މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑް ގެ ޙަރަކާތްތަކާއިމެދު ސަމާލުވުމަށް

ނޫސްބަޔާން

 

ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑް ގެ ޙަރަކާތްތަކާއިމެދު ސަމާލުވުމަށް

"ފައުންޑޭޝަން ފޯރ އަ ސްމޯކް ފޮރ ވޯރލްޑް" އިން، ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކާއި، ކުންފުނިތަކާއި އަދި ސަރަޙައްދީ ބައެއް ޖަމާޢަތްތަކާ ގުޅިގެން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދިރާސާތައް ކުރުމުގެ ނަމުގައާއި، ސީ.އެސް.އާރު ޙަރަކާތްތަކުގެ ނަމުގައާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ނަމުގައި ބައެއް ޙަރަކާތްތައް ހިންގާފައިވާ ކަމާއި އަދި ހިންގުމަށް ރާވަމުން ދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ ދަންނަވަމެވެ.

ދުންފަތަކީ، ކޮންމެ ގޮތަކަށް ތައްޔާރުކޮށް ކޮންމެ ގޮތަކަށް އަދި ކޮންމެ މިންވަރަކަށް ބޭނުން ކުރި ނަމަވެސް އާއްމު ޞިއްޙަތު ރައްކާތެރި ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ބޮޑެތި ބަލިތަކަށް މީހާ ހުށަހެޅޭ މައިގަނޑު އެއް ސަބަބަށް ވީހިނދު، ދުންފަތުގެ އެއް ބާވަތް އަނެއް ބާވަތަށްވުރެ ރައްކާތެރިކަމަށް ނުވަތަ ގެއްލުން ކުޑަކަމަށް ދެއްކުމަށް ދުންފަތުގެ ސިނާޢަތުންކުރާ މަސައްކަތަކީ ސައިންޓިފިކް ގޮތުން ސާބިތު ނުހިފޭ އަދި ދުންފަތުގެ ޙަޤީޤަތް އޮޅުވާލުމަށް ކުރެވޭ މަސައްކަތެކެވެ.

އ.ދ ގެ ޢާއްމު މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގައި، ދުންފަތުގެ ސިނާޢަތުގެ މަޤްޞަދުތަކާ ޙަރަކާތްތަކަކީ، އާއްމު ޞިއްހަތު ރައްކާތެރިކުރުމުގެ މަޤްޞަދުތަކާ މަޞްލަޙަތު ފުށު އަރާ ކަމެކެވެ. އަދި ހަމަ އެހެންމެ ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ގޮތުގައި، "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ" (އެފް.ސީ.ޓީ.ސީ) ގެ 5.3 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، އެ ސިނާޢަތުގެ މަޤްޞަދުތަކާ މަސްލަޙަތު ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާ އަކަށް "ފައުންޑޭޝަން ފޮރ އަ ސްމޯކް ފްރީ ވޯރލްޑް" އަކީ ދުންފަތުގެ ސިނާޢަތުގެ މާލީ އެހީގައި މަސައްކަތް ކުރާ ޖަމްޢިއްޔާ އަކަށްވާތީ، މި ޖަމްޢިއްޔާއާއެކު ބައިވެރިވާ އެހެން ފަރާތަކަށް ވިއަސް ދުންފަތް ކޮންޓްރޯލް ކުރުމުގެ އެއްވެސް ދައުރެއް އަދާ ނުކުރެވޭނެއެވެ. މި ޖަމްޢިއްޔާގެ މާލީ އަދި ފަންނީ ވަޞީލަތްތައް ބޭނުން ކޮށްގެން ނުވަތަ މި ޖަމްޢިއްޔާގެ ބައިވެރިވުމާއެކު، ދިވެހިރާއްޖެ އަކީ މުޢާހަދާގެ މެމްބަރު ޤައުމެއް ކަމުން މިފަދަ އެއްވެސް ޙަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެ އެއްބާރުލުން ދީގެން ނުވާނެއެވެ.

އަދި އެ ފައުންޑޭޝަން އިން ހިންގާ ޙަރަކާތް ތަކަކީ، ސަރުކާރުން އެކަމާ ކަންބޮޑުވާ އަދި ސަރުކާރުން ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތާ ސީދާ މަސްލަޙަތު ފުށު އަރާ ކަމެއް ކަމުގައިވާތީ، ފައުންޑޭޝަން ފޯރ އަ ސްމޯކް ފްރީ ވޯރލްޑް އިން، ނުވަތަ އެ ފަރާތާއި ބައިވެރިވެގެން ނުވަތަ އެފަރާތުގެ މާލީ އަދި ފަންނީ އެހީގައި ހިންގާ އެއްވެސް ޙަރަކާތެއްގައި، އެއްވެސް ފަރާތަކުން އެއްވެސް މިންވަރަކަށް ބައިވެރިނުވުމަށާއި، މިފަދަ ކަމެއްގެ މަޢުލޫ މާތު ލިބިވަޑައިގެންފިނަމަ ލަސްނުކޮށް މި އެޖެންސީއަށް ރިޕޯރޓު ކުރެއްވުމަށް އިލްތިމާސް ކުރަމެވެ. ރިޕޯރޓް ކުރެއްވުމަށާއި މަޢުލޫމާތު ހޯއްދެވުމަށް 3014411، ނުވަތަ 3014455 އާއި ގުޅުއްވުން އެދެމެވެ.

 

01 މާރިޗު 2020
ހޯދާ