބިދޭސީންނަށްވެސް ގެއްލުންތަކެއް ލިބިދާނެކަމެއްކަމަށް ފެންނާތީ އަދުގެ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ ސިޔާސަތުތަކާއި އެއްގޮތަށް މަޑުއްވަރީއަށް ބިދޭސީން ގެނައުމާއި ގެންގުޅުމުގައިވެސް ޢަމަލުކުރާންވީ އުސޫލެއް މިވަނީ ކައުންސިލުން އެކަށައަޅާ ފާސްކޮށްފައެވެ. އަދި މިއުޞޫލަށް ޢަމަލުކުރަން ފެށުމަށް ނިންމާފައިވަނީ 2020 އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެންނެވެ. ބަޔާންވެދިޔަ ނިންމުންތައް ނިންމާފައިވަނީ 2020 ޖުލައި 15 ވަނަ ދުވަހު ބޭއްވި މިކައުންސިލްގެ 3 ވަނަ ދަޢުރުގެ 2020 އަހަރުގެ 28 ވަނަ ޖަލްސާއިންނެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

 

ނަންބަރު: 2020/1

ރ. މަޑުއްވަރިއަށް ބިދޭސީން ގެނައުމާއި ގެންގުޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު

 

1.

ތަޢާރަފާއި ނަން

(ހ)

މިއުޞޫލަކީ ރ.މަޑުއްވަރިއަށް ގެންނަ ބިދޭސީ މަސައްކަތު މީހުން ރަށަށް ގެނައުމާއި އެމީހުން ރަށުގައި ގެންގުޅުމާއި، އެމީހުން އަނބުރާ ފޮނުވާލުމުގައި ޢަމަލުކުރަންވީ ގޮތާއި ބެހޭ ގޮތުން މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލުން އެކުލަވާލާފައިވާ އުޞޫލެކެވެ.

(ށ)

މި އުޞޫލަށް ކިޔާނީ "ރ. މަޑުއްވަރިއަށް ބިދޭސީން ގެނައުމާއި ގެންގުޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު" އެވެ.

2.

މަޤްޞަދު

 

މިއުޞޫލުގެ މަޤްޞަދަކީ ބިދޭސީންނާއި ގުޅޭގޮތުން ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ރަށުގައި އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމާއި، ރަށަށް އެތެރެވާ އަދި ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި، ދަފްތަރު އަދާހަމަކުރުމާއި، ރަށުގައި ދިރިއުޅޭ ބިދޭސީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު ބިދޭސީންނާއި ގުޅުންހުރި އެންމެހާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ރެގިއުލޭޓް ކުރުމާއި ވިލަރެސް ކުރުމެވެ.

3.

ޢަމަލުކުރަން ފަށާ ތާރީޚް

 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 2020 އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެންނެވެ.

4.

ބިދޭސީން ރަށަށް ގެނައުން

(ހ)

މިއުޞޫލަށް ޢަމަލުކުރަން ފެށުމަށްފަހު، ރ.މަޑުއްވަރިއަށް ގެންނަންވާނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާއި ބެހޭ ޤާނޫނު) އާއި 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) އަދި R-22/2011 (ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާއިދު) ގެ ދަށުން ނަގަންޖެހޭ ހުއްދަތަކާއި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށްފައިވާ ބިދޭސީންނެވެ.

 

 

(ށ)

މިމާއްދާގެ (ހ) ގައި ބަޔާންކުރާ ބިދޭސީން ރަށަށް ގެނައުމުގެ ކުރިން މިއުޞޫލުގެ ޖަދުވަލު 1 ގައިވާ "ބިދޭސީން ރަޖިސްޓަރީ ކުރުމާއި ގުޅޭ ފޯމު – EXP-01" ފުރިހަމަކޮށް، ފޯމާއެކު، ތިރީގައިވާ ތަކެތި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

  1. ބިދޭސީ މަސައްކަތު މީހާގެ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ކޮޕީ
  2. އެމްޕްލޯއިމަންޓް އެޕްރޫވަލް ނުވަތަ ވޯކް ޕާމިޓްކާޑުގެ ދެފުށުގެ ކޮޕީ
  3. ޕާސްޕޯޓްސައިޒް 2 ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ނަގާފައިވާ، އަދި ނެގިފަހުން 3 މަސް ނުވާ)
  4. ބިދޭސީ މަސައްކަތުމީހާ ގެންނަންއެދޭ ނުވަތަ ޒިންމާވާނެ ފަރާތުގެ އައިޑީކާޑު ކޮޕީ
  5. އިދާރީ ފީއެއްގެ ގޮތުން -/100 (ސަތޭކަ) ރުފިޔާ

ބިދޭސީ މަސައްކަތުމީހާގެ ޕާސްޕޯޓު ސައިޒު ފޮޓޯ އޭނާ ރަށަށް އައުމުންވެސް ހުށަހެޅިދާނެއެވެ.

