މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ކުރެހުމާއި ފޮޓޯ ނެގުމުގެ މުބާރާތް

ދިވެހިރާއްޖޭގެ ޓެކުހުގެ ނިޒާމު ޕްރޮމޯޓްކޮށް، ޓެކްސް ދައްކާ ފަރާތްތަކާއި ޢާންމުން ޓެކުހަށް އަހުލުވެރިކުރުމުގެ ގޮތުން މި އޮތޯރިޓީން ކޮންމެ އަހަރަކު ވެސް ފާހަގަކުރާ "ޓެކްސް ވީކް" ގައި މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ކިޔަވާކުދިންނަށް ހުޅުވައިލެވިފައިވާ ކުރެހުމުގެ މުބާރާތަކާއި ފޮޓޯގްރަފީ މުބާރާތެއް ހިމެނެއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ 'ޓެކުހުން އަޅުގަނޑަށް ކުރާ ފައިދާ' މި މައުޟޫޢުގެ މައްޗަށް ބިނާކޮށްގެންނެވެ. މި މައުޟޫޢަށް ކުރަހާ ކުރެހުންތަކުގައާއި ނަގާ ފޮޓޯތަކުގައި، ޓެކްސް ނިޒާމުގެ ސަބަބުން ދަރިވަރަށް ލިބޭ ފައިދާ ދައްކުވައިދެވިދާނެއެވެ. މިސާލަކަށް، ޞިއްޙީ ފަރުވާގެ އެހީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ ޢިނާޔަތް، އުމްރާނީ ތަރައްޤީ ނުވަތަ ތަޢުލީމީ ކުރިއެރުން ފަދަ މިނޫންވެސް އެހެނިހެން ފައިދާތައް ދައްކުވައިދެވިދާނެއެވެ.

ކުރެހުމުގެ މުބާރާތް ހުޅުވިފައިވަނީ މިޑްލް ސްކޫލް ކެޓަގަރީ (ގްރޭޑް 6-7) އަދި ސެކަންޑަރީ ސްކޫލް ކެޓަގަރީ (ގްރޭޑް 8-10) އަށެވެ. ފޮޓޯ ނެގުމުގެ މުބާރާތް ހުޅުވިފައިވަނީ ސެކަންޑަރީ ސްކޫލް (ގްރޭޑް 8-10) އަދި ހަޔަރ ސެކަންޑަރީ ސްކޫލް (ގްރޭޑް 11-12) އަށެވެ.

ހުރިހާ ދަރިވަރުން ވެސް މުބާރާތަށް ފޮޓޯ ނުވަތަ ކުރެހުން ހުށަހެޅުމުގައި، ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.

ކުރެހުމުގެ މުބާރާތް

  1. ކޮންމެ ދަރިވަރަށް ހުށަހެޅޭނީ އެއް ކުރެހުމެވެ.
  2. ސްކޫލަކުން ބޭނުންވާ އަދަދަކަށް ކުރެހުން ހުށަހެޅިދާނެއެވެ.
  3. ސައިޒް: A3 (ޑްރޮވިންގ ބްލޮކް ބޭނުންކުރެވިދާނެ)
  4. ކުރެހުމުގެ އަނެއް ފުށުގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
  • ސުރުޚީ އަދި ކުރެހުމުން ދައްކައިދޭ ކަމެއްގެ ކުރު ޚުލާޞާއެއް.
  • ފުރިހަމަ ނަން، އުމުރު، ގްރޭޑް، ކްލާސް އަދި ދަރިވަރު ކިޔަވާ ސްކޫލުގެ ނަން.
  1. ކްރެޔޯން، ފަންސުރު، ގަލަން، ފެންކުލަ އަދި ޕެއިންޓް މި ނޫނަސް ކުރަހަން ބޭނުންކުރާ ސާމާނު ބޭނުންކުރެވިދާނެއެވެ.
  2. މުދައްރިސުން ނުވަތަ ބެލެނިވެރިން ފަދަ ބޭފުޅުންގެ އެހީއެއްގެ ދަށުން ވިޔަސް، އެ ދަރިވަރެއްގެ އަމިއްލަ ކުރެހުމަކަށް ވާންވާނެއެވެ.
  3. ލިބޭ ކުރެހުންތައް މީރާގެ މާކެޓިންގ މަސައްކަތްތަކުގައި ބޭނުންކުރެވޭނެއެވެ.

