މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޯމުތައް ބާޠިލުކޮށް ފޯމުގަނެފައިވާ ފަރާތްތަކަށް ފައިސާ ދޫކުރުން.

އިޢުލާން

ގެވަޅު ހޯދުމަށް ހުށަހަޅާފައިވާ ފޯމުތައް ބާޠިލުކޮށް ފޯމު ގަނެފައިވާ ފަރާތްތަކަށް ފައިސާ ދޫކުރުން.

މި ކައުންސިލުގެ ނަންބަރު (ILU)303-AS/2013/26 (20 ނޮވެންބަރު 2013) އިޢުލާނާ ގުޅިގެން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ވަރަށް ގިނަ ފަރާތްތަކުން ހުށަހަޅުއްވާފައިވާ ފޯމުތަކުގައި މަޢުލޫމާތު ފުރިހަމަނުވާތީ، ފޯމުތަކުގެ މަޢުލޫމާތު ފުރިހަމަކުރުމަށް ހުރިހާ ފަރާތްތަކަށްވެސް ފުރުޞަތުދިނުމަށް ކައުންސިލުން ނިންމުމާގުޅިގެން މިކަން ކުރިއަށް ގެންދިއުމާމެދު ލަފަޔަކަށް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުގައި ދެންނެވުމުން، ޖަވާބުގައި އަންގަވާފައިވަނީ އުނގޫފާރުން ގޯތިދޫކުރުމުގެ މަރުޙަލާ ފެށިގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ހެދިފައިވާ ގަވާއިދުގައި ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ އިޖުރާޢަތްތައް ފުރިހަމަނުކޮށްކަމުގައެވެ.

ހަމަ އެހެންމެ، މޯލްޑިވްސް ލޭންޑް ސާރވޭ އޮތޯރިޓީންވެސް މިގޮތަށް އަންގަވާފައިވާތީ، 03 ފެބުރުވަރީ 2016 ގައި ބޭއްވުނު މި ކައުންސިލުގެ 107 ވަނަ ބައްދަލުވުމުން ނިންމަވާފައިވަނީ، ގޯތިދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ފޯމް ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ފޯމްތައް ބާޠިލުކޮށް ބިމާ ބެހޭ ޤާނޫނާއި ގަވާއިދުގެ ތެރެއިން ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަކޮށް އަލުން އިޢުލާނުކުރުމަށެވެ. އަދި ގޯއްޗަށް އެދި ފޯމު ގަނެފައިވާ ފަރާތްތަކަށް ފައިސާ ދިނުމަށެވެ.

މި އަހަރު މާރިޗު މަހު މި ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދިއިރު، މި ރަށުން ގޯތިދިނުމަށް ކުރިން ކަނޑައަޅާފައިވާ ބައެއްތަންތަނުން ގޯތި ދެވެންނެތުމާއި، ގޯތީގެ މިންތަކަށް ބަދަލު އައިސްފައިވުމާއި، ދެވޭ ގޯތީގެ ޢަދަދު އިތުރުވުމާއެކު، ލޭންޑް ޔޫސް ޕްލޭން ފާސްވަންދެން އުނގޫފާރުން ގޯތިދިނުން މަޑުކޮށްލާފައިވާ ވާހަކަވެސް ދަންނަވަމެވެ. ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް މިހާރުވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރއަށް ހުށަހަޅާފައެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ އިޢުލާނާ ގުޅިގެން ފޯމު ގަނެފައިވާ ފަރާތްތަކަށް 02 މޭ 2016 ން ފެށިގެން 2016 މޭ 15 ދުވަހުގެ ނިޔަލަށް ފައިސާ ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ދެންނެވިފައިވާ ތާރީޚުގައި ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 ން 12:00 އަށް މި ކައުންސިލުންނެވެ. ފައިސާ ބަލައިވަޑައިގަންނާއިރު ފައިސާ ބަލައިގެންފައި ދޫކުރި ސްލިޕް ގެންނެވުމަށް ހަނދުމަކޮށް އަރުވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

25 އޭޕްރިލް 2016
ހޯދާ