ދިވެހިރާއްޖެ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
މާލެ ، ދިވެހިރާއްޖެ
ނަންބަރު:199-PLS/CIR/2019/3
20 އޮކްޓޫބަރު 2019
21 ޞަފަރު 1441
ސަރކިއުލަރ
ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީއެހީގެ ޕްރޮގްރާމަށް ގެނެވުނު ބަދަލުތަކާއި ގުޅޭ
ޤާނޫނު ނަންބަރު 2014/2 (އިޖްތިމާއީ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ "އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވައިދު" ގެދަށުން މިއެޖެންސީން ފޯރުކޮށްދޭ ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް އަދި އޭގެ ހައްގުވެރިންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި މިޕްރޮގްރާމް އިސްލާހުކުރެއްވުމަށް 15 އޮކްޓޫބަރު 2019ގައި ރައީސުލްޖުމްހުރިއްޔާ ވަނީ ނިންމަވާފައެވެ. މިގޮތުން 20 އޮކްޓޫބަރު 2019 ގައި ގެޒެޓުކުރެވިފައިވާ "ގަވާއިދު ނަންބަރު 2016/R-39 (އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު" މެދުވެރިކޮށް މި ސަރކިއުލަރއާއެކު އެއްކަރުދާސްކުރެވިފައިވާ ބަދަލުތައް މިޕްރޮގްރާމަށް ވަނީ ގެނެވިފައެވެ.
މިގޮތުން، މަތީގައި ދެންނެވިފައިވާ ބަދަލުތަކާއެކު "ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު" ވަނީ މުރާޖަޢާކުރެވިފައެވެ. އަދި އައު ފޯމު 20 އޮކްޓޫބަރ 2019 އިން ފެށިގެން މިއެޖެންސީގެ ކައުންޓަރުންނާއި، ވެބްސައިޓުން (www.nspa.gov.mv) އަދި ކައުންސިލް އިދާރާތައް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. ވީމާ މިތާރީޚުން ފެށިގެން އެހީއަށް އެދި ހުށަހަޅަންވާނީ އަލަށް ތައާރަފްކުރެވުނު ފޯމު މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.
ހަމަމިއާއެކު މިގެނެވުނު ބަދަލުތަކާ ގުޅިގެން އެހީ ހައްޤުވާ ފަރާތެއްވާނަމަ ނުވަތަ މިހާރު އެހީލިބެމުންދާ ކުދިންގެ އިތުރުން އިތުރު ކުއްޖަކަށް އެހީ ހައްޤުވާނަމަ އެފަދަ ފަރާތްތަކުން މިއެޖެންސީއަށް ވީއެންމެ އަވަސް ފުރުސަތެއްގައި ތައާރަފްކުރެވުނު ފޯމު މެދުވެރިކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ގަވާއިދު ނަންބަރު 2016/R-22 (އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ޙައްޤުވާ ފަރާތްތަކަށް އެހީ ދެވޭނީ 2 (ދޭއް) އަހަރުގެ މުއްދަތަށް މަހުން މަހަށް ކަމުން، އެހީހަމަޖެހުނުތާ 2 (ދޭއް) އަހަރު 31 ޑިސެންބަރ 2019ގެ ނިޔަލަށް ހަމަވާ ފަރާތްތަކުން އެ ތާރީޚުގެ ކުރިން އަލުން ފޯމު ހުށަހެޅުއްވުމަށް ހަނދުމަކޮށްދެމެވެ. މި މުއްދަތުގައި ފޯމު ހުށަނާޅާ ފަރާތްތަކަށް އެހީ ކުރިއަށްގެންދެވޭނީ އައު ފޯމު މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅުއްވުމުން އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކޮށެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް މިއެޖެންސީގެ ހޮޓްލައިން 1402 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީއެހީގެ ޕްރޮގްރާމަށް ގެނެވުނު ބަދަލުތައް
# |
ކުރީގެ ގަވައިދު |
ގެނެވުނު ބަދަލު |
ތަފްސީލް |
1 |
ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ މަގުން ގިނަވެގެން އާއިލާއަކަށް 3000 ރުފިޔާ |
ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ މަގުން ގިނަވެގެން އާއިލާއަކަށް 10،000 ރުފިޔާ |
ކުރީގެ އުސޫލުގެ ދަށުން 3 ކުދިންނަށް ވުރެ ގިނައިން ތިބި ނަމަވެސް ލިބޭނީ 3000 ރުފިޔާ. މިހާރު 10 ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ލިބެމުންދާނެ. |
2 |
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިން ބަލަހައްޓާ ކުދިންނަށް ދެވޭ މާލީ އެހީ ނުލިބޭ |
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިން ބަލަހައްޓާ ކުދިންނަށް ދެވޭ މާލީ އެހީ ލިބޭނެ |
އެކަނި ދަރިން ބަލަހައްޓާ މައިންބަފައިންގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރިން ލިބެމުންދިޔައީ އެއް އެހީ. މިހާރު ދެ އެހީވެސް ހަމަޖެހޭނެ |
3 |
ފަގީރު ހާލަތު ކަނޑައެޅުމުގައި ބޭނުންކުރެވެމުންދިޔައީ 10/2009 ގެ HIES |
މި ޕްރޮގްރާމްގެ ދަށުން އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި ބޭނުންކުރާ އިންކަމް ތްރެޝްހޯލްޑް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކަނޑައެޅުން |
ރައްޔިތުންގެ ހާލަތައް ރިއާޔަތްކޮށް އެކަށީގެންވާ ގޮތެއްގެ މަތިން އެކަނި ދަރިންބަލަހައްޓާ މައިންބަފައިން އިސްތިސްނާނުވާނެ ގޮތެއްގެ މަތިން އިންކަމްތެރްޝްހޯލްޑް ކަނޑައެޅިގެންދިއުން. |
4 |
ފަގީރު ހާލަތު ދެނެގަތުމުގައި ބޭނުންކުރާ މިނިމަމް ޔުނިޓް އަކީ ގޭބިސީ (އެއްކޮށް ކައްކައި، ކައިބޮއި، ނިދާ ހަދާ މީހުން) |
ފަގީރު ހާލަތު ދެނެގަތުމުގައި ބޭނުންކުރާނީ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ އާއިލާ |
ގޭބިސީގައި ދިރިއުޅޭ އެހެން ފަރާތްތަކުގެ އާމްދަނީގެ ސަބަބުން ފަގީރުހާލަތުގައި ދިރިއުޅޭ އެކަނި ދަރިންބަލަހައްޓާ މައިންބަފައިން މި ޕްރޮގްރާމުން މިހާރު އިސްތިސްނާ އެއް ނުވާނެ |