 

 

(ނ)

ބިދޭސީ މަސައްކަތުމީހާ އާއި ޒިންމާވާނެ ފަރާތަކީ އަމިއްލަ ފަރާތެއްނަމަ އެމީހަކީ ރ.މަޑުއްވަރިއަށް ނިސްބަތްވާ ދިވެހި ރައްޔިތަކަށް ވާންވާނެއެވެ. ކުންފުންޏަކުން ޒިންމާ އުފުލާނަމަ، އެއީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ކުންފުންޏަކަށް ވާންވާނެއެވެ. އަދި ކުންފުނީގެ ފަރާތުން ޒިންމާއުފުލާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންވާނެއެވެ.

 

 

(ރ)

މިމާއްދާގެ (ށ) ގައި ބަޔާންކުރާ ފޯމު ކައުންސިލުން ބަލައިގަންނަންވާނީ، ފޯމުގައި ބަޔާންކުރާ އިޤުރާރުގައި މިމާއްދާގެ (ނ) ގައި ބަޔާންކުރާ ޒިންމާވާ ފަރާތުން ސޮއިކޮށްފައިވާނަމައެވެ.

 

 

(ބ)

މިމާއްދާގެ (ށ) ގައި ބަޔާންކުރާ ފޯމު (EXP-01) ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކައުންސިލަށް ހުށަހަޅާތާ މަސައްކަތު 3 ދުވަސް ތެރޭގައި، ބިދޭސީ މަސައްކަތު މިހާ ރަށަށް ގެނައުމުގެ ހުއްދަ (ފޯމުގެ ތިރީގައި ހިމެނޭ ބައި ކައުންސިލުން ފުރިހަމަކޮށް ކައުންސިލްގެ ސިއްކަ ޖެހުމަށްފަހު، ފޯމުން އެބައި ވަކިކޮށް) ބިދޭސީ މަސައްކަތު މީހާ ގެންނަން އެދުނުފަރާތަށް ޙަވާލުކުރަންވާނެއެވެ.

 

 

(ޅ)

މިއުޞޫލަށް ޢަމަލުކުރަން ފެށުމާއެކު، ރަށަށް ބިދޭސީ މަސައްކަތު މީހަކު ގެންނަންވާނީ މިމާއްދާގެ (ނ) ގައި ބަޔާންކުރާ ކައުންސިލްގެ ސިއްކަ ޖެހި ހުއްދަ ދެއްކުމުންކަމުގައި ބަޔާންކޮށް، ރަށުގައި ޢާންމުކޮށް ފަސިންޖަރުން އުފުލުމަށް ދަތުރުކުރާ ފެރީދޯނި، ލޯންޗު، މާލެ ދަތުރުކުރާ ބޯޓު، ރަށާއި މާލެއާއި ދެމެދު ދަތުރުކުރާ މަސްދޯނި، ރިސޯޓް ސަޕްލައި ދޯނިފަހަރުގެ ވެރިންނަށް ލިޔުމުން އަންގަންވާނެއެވެ.

5.

އަލަށް ގެންނަ ބިދޭސީން ދަފްތަރުކުރުން

(ހ)

މިއުޞޫލުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ރަށަށް ބިދޭސީ މަސައްކަތު މީހަކު ގެންނަތާ ގިނަވެގެން މަސައްކަތު 3 ދުވަސް ތެރޭގައި، ބިދޭސީ މަސައްކަތު މީހާ ރަށަށް އައި ތާރީޚު ކައުންސިލަށް އަންގަންވާނެއެވެ. އަދި އެމީހާގެ ޕާސްޕޯޓްސައިޒް 2 ފޮޓޯ ކައުންސިލަށް ހުށަހަޅަންވާނެއެވެ. (ބިދޭސީ މަސައްކަތުމީހާ ރަށަށް އައުމުގެ ކުރިން ފޮޓޯ ހުށަހަޅާފައިވާނަމަ، އިތުރަށް ފޮޓޯ ހުށަހަޅާކަށް ނުޖެހޭނެއެވެ.)

 

 

(ށ)

ބިދޭސީ މަސައްކަތުމީހާ ރަށަށް އައުމުން ރަށަށް އައި ތާރީޚާއި، ބިދޭސީ މީހާގެ މަޢުލޫމާތާއި، ޒިންމާވާނެ ފަރާތުގެ މަޢުލޫމާތު ހިމަނައި، ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އަދާހަމަކޮށް ކައުންސިލުން ބަލަހައްޓަންވާނެއެވެ.

6.

