މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމްޓީސީސީ އަތޮޅު ފެރީ އިން މ.މަޑުއްވަރިން މުދާ ފޮނުވުމާއި ، މ.މަޑުއްވަރިއަށް މުދާ ގެނައުމުގެ އުސޫލު

މި އިޢުލާންވަނީ 17 މޭ 2020 14:58 ގައި ބާތިލް ކުރެވިފައެވެ.


1-     އުސޫލުގެ ތަޢާރުފް

މި އުސޫލަކީ މުލަކަތޮޅުގައި ދަތުރުކުރާ އެމްޓީސީސީ އަތޮޅު ފެރީން މ.މަޑުއްވަރިން އަތޮޅުގެ ރަށްރަށަށް މުދާ ފޮނުވުމާއި ، އަތޮޅުގެ ރަށްރަށުން މ.މަޑުއްވަރި އަށް ފޮނުވާ މުދާތައް ރަށަށް އެރުވުމާއި ގުޅޭގޮތުން މ.މަޑުއްވަރީ ކޯވިޑް 19 ޓާސްކްފޯސް އާއި މ.މަޑުއްވަރީ ކައުންސިލުން ތައްޔާރުކޮށްފައިވާ އުސޫލެކެވެ.

2-     އުސޫލަށް ޢަމަލުކުރުމާއި އުސޫލު ނިމުމަކަށް ގެނައުމާއި އުސޫލަށް ބަދަލު ގެނައުން

މި އުސޫލަށް ޢަމަލުކުރާނީ މި އުސޫލު ގެޒެޓްގައި ސާއިޢުކުރާ ވަގުތުން ފެށިގެންނެވެ. އަދި މި އުސޫލަށް ޢަމަލުކުރާނީ ކޯވިޑް 19 ގެ ހާލަތު ބަދަލުވެ މި އުސޫލު ބާތިލުކުރެވިއްޖެކަން ގެޒެޓްކުރުމާއި ހަމައަށެވެ. މި އުސޫލަށް ބަދަލު ގެނައުމުގެ ބާރު ލިބިގެންވަނީ މ.މަޑުއްވަރީ ކޯވިޑް 19 ޓާސްކްފޯސް ކޮމެޓީއަށެވެ.

3-     ފެރީގެ ތާވަލް

އެމްޓީސީސީ އަތޮޅު ފެރީ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެވެސް ހޯމަ ދުވަހު އެވެ. ފެރީގެ ދަތުރު ފަށާނީ މ.ދިއްގަރުންނެވެ. ހޯމަ ދުވަހުގެ ހެނދުނު ދިއްގަރުން ފެށިގެން އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖައްސަމުން މ.ކޮޅުފުއްޓަށް ގޮސް ހަމަ އެ ދުވަހު ފުރައިގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖައްސަމުން ހަމަ އެ ދުވަހު މ.ދިއްގަރަށް ފެރީ ބަނދަރުކުރާ ގޮތަށެވެ. މި ފެރީއަކީ މުދާ އުފުލާ ފެރީއަކަށްވުމުން ، މި ފެރީގައި އެއްވެސް ފަސިންޖަރަކު އެއްރަށުން އެނެއް ރަށަކަށް ދަތުރެއް ނުކުރެވޭނެއެވެ. ފެރީގެ ދަތުރަށް ( ދަތުރު ނުކުރުން – ވަގުތަށް ބަދަލު އައުން ) މޫސުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބަކާ ހުރެ ބަދަލެއް އަތުވެއްޖެނަމަ އެކަން ރައްޔިތުންނަށް ޓާސްކްފޯސް ކޮމެޓީއަށް އެ މަޢުލޫމާތެއް ލިބުމާއެކު އަންގަންވާނެއެވެ.

  • ފެރީ މ.ދިއްގަރުން މ.މަޑުއްވަރިއަށް އައުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 7:15 ގައެވެ.
  • ފެރީ އަތޮޅު ގެ ރަށްރަށުގައި ޖެއްސުމަށްފަހު އަނބުރާ މ.މަޑުއްވަރިއަށް އައުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހަވީރު 16:10 ގައެވެ.

