މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ކޯވިޑް-19 އާއި ގުޅިގެން، މިމުއައްސަސާގައި ނުނަގައި ބެހެއްޓިފައިވާ ޕާސްޕޯޓުތައް ކެންސަލްވާ މުއްދަތު އިތުރު ކުރުމާއި ގުޅޭ

ގަވާއިދު ނަންބަރު 2017/R-83 (ދިވެހި ޕާސްޕޯޓާބެހޭ ގަވައިދު) ގެ 19 ވަނަ މާއްދާ (ޕާސްޕޯޓު ކެންސަލްކުރުން) ގެ (ށ) ގެ 5 ގައިވާ ގޮތުގެ މަތިން ޕާސްޕޯޓު ހެއްދުމަށްފަހު ބަލައި ނާންނާތާ 6 (ހައެއް) މަސްދުވަހަށްވުރެ ގިނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުގައި ބެހެއްޓިފައިވާ ޕާސްޕޯޓު ކެންސަލް ކުރުމާއި ގުޅޭގޮތުން ދަންނަވަމެވެ.

ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގެ 19 ވަނަ މާއްދާގައި އިސްވެ ދެންނެވުނު ފަދައިން ޕާސްޕޯޓު ކެންސަލްވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ދިވެހި ރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާތީ، ދިވެހި ޕާސްޕޯޓާބެހޭ ގަވައިދުގެ 20 ވަނަ މާއްދާއިން ކޮންޓްރޯލަރ ޖެނެރަލް އަށް ލިބިދީފައިވާ އިޚްތިޔާރުގެ ތެރެއިން، ޕާސްޕޯޓު ހެއްދުމަށްފަހު ބަލައިނާންނަ ޕާސްޕޯޓުތައް ކެންސަލް ކުރެވޭނެ މުއްދަތު ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން އިތުރު ކުރުމަށްވަނީ ނިންމާފައެވެ.

މިގޮތުން 2019 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ ފަހުން ޕާސްޕޯޓު ހެއްދުމަށްފަހު ވެރިފަރާތުން ބަލާނައިސް މިއިދާރާގައި ބެހެއްޓިފައިވާ ޕާސްޕޯޓު ކެންސަލް ކުރެވޭނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިޢުލާނު ކޮށްފައިވާ ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ތާރީޚުން ފެށިގެން 01 (އެކެއް) އަހަރު ދުވަސް ފަހުންކަމުގައި ދަންނަވަމެވެ.

25 ޖޫން 2020
ހޯދާ