މިއުޞޫލަށް ޢަމަލުކުރަން ފަށާއިރު ރަށުގައު ދިރިއުޅޭ ބިދޭސީން ދަފްތަރުކުރުން

(ހ)

މިއުޞޫލަށް ޢަމަލުކުރަންފަށާއިރު، ރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު، މިއުޞޫލަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި ކައުންސިލުން އިޢުލާންކުރަންވާނެއެވެ. އަދި މިފަރާތްތަކާއި ޙަވާލުވެފައިތިބި ފަރާތްތަކުން މިއުޞޫލުގެ ޖަދުވަލު 1 ގައިވާ "ބިދޭސީން ރަޖިސްޓަރީ ކުރުމާއި ގުޅޭ ފޯމު – EXP-01" ފުރިހަމަކޮށް ކައުންސިލަށް ހުށަހަޅަން ވާނެއެވެ. މިފޯމު ހުށަހެޅުމަށް މަދުވެގެން 7 ދުވަހުގެ މުއްދަތެއް ކައުންސިލުން ދޭންވާނެއެވެ. އަދި މިފޯމާއެކު، ތިރީގައިވާ ތަކެތި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

  1. ބިދޭސީ މަސައްކަތު މީހާގެ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ކޮޕީ
  2. އެމްޕްލޯއިމަންޓް އެޕްރޫވަލް ނުވަތަ ވޯކް ޕާމިޓްކާޑުގެ ދެފުށުގެ ކޮޕީ
  3. ޕާސްޕޯޓްސައިޒް 2 ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ނަގާފައިވާ، އަދި ނެގިފަހުން 3 މަސް ނުވާ)
  4. ބިދޭސީ މަސައްކަތުމީހާއާއި ޙަވާލުވާ ނުވަތަ ޒިންމާވާނެ ފަރާތުގެ އައިޑީކާޑު ކޮޕީ
  5. އިދާރީ ފީއެއްގެ ގޮތުން -/100 (ސަތޭކަ) ރުފިޔާ

 

 

 

(ށ)

ބިދޭސީ މަސައްކަތުމީހާ އާއި ޒިންމާވާނެ ފަރާތަކީ އަމިއްލަ ފަރާތެއްނަމަ އެމީހަކީ ރ.މަޑުއްވަރިއަށް ނިސްބަތްވާ ދިވެހި ރައްޔިތަކަށް ވާންވާނެއެވެ. ކުންފުންޏަކުން ޒިންމާ އުފުލާނަމަ، އެއީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ކުންފުންޏަކަށް ވާންވާނެއެވެ. އަދި ވިޔަފާރި ކުންފުނީގެ ފަރާތުން ޒިންމާއުފުލާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންވާނެއެވެ.

7.

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން

(ހ)

މިއުޞޫލަށް ޢަމަލުކުރަން ފަށާއިރު ރަށުގައި ދިރިއުޅޭ ބިދޭސީއަކީ ކަމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން ހޯދަންޖެހޭ ހުއްދަތަކާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފަރާތެއްކަމުގައި ވީނަމަވެސް، ޤަވާއިދުގެ ތެރެއަށް ވެއްދުމަށް އެދޭ ފަރާތެއް ހުރިނަމަ، މިއުޞޫލުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފޯމު ހުށަހެޅިދާނެއެވެ. އަދި މިގޮތަށް ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރެއިން ބުނެވިދިޔަ މާއްދާގެ (ހ) ގެ 1 އަދި 2 ވަނަ ނަމްބަރުގައި ބަޔާންކުރާ ލިޔުން ނެތްނަމަ ބިދޭސީ މަސައްކަތުމީހާގެ އަތުގައި އޭނާގެ އައިޑެންޓިޓީއާއި ގުޅުންހުރި ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި އެފަދަ ލިޔުމެއްވެސް ނެތްނަމަ، ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

 

(ށ)

މިމާއްދާގައި ބަޔާންކުރާ ފޯމު ކައުންސިލުން ބަލައިގަންނަންވާނީ، ފޯމުގައި ބަޔާންކުރާ އިޤުރާރުގައި ބިދޭސީ މަސައްކަތު މީހާއާއި ޒިންމާވާ ފަރާތުން ސޮއިކޮށްފައިވާނަމައެވެ.

 

 

(ނ)

މިމާއްދާގައި ބަޔާންކުރާ، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއި ޙަވާލުވާ ފަރާތުން، އެބިދޭސީ މަސައްކަތު މީހާއާއި ޙަވާލުވާ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ބިދޭސީ މަސައްކަތު މީހާ ޤަވާއިދު ނަންބަރު R-22/2011 (ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާއިދު) ގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެމީހާ ޤަވާއިދުގެ ތެރެއަށް ވައްދަންވާނެއެވެ.

8.

އެއްވެސް މީހަކު ޙަވާލުނުވާ ބިދޭސީން

(ހ)

މިއުޞޫލަށް ޢަމަލުކުރަން ފަށާއިރު ޤަވާއިދާއި ޚިލާފަށް ރަށުގައި ދިރިއުޅޭ ބިދޭސީންނާއި ޙަވާލުވާނެ އެއްވެސް ފަރާތެއް ނެތް ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓާއި ގުޅިގެން ކައުންސިލުން ކުރަންވާނެއެވެ.

 

 

(ށ)

މިމާއްދާގެ (ހ) ގައި ބަޔާންކުރާ ބިދޭސީން އަނބުރާ މާލެ ފޮނުވާލުމަށް ޚަރަދެއް ކޮންމެހެން ކުރަންޖެހިއްޖެނަމަ، ކަމާގުޅުންހުރި ޤަވާއިދުތަކާއި އުޞޫލުގެ ތެރެއިން އެޚަރަދެއް ކައުންސިލުން ކުރަންވާނެއެވެ.

