މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލުން

 އިޢުލާން

ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލުން

ރަމަޟާން މަހުގައި، އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތަކާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި "ބާޒާރުގެ އެންމެ ހެޔޮ އަގު" މި ނަމުގައި 2013 އަދި 2012 ވަނައަހަރު ކުރިއަށް ގެންދިޔަ ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ، އެއްބާވަތެއްގެ މުދާ ތަފާތު އަގުތަކުގައި ލިބެންހުންނައިރު އެންމެ އަގު ހެޔޮކޮށް މުދާ ލިބެންހުންނަ ފިހާރަތަކާބެހޭ މަޢުލޫމާތުތައް އާންމުންނާ ހިއްސާކޮށް މިކަމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުމެވެ.

މި މަސައްކަތް ކުރުމަށް ރޭވިފައިވަނީ ރާއްޖޭގައި ކާބޯތަކެތި ހޯލްސޭލް އަދި ރީޓެއިލްކުރާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި، ބައިވެރިވުމާ އެކުގައެވެ.

މިއަހަރުގެ "ބާޒާރުގެ އެންމެ ހެޔޮ އަގު" ޕްރޮގްރާމް ކުރިއަށް ގެންދާނޭ އުސޫލު ތިރީގައި މިވަނީއެވެ.

1. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކަމަށް އެދި މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

2. ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ވިއްކާ މުދަލުގެ އަގުތައް މީޑިއާ އަދި މިނިސްޓްރީ ވެބްސައިޓް މެދުވެރިކޮށް އާންމުކުރެވޭނެއެވެ.

3. މީޑިއާ މެދުވެރިކޮށް އަގުތައް އިއުލާން ކުރެވޭނީ މިޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައިވާ ފިހާރަތަކުން، މިމިނިސްޓްރީން ކަނޑައަޅާފައިވާ މުދަލުގެ ލިސްޓުގައި ހިމެނޭ މުދަލުގެ އަގުތައް، އަގުތައް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ފޯމެޓަށް، ކޮންމެ ދުވަހަކު މިނިސްޓްރީއަށް ފޮނުވުމުންނެވެ. މި މަޢުލޫމާތު، ފެކްސް، އީމެއިލް ނުވަތަ މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅިދާނެއެވެ.

4. ކޮންމެ ދުވަހެއްގެ 10:00 ގެ ކުރިން ލިބޭ މަޢުލޫމާތުތައް ދިރާސާކުރުމަށްފަހު، ލިސްޓްގައި ހިމެނޭ ތަކެތި (ބްރޭންޑްތައް ނުހިމަނާ) އެންމެ ހެޔޮ އަގުގައި ލިބެންހުންނަ ފިހާރައެއް ނުވަތަ ފިހާރަތަކުގެ ނަމާއި، ލިބޭ އަގުތައް މީޑިއާއަށް ފޮނުވޭނެއެވެ.

5. "ބާޒާރުގެ އެންމެ ހެޔޮ އަގު" މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ މަޢުލޫމާތަކީ އެދުވަހެއްގައި މުދާ އެންމެ ހެޔޮ އަގެއްގައި ލިބެންހުރި ތަންތަނާއި އަގުތަކެވެ. އަދި މި މަޢުލޫމާތަކީ ސީދާ ފިހާރަތަކުން މިމިނިސްޓްރީއަށް ދީފައިވާ އަގުތަކެއްކަންވެސް ބަޔާން ކުރެވޭނެއެވެ.

6. މި ޕްރޮގްރާމްގައި ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުން ހުށަހަޅާ އަގުތަކަކީ ޞައްޙަ އަގުތަކެއްތޯ ބެލުމަށް މިނިސްޓްރީން ރެންޑަމްކޮށް ޗެކް ކުރާނެއެވެ.

7. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ރަމަޟާން މަހުގެ ފަހު ހަފްތާއާހަމައަށް ހުޅުވިފައިވާނެއެވެ.                                                      

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން، އަދި މިނިސްޓްރީގެ ކައުންޓަރއިން ލިބެން ހުންނާނެއެވެ. މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ނަންބަރު 3333162 ނުވަތަ 3333142 އަށް ގުޅުއްވުން އެދެމެވެ.

18 ޝަޢުބާން 1435

15 ޖޫން 2014
ހޯދާ