ދިވެހިރާއްޖެ
އިޢުލާން
ނޭޝަނަލް ހެލްތު ރިސާރޗް ކައުންސިލަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގައި ހެދޭ ދިރާސާތައް ބެލުމާއި ކްލިނިކަލް ޓްރަޔަލްހެދުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލުތަކާއި، އަދި ސިއްހީ ދިރާސާއާގުޅޭ އާންމު އުސޫލުތައް ކަނޑައެޅުމުގެގޮތުން އެކުލަވާލެވޭ ކައުންސިލެކެވެ. މި ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި؛
- ސިއްހަތާ ގުޅުންހުރި ދިރާސާތަކާއި ކްލިނިކަލް ޓްރަޔަލްތައް ހެދުމުގެ މިންގަނޑުތައް އެކަށައަޅައި، އެ މިންގަނޑުތަކަށް ސުލޫކީ މިންގަނޑުތަކަށް ފެތޭ ސިއްހަތާ ގުޅުންހުރި ދިރާސާތަކާއި ކްލިނިކަލް ޓްރަޔަލްތައް ހެދުމުގެ ހުއްދަ ދިނުން
- ސިއްހީ ދިރާސާތަކާ ގުޅިގެން ހިނގާ ނޭދެވޭ ކަންތައްތަކާއި ހުށަހެޅޭ ޝަކުވާގެ ރިޕޯޓުތައް ބަަލައި މިފަދަ ކަންކަން، ކަމާބެހޭ ފަރާތްތަކަށް ނުވަތަ ޤާނޫނުން ކަނޑައަޅާ އިދާރާތަކަށް ރިޕޯޓްކުރުން.
- ދިވެހިރާއްޖޭގެ ބޭނުންތަކަށް ރިޢާޔަތްކޮށް ސިއްހީ ދިރާސާތަކުގައި އިސްކަންދޭންވީ ކަންކަމާއި ސްޓްރެޓެޖީތައް ކަނޑައެޅުމުގެ ނިޒާމެއް ޤާއިމުކޮށް ތަރައްޤީކުރުން
- ސިއްހީ ދިރާސާތައް ނުވަތަ ޢިލްމީ ދިރާސާތައް ކުރުމުގެ މިންގަނޑުތައް އެކަށައަޅައި، އެމިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިރާސާކުރުމަށް ހުއްދަދީ ހަރުދަނާގޮތެއްގައި އެ ދިރާސާތައް ކުރަމުން އަންނަކަން ކަށަވަރުކުރުން.
މި ކައުންސިލްއަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާތަކުން އަދި އިލްމީ ދިރާސާކުރާ ތަޖުރިބާކާރުންގެ ތެރެއިން މިކައުންސިލްގެ މެންބަރުކަމަށް ޝައުގުވރިވާ ފަރާތްތަކަށް އަމިއްލަ ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލަމެވެ. ކައުންސިލް މެންބަރުނަށް ކުރިމަތިލައްވާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
- ދިވެހި ރައްޔިތެއްކަމުގައިވުން،
- ތަޢުލީމީގޮތުން ދަށްވެގެން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން،
- ހެލްތު ރިސާރޗް ނުވަތަ އެކަޑަމިކް ރިސާރޗުގެ ދާއިރާއިން ތަޢުލީމު ހާސިލްކޮށްފައިވުން ނުވަތަ ރިސާރޗް ތީސިސްއެއް ހަދައިފައިވުން، ނުވަތަ ކިޔެވުމުގެ މަރުހަލާގައި ރިސާރޗް މޮޑިއުލެއް ފުރިހަމަ ކޮށްފައިވުން،
- އެ މެންބަރަކު ތަމްސީލްކުރާ ދާއިރާއިން މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ހުކުމެއް ކޮށްފައިވާ މީހެއް ކަމުގައިނުވުން،
- ދިރާސާގައި އަމަލުކުރަންޖެހޭ ސައިންޓިފިކް މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މިހެއް ކަމުގައި ނުވުން.
ވީމާ، މި ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 15 މެއި 2019 (ބުދަ) ދުވަހުގެ 12:00 ގެކުރިން ސިޓީއަކުން އެކަން ބަޔާންކޮށް އެފަރާތެއްގެ ވަނަވަރާއި ތައުލީމީ ފެންވަރު އަދި ލިބިފައިވާ ތަޖުރިބާގެ ތެރެއިން ނަންބަރު 1،2،3 އަދި 4 ގައިވާ މައުލޫމާތުތައް އަންގައިދޭ ލިޔުންތަކާއިއެކު، މިނިސްޓްރީ އޮފް ހެލްތަށް އެޑްރެސްކޮށް ފޮނުއްވައިދެއްވުމަށް އެދި ދަންނަވަމެވެ. ނަންބަރ 5 ގައި ހިމެނޭ މައުލޫމާތު އިންޓަވިއުގެ މަރުހަލާގައި ނުވަތަ މަސްއޫލިއްޔަތާ ހަވާލުވުމުގެ ކުރިން މިމިނިސްޓްރީއަށް ހުށައަޅަންވާނެއެވެ.
މި ކައުންސިލްއާއި ބެހޭ އިތުރު ތަފްސީލް "ސިއްހީ ދިރާސާކުރުމާ ބެހޭ ގަވާއިދު" ތިރީގައިއެވާ މިލިންކުން ލިބިވަޑައިގަންނަވާނެއެވެ.
އަދި ނޭޝަނަލް ހެލްތު ރިސާރޗް ކައުންސިލާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަންގެ 3014359 އާ ގުޅުއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
8 ރަމަޟާން 1440