 

 

(ނ)

މިއުޞޫލަށް ޢަމަލުކުރަންފަށާތާ 45 ދުވަހުގެ ތެރޭގައި، މިމާއްދާގެ (ހ) ގައި ބަޔާންކުރާ ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކޮށް ނިންމަންވާނެއެވެ.

9.

ކައުންސިލުން ހުއްދަ ދީފައިވާ ބިދޭސީންގެ ރަޖިސްޓަރީ

(ހ)

މިއުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަދުވަލު 1 ގައިވާ "ބިދޭސީން ރަޖިސްޓަރީ ކުރުމާއި ގުޅޭ ފޯމު – EXP-01" ހުށަހެޅުމުން އެ މަޢުލޫމާތު ބިދޭސީންގެ ދަފްތަރުގައި އަދާހަމަކުރުމަށްފަހު "ރަށުގައި ގެންގުޅުމަށް ކައުންސިލުން ހުއްދަ ދީފައިވާ ބިދޭސީންގެ ރަޖިސްޓަރީ EXP-02" (ޖަދުވަލު 2) ހުއްދަ ދެވުނު ކޮންމެ ކުންފުންޏަކަށް ނުވަތަ އަމިއްލަ ފަރުދަކަށް ވަކިން އެކުލަވާލައި، އޭގެ އަޞްލުގެ 2 ސެޓް ތައްޔާރުކޮށް ކައުންސިލްގައި އެއް އަޞްލު ރައްކާކުރެވި އަދި ޒިންމާވާ ފަރާތަކަށް އަނެއް އަޞްލު ޙަވާލުކުރަންވާނެއެވެ.

 

 

(ށ)

މިމާއްދާގެ (ހ) ގައި ބަޔާންކުރާ ރަޖިސްޓަރީ ތައްޔާރުކޮށްފައިވަނިކޮށް އެއްވެސް ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދަކު، އިތުރު ބިދޭސީއަކު ގެންނަން ބޭނުންކަމުގައިވާނަމަ، ނުވަތަ ރަށުގައި ހުރި ބިދޭސީއަކު އެފަރާތެއްގެ ޒިންމާގެ ދަށަށް ގެންނަން ބޭނުންވާނަމަ، މިއުޞޫލުގައި ބަޔާންކުރާގޮތުގެ މަތިން ޢަމަލުކުރުމަށްފަހު ދަފްތަރުކުރެވުމާއެކު، މިމާއްދާގެ (ހ) ގައި ބަޔާންކުރާ ރަޖިސްޓަރީ ކައުންސިލަށް ހުށަހަޅައި އިތުރުވި ބިދޭސީ މީހާ ނުވަތަ މީހުން ރަޖިސްޓަރީއަށް އިތުރުކުރަންވާނެއެވެ.

10.

ކައުންސިލްގައި ދަފްތަރުކުރެވި ރަޖިސްޓަރީ ކުރެވިފައިވާކަން އަންގައިދޭ ކާޑު

(ހ)

މިއުޞޫލަށް ޢަމަލުކުރަން ފެށުމަށްފަހު، ކައުންސިލްގައި ދަފްތަރުކުރާ އަދި ރަޖިސްޓަރީކުރާ ކޮންމެ ބިދޭސީ މަސައްކަތު މީހަކަށް މިއުޞޫލުގެ ޖަދުވަލު 3 ގައިވާ ނަމޫނާއާއި އެއްގޮތަށް ކާޑެއް (EXPAT CARD – EXP-03) ތައްޔާރުކޮށް ބިދޭސީ މަސައްކަތު މީހާއާއި ޙަވާލުކުރަންވާނެއެވެ. މިކާޑަކީ، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގައި އެބިދޭސީ މަސައްކަތު މިހާ ދަފްތަރުކުރެވިފައިވާ ކަމާއި، އަދި ކުންފުންޏަކަށް ނުވަތަ އަމިއްލަ ފަރުދަކަށް ރަޖިސްޓަރީކޮށްފައިވާކަން އަންގައިދިނުމަށް ދޫކުރާ ކާޑެކެވެ.

 

 

(ށ)

މިމާއްދާގެ (ހ) ގައި ބަޔާންކުރާ އެކްސްޕެޓް ކާޑުގައި ބިދޭސީ މަސައްކަތު މީހާގެ މަޢުލޫމާތާއި ޕާސްޕޯޓް ސައިޒް ފޮޓޯއާއި، އެމީހާއަށް ޒިންމާވާނެ ކުންފުނި ނުވަތަ އަމިއްލަ ފަރާތުގެ މަޢުލޫމާތު އަދި ކާޑު ދޫކުރި ތާރީޚާއި މުއްދަތު ހަމަވާ ތާރީޚުގެ އިތުރުން ކައުންސިލްގެ ސިއްކައާއިއެކު ވެރިއެއްގެ ސޮއި ހިމަނަންވާނެއެވެ.

