ދިވެހިރާއްޖެ
ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 63 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ 35 ވަނަ މާއްދާއާއި އެ ޤާނޫނުގެ 32 ވަނަ މާއްދާއާއި އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޤާވާޢިދު ނަންބަރު 2011/R-22 "ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ހ) ގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ އެރަށެއްގެ ރަށު ކައުންސިލްގެ އޮފީހުގައި އަދި ސިޓީ ކައުންސިލްގެ އޮފީހުގައި "ބިދޭސީން ރަޖިސްޓްރީކުރާ ދަފުތަރެއް" އޮންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 24/2019) ގެ 15 ވަނަ މާއްދާގައި ބުނެވިދިޔަ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހބ) ގައިވެސް ރަށުގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ ޒިންމާ ކައުންސިތަކަށް މަތިކޮށްފައިވެއެވެ.
އަދި ދަންނަވަމެވެ. ވޭމަންޑޫގައި އުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވާލުމަށްޓަކައި ބިދޭސީން ރަޖިސްޓްރީ ކުރުމަށްޓަކައި 2 ފަހަރަކު ވަނީ ޢިއްލާނު ކުރެވިފައެވެ. ނަމަވެސް މިކަމުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުގެ އެއްބާރުލުން ލިބިފައި ނުވާކަން ފާހަގަކުރަމެވެ. ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގައި ބިދޭސީންނާއެކު މުޢާމަލާތް ހިންގާ ފަރާތްތަކުން، ރާއްޖެ އެތެރެވުމުގެ ހުއްދަނެތް ބިދޭސީއަކު، ނުވަތަ މަސައްކަތް ކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށާއި އަދި ހަމަ އެމާއްދާގައި ރާއްޖޭގައި ހުރުމުގެ ހުއްދަނެތް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓާގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 33 ވަނަ މާއްދާގައި މި ޤާނޫނުގައި (އިމިގްރޭޝަން ޤާނޫނު) ބަޔާންވެގެންވާގޮތާ ހިލާފަށް ކަމެއް ކުރުމަކީ، ނުވަތަ މި ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަގްޞަދުތައް ޙާޞިލުވިޔަ ނުދިނުމުގެ ގޮތުން ޢަމަލެއް ކުރުމަކީ، ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން ވޭމަންޑޫގައި ވަޒީފާއަދާކުރާ ބިދޭސީންނާއި އެފަރާތުގެ ޢާއިލާގެ އެއްވެސް މެމްބަރެއް ވޭމަންޑޫގައި ދިރިއުޅޭނަމަ އެފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް މިކައުންސިލްއިން މިއަންނަނީ ކުރަމުންނެވެ. ވީމާ ވޭމަންޑޫގައި ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން ވީއެންމެ އަވަހަކަށް އެފަރާތްތަކުގެ މަޢުލޫމާތު ކައުންސިލްއާއި ޙިއްޞާކޮށް ދަފްތަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން އެދެމެވެ. ދަފްތަރު ކުރުމަށްޓަކައި މިކައުންސިލަށް ބޭނުންވާ ބިދޭސީންނާއި ގުޅޭ މަޢުލޫމާތު އަދި ޙަވާލުވެހުރި ފަރާތުގެ މަޢުލޫމާތު ބަޔާންކުރާ ފޯމް މިކައުންސިލްގެ ވެބްލިންކް https://forms.gle/V7mVHUBqoGPAEuna9 ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކައުންސިލްގެ އިދާރާއިންވެސް ފޯމު ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ. އެހެންކަމުން ވޭމަންޑޫގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ގޮތަށް 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދަފްތަރުކޮށް ނިންމެވުން އެދެމެވެ. ބިދޭސީން ދަފްތަކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 12:00 އަށް ކަމުގައިވެސް ދެންނެވީމެވެ.
މިގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާއިމެދު ކަމާބެހޭ އިދާރާތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާގެ ދަށުން ފިޔަވަޅު އަޅަމުންގެންދާނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.