ދިވެހިރާއްޖެ
ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް: ހުރިހައި އާމްދަނީއަކުން ވިތުހޯލްޑިންގ ޓެކްސް ނަގައިފައިވާނަމަ މާލީ ހިސާބުތައް ހުށައެޅުމުން އިސްތިސްނާވުން
މިއީ ޤާނޫނު ނަންބަރު 14/2011މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 2010/3 )ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު( ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެންގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތެއްގައި މެނުވީ، ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ގަވާއިދު ނަންބަރު 2011/R-47 އާއި ޓެކްސް ރޫލިންގ ނަންބަރު ,TR-2012/B6 ,TR-2012/B11 TR-2012/B27އަދި TR-2013/B31މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީގޮތުން ލާޒިމުކުރެއެވެ.
ތަޢާރުފް
1. މި ރޫލިންގ ރައްދުވަނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތަކަށް ޓެކްސް އަހަރެއްގެ ތެރޭގައި ދިވެހިރާއްޖެއިން ލިބުނު ހުރިހައި އާމްދަނީއަކީވެސް ވިތުހޯލްޑިންގ ޓެކްސް ނެގޭ އާމްދަނީ ކަމުގައިވާ ފަރާތްތަކަށެވެ. މި ރޫލިންގ ގައި ތަފްޞީލުކޮށްދީފައިވާނީ އެ ފަދަ ފަރާތަކުން ޓެކްސް އަހަރަކަށް ހުށައަޅާ ޓެކްސް ބަޔާނާއެކު ހުށައަޅަންޖެހޭ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހުށައަޅަންނުޖެހޭ ޙާލަތުތަކެވެ.
2. ގަވާއިދުގެ 4 ވަނަ މާއްދާގައި ވަނީ:
"ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކަކުން މި ގަވާއިދުގައިވާ ގޮތުގެމަތިން ހިސާބުތައް ތައްޔާރުކުރަންވާނެއެވެ."
3. ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި ވަނީ:
"އެއްވެސް ފަރާތަކުން އެއްވެސް ދާއިމީ މަރުކަޒެއްގެ ހިސާބުތައް ތައްޔާރުކުރަންޖެހޭނަމަ އެ ހިސާބުތައް ތައްޔާރުކުރަންވާނީ ހަމައެކަނި އެ މަރުކަޒަކުން ނުވަތަ މަރުކަޒެއް މެދުވެރިވެގެން ކުރި ވިޔަފާރިއަކަށެވެ."
4. ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ވަނީ:
"އެމް.އައި.އާރ.އޭ އިން އެ ފަރާތެއް އިސްތިސްނާ ނުކުރާހާ ހިނދަކު، ޓެކްސް ބަޔާނާއެކު އެ ފަރާތެއްގެ މާލީ ހިސާބުތައް އެމް.އައި.އާރ.އޭ އަށް ހުށަހަޅަންވާނެއެވެ."
5. ގަވާއިދުގެ 14 ވަނަ މާއްދާގައި ވަނީ:
"އެއްވެސް ޓެކްސް އަހަރެއްގައި އެއްވެސް ފަރާތަކުން އޮޑިޓަރަކު ޢައްޔަންކުރުމަށް އެމް.އައި.އާރ.އޭ އިން ލާޒިމުކުރާނަމަ، އެމް.އައި.އާރ.އޭ ގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އެ ފަރާތަކުން ޢައްޔަންކޮށް، މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހުށައަޅާ މާލީ ހިސާބުތަކާއެކު އެ ފަރާތެއްގެ އޮޑިޓަރުގެ ރިޕޯޓު ހުށައަޅަންވާނެއެވެ."