 

 

 

މިމާއްދާގައި ބަޔާންކުރާ ކާޑަކީ ބިދޭސީ މަސައްކަތު މީހަކު ޤާނޫނީ ގޮތުން ދިވެހިރާއްޖޭގައި އުޅުމަށް ނުވަތަ ހުރުމަށް ދޫކުރެވޭ ކާޑެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނަކުން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާއިދަކުން ވަކި މުއްދަތަކަށް ދޫކޮށްފައިވާ ކާޑެއް، ހުއްދައެއް ނުވަތަ ލިޔުމެއް މިމާއްދާގައި ބަޔާންކުރާ ކާޑަށްވުރެ އިސްވާނެއެވެ.

11.

އެކްސްޕެޓް ކާޑުގެ މުއްދަތު ހަމަވުން ނުވަތަ ކާޑު ގެއްލުން

 

(ހ)

 

އެކްސްޕެޓް ކާޑުގެ މުއްދަތަކީ ކާޑު ހަދާ ތާރީޚުން ފެށިގެން 1 އަހަރު ދުވަހެވެ.

 

 

(ށ)

އެކްސްޕެޓް ކާޑުގެ މުއްދަތު އާކުރުމަށް ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން ކާޑު އާކުރުމަށް ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކާޑު އާކުރުމަށް އެންމެ އަވަހަށްވެސް ހުށަހެޅޭނީ މުއްދަތު ހަމަވާން 3 މަހަށްވުމުންނެވެ. ކާޑު އާކުރުމަށް "ބިދޭސީން ރަޖިސްޓަރީ ކުރުމާއި ގުޅޭ ފޯމު – EXP-01" ފޯމާއެކު، ތިރީގައިވާ ތަކެތި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

  1.  ބިދޭސީ މަސައްކަތުމީހާގެ އެއްވެސް މަޢުލޫމާތެއް ބަދަލުވެފައިވާނަމަ އެކަން އަންގައިދޭ ލިޔުން. (ނެތްނަމަ ހުށަހަޅާކަށް ނުޖެހޭނެ)
  2. ޕާސްޕޯޓްސައިޒް 2 ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ނަގާފައިވާ، އަދި ނެގިފަހުން 3 މަސް ނުވާ)
  3. އިދާރީ ފީއެއްގެ ގޮތުން -/100 (ސަތޭކަ) ރުފިޔާ

 

 

(ނ)

އެކްސްޕެޓް ކާޑު ގެއްލިއްޖެނަމަ، ނުވަތަ ބިދޭސީމީހާގެ އިހުމާލުން ހަލާކުވެއްޖެނަމަ، އަލުން ކާޑު ހަދައިދެވޭނީ، މިއުޞޫލުގެ ޖަދުވަލު 1 ގައިވާ "ބިދޭސީން ރަޖިސްޓަރީ ކުރުމާއި ގުޅޭ ފޯމު – EXP-01" ފޯމާއެކު، ތިރީގައިވާ ތަކެތި ކައުންސިލަށް ހުށަހެޅުމުންނެވެ.

  1.  ބިދޭސީ މަސައްކަތުމީހާގެ އެއްވެސް މަޢުލޫމާތެއް ބަދަލުވެފައިވާނަމަ އެކަން އަންގައިދޭ ލިޔުން. (ނެތްނަމަ ހުށަހަޅާކަށް ނުޖެހޭނެ)
  2. ޕާސްޕޯޓްސައިޒް 2 ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ނަގާފައިވާ، އަދި ނެގިފަހުން 3 މަސް ނުވާ)
  3. އިދާރީ ފީއެއްގެ ގޮތުން -/200 (ދުއިސައްތަ) ރުފިޔާ

12.

ރަޖިސްޓަރީ ކުރާ ބިދޭސީންގެ މަޢުލޫމާތު ބަދަލުވުން

(ހ)

މިއުޞޫލުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ބިދޭސީ މަސައްކަތު މީހެއްގެ ނުވަތަ އެމީހާއާއި ޒިންމާވާނެ ފަރާތުގެ (ކައުންސިލަށް ހުށަހަޅާފައިވާ) އެއްވެސް މަޢުލޫމާތެއް ބަދަލުވެއްޖެނަމަ، މިއުޞޫލުގެ ޖަދުވަލު 1 ގައިވާ "ބިދޭސީން ރަޖިސްޓަރީ ކުރުމާއި ގުޅޭ ފޯމު – EXP-01" ފޯމާއެކު، ތިރީގައިވާ ތަކެތި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

  1.  ބިދޭސީ މަސައްކަތުމީހާގެ އެއްވެސް މަޢުލޫމާތެއް ބަދަލުވެފައިވާނަމަ އެކަން އަންގައިދޭ ލިޔުން.
  2. ރަށުގައި ގެންގުޅުމަށް ކައުންސިލުން ހުއްދަ ދީފައިވާ ބިދޭސީންގެ ރަޖިސްޓަރީ EXP-02
  3. ކުރިން ދޫކޮށްފައިވާ އެކްސްޕެޓް ކާޑު– EXP-03
  4. ޕާސްޕޯޓްސައިޒް 2 ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ނަގާފައިވާ، އަދި ނެގިފަހުން 3 މަސް ނުވާ)
  5. އިދާރީ ފީއެއްގެ ގޮތުން -/100 (ސަތޭކަ) ރުފިޔާ

