މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކަނދުފަތީގެ 3 މޭލު ކައިރިން ދިރޭ އެންޖަހައިގެން ނުވަތަ ވަދު ދަމައިގެންނާއި އުކައިގެން މަސްވެރިކަންކުރުން

ދިވެހި ސަރުކާރުގެ ފަރާތުން ގާއިމުކޮށްފައިވާ 55 އޮއިވާލި ކަނދުފަތީގެ ވިއުގައަކީ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރަށް ޚާއްޞަކޮށް މަސްވެރިކަމުގެ ތަރައްޤީއަށްޓަކައި މިނިސްޓްރީގެ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ޤާއިމުކޮށް ބަލަހައްޓަމުން ގެންދާ މަސްވެރިކަމުގެ މުޙިއްމު ވަސީލަތެކެވެ. މަސްވެރިކަމުގެ ގަވާއިދުގެ 17 ވަނަ ބައިގެ (މަސްކަނޑުގައި ހަރުކުރާ ކަނފުފައްޗާބެހޭ) 3 ވަނަ މާއްދާގެ ދަށުން އޮއިވާލި ކަނދުފަތިތަކުގެ 3 މޭލު ކައިރީގައި ދިރޭ އެން ޖަހައި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުމާއި، ވަދު އަޅައިގެން މަސްވެރިކަން ކުރުމާއި އަދި މީގެ އިތުރުންވެސް ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުން ލިބޭފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ.

އެހެންނަމަވެސް، ދޮށީގެ މަސްވެރިކަންކުރާ ފަރާތްތައް ނޫން އެހެން ފަރާތްތަކުން އޮއިވާލި ކަނދުފަތިތަކުގެ ކައިރީގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ދަނީ ލިބެމުންނެވެ. މިގޮތުން، އޮއިވާލި ކަނދުފަތިތަކުގެ ކައިރިން އިސްވެދެންނެވުނު ގަވާއިދުތަކާ ޚިލާފަށް މުނިފޫހި ފިލުވުމަށް މަސްވެރިކަންކުރާ ކުދި އުޅަނދުފަހަރު ގިނަ އަދަދަކަށް ޙަރަކާތްތެރި ވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އޮއިވާލި ކަނދުފަތީގެ ވިއުގައަކީ ދޮށީގެ މަސްވެރިކަމުގެ ސިނާޢަތަށް ޚާއްސަ އަދި މުޙިއްމު ވަސީލަތަކަށް ވާތީވެ، މިވިއުގަ މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުންދަނީ ދަޢުލަތުގެ ފަރާތުން ބޮޑެތި ޚަރަދުތަކެއް ކޮށްގެންނެވެ. ކަނދުފަތީގެ ސަރަޙައްދުގައި ވަދު ދަމައިގެން ނުވަތަ ވަދު އުކައިގެން މަސްވެރިކަން ކުރުމުންނާއި ދިރޭ އެންޖަހައި ފައްތައިގެން މަސްވެރިކަން ކުރުމުން އެސަރަޙައްދުގައި މަސް އައިން ތިލަވުމަށް އަދި ހިފެހެއްޓުމަށް ރަނގަޅު ނޫން އަސަރު ކުރާ ކަމުގައި މިނިސްޓްރީއަށް ވަނީ ފާހަގަ ކުރެވިފައެވެ. މިސަބަބަށްޓަކައި، މަސްވެރިކަމުގެ ގަވާއިދުތައް އެކުލަވާލެވިފައި ވަނި މިވަސީލަތުގެ ނަފާ މަސްވެރިކަމުގެ ސިނާއަތަށް އެންމެ ފުރިހަމައަށް ފޯރުކޮށް ދިނުމުގެ މަޤުޞަދުގަ އެވެ. 

ވީމާ، އޮއިވާލި ކަނދުފަތީގެ ވަށައިގެން 3 މޭލު ސަރަޙައްދުގައި، ވަދު އެޅުމާއި ދެމުން އަދި ދިރޭ އެންޖަހައި އަޑިއަށް ފައްތައިގެން، މަސްވެރިކަން ކުރުމަކީ މަސްވެރިކަމުގެ ގަވާއިދުގެ ދަށުން މަނާ ކަމެއް ކަމުގައި ހަނދުމަފުޅުކޮށް އަރުވައި ގަވާއިދާ ޚިލާފަށް ކަނދުފަތީގެ ސަރަޙައްދުގައި ހިންގާ މިފަދަ ޚަރަކާތްތައް ހުއްޓާލުމަށް އިލްތިމާސް ކުރަމެވެ. އަދި މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް – ކޯސްޓް ގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ އެކު މި މިނިސްޓްރީގެ ފަރާތުން މަސައްކަތް ފަށާފައިވާ ކަމުގެ މަޢުލޫމާތު އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

30 ޑިސެންބަރު 2018
ހޯދާ