ރޫލިންގ
6. ގަވާއިދުގެ 4 ވަނަ މާއްދާއާއި، 8 ވަނަ މާއްދާގެ (ށ) އާއި، 13 ވަނަ މާއްދާގެ (ހ) އަދި 14 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް:
(ހ) ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ޓެކްސް އަހަރެއްގެ ތެރޭގައި އާމްދަނީ ލިބޭނަމަ؛ އަދި
(ށ) އެ އާމްދަނީއަކީ ވިތުހޯލްޑިންގ ޓެކްސް ނެގޭ އާމްދަނީއަކަށްވާނަމަ؛ އަދި
(ނ) އެ ޓެކްސް އަހަރު ތެރޭގައި، އެ އާމްދަނީއަކުން ދިވެހިރާއްޖޭގައި ޓެކްސް ދައްކަންޖެހޭ އިތުރު އެއްވެސް އާމްދަނީއެއް ދިވެހިރާއްޖެއިން އެ ފަރާތަށް ނުލިބޭނަމަ،
ގަވާއިދުގެ 4 ވަނަ މާއްދާއާއި، 8 ވަނަ މާއްދާގެ (ށ) އާއި، 13 ވަނަ މާއްދާގެ (ހ) އަދި 14 ވަނަ މާއްދާއަށް ޢަމަލުކުރުމުގެ ބަދަލުގައި، އެ ޓެކްސް އަހަރަށް އެ ފަރާތުން ހުށައަޅާ ޓެކްސް ބަޔާނާއެކު އަންނަނިވި ލިޔެކިޔުންތައް ހުށައެޅުމަށް އިޚްތިޔާރުކުރެވިދާނެއެވެ.
(ރ) އެ ޓެކްސް އަހަރުގައި އެ ފަރާތަށް ދިވެހިރާއްޖެއިން ލިބިފައިވާ ހަމައެކަނި އާމްދަނީއަކީ، ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒު މެދުވެރިކޮށް ލިބިފައިވާ އަދި ކަނޑައަޅައިފައިވާ ގޮތުގެ މަތިން އެ އާމްދަނީން ވިތުހޯލްޑިންގ ޓެކްސް ނަގައިފައިވާ އާމްދަނީކަމަށް އެ ފަރާތުން ނުވަތަ އެ ފަރާތުގެ ހުއްދަ ލިބިފައިވާ އޮފިސަރަކު ޔަޤީންކޮށްދޭ އިޤުރާރެއް؛ އަދި
(ބ) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒުން ލިބުނު އަދި ކަނޑައަޅައިފައިވާ ގޮތުގެ މަތިން އެ އާމްދަނީން ވިތުހޯލްޑިންގ ޓެކްސް ނަގައިފައިވާ އާމްދަނީ ފިޔަވައި، އެ އާމްދަނީއަކުން ދިވެހިރާއްޖޭގައި ޓެކްސް ދައްކަންޖެހޭ އިތުރު އެއްވެސް އާމްދަނީއެއް ދިވެހިރާއްޖެއިން އެ ފަރާތަށް ނުލިބޭކަން ޔަޤީންކޮށްދޭ، އެ ފަރާތުގެ އެކްސްޓަރނަލް އޮޑިޓަރުގެ ލިޔުމެއް.
7. އަންނަނިވި ޙާލަތުތަކުގައި މެނުވީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް މި ރޫލިންގ ގެ 6 ވަނަ ޕެރެގްރާފް ރައްދެއްނުވާނެއެވެ.
(ހ) މި ރޫލިންގ ގެ 6 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ، އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (8) ގެ ދަށުން އެ ޓެކްސް އަހަރުގެ ޓެކްސް ބަޔާނުގައި އުނިކޮށްފައިވާ އާމްދަނީން ދައްކަންޖެހޭ ވިތުހޯލްޑިންގ ޓެކުހާއި، ފާއިތުވި އަހަރުތަކުގައި ލިބިފައިވާ އާމްދަނީން ދައްކަންޖެހޭ އެންމެހައި ވިތުހޯލްޑިންގ ޓެކްސް، އެ ޤާނޫނުގައި ކަނޑައަޅައިފައިވާ ސުންގަޑީގެ ނިޔަލަށް މީރާއަށް ދައްކައިފައިވުން؛ ނުވަތަ
(ށ) މި ޕެރެގްރާފްގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަނުވާނަމަ، ދައްކަންޖެހިފައިވާ ވިތުހޯލްޑިންގ ޓެކުހާއި ޖޫރިމަނާ، މި ރޫލިންގ ގެ 6 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ޓެކްސް އަހަރުގެ ޓެކްސް ބަޔާން ހުށައަޅަންޖެހޭ ސުންގަޑީގެ ނިޔަލަށް މީރާއަށް ދައްކައިފައިވުން؛ އަދި
(ނ) ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އެ ފަރާތުން އަދާކުރަންޖެހޭ އެހެނިހެން ޒިންމާތައް އެ ފަރާތުން އަދާކޮށްފައިވުން.
ޢަމަލުކުރަން ފެށުން
8. މި ރޫލިންގ އަށް ޢަމަލުކުރަން ފަށާނީ ޓެކްސް އަހަރު 2012 އިން ފެށިގެންނެވެ.