 

 

(ށ)

މައުލޫމާތު ބަދަލުވެގެން ފޯމު ހުށަހެޅާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި، ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އަދާހަކަމަކުރަން ވާނެއެވެ. އަދި މިއުޞޫލުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ "ރަށުގައި ގެންގުޅުމަށް ކައުންސިލުން ހުއްދަ ދީފައިވާ ބިދޭސީންގެ ރަޖިސްޓަރީ EXP-02" (ޖަދުވަލު 2) ގައި ހިމެނޭ މަޢުލޫމާތެއް ބަދަލުވެއްޖެނަމަ، އެމާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ރަޖިސްޓަރީ އަދާހަމަކުރަންވާނެއެވެ.

 

 

(ނ)

މިއުޞޫލުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ އެކްސްޕެޓް ކާޑު– EXP-03 (ޖަދުވަލު 3) ގައި ހިމެނޭ މަޢުލޫމާތެއް ބަދަލުވެއްޖެނަމަ، އެމާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އަލުން ކާޑު ތައްޔާރުކޮށް ބިދޭސީ މަސައްކަތު މީހާއާއި ޙަވާލުކުރަންވާނެއެވެ.

13.

ދަފްތަރު ކޮށްފައިވާ ބިދޭސީން ދަފްތަރުން އުނިކުރުން

(ހ)

މިއުޞޫލުގެ ދަށުން ދަފްތަރުކޮށްފައިވާ ބިދޭސީ މަސައްކަތު މީހެއް އަނބުރާ ފޮނުވާލަން ޤަސްތުކުރާނަމަ، ފޮނުވާލުމުގެ ކުރިން "ބިދޭސީން ރަޖިސްޓަރީ ކުރުމާއި ގުޅޭ ފޯމު – EXP-01" ފޯމާއެކު، ތިރީގައިވާ ތަކެތި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

  1. ރަށުގައި ގެންގުޅުމަށް ކައުންސިލުން ހުއްދަ ދީފައިވާ ބިދޭސީންގެ ރަޖިސްޓަރީ EXP-02
  2. ކުރިން ދޫކޮށްފައިވާ އެކްސްޕެޓް ކާޑު– EXP-03

 

 

(ށ)

މިމާއްދާގެ (ހ) ގައި ބަޔާންކުރާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުމަށްފަހު، އަނބުރާ ފޮނުވާލާ ބިދޭސީ މީހާއާއި ގުޅިގެން ކައުންސިލަށް ނުވަތަ ރަށުގެ އެހެން މުއައްސަސާއަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވަތަ ހުށަހަޅަންޖެހޭ ލިޔެކިއުމެއް ނެތްކަން ބިދޭސީ މަސައްކަތު މީހާއާއި ޙަވާލުވާ ފަރާތުން ކަށަވަރުކުރުމަށްފަހު މެނުވީ ބިދޭސީ މަސައްކަތުމީހާ އަނބުރާ ފޮނުވާލައިގެން ނުވާނެއެވެ.

 

 

(ނ)

ދަފްތަރުން އުނިކުރުމަށް ފޯމު ހުށަހެޅުމަށްފަހު ބިދޭސީ މަސައްކަތު މީހާ ރަށުން ފުރާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި، ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެމީހަކު އުނިކުރަންވާނެއެވެ. އަދި މިއުޞޫލުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ "ރަށުގައި ގެންގުޅުމަށް ކައުންސިލުން ހުއްދަ ދީފައިވާ ބިދޭސީންގެ ރަޖިސްޓަރީ EXP-02" އިން އެމީހަކު އުނިކޮށް، އެމާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ރަޖިސްޓަރީ އަދާހަމަކުރަންވާނެއެވެ.

 

 

(ރ)

ބިދޭސީ މަސައްކަތު މީހަކު އަނބުރާ ފޮނުވާލުމަށް އެދި (ދަފްތަރުން އުނިކުރުމަށް) ހުށަހަޅާއިރު އިތުރު އިދާރީ ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

 

14.

ބިދޭސީން ދިރިއުޅޭ ތަން

(ހ)

މިއުޞޫލުގެ ދަށުން ރަޖިސްޓަރީ ކުރާ ބިދޭސީން ބަހައްޓަންވާނީ، އިންސާނީ ޒަރޫރަތްތައް ފުދޭ މިންވަރުގެ ވަޞީލަތާއި ޖާގަ އޮތް ތަނެއްގައެވެ. އަދި ގިނަ އަދަދެއްގެ މީހުން އެއްތަނެއްގައި ހުރުމުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ މައްސަލަތަކާއި އިޖުތިމާޢީ މައްސަލަތައް ކުރިމަތިނުވާނެ ފަދަ ގޮތަކަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުންނާއި ބިދޭސީން ބައިތިއްބާ ގޭގެއާއި އޮޑިދޯނިފަހަރުގެ ވެރިފަރާތުން ޢަމަލުކުރަންވާނެއެވެ.

