މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލުން

އިޢުލާން

ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލުން

ރަމަޟާން މަހުގައި، މުދަލުގެ އަގުތަކާ ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި "ބާޒާރުގެ އެންމެ ހެޔޮ އަގު" މި ނަމުގައި، ފާއިތުވީ އަހަރުތަކުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް މި އަހަރުވެސް ކުރިއަށް ގެންދިއުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްގެ މަޤުޞަދަކީ، އެއްބާވަތެއްގެ މުދާ ތަފާތު އަގުތަކުގައި ލިބެންހުންނައިރު އެންމެ އަގު ހެޔޮކޮށް މުދާ ލިބެންހުންނަ ފިހާރަތަކާބެހޭ މަޢުލޫމާތުތައް އާންމުންނާ ހިއްސާކޮށް މިކަމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުމެވެ.

މި މަސައްކަތް ކުރުމަށް ރޭވިފައިވަނީ ރާއްޖޭގައި ކާބޯތަކެތި ހޯލްސޭލް އަދި ރީޓެއިލްކުރާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި، ބައިވެރިވުމާ އެކުގައެވެ.

މިއަހަރުގެ "ބާޒާރުގެ އެންމެ ހެޔޮ އަގު" ޕްރޮގްރާމް ކުރިއަށް ގެންދާނޭ އުސޫލު ތިރީގައި މިވަނީއެވެ.

  1. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކަމަށް އެދި މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

  2. ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން ވިއްކާ މުދަލުގެ އަގުތައް މީޑިއާ އަދި މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އާންމުކުރެވޭނެއެވެ.

  3. މީޑިއާ މެދުވެރިކޮށް އަގުތައް އިޢުލާން ކުރެވޭނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައިވާ ފިހާރަތަކުން، މި މިނިސްޓްރީން ކަނޑައަޅާފައިވާ މުދަލުގެ ލިސްޓުގައި ހިމެނޭ މުދަލުގެ އަގުތައް، އަގުތައް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ފޯމެޓަށް، ކޮންމެ ދުވަހަކު މިނިސްޓްރީއަށް ފޮނުވުމުންނެވެ. މި މަޢުލޫމާތު، ފެކްސް، އީމެއިލް ނުވަތަ މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅިދާނެއެވެ.

  4. ކޮންމެ ދުވަހެއްގެ 10:30 ގެ ކުރިން ލިބޭ މަޢުލޫމާތުތައް ދިރާސާކުރުމަށްފަހު، ލިސްޓުގައި ހިމެނޭ ތަކެތި (ބްރޭންޑްތައް ނުހިމަނައި) އެންމެ ހެޔޮ އަގުގައި ލިބެން ހުންނަ ފިހާރައެއް ނުވަތަ ފިހާރަތަކުގެ ނަމާއި، ލިބޭ އަގުތައް މީޑިއާއަށް ފޮނުވޭނެއެވެ.

  5. "ބާޒާރުގެ އެންމެ ހެޔޮ އަގު" މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެވޭ މަޢުލޫމާތަކީ، މި ޕްރޮގްރާމަށް ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުގެ ތެރެއިން، އެ ދުވަހެއްގައި މުދާ އެންމެ ހެޔޮ އަގެއްގައި ލިބެންހުރި ތަންތަނާއި އަގުތަކެވެ. އަދި މި މަޢުލޫމާތަކީ ސީދާ ފިހާރަތަކުން މިމިނިސްޓްރީއަށް ދީފައިވާ އަގުތަކެއްކަންވެސް ބަޔާން ކުރެވޭނެއެވެ.

  6. މި ޕްރޮގްރާމުގައި ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުން ހުށަހަޅާ އަގުތަކަކީ ޞައްޙަ އަގުތަކެއްތޯ ބެލުމަށް މިނިސްޓްރީން ރެންޑަމްކޮށް ޗެކުކުރާނެއެވެ.

  7. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން، އަދި މިނިސްޓްރީގެ ކައުންޓަރއިން 2016 މޭ 31 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެއެވެ. އަދި މި ތާރީޚުން ފެށިގެން ރަޖިސްޓަރީ ކުރެއްވުމުގެ ފުރުޞަތު އޮންނާނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2016 ޖޫން 20 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ނަންބަރު 3333154 އަށް ގުޅުއްވުން އެދެމެވެ.

23 ޝަޢުބާން 1437

 

30 މޭ 2016
ހޯދާ