މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫސް ބަޔާން

ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަލްފާޟިލް އަޙުމަދު ފާރިސް މައުމޫން ސަރުކާރާއި ދެކޮޅަށް ކުރިޔަށްގެންދަވާ ކަންތައްތަކާއި މެދު މިކައުންސިލާއި ދިއްގަރުގެ އެންމެހާ ރައްޔިތުންގެ ނުހަނު ކަންބޮޑުވުން އޮތްކަން ފާހަގަ ކުރަމުން ދަންނަވަމެވެ.

މަނިކުފާނަކީ އަޅުގަނޑުމެން ނުހަނު އިޙްތިރާމް ކުރާ ފަރާތަކަށްވެފައި، މި އަދުގެ ސަރުކާރުން މި ދާއިރާގެ ރައްޔިތުންނާއި ގުޅިވަޑައިގެން ކުރެވުނު ބުރަ މަސައްކަތުން މި ދާއިރާގެ ގޮނޑި މަނިކުފާނާއި ޙަވާލުކުރީ ވަރަށް ބޮޑަށް އިތުބާރުކޮށް، ސަރުކާރުގެ ތެރެއިން އަޅުގަނޑުމެންގެ އުއްމީދުތައް ޙާސިލް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ.                                      

ނަމަވެސް މިއަދު މަނިކުފާނުގެ މަސައްކަތްޕުޅުތައް ހުރިގޮތަށް ވިސްނާއިރު މިހާރު ތިޔަ ވަޑައިގެންނެވެނީ  މިދާއިރާގެ ރައްޔިތުންގެ އިހްސާސްތަކާއި ސިދާ ދެކޮޅަށް ކަމުގައިވާތީ، މަނިކުފާނު ސަރުކާރާއި ދެކޮޅަށް ތިކުރައްވާ މަސައްކަތްތައް ވަގުތުން ހުއްޓަވާލައްވައި ދާއިރާގެ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ސަރުކާރަށް އެއްބާރުލުން ދެއްވައި  ދާއިރާގެ ރައްޔިތުންގެ ފިކުރާއި އިހްސާސްތަކާއި އެއްގޮތަށް މަޖިލީހުގައި މަސައްކަތް ކޮށްދެއްވުމަށް އިޚުލާސްތެރިކަމާއެކު ދަންނަވަމެވެ.                                                

މި ދާއިރާގެ ގޮނޑިޔެކޭ އެއްފަދައިން މިއަދުގެ ސަރުކާރަކީވެސް މި ދާއިރާގެ ރައްޔިތުންގެ  ނުހަނުބުރަ އަދި މިންނެތް މަސައްކަތާއި ހިތްވަރުން ގެނައިސްފައިވާ ސަރުކާރަކަށްވެފައިމެ، މި ސަރުކާރުން މިދާއިރާއަށާއި މުޅި ޤައުމަށް ގެނައިސް ދެއްވަމުންމިދާ ތަރައްޤީގައި މިދާއިރާގެ މެމްބަރުގެ ބައިވެރިވުން ނެތުން އެއީ އަޅުގަނޑުމެން އެކަމާ ނުހަނު ހިތާމަ ކުރާކަމެކެވެ.                                                 

ވަކިން ޚާއްޞަކޮށް އިދިކޮޅުފަރާތްތަކާއި ގުޅިވަޑައިގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެންގެވުމަށް މިހާރު ތިކުރައްވާ މަސައްކަތަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ޤަބޫލު ކުރާ ކަމެއްކަމުގައި ނުވާތީ، މި ފަދަ އެއްމެހާ ކަންކަމުން ދުރަށް ޖެހިވަޑައިގެން އަޅުގަނޑުމެންނާއެކު މިއަދުގެ ސަރުކާރަށް އެއްބާރުލުންދެއްވައި ދާއިރާއަށް ތަރައްޤީ ގެނައިސްދެއްވުމަށް މަސައްކަތްޕުޅު ފައްޓަވައި ދެއްވުމަށް އިލްތިމާސް ކުރަމެވެ.

20 ޖުމާދަލްއާޚިރާ 1438

19 މާރިޗު 2017

19 މާރިޗު 2017
ހޯދާ