 

 

(ށ)

މިއުޞޫލަށް ޢަމަލުކުރަން ފަށާތާ 45 ދުވަހުގެ ތެރޭގައި، ރަށުގައި ބިދޭސީން ދިރިއުޅެމުންދާ ގެތަކުގެ ނުވަތަ އޮޑިދޯނިފަހަރުގެ ވެރިފަރާތުން އެގެއެއްގައި ނުވަތަ އެއޮޑިއެއްގައި ދިރިއުޅޭ ބިދޭސީން ރަޖިސްޓަރީ ކޮށްފައިވޭތޯއާއި، މިއުޞޫލުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ އެކްސްޕެޓް ކާޑު– EXP-03 އޮތްތޯ ކަށަވަރުކުރަންވާނެއެވެ. އަދި ރަށުގެ ސަރުކާރު މުއައްސަސާއަކަށް ނިސްބަތްވާ ބިދޭސީއެއްނަމަ، އެމުއައްސަސާއަކުން ދޫކޮށްފައިވާ ކާޑު ނުވަތަ ވޯކްޕާމިޓް ކާޑު އޮތްތޯ ކަށަވަރުކުރަންވާނެއެވެ.

 

 

(ނ)

މިމާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތުގެ ފަހުން، ރަޖިސްޓަރީ ކޮށްފައި ނުވާ ނުވަތަ މިއުޞޫލުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ އެކްސްޕެޓް ކާޑު– EXP-03 ނެތް ބިދޭސީއަކު މިރަށުގެ ގެއެއްގައި ނުވަތަ އޮޑިއެއްގައި އަދި އެނޫންވެސް ތަނެއްގައި ބެހެއްޓުމަކީ މަނާކަމެކެވެ.

15.

ބިދޭސީން ލައްވާ މަސައްކަތްކުރުވުން

(ހ)

ރަށުގައު ގެންގުޅޭ ބިދޭސީން ލައްވާ ކުރުވަންވާނީ އެމީހަކު ގެނައުމަށް ނެގި ކޯޓާގައި ނުވަތަ އެމްޕްލޯއިމަން އެޕްރޫވަލްގައި ކުރުވަން ކަނޑައަޅާފައިވާ މަސައްކަތެކެވެ.

 

 

(ށ)

ބިދޭސީން މަސްދޯނިފަހަރުގައި މަސައްކަތްކުރެވޭނީ ދިވެހިރާއްޖޭގެ މަސްވެރިކަމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

 

(ނ)

ރަށުގައި ގެންގުޅޭ ބިދޭސީން ލައްވާ މަސައްކަތްކުރުވަން ވާނީ ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިންނެވެ. އަދި އެމީހުން ކުރާ މަސައްކަތުގެ އުޖޫރަ އާއި އިނާޔަތާއި ޗުއްޓީއާއި އެނޫންވެސް ޙައްޤުތައް ވަޒީފާއާއި ބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ހަމަޖައްސައި ދޭންވާނެއެވެ.

 

 

(ރ)

ރަށުގައި ގެންގުޅޭ އެއްވެސް ބިދޭސީ މަސައްކަތު މީހަކު ލައްވައި ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނަކާއި އަދި ޤަވާއިދަކާ ޚިލާފު އެއްވެސް ކަމެއް ބިދޭސީމީހާ ގެނައި ފަރާތުން އަދ އެނޫންވެސް ފަރާތަކުން ކުރުވައިގެން ނުވާނެއެވެ. އަދި އެފަދަ މަސައްކަތެއް ބިދޭސީ މަސައްކަތު މީހަކު އަމިއްލައަށް ކުރާކަން ފާހަގަވެއްޖެނަމަ ލަސްނުކޮށް އެކަން ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރަންވާނެއެވެ.

16.

ޢާންމު އިޖުތިމާޢީ މިންގަނޑުތަކަށް އިޙްތިރާމްކުރުން

 

ރަށުގައި ގެންގުޅޭ ބިދޭސީން ރަށުގައި ދިރިއުޅޭއިރު، ރަށުގެ އާންމު އިޖުތިމާޢީ މިންގަނޑުތަކާއި އިސްލާމްދީނުގެ އަސާސްތަކަށް އިޙްތިރާމްކުރުމަށް ބިދޭސީންނާއި ޙަވާލުވާ ފަރާތުން އެމީހުންނަށް އަންގަންވާނެއެވެ. އަދި ރަށުގައި ޢަމަލުކުރަމުންދާ ޤަވާއިދުތަކާއި އުޞޫލުތައް ބުނެދީ، އެކަންކަމަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް އަންގަންވާނެއެވެ.

 

17.

އިންސްޕެކްޓް ކުރުން

 

މިއުޞޫލަށް ޢަމަލުކުރަންފަށާތާ 45 ދުވަސް ހަމަވުމުން، ރަށުގައި ދިރިއުޅޭ ބިދޭސީން، މިއުޞޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ރަޖިސްޓަރީކޮށް ކާޑު ހައްދާފައިވޭތޯ ބަލައި ޗެކްކުރުމުގެ މަސައްކަތް، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކައުންސިލް ގުޅިގެން ކުރަންވާނެއެވެ. އަދި ޗެކްކުރާއިރު، ބިދޭސީ މަސައްކަތުމީހުންނަށް ދޫކޮށްފައިވާ ކާޑު ބަލަން ކައުންސިލުން ނުވަތަ ފުލުހުން އެދިއްޖެނަމަ، ކާޑު ދައްކަންވާނެއެވެ.

