އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޞިއްހީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އއ.ފެރިދޫއަށް މީހުން އަރާ ފޭބުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު

   ނަންބަރު:A/IUL/344/2020/12

 

އިޢުލާން

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އއ.ފެރިދޫ އަށް މީހުން އަރާ ފޭބުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

 

ޤާނޫނީ ބާރު:

މި އުޞޫލަކީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު މިނިސްޓަރ އޮފް ޕަބްލިކް ހެލްތު އިޢުލާނުކޮށް އަދި ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު: 36/2020 "ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް އެންގުން" އިން އެންގުމާއި އަދި ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ އިލްތިޒާމް، ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާ އިން ގެ އިން ރަށު ކައުންސިލަށް މަތިކޮށްފައިވީ ހިނދު، ބުނެވެދިޔަ މާއްދާގެ (ށ) އަދި (ނ) އާއި ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 23 ވަނަ މާއްދާގެ (ޔ) އާއި މިމާއްދާގެ (ޗ) އިން ރަށު ކައުންސިލަށް ދީފައިވާ ޤާނޫނީ ބާރުގެ ދަށުން ހަދާފައިވާ އުޞޫލެކެވެ. މި އުޞޫލުގައި ހިމެނޭ އެންމެހައި ކަންތައްތަކަށް މި ރަށަށް ދަތުރުކުރާފަރާތްތަކާއި މި ރަށުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން ފުރިހަމަ އަށް ތަބާވާންވާނެއެވެ.

ބޭނުން

މި އުޞޫލްގެ ބޭނުމަކީ ކޮވިޑް-19 ގެ މި ނުރައްކާތެރި ދަނޑިވަޅުގައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން އަންގާ އެންގުންތަކާއި އެއްގޮތަށް މި ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަކީ މިކައުންސިލްގެ ޤާނޫނީ ވާޖިބެއްކަމުގައިދެކި، މިފަދަ ޚުޠޫރަތްތެރި ވަގުތުތަކުގައިވެސް މި ކައުންސިލުން ރައްޔިތުންނަށްދޭ ޙިދުމަތްތަކަކީ ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއެކުދެވޭ ޙިދުމަތްތަކެއްކަމަށް ހެދުމެވެ.

މި އުޞޫލަށް ޢަމަލުކުރުން

މި އުޞޫލަށް ޢަމަލުކުރަންފަށާނީ މިކައުންސިލުން މިއުޞޫލު ފާސްކޮށް ޢާންމުކުރާ ވަގުތުންފެށިގެނެވެ.

މި އުޞޫލުގައި ހިމެނޭ ކަންތައްތައް

  1. ރަށަށް ދަތުރުކުރާ ފަރާތުން ރަށަށް ދަތުރުކުރުމަށްފަހުގައި، މި އިދާރާއިން ކަނޑައަޅާ ތަނެއްގައި 14 (ސާދަ) ދުވަސް ނުވަތަ މި އިދާރާއިން ކަނޑައަޅާ މުއްދަތަކަށް ކަރަންޓީންވުމާއި، މިމުއްދަތުގައި ކަރަންޓީންކުރެވިފައިވާފަރާތް ކަރަންޓީންކުރެވިފައިވާ ތަނުން ބޭރަށް ނުދިޔުން.
  2. ރަށަށް ދަތުރުކުރާފަރާތް ކަރަންޓީންކުރާނެ ތަނެއް މި އިދާރާ އަށް ހަމަޖެހިފައިނުވާ ޙާލަތުގައި، ކަރަންޓީނުގައި ހުންނާނެ ތަނެއް ރަށަށް ދަތުރުކުރާފަރާތުން އަމިއްލަ އަށް ހަމަޖައްސައި އެކަން މި އިދާރާ އަށް އެންގުން. މިގޮތުގެމަތިން ކަރަންޓީނުވުމަށް ހަމަޖައްސާ ތަނަކީ، އެތަނެއްގައި ދިރިއުޅޭ މީހުންގެ އިންސާނީ ކަރާމާތަށް އުނިކަން ނުލިބޭނެ، ސިއްހީ ގޮތުން ރައްކާތެރި އަދި ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަމުގައި ވާންވާނެއެވެ.
  3. މި އިދާރާގެ ހުއްދަ ލިބިގެން މެނުވީ ކަރަންޓީނުވާ ތަނުން މީހުން ބޭރަށް ނުކުތުމާއި އެތަނަށް އިތުރު ބަޔަކު ވަނުން މަނާވެގެންވެއެވެ. މި އުޞޫލުގެ 02 ވަނަ ނަންބަރުގެ ދަށުން ކަރަންޓީނުވާ ޙާލަތުގައި، ކަރަންޓީނުވާމީހާ ކަރަންޓީނުގެ މުއްދަތު ނިމުމާ ހަމައަށް އެތަނެއްގައި ދިރިއުޅޭ ބަޔަކު އެތަނުން ނުކުތުމަކީ މަނާކަމެކެވެ.
  4. ކަރަންޓީނުގައިވާ މީހާ ކަރަންޓީނުގައި ހުންނަ މުއްދަތުގައި، ކަރަންޓީނުގައި ހުންނަ މީހާ އަދި މި އުޞޫލުގެ 02 ވަނަ ނަންބަރުގައިވާ ފަދައިން އެތަނެއްގައި އިތުރު ބަޔަކު އުޅޭނަމަ އެބަޔަކު އެހެން އެއްވެސް މީހަކާ ބައްދަލުވުން މަނާވުން.
  5. ކަރަންޓީނުގައި ހުންނަ މުއްދަތުގައި ކަރަންޓީނުގައި ހުންނަ މީހާ އަށް ނުވަތަ މި އެންގުމުގެ 02 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކަރަންޓީނުވެފައިވާނަމަ އެ ތަނަކަށް ބޭނުންވާނެ ކާބޯތަކެއްޗާއި އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ޟަރޫރިއްޔާތަށްޓަކައި ބޭނުންވާ އެހެނިހެން ތަކެތި މި އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން ހޯދުން.
  6. މި އެންގުމުގެ 02 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކަރަންޓީނުވާ ޙާލަތުގައި، ރަށަށް ދަތުރުކުރާ ފަރާތުން، ރަށަށް ދަތުރުކުރުމުގެ ކުރިން، އަންނަނިވި މަޢުލޫމާތުތައް ލިޔުމުން މި އިދާރާ އަށް ފޯރުކޮށްދޭންވާނެއެވެ.

