މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާރވޭ 2014

ދިވެހިންނާއި ބޭރުގެ ފަރާތްތަކާ ދެމެދު ކުރެވޭ އިޤްތިޞާދީ މުޢާމަލާތްތަކާ ގުޅޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެގޮތުން، އެހެން އަހަރުތަކެކޭވެސް އެއްފަދައިން ރާއްޖެއިން ބޭރުން އެނބުރި ވަޑައިގަންނަވާ ދިވެހީންނަށް އަމާޒުކޮށްގެން "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާރވޭ" މި އަހަރުގެ ޑިސެންބަރު 25 އިން 31 އަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައި މި އޮތޯރިޓީގެ ފަރާތުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސާރވޭގައި މައިގަނޑުގޮތެއްގައި ރާއްޖެއިން ބޭރުގައި ދިވެހީން އެކިއެކި ކަންކަމަށް ފައިސާ ޚަރަދުކުރައްވާ ގޮތުގެ މަޢުލޫމާތު އެއްކުރެވޭނެއެވެ. މިގޮތުން އެއްކުރެވޭ މަޢުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަޤްޞަދު، ދަތުރުކުރި ޤައުމު، ޓިކެޓުގެ ޚަރަދު، ކެއުމާއި ހުރުމުގެ ޚަރަދު، ބޭސް ފަރުވާއަށް ކުރެވުނު ޚަރަދު އަދި ދަތުރުފަތުރަށް ހޭދަވި ޚަރަދުގެ އިތުރުން  ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިމެނޭނެއެވެ. އަދި އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޖުމުލަ ހިސާބުތަކެއްގެގޮތުގައި ރިޕޯޓެއްގައި ޝާއިޢު ކުރެވޭނެއެވެ.

އެހެންނަމަވެސް، މި ސަރވޭގައި، ނަމާއި އެޑްރެސް ފަދަ ފަރުދީ މަޢުލޫމާތު އެއް ނުކުރެވޭނެ ކަމުގައި ދަންނަވަމެވެ. ވީމާ، މި މުއްދަތުގައި ރާއްޖެއަށް އެނބުރި ވަޑައިގަންނަވާ އެންމެހާ ދިވެހިން، މި ސަރވޭއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަކީ މި އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެކެވެ.

24 ޞަފަރު 1436

16 ޑިސެންބަރު 2014
ހޯދާ