މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ވާރކްވީޒާ އަދި އެހެނިހެން ވީޒާ ތަކުގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކާއި ގުޅޭ

މި މުވައްސަސާގެ ނަންބަރު: (IUL)94-V/1/2020/14 (26 މާރޗް 2020) އިޢުލާނާއި، ނަންބަރު: (IUL)94-A/1/2020/17 (21 މެއި 2020) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 19 މާރޗް 2020 އިން ފެށިގެން ސަރުކާރުގެ އިދާރާތަށް ބަންދުކޮށް އަދި ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވާލެވިފައިނުވެއެވެ. އެހެންކަމުން، މި މުއްދަތުގެ ތެރޭގައި އޮންލައިންކޮށް ދެވޭ ޚިދުމަތްތައް ފިޔަވައި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ތިރީގައި މިދަންނަވާ ގޮތުގެ މަތިން އަމަލުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

  1. ޓޫރިސްޓް ވީޒާ އަދި ބިޒްނަސް ވީޒާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން އެއަރޕޯރޓުގެ އޮޕަރޭޝަންތައް ގަވާއިދުން ފެށުމުން ރާއްޖެއިން ފުރައިގެން ދިއުމަށްއެދޭ ފަރާތްތައް ވީޒާ އައުކުރުމަށް ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި މިފަރާތްތަކުން IM34 ފޯމް (އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ) ފުރިހަމަ ކުރެއްވުމަށްފަހު އެއަރޕޯރޓަށް ފުރަން ވަޑައިގެންނެވުމުން، އެފަރާތްތަކަށް ފުރޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. ނަމަވެސް 19 މާރޗް 2020 ގެ ކުރީގެ ތާރީޚަކަށް ވީޒާ ހަމަވެފައިވާ ފަރާތްތަކާއި، މިހާރު ދޫކޮށްފައިވާ ވީޒާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން، ވީޒާ އައުކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި މި އެޕްލިކޭޝަންތަކުގައި ވީޒާ ޖެހުމަށްޓަކައި ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓްމަންޓު ހަމަޖެއްސުމަށްފަހު، އެޕޮއިންޓްމަންޓުގެ މަޢުލޫމާތު އީމެއިލް މެދުވެރިކޮށް އެންގޭނެއެވެ.

 

  1. ވާރކްވީޒާފީ ދެއްކުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ދިނުމުގެ ގޮތުން، ޖޫރިމަނާ ފައިސާއާއި ނުލައި ވީޒާ ފީ ދެއްކުމަށް ދެވިފައިވާ މުއްދަތު ވަނީ  15 ޖުލައި 2020 ނިޔަލަށް އިތުރުކުރެވިފައެވެ.
  2. ވާރކްވީޒާފީ ފިޔަވައި އެހެނިހެން ވީޒާފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ، 19 މާރޗް 2020 އިން ފެށިގެން 31 އޯގަސްޓް 2020 ދެމެދަށް ވީޒާ ގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވީޒާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ގޮތަށް ހަމަޖެހިފައިވެއެވެ.
    1. ވީޒާގެ މުއްދަތު އިތުރުކުރުމަށް އެކަށީގެންވާ ސަބަބަކާއިހުރެ ހުށަނޭޅިވާ ފަރާތްތައް ފުރައިގެން ދިއުމަށް ބޭނުންވާނަމަ، IM34 (އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ) ފޯމު ހުށަހަޅުއްވައިގެން ފުރުއްވޭނެ އެންމެ ފަހު ތާރީޚަކީ 31 އޯގަސްޓް 2020 އެވެ.

ޚިދުމަތްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، މިއިދާރާގެ ފޯނު ނަންބަރު  9199153 (ވާރކް ވީޒާ ހޮޓްލައިން)،  9199157 (ވާރކްވީޒާ ފިޔަވައި އެހެނިހެން ވީޒާތަކުގެ ހޮޓްލައިން)، 9555222 (އެއަރޕޯޓް އިމިގްރޭޝަން އޮފީސް) އަށް ގުޅުއްވުމަށް ދެންނެވީމެވެ.

 

01 ޖުލައި 2020
ހޯދާ