މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބާޒާރުގެ އެންމެ ހެޔޮ އަގު ޕުރޮގުރާމު.

ރަމަޟާން މަހުގައި، މުދަލުގެ އަގުތަކާބެހޭގޮތުން ޢާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި "ބާޒާރުގެ އެންމެ ހެޔޮ އަގު" މި ނަމުގައި 2012 ވަނައަހަރު ކުރިއަށް ގެންދިޔަ ޕުރޮގުރާމު މިއަހަރުވެސް ކުރިއަށް ގެންދިއުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ޕުރޮގުރާމުގެ މަޤްޞަދަކީ، އެއްބާވަތެއްގެ މުދާ ތަފާތު އަގުތަކުގައި ލިބެންހުންނައިރު އެންމެ އަގު ހެޔޮކޮށް މުދާ ލިބެންހުންނަ ފިހާރަތަކާބެހޭ މަޢުލޫމާތުތައް އާންމުންނާ ހިއްސާކޮށް މިކަމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުމެވެ.

މި މަސައްކަތް ކުރުމަށް ރޭވިފައިވަނީ ރާއްޖޭގައި ކާބޯތަކެތި ހޯލްސޭލް އަދި ރީޓެއިލްކުރާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި، ބައިވެރިވުމާ އެކުގައެވެ.

މިއަހަރުގެ "ބާޒާރުގެ އެންމެ ހެޔޮ އަގު" ޕުރޮގުރާމު ކުރިއަށް ގެންދާނޭ އުސޫލު ތިރީގައި މިވަނީއެވެ.

މި ޕުރޮގުރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކަމަށް އެދި މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

2.  ޕުރޮގުރާމުގައި ބައިވެރިވާ ފަރާތްތަކުން ވިއްކާ މުދަލުގެ އަގުތައް މީޑިއާ އަދި މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އާންމުކުރެވޭނެއެވެ.

3.  މީޑިއާ މެދުވެރިކޮށް އަގުތައް އިޢުލާނު ކުރެވޭނީ މިޕުރޮގުރާމުގައި ބައިވެރިވުމަށް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ފިހާރަތަކުން، މި މިނިސްޓްރީން ކަނޑައަޅާފައިވާ މުދަލުގެ ލިސްޓުގައި ހިމެނޭ މުދަލުގެ އަގުތައް މި މިނިސްޓްރީން ތައްޔާރުކޮށްފައިވާ ފޯމެޓަށް ކޮންމެ ދުވަހަކު މިނިސްޓްރީއަށް ފޮނުވުމުންނެވެ. މި މަޢުލޫމާތު، ފެކްސް، އީމެއިލް ނުވަތަ މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅިދާނެއެވެ.

4.  ކޮންމެ ދުވަހެއްގެ 10:00 ގެ ކުރިން ލިބޭ މަޢުލޫމާތުތައް ދިރާސާކުރުމަށްފަހު، ލިސްޓުގައި ހިމެނޭ ތަކެތި (ބްރޭންޑުތައް ނުހިމަނާ) އެންމެ ހެޔޮ އަގުގައި ލިބެންހުންނަ ފިހާރައެއް ނުވަތަ ފިހާރަތަކުގެ ނަމާއި، ލިބޭ އަގުތައް މީޑިއާއަށް ފޮނުވޭނެއެވެ.

5.  "ބާޒާރުގެ އެންމެ ހެޔޮ އަގު" މި ޕުރޮގުރާމުގެ ދަށުން ފޯރުކޮށްދެވޭ މަޢުލޫމާތަކީ އެދުވަހެއްގައި މުދާ އެންމެ ހެޔޮ އަގެއްގައި ލިބެންހުރި ތަންތަނާއި އަގުތަކެވެ. އަދި މި މަޢުލޫމާތަކީ ސީދާ ފިހާރަތަކުން މިމިނިސްޓްރީއަށް ދީފައިވާ އަގުތަކެއްކަންވެސް ބަޔާން ކުރެވޭނެއެވެ.

6.  މި ޕުރޮގުރާމުގައި ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުން ހުށަހަޅާ އަގުތަކަކީ ޞައްޙަ އަގުތަކެއްތޯ ބެލުމަށް މިނިސްޓްރީން ރެންޑަމްކޮށް ޗެކު ކުރާނެއެވެ.

7.  މި ޕުރޮގުރާމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ރަމަޟާން މަހުގެ ފަހު ހަފުތާއާހަމައަށް ހުޅުވިފައިވާނެއެވެ.                                             

       މިޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން، އަދި މިނިސްޓްރީގެ ކައުންޓަރުން 4 ޖުލައި 2013 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެއެވެ. މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ނަންބަރު 3333162 އަށް ގުޅުއްވުން އެދެމެވެ.

24 ޝަޢުބާން 1434

04 ޖުލައި 2013
ހޯދާ