 

4-     ފެރީން ފޮނުވޭނެ އަދި ގެނެވޭނެ މުދާ އަދި މުދާ ފޮނުވުމާއި ގެނައުމުގައި އަމަލުކުރަން ޖެހޭ ގޮތް

ފެރީގައި ގެންދެވޭނީ އަދި ގެނެވޭނީ ކާޑާއި ، ގޭހާއި ، ކެއިން ބުއިމަށް ބޭނުންވާ އެހެނިހެން ތަކެއްޗާއި ބޭހާއި ، ކުޑަކުދިންނާއި ، އަންހެނުންނަށް ބޭނުންވާ ހާއްސަ ތަކެއްޗެވެ. އެ ނޫން އެއްވެސް އެއްޗެއް ފެރީގައި މަޑުއްވަރީން އެހެން ރަށަކަށް ނުފޮނުވޭނެއެވެ. އަދި އެހެން ރަށަކުން މަޑުއްވަރިއަށްވެސް ނުގެނެވޭނެއެވެ. 

މ.މަޑުއްވަރިން އެހެން ރަށަކަށް މުދާ ފޮނުވުމަށް ގެންނަންވާނީ މުދާ ފޮނުވުމަށް ބޭނުންވާ ފަރާތަކުންނެވެ. އެ ފަރާތް މުދާ ގެންނަ އިރު ހުންނަންވާނީ މާސްކް އަދި އަންގި އަޅައިގެންނެވެ. އަދި އެ މުދަލުގައި އެ މުދާ ލިބޭ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ޖަހާފައި ހުންނަންވާނެއެވެ. އަދި ހަމައެއާއެކު މުދަލުގެ ވެރި ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރުވެސް ޖަހާފައި ހުންނަންވާނެއެވެ. މުދާ ގެންނަންވާނީ ފޮށިގަނޑެއް ނަމަ ބަންދުކޮށްގެންނެވެ. ކޮތަޅެއް ނަމަ ރަނގަޅަށް ގޮއްޖަހައި އައްސައިގެންނެވެ. ގޯންޏެއްނަމަ ގޯނީގެ ތުން އައްސައިގެންނެވެ. މުދާ ގެންނަންވާނީ 7:05 އިން 7:15 ދެމެދުގެ ވަގުތެއްގައެވެ. ފެރީ ރަށަށް އައުމުން ޓާސްކްފޯސް ކޮމެޓީގެ ފަރާތުން އެ ދުވަހު ފެރީގެ ކަންކަމުގައި ހަރަކާތްތެރިވާ ފެރީ އޮފިޝަލްއިން އަންގަވާ ގޮތެއްގެ މަތީން މުދާ އަރުވާނީ ފަހަރަކު މީހެކެވެ. މީހުން ތިބެންޖެހޭ ދުރުމިން ޓާސްކްފޯސް ކޮމެޓީ އިން ފާހަގަކޮށްފައި ހުންނާނެއެވެ. އެ ދުރުމިނުގައި މުދާ ހިފައިގެން އައިސް ތިބި ފަރާތްތައް މަޑުކޮށް ފަހަރަކު ފަރާތެއް ފެރީ އަށް އަރައި މ.މަޑުއްވަރީން ފޮނުވާ މުދާ ބެހެއްޓުމަށް ފެރީގައި ހާއްސަކޮށްފައިވާ ބައިގައި މުދާ ބެހެއްޓުމަށްފަހު އެ ބެހެއްޓި މުދަލަށްވާ ނާލު ކޭޝިޔާއި ހަވާލުކޮށް ފެރީން ފައިބާނީއެވެ. އަދި ބޭނުން ކުރި މާސްކް އަދި އަންގި ފަރުދީ ޒިންމާގެ ދަށުން އަންދައި ނައްތާލަންވާނެއެވެ.