ފޮޓޯ ނެގުމުގެ މުބާރާތް

  1. ކޮންމެ ދަރިވަރަށް ހުށަހެޅޭނީ އެއް ފޮޓޯއެވެ.
  2. ސްކޫލަކުން ބޭނުންވާ އަދަދަކަށް ފޮޓޯ ހުށަހެޅިދާނެއެވެ.
  3. ލޭންޑްސްކޭޕް އަދި ޕޯޓްރެއިޓް ފޮޓޯ ވެސް ގަބޫލުކުރެވޭނެއެވެ.
  4. ކުލަ، ކަޅާއި ހުދު، އެޑިޓްކުރެވިފައިވާ ފޮޓޯ ހުށަހެޅުނު ނަމަވެސް ފޮޓޯގެ އަސްލަށް ބަދަލު އަންނަ ވަރަށްވުރެ އިތުރަށް އެޑިޓްކޮށްގެންނުވާނެއެވެ. މިސާލަކަށް، ފޮޓޯގެ އަސްލަށް ބަދަލު ނާންނާނެހެން ކަލަރ ބެލެންސް، ޝާރޕްނަސް އަދި ކޮންޓްރާސްޓަށް ބަދަލުގެނެވިދާނެއެވެ.
  5. ފޮޓޯ ހުށަހަޅާނީ .jpeg ނުވަތަ .jpg ނުވަތަ .png ފޯމެޓްގައެވެ.
  6. ފޮޓޯއާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.
  • ސުރުޚީ އަދި ފޮޓޯއިން ދައްކައިދޭ ކަމެއްގެ ކުރު ޚުލާޞާއެއް.
  • ފުރިހަމަ ނަން، އުމުރު، ގްރޭޑް، ކްލާސް އަދި ދަރިވަރު ކިޔަވާ ސްކޫލުގެ ނަން.
  1. މުދައްރިސުން ނުވަތަ ބެލެނިވެރިން ފަދަ ބޭފުޅުންގެ އެހީއެއްގެ ދަށުން ވިޔަސް، އެ ދަރިވަރެއްގެ އަމިއްލަ ފޮޓޯއަކަށް ވާންވާނެއެވެ.
  2. ލިބޭ ފޮޓޯތައް މީރާގެ މާކެޓިންގ މަސައްކަތްތަކުގައި ބޭނުންކުރެވޭނެއެވެ.

ކުރެހުންތަކާއި ފޮޓޯތައް ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2015 އެވެ. ކުރެހުންތަކާއި ފޮޓޯތައް ފޮނުވާނީ މި އޮތޯރިޓީގެ މައިއޮފީހަށް ނުވަތަ ބްރާންޗް އޮފީހަކަށެވެ. ޕޯސްޓް މެދުވެރިކޮށް ވެސް ކުރެހުމާއި ފޮޓޯ ފޮނުވިދާނެއެވެ. ޕޯސްޓް މެދުވެރިކޮށް ފޮނުވާނަމަ އެޑްރެސްކުރާނީ Maldives Inland Revenue Authority, Ameenee Magu, Male’ 20379 އަށެވެ. އީމެއިލްގެ ޒަރީޢާއިން ފޮޓޯ ފޮނުވާނަމަ ފޮނުވާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި އޮތޯރިޓީގެ ނަންބަރު 3019604 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

01 ޖޫން 2015
ހޯދާ