18.

ހޭލުންތެރިކުރުވުން

 

މިއުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އުޞޫލުގައި ބަޔާންކުރާ ކަންކަން، ރަށުގައި ޢާންމުކޮށް ބިދޭސީން ގެންގުޅޭ ފަރާތްތަކާއި، ބިދޭސީން ދިރިއުޅޭ ގޭގެއާއި ދޯނިފަހަރުގެ ވެރިންނާއި، ކަމާގުޅުންހުރި ރަށުގެ މުއައްސަސާތަކާއި، ޖުމްލަކޮށް ރަށުގެ ޢާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން ކުރަންވާނެއެވެ.

19.

އުޞޫލާއި ޚިލާފަށް ޢަމަލުކުރުމާއި ޖޫރިމަނާ ކުރުން

(ހ)

މިއުޞޫލަށް ޢަމަލުކުރަން ފެށުމާއެކު، އުޞޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ހުއްދަ ނުހޯދާ ރަށަށް ބިދޭސީން ގެންނަ ފަރާތްތައް ފުރަތަމަ ފަހަރު -/1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު އެކަން ތަކުރާރު ނުކުރުމަށާއި، ހުއްދަ ނުހޯދައި ގެނައި ބިދޭސީ މަސައްކަތު މީހާ އުޞޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ރަޖިސްޓަރީކުރުމަށް އެންގުމާއި، އަދި އޭގެފަހުން ހުއްދަ ނުހޯދާ ބިދޭސީ މަސައްކަތު މީހަކު ގެންނަ ކޮންމެ ފަހަރަކަށް -/5000 (ފަސްހާސް) ރުފިޔާއިން އިން ޖޫރިމަނާ ކުރުމާއެކު، އެމައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭނެއެވެ.

(ށ)

މިމާއްދާގެ (ހ) ގައި ބަޔާންކުރާ (ހުއްދަ ނުހޯދައި ބިދޭސީ މަސައްކަތު މީހަކު ގެނައުން) ފިޔަވައި، އެނޫން ކަމެއްގައި މިއުޞޫލާއި ޚިލާފަށް ޢަމަލުކޮށްފިނަމަ، ތިރީގައިމިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެއެވެ.

  1. ފުރަތަމަފަހަރު ނަޞޭޙަތްތެރިވުމާއިއެކު އިޞްލާޙުކުރުމަށް މުއްދަތެއް ދިނުން
  2. ފުރަތަމަފަހަރު އިޞްލާޙުކުރުމަށް ދިން މުއްދަތުގައި އިޞްލާޙުނުކޮށްފިނަމަ ނުވަތަ ދެވަނަ ފަހަރަށް އުޞޫލާއި ޚިލާފަށް ޢަމަލުކޮށްފިނަމަ -/1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން
  3. ތިންވަނަ ފަހަރަށް އުޞޫލާއި ޚިލާފުވެއްޖެނަމަ -/3000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން
  4. އެއަށްފަހު އުޞޫލާއި ޚިލާފުވާ ކޮންމެ ފަހަރަކަށް -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އެމައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުން.

 

 

(ނ)

މިއުޞޫލާއި ޚިލާފުވެގެން ބިދޭސީ މަސައްކަތު މީހާއާއި ޙަވާލުވާ މީހާ ތިންވަނަ ފަހަރަކަށް ޖޫރިމަނާކޮށްފި ކަމުގައި ވާނަމަ، އެއްއަހަރު ދުވަހުގެ މުއްދަތަށް، މިއުޞޫލުގައި ބަޔާންކުރާ އެއްވެސް ހުއްދައެއް އެފަރާތަކަށް ދުލެއް ނުކުރެވޭނެއެވެ.

20.

އިސްތިސްނާވުން

 

ރަށުގައި ހިމެނޭ ސަރުކާރުގެ މުއައްސަސާތަކުން ގެންނަ ބިދޭސީން މިއުޞޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ފޯމުފުރާކަށް ނުޖެހޭނެއެވެ. އަދި އުޞޫލުގައި ބަޔާންކުރާ ކާޑުވެސް އެފަރާތުން ހަދާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

21.

މާނަކުރުން

(ހ)

މި އުޞޫލުގައި "ބިދޭސީ" އަދި "ބިދޭސީ މަސައްކަތު މީހާ" އެއީ މަސައްކަތްކުރުވުމަށް ރާއްޖެއިން ބޭރުން ގެންނަ އެހެން ޤައުމުތަކުގެ މީހުންނެވެ.

(ށ)

މި އުޞޫލުގައި "ކައުންސިލް" ކަމަށް ބުނެފައި އެވަނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލަށެވެ.

 

20 ޖުލައި 2020
ހޯދާ