ހ- ކަރަންޓީންވާ ތަން ނުވަތަ އެޑްރެސް

ށ- ކަރަންޓީނުވާ ތަނުގައި ކައިބޮއި، ނިދާ، ދިރިއުޅޭ މީހުންގެ ފުރިހަމަ މަޢުލޫމާތު

ނ- ކަރަންޓީނުވާ ތަނުގައި ކަރަންޓީނުވުމުގެ އިޢުތިރާޟެއް ނެތްކަމަށް، ކަރަންޓީންވާ ތަނުގެ ވެރިފަރާތުން ސޮއިކޮށްފައިވާ ލިޔުން

ރ- ކަރަންޓީނުވާ ތަނުގައި އުމުރުން 55 އަހަރަށްވުރެ ދޮށީ މީހަކު، މާބަނޑު މީހަކު، ދިގު މުއްދަތަކަށް ބޭސްކުރާ މީހަކު، 05 އަހަރުން ދަށުގެ ކުޑަކުއްޖަކު ހުރިނަމަ އެމީހުންނާ ބެހޭ ފުރިހަމަ މަޢުލޫމާތު.   

 7. ރަށަށް ދަތުރުކުރާ އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް-19 ގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ އެ ޢަލާމާތެއް ފެނުނު މީހަކު ނުވަތަ އެކަން އެނގިހުރި އެހެން މީހަކުވިޔަސް ލަސްނުކޮށް އެކަން ކަމާބެހޭފަރާތްތަކަށް އަންގަންވާނެއެވެ.

 8. ޟަރޫރީ ބޭނުމެއްގައި، މި އިދާރާގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް އުޅަނދެއް ރަށުން ފުރައި އަދި ރަށަށް ލެފުން މަނާވުން.

 9. ރަށުގައި ޢާންމުކޮށް ދިރިއުޅޭފަރާތަކުންވެސް މަސްވެރިކަމާއި، ޟަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް ރަށުންބޭރަށް ދަތުރުކޮށްފިނަމަ ނުވަތަ މި އިދާރާއިން ހުއްދަ ދީގެން ކުރާ ދަތުރަކަށްވީ ނަމަވެސް އެ ދަތުރެއްގައި ބައްދަލުވާން ހުއްދަ ދެވިފައިވާ ފަރާތްތައް ފިޔަވައި އިތުރު ބަޔަކާ ބައްދަލުކޮށްފިނަމަ މިއުޞޫލަށް ތަބާވާން ޖެހޭނެއެވެ.

 10. ޟަރޫރީ ބޭނުމެއްގައިވިޔަސް މި އިދާރާގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް އުޅަނދެއް ރަށުން ފުރައި އަދި ރަށަށް ލަފައިގެން ނުވާނެ އެވެ. ރަށުން ބޭރަށް އުޅަނދެއް ފުރާނަމަ އަދި ރަށަށް އުޅަނދެއް ލަފާނަމަ އެ އުޅަނދެއްގެ ކެޕްޓަން، އަންނަނިވި މަޢުލޫމާތުތައް ލިޔުމުން މި އިދާރާ އަށް ފޯރުކޮށްދޭންވާނެއެވެ.

