މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ރަށުން ބޭރުކުރުމުގައި ކަޅުވެލި ނުވަތަ ދޮންވެލި ބޭނުންކުރުން މަނާކުރުން

އިޢްލާން

ރުއްގަސް ރަށުން ބޭރުކުރުމުގައި ކަޅުވެލި ނުވަތަ ދޮންވެލި ބޭނުންކުރުން މަނާކުރުން

                  ވިޔަފާރި އުޞޫލުން ރުއްގަސް ހައްދާ ރަށުން ބޭރުކުރުމުގައި ރަށުގެ އެކިއެކި ތަންތަނުން ގިނަ ޢަދަދަކަށް ވެލި ނަގައިގެން ބޭނުންކުރުމުގެ ސަބަބުން ރަށުގެ އެކިއެކި ހިސާބުތަކުގައި ބޮޑެތި ވަޅުގަނޑުތަކާއި އަޑިގުޑަންތައް ހެދި، ރަށުގެ ނާޒުކު ތިމާވެއްޓަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުން އަންނަކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން މުޑުވަކުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ރަށުގެ ހޭޅިފަށާއި އަދި ޢާންމު ތަންތަނުގައި ހެދިފައި ހުރި ރުއްގަސް ނެގުމާއި، ގަސްގަހުގެ ގޮފިތައް ކޮށުމުގެ ސަބަބުން ރަށުގެ ހޭޅި ނެތި ހިގައިދާނެކަމުގެ ބިރު މިވަނީ އިޙްސާސްކުރަން ޖެހިފައެވެ.

                  އިސްވެ ދެންނެވުނު ސަބަބުތަކަށްޓަކައި ގަހުގެ ނާސަރީ ރަޖިސްޓްރީކުރުމާއި، ހިންގުމުގެ އުޞޫލުގެ 5 ވަނަބައި (ނާސަރީ ޤާއިމުކޮށް، ހިންގުމުގެ ގައިޑްލައިން) ގެ 5 ވަނަ ނަންބަރުގައިވާ ގޮތަށް ގަހުގެ ނާސަރީގެ ބޭނުމަށް މިރަށުގެ އެއްވެސް ސަރަޙައްދަކުން ފަސް ނުވަތަ ވެލި ނެގުމުގެ ހުއްދައާއި، ރަށުގެ ހޭޅިފަށާއި ޢާންމު ތަންތަނުން ރުއްގަސް ނެގުމާއި، ގަސްގަހުގެ ގޮފި ކޮށުމުގެ ހުއްދަ މި ކައުންސލުން ދެވެން ނޯންނާނެ ވާހަކަ ހިތާމައާއެކު ދެންނެވީމެވެ.

                  ރަށުން ބޭރަށް ގެންދިޔުމަށް ގަސް އުފައްދާނަމަ، ފަސް / ވެލި ފިޔަވައި ގަސް ހެއްދުމަށް ބޭނުންކުރާ އެހެނިހެން މީޑިއަމް / ސަބްސްޓްރޭޓް (މިސާލު: ބޮނބިކުނޑި، ޕަރލައިޓް) ގައި ގަސް ހެއްދުމަށާއި، ގަސް އުފުލަންވުމުން މުލުން ވެލި ފިލުވައިގެން ނުވަތަ ދެންނެވުނު ފަދަ ސަބްސްޓްރޭޓެއްގައި ނޫން ގޮތަކަށް ރަށުން ގަސް ބޭރުކުރުމަކީ މި ކައުންސިލުން މަނާކޮށްފައިވާ ކަމެއްކަން އަންގަމެވެ. ހަމައެހެންމެ، ކައުންސިލްގެ މި އެންގުމާއި އެއްގޮތަށް ޢަމަލު ނުކުރައްވާނަމަ، ކައުންސިލުންކުރާ ޢަމުރަށް ނުކިޔަމަންތެރިވީ ފަރާތެއްގެ ގޮތުގައި ބަލައި ޤާނޫނީ ފިޔަވަޅު އެޅޭނެކަންވެސް މިފުރުޞަތުގައި އަންގާ ހަނދާންކޮށްދެމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

22 ޖޫން 2020
ހޯދާ