އަތޮޅުގެ ރަށްރަށުން މ.މަޑުއްވަރިއަށް  ފެރީން ފޮނުވާ މުދާ ބަލައި އަންނަ ފަރާތުން ހުންނަންވާނީ މާސްކް އަދި އަންގި އަޅައިގެންނެވެ. މުދާ ބަލައި އަންނަ ފަރާތުން ފެރީ އައުމުގެ 5 މިނެޓް ކުރިން ( 16:05 )ބަނދަރަށް ތައްޔާރުވެ ހާޟިރުވެ ހުންނަންވާނެއެވެ. ފެރީ މ.މަޑުއްވަރި އަށް އައުމުން ފެރީގެ ކަންކަމާއި ހަވާލުވެ ހުރި ޓާސްކްފޯސް ކޮމެޓީގެ އޮފިޝަލް އަންގަވާ ގޮތެއްގެ މަތީން ފަހަރަކު މީހަކު ފެރީ އަށް އަރައި އެ މުދާ ފެރީން ބާލަންވާނެއެވެ. ފެރީން މުދާ ބޭލުމަށްފަހު ގެނަ މުދާ ޓާސްކްފޯސް ފެރީ އޮފިޝަލް އަށް ދައްކަންޖެހޭނެއެވެ. ފެރީ އިން ގެނަ މުދާ ގެނައީ ފޮށިގަނޑެއްގައި/ ކޮތަޅެއްގައި / ގޯންޏެއްގައި ނަމަ ފޮށިގަނޑު ކެނޑުމަށްފަހު ، ކޮތަޅެއްގައި ނަމަ ކޮތަޅުގެ ގޮށް ނައްޓާލައި / ގޯންޏެއްގައި ނަމަ ގޯނީގެ ތުން މޮހާލުމަށްފަހު އެތެރޭގައި ހުރި ތަކެތި ނަގައި އާ ކޮތަޅުތަކަށް އާ ފޮށިގަނޑުތަކަށް އާ ގޯންޏަށް އަޅައި ގެންދެވިދާނެއެވެ. އަދި އެ ތަކެތި ގެނައި ފޮށިގަނޑު/ކޮތަޅު/ގޯނި ފަރުދީ ޒިންމާގެ ދަށުން އެ ގެނައި ފަރާތަކުން ނައްތާލަންވާނެއެވެ.  ކާށި ކުރުނބާ ގަބުޅި ފަދަ ތަކެތި އެހެފައި ނުވާނަމަ އެ ތަކެތި ގެންދެވޭނީ ބަނދަރުގައި 24 ގަޑިއިރު ބެހެއްޓުމަށްފަހުގައެވެ. އެހެފައިވާނަމަ ގެއަށް ގެންދެވިދާނެއެވެ. ގެންނަ ތަރުކާރީ އާއި މޭވާ ގެއަށް ގެންދިއުމަށްފަހު ރަނގަޅަށް ދޮންނަންވާނެއެވެ. އަދި ބޭނުންކުރަންވާނީ 24 ގަޑިއިރަށް ފަހުގައެވެ. ފެރީ އިން ގެނައީ ގޭސް ނުވަތަ ޑިސްއިންފެކްޓްކޮށް ގެންދެވޭ މުދަލެއް ނަމަ ޓާސްކްފޯސް ފެރީ އޮފިޝަލް ޑިސްއިންފެކްޓްކުރުމުން ގެއަށް ގެންދެވިދާނެއެވެ. ކާޑުގެ ބާވަތްތައް ( ހަނޑޫ ހަކުރު ފުއް ) ގެއަށް ފެރީން ބާލައި ގޮތަށް ގެންދެވިދާނެއެވެ. މުދާ ގެއަށް ގެންދިޔުމަށްފަހު ބޭނުންކުރި މާސްކް އަދި އަންގި އަންދާ ނައްތާލަންވާނެއެވެ. އަދި ޞިއްޙީމާހިރުން އަތް ދޮވުމަށް ދެއްވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަތް ދޮންނަންވާނެއެވެ.

5- ފެރީއަށް އަރުވާ މުދަލަށް އަގު ނެގުން

ފެރީއަށް އަރުވާ މުދަލަށް ( ފިޔާ ، ބިސް ، އަލުވި އަދި ކާޑުގެ ބާވަތްތަކާއި ކުދި ދާގީނާއަށް ) އަގު ނެގުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީ އިން މި ޒޯނަށް ( ޒޯން 4 ) ކަނޑައަޅާފައިވާ އަގުކަމުގައިވާ -/5 ( ފަސް ރުފިޔާ ) ރޭޓުންނެވެ. ކުދި ދާގީނާ ކަމަށް ބަލާނީ ޑަސްބިން ބޮޑު ކޮތަޅު ފިޔަވައި ދެން ހުރި ކޮތަޅާއި ފޫޓް ހަމަ ނުވާ އަދި 1 ފޫޓް 1 ފޫޓް ހަމަ ވާ ފޮށިގަނޑަށެވެ.

