ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ގައި ބިދޭސީ މަސައްކަތު މީހުން ގެންގުޅުމުގެ އުޞޫލު

                                                    ނަންބަރ: (PP)421/421/2020/01

 

ގދ.ވާދޫ ގައި ބިދޭސީމަސައްކަތު މީހުން ގެންގުޅުމުގެ އުޞޫލު

 

 

ތަޢާރުފާއި ނަން

  1. މިއީ ގދ.ވާދޫއަށް ގެންނަ ބިދޭސީ މަސައްކަތު މީހުންނާ ބެހޭގޮތުން ޢަމަލުކުރުމަށް ހުވަދުއަތޮޅު    ދެކުނުބުރީ ވާދޫ ކައުންސިލުން އެކުލަވާލާފައިވާ އުޞޫލެވެ.
  2. މި އުޞޫލަށް ކިޔާނީ "ގދ. ވާދޫގައި ބިދޭސީ މަސައްކަތު މީހުން ގެންގުޅުމާބެހޭ އުސޫލު" އެވެ.

 

މަޤްޞަދު

  1. މިއުޞޫލުގެ މަޤްޞަދުތައް ތިރީގައި އެވަނީއެވެ.

(ހ) ގދ.ވާދޫއަށް ގެންނަ ބިދޭސީ މަސައްކަތު މީހުންގެ އެންމެހާ ކަންތައްތައް ރެގިއުލޭޓް ކުރުން؛

(ށ) ބިދޭސީ މަސައްކަތު މީހުން ޤަވާޢިދާއެއްގޮތަށް އުޅޭކަން ކަށަވަރު ކުރުން؛

(ނ) ބިދޭސީންނާއި އަދި ބިދޭސީންނާގުޅޭ ކަންކަމުގައި ރަށު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުން.

ބިދޭސީ މަސައްކަތު

މީހުން ގެނައުމާއި ބެލެހެއްޓުން

  1. ބިދޭސީ މަސައްކަތު މީހުން ރަށަށް ގެނައުމާއި ބެލެހެއްޓުމުގައި ޢަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތިންނެވެ. އަދި މިއުޞޫލުގައި ބަޔާން ކޮށްފައިވާ ގޮތާ ޚިލާފަށް އެއްވެސް ގެއެއްގައި ބިދޭސީ މަސައްކަތު މީހެއް ބަހައްޓައިގެން ނުވަތަ ގެންގުޅެގެން ނުވާނެވެ.

(ހ)  ބިދޭސީ މަސައްކަތު މީހުން ރަށަށް ގެންނަންވާނީ މޯލްޑިވްސް އިމިގްރޭޝަންގައި އެކުލަވާލާފައިވާ އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ތެރެއިންނެވެ. އަދި އެފަރާތަކީ ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދައޮތް އަދި ސަރުކާރުގެ އެހެން އިދާރާތަކަށް ދައްކަންޖެހޭ ފައިސާއާއި ލިޔެކިޔުންތައް ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

 

 (ށ)  މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިސްޓަމްގެ ތެރެއިން ގެންނަ ބިދޭސީމީހާ ރަށަށް ގެނައުމުގެ ކުރިން އެމީހާ ރަށުގައި ދިރިއުޅުމަށްޓަކައި ގދ.ވާދޫ ކައުންސިލް އިދާރާއިން ނަގަންޖެހޭ ހުއްދަ އެމީހާ ގެންނަ ފަރާތުން ނަގަންވާނެވެ.

(ނ)   ބިދޭސީން ގެނައުމަށް ކައުންސިލުން ހުއްދަދޫކުރެވޭނީ ގެންނަ ބިދޭސީމީހާ ދިރިއުޅޭނެ ޒަރޫރީ ހުރިހާ ބޭނުމެއް ފުއްދޭނެ ގޮތްހުރިކަމަށް ކައުންސިލަށް އަންގާ، ކައުންސިލުން ބަލާ ޗެކުކުރުމަށްފަހު އެކަމަށް ހުއްދަ ދިނުމުންނެވެ.

