މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އެމްއެމްއޭ ޗެކު ޕްރިންޓް ކުރުން މުޅިންހެން ހުއްޓައިލުން

މި އޮތޯރިޓީ އިން މިގެންދަނީ މާލީ މުޢާމަލާތްތައް ކުރުމުގައި ވީ ވަރަކުން ނަގުދު ފައިސާ އާއި، ޗެކު ބޭނުންކުރުން މަދު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ފައިސާ އަދާކުރުމަށް ޗެކާއި ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި ފައިސާ އަދާކުރުމުގެ ކަންތައް ހަލުއިކުރުމުގެ ގޮތުންނާއި، ޗެކު ބޭނުން ކޮށްގެން ހިންގާ މަކަރާއި ޙީލަތާއި ނާޖާއިޒު ޢަމަލުތައް ހިންގުން ހުއްޓުވުމުގެ މަޤްޞަދުގައި މި އޮތޯރިޓީ އިން ޤަޞްދު ކުރަނީ 1 އޯގަސްޓް 2013 އިން ފެށިގެން އެމްއެމްއޭ ޗެކު ޕްރިންޓް ކުރުން މުޅިންހެން ހުއްޓައިލުމަށެވެ. މި ބަދަލާއެކު މިހާރު އެމްއެމްއޭ ޗެކުން އަދާކުރާ ފައިސާ އޯގަސްޓްމަހުން ފެށިގެން އަދާކުރެވޭނީ ސީދާ ބޭންކު އެކައުންޓަށެވެ.

ޗެކުން ފައިސާ އަދާކުރުމުގެ ބަދަލުގައި އިލެކްޓްރޯނިކް ވަސީލަތުގެ ނިޒާމު މެދުވެރިކޮށް ފައިސާ އަދާކުރާނަމަ، ފައިސާ ލިބެންވާ ފަރާތަށް ފައިސާ ލިބުމުގެ މަރުޙަލާ ކުރުވެ ދުވަހުން ދުވަހަށް އެކައުންޓަށް ފައިސާ ޖަމާވާނެއެވެ.

ވީމާ، އެމްއެމްއޭ ޗެކުން ފައިސާ ލިބިވަޑައިގަންނަވާ އެންމެހައި ފަރާތްތަކުން މި ކަމަށްޓަކައި ކުރައްވަން ޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށްޓަކައި މި ކަން ދުރާލާ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

03 ޝަޢުބާން   1434

12 ޖޫން 2013
ހޯދާ