  ހ- ދަތުރުކުރާ އުޅަނދުގެ ފުރިހަމަ މަޢުލޫމާތު

  ށ- ދަތުރަށް ފުރާ ގަޑި އަދި ރަށަށް ލަފާ ގަޑި

  ނ- ދަތުރުގައި ބައިވެރިވާ މީހުންގެ ފުރިހަމަ މަޢުލޫމާތު

  ރ- ދަތުރުކުރާ ބޭނުން

  ބ- ރަށުން ފުރާ އުޅަނދެއްނަމަ ދަތުރުކުރާ ރަށް

  ޅ- ރަށަށް ލަފާ އުޅަނދެއްނަމަ އެ އުޅަނދެއް ރަށުގައި ހޭދަކުރާނޭ ވަގުތު ، އަދި އެ އުޅަނދެއް އަދި އެ އުޅަނދަކުން ރަށަށް އަންނަ މީހުން ފާއިތުވި 28 (އަށާވީސް) ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ރަށްތައް.

 11. ރަށަށް ދަތުރުކުރާ އުޅަނދަކަށް މި އިދާރާގެ ހުއްދަނެތި އެއްޗެއް އެރުވުން ނުވަތަ އެ އުޅަނދަކުން އެއްޗެއް ބޭލުން މަނާވުން.

 12. އެ ރަށެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހެއް ނުވަތަ އެ ބައްޔަށް ޝައްކުކުރެވޭ މީހެއް ނުވަތަ އެ ބަލިޖެހިގެން ކަރަންޓީންކޮށްފައިވާ މީހެއް ނުވަތަ އެ ބަލި ޖެހިފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހެއް ހުރިނަމަ، އެ ރަށެއްގައި ތިބި ބަޔަކު މި ރަށަށް އައުން މި އުޞޫލު މަނާކުރެއެވެ.

 13. މި އުޞޫލުގައި ހިމެނޭ ކަންތައްތަކަށް ރިޢާޔަތްކޮށް ރަށަށް އަރާ ފޭބުމުގެ ހުއްދަ ދޭނީ އއ.ފެރިދޫ ކޮވިޑް-19 ޓާސްކު ފޯސްގެ މަޝްވަރާއާއެކު މި އިދާރާއިންނެވެ. މި އިދާރާއިން ހުއްދަ ދިނުމުގެ ކުރިން އެއްވެސް ފަރާތަކުން ރަށަށް އަރާ ފޭބުން މަނާވެގެންވެއެވެ.

 14. މި އެންގުމުގައި ބަޔާންވެފައިނުވާ ހާލަތެއް ނުވަތަ ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ އެކަމާ ގުޅޭގޮތުން މި އިދާރާއިން ނިންމާ ނިންމުންތަކަށް ރަށަށް ދަތުރުކުރާފަރާތްތަކުންނާއި، ކަރަންޓީނުގައި ތިބޭ ފަރާތްތަކުން އަދި ރަށުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން ފުރިހަމަ އަށް ތަބާވާންވާނެއެވެ.

 15. މި އެންގުމާ ޚިލާފްވާ ފަރާތްތައް 500 (ފައްސަތޭކަ) ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ކަމާބެހޭ ފަރާތްތަކަށް އެ މައްސަލައެއް ހުށަހެޅޭނެއެވެ.

 16. ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަރުކާރުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އަންގާފައިވާ ޙާލަތުގައި، އެކަމެއް  މި އުޞޫލުގެ ދަށުން އިސްތިސްނާވާނެ އެވެ.

 17. މި އުޞޫލުގައި، "ރަށަށް ދަތުރުކުރާ ފަރާތް"ކަމަށް ބުނެފައިއެވަނީ އެހެން ތަނެއްގައި ގާއިމްވެހުރުމަށްފަހު މި ރަށަށް އަންނަ މީހުންނާއި، މި އިދާރާގެ ހުއްދަ ނެތި ރަށުން ބޭރުވުމަށްފަހު އެނބުރި އަންނަ މީހުންނާއި، މި އިދާރާގެ ހުއްދައާއެކު ދަތުރުކުރިކަމަށްވީ ނަމަވެސް ދަތުރުކުރުމަށް ހުއްދަ ދީފައިވާ ހުއްދައާ ޚިލާފަށް ދަތުރުކުރާ ފަރާތްތަކަށް ނިސްބަތްކޮށެވެ.

                   މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                     19 ރަމަޟާން 1441

12 މޭ 2020
ހޯދާ