(ރ)  މިއުޞޫލުގެ ދަށުން ގެންނަ ބިދޭސީމީހާގެ ވާރކް ވީޒާ ދެއްކުމަށްފަހު އޭގެ ކޮޕީ ގދ.ވާދޫ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެވެ.

(ބ)  ބިދޭސީމީހާއަށް ދޭންޖެހޭ އުޖޫރަ، ވަޒީފާއާބެހޭ ޤާނޫނާ  އެއްގޮތަށް އެފަރާތަށް ކޮންމެ މަހަކުވެސް ދޭންވާނެވެ. އަދި އުޖޫރަ ނުދޭކަމުގެ ޝަކުވާ އެފަރާތުން ކައުންސިލަށް ހުށަހަޅައިފިނަމަ، ކައުންސިލް އިދާރާއިން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، އެކަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމުގެ އިޚްތިޔާރު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.

(ޅ)  ބިދޭސީމީހާ ގެނައުމަށްފަހު، އޭނާ ލައްވާ މަސައްކަތްކުރެވޭނީ އަންނަނިވި ދެ ގޮތަކުންކުރެ ގޮތަކަށެވެ.

1.  އޭނާ ގެނައުމަށްޓަކައި ނެގި ކޯޓާގައި އޭނާ ލައްވާ ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތް ކުރުމަށް؛ ނުވަތަ

  2. ބިދޭސީމީހާ ގެންނަ ގެއަކީ ދަނޑުވެރިކަންކުރާ ގެއެއް ނަމަ، އެގޭގެ ވެރިފަރާތާއެކު އެމަސައްކަތް ކުރުން.

(ކ)   ބިދޭސީމީހާ ރަށުގައި ހުންނައިރު އާމްދަނީ ހޯދުމުގެ ބޭނުމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް އޭނާ ކޮށްގެން ނުވާނެއެވެ.

(އ)  ގދ.ވާދޫ ދަނޑުބިމުގައި ބިދޭސީއަކު އަމިއްލައަށް އެއްވެސް ބާވަތެއްގެ ދަނޑުވެރިކަން ކޮށްގެން ނުވާނެއެވެ.

(ވ) ދަނޑުބިމުގައި ބިދޭސީންނަށް ދަނޑުވެރިކަން ކުރެވޭނީ ބިދޭސީމީހާ ގެންނަ ފަރާތަކީ ދަނޑުވެރިކަންކުރާ ފަރާތެއްކަމުގައިވާނަމައެވެ.

(މ)  ބިދޭސީން ލައްވާ ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭނީ ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން އެމަސައްކަތް ކުރުމަށް ކޯޓާ ނަގާފައިވާ ފަރާތްތަކަށެވެ.

(ފ)  ގަވާއިދާ ޚިލާފަށް އުޅޭބިދޭސީން ގްރޫޕް ހަދައިގެން ވިޔަސް އަމިއްލައަށްވިޔަސް ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްގެން ނުވާނެވެ. އަދި އެފަދަ މީހަކު ލައްވާ އެއްވެސް ފަރާތަކުން މަސައްކަތް ކުރުވައިގެންވެސް ނުވާނެއެވެ.

(ދ)  ރަށަށް ގެންނަ ބިދޭސީން ގެންގުޅެންވާނީ ބިދޭސީންނާއި ގުޅޭގޮތުން ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އަދި މި އުޞޫލާ އެއްގޮތަށެވެ.

(ތ)    ބިދޭސީ މީހާއަށް ރަށުގައި ދުއްވާ އެއްގަމާއި ކަނޑުގެ އުޅަނދެއް ދުއްވޭނީ އެމީހާއަކީ އެފަދަ އުޅަނދެއް ދުއްވުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ އެއްގަމާއި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސްއޮތް މީހަކަށް ވުމާއެކު، އަދި އެ އުޅަނދަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ އެންމެހާ ހުއްދައެއް ނަގާފައިވާ އުޅަނދަކަށް ވާނަމައެވެ.