ކުރުނބާ ގަބުޅި ބޮޑު އިހަލަކަށް ( ބޮޑު އިހަލެއްކަމަށް ބަލާނީ 7 އަށްވުރެ ގިނަ ގަބުޅި ، ކުރުނބާ އެ އިހަލުގައި ހިމެނޭނަމަ ) -/10 ( ދިހަ ރުފިޔާ އެވެ. ) ކުޑަ އިހަލަކަށް ނަމަ -/5 ( ފަސް ރުފިޔާ ) ނެގޭނެއެވެ. އެހިފަ ހުރި ކާށި ، ކުރުނބާ ، ގަބުޅި ގޯންޏަކަށް ނަމަ ނާލުގެ ގޮތުގައި ނަގާނީ -/15 ( ފަނަރަ ރުފިޔާ ) އެވެ. ނޭއެހި ހުރި ކުރުނބާ ގަބުޅި ކާށި ގޯންޏަށް ނަގާނީ -/10 ( ދިހަ ރުފިޔާ ) އެވެ. އެ ނޫން އެއްޗެއް އަޅާފައިވާ ގޯންޏެއް ނަމަވެސް ނަގާނީ -/10 ( ދިހަރުފިޔާ ) އެވެ.

ދޮންކެޔޮގަނޑަށް އަގު ނެގުމަށް ހަމަޖެހިފައިވަނީ 70 ވަކަށްވުރެ އިތުރު ދޮންކެޔޮ ގަނޑެއް ނަމަ -/10 ( ދިހަ ރުފިޔާ ) އެވެ. އެއަށްވުރެ ވަށް މަދު ގަނޑެއް ނަމަ -/5 ( ރުފިޔާ ) އެވެ. ކަށިކެޔޮގަނޑަކަށްވެސް ނަގާނީ -/5 ( ފަސް ރުފިޔާ ) އެވެ.

1 ފޫޓް 1 ފޫޓް ފޮށިގަނޑުން ފެށިގެން 2 ފޫޓް 2 ފޫޓް ގެ ފޮށިގަނޑާ ދެމެދު ނަގާނީ -/10 ( ދިހަ ރުފިޔާ ) އެވެ. އެއަށް ވުރެ ބޮޑު ފޮށިގަނޑު ( 2 ފޫޓް 2 ފޫޓް ފޮށިގަނޑުން ފެށިގެން ، ދިގުމިން 2 ފޫޓަށް ވުރެ ދިގު ފޮށިގަނޑުތައް ) ނަގާނީ -/15 ( ފަނަރަ ރުފިޔާ ) އެވެ.

ފެރީ އިން ރޯކަނޑުމަސް ގެނެވި އަދި ފޮނުވިވެސް ދާނެއެވެ. ރޯމަސް ގެނެވޭނީ / ފޮނުވޭނީ ކޮތަޅުގައި ބަންދުކުރުމަށްފަހު ( ލޭ ފެރީއަށް ނޭޅޭނެ ގޮތަށް ) ބާލިދީ / ޓައްޕު / ހަންބުރިއަށް ލުމަށްފަހުގައެވެ. ރޯކަނޑުމަހުގެ ނާލަށް ނަގާނީ -/15 ( ފަނަރަ ރުފިޔާ ) އެވެ.

އަދި މި ނޫންވެސް ފޮނުވުމަށް ހުއްދަ ކޮށްފައިވާ މުދަލުގެ ނާލާއި މެދުގައި ސުވާލު އުފެދޭ ކަންކަމުގައި ގޮތް ނިންމާނީ ޓާސްކްފޯސް ފެރީ އޮފިޝަލް އާއި ފެރީ ކައްޕި އާއި މަޝްވަރާކުރުމަށްފަހުގައެވެ. އެ މަޝްވަރާ އިން ނިންމާ އަގެއް އެ ފަރާތަކުން ( މުދާ ފޮނުވާ ފަރާތުން ) ކޭޝިޔަރަށް ހަވާލުކުރަންވާނެއެވެ.

ފެރީ ކައިރީގައިވާ ވަގުތުތަކުގައި ފެރީގެ ކަންކަން ކުރެއްވުމަށް ހުންނަވާ ޓާސްކްފޯސްކޮމެޓީގެ ފެރީ އޮފިޝަލް ހުންނަންވާނީ މާސްކް އަދި އަންގި ލައްވައިގެންނެވެ.

16 މޭ 2020
ހޯދާ