(ލ)  ވިޔަފާރި ކުރާ އެއްވެސް ތަނެއްގައި ބިދޭސީންނަށް ސޭޓެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެއެވެ. 

(ގ)  ބިދޭސީން ރަށުގައި ދިރިއުޅުމުގައި އިސްލާމްދީނުގެ އުޞޫލުތަކާއި، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ސާފުތާހިރުކަމަށާއި، ދިވެހިންގެ ރީތި ޢާދަކާދަތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(ޏ)   ބިދޭސީން ގެންގުޅޭ ފަރާތުން އެމީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ބިދޭސީމީހާގެ ކަންކަންބަލައި އޭނާއަށް ކުރަންޖެހޭ ކަންތައްތައް ކުރަންވާނެވެ.

(ސ)   ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީމީހާ، ގަވާއިދާ އެއްގޮތަށް އެފަރާތެއްގެ ނަމަށް ބަދަލުކުރުމުގެ ކަންކަން މޯލްޑިވްސް އިމިގްރޭޝުން ކަނޑައަޅާފައިވާ ގޮތާ އެއްގޮތަށް ކުރެވިދާނެވެ.

(ޑ)   ވިޔަފާރީގެ ބޭނުމަށް ރަށުންއެއްވެސް އެއްޗެއް ބޭރުކުރުމަށްޓަކާ ބޯޓު ފަހަރާއި ދޯނިފަހަރަށް ބިދޭސީން މުދާ އަރުވަންވާނީ މުދަލުގެ ވެރިމީހާ އާއި އެއްހާޒިރެއްގައި ނުވަތަ އޭނާ ކަނޑައަޅާ މީހެއްގެ ހާޒިރުގައެވެ.

(ޒ)   މިއުސޫލު ޢާންމުކުރާތާ 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިހާރު ރަށުގައިތިބި ބިދޭސީންގެ މަޢުލޫމާތު  ކައުންސިލަށް ހުށަހަޅަންވާނެވެ.

 

 

ފިޔަވަޅު އެޅުން

  1. (ހ) މި އުސޫލާ ޚިލާފަށް އަމަލުކުރާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް އިސްލާޙްވުމަށް ލިޔުމުން ނަޞޭހަތް ދެވޭނެވެ.

      (ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ނަސޭހަތް ދޭންވާނީ އެއް ފަހަރުއެވެ.

      (ނ) މިއުސޫލާ އެއްގޮތަށް ޢަމަލުކުރުމަށް ނަސޭހަތް ދިނުމަށްފަހު އިސްލާޙް ނުވެއްޖެނަމަ، މި އުސޫލާއި އެއްގޮތަށް އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

     

ޖޫރިމަނާކުރުން

  1. މިއުޞޫލާ އެއްގޮތަށް ޢަމަލުކުރުމަށް ނަސޭހަތްދީ އިސްލާޙްނުވާ ފަރާތްތަށް ފުރަތަމަ ފަހަރު 1000.00 ( އެއްހާސް ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން، ދެވަނަ ފަހަރު 3000.00 ( ތިންހާސް ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން، ތިންވަނަ ފަހަރު 5000.00 ( ފަސްހާސް ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން އަދި މީގެ އިތުރުން އިތުރުވާ ކޮންމެ ފަހަރަކު 5000.00 ( ފަސްހާސް ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

ޢަމަލުކުރަންފަށާ ތާރީޚް

  1. މި އުޞޫލަށް އަމަލުކުރަން ފަށާނީ 01 އޯގަސްޓް 2020 އިން ފެށިގެންނެވެ.

 

 

                                   03 ޖޫން 2020

03 ޖޫން 2020
ހޯދާ