ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއުގެ މުއްދަދު އިތުރުކުރުން

ކޮވިޑް-19 ރޯގާގެ ނުރައްކާތެރިކަން ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭގައި އަންނަނީ ފެތުރެމުންނެވެ. ސަރަހައްދުގެ ބައެއް ރަށްތަކުން ބައްޔަށް ފައްސިވެފައިވާ މީހުން ފެނިފައިވާ މި ދަނޑިވަޅުގައި ވެސް ކުޅުދުއްފުއްޓަށް ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަދެއްގެ މީހުން ދަތުރު ކުރަން ޖެހިފައިވާތީ، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މި އިދާރާގެ ނަންބަރު (IUL)266/266/2020/47 (30 އެޕްރީލް 2020) އިޢުލާން އިން ކުޅުދުއްފުށީގައި މެންދުރު ފަހު 3:30 އިން ހެނދުނު 6:00 އަށް ހިންގާފައިވާ ކާފިއުގެ މުއްދަތު 14 މެއި 2020 ގެ ރޭގަނޑު 12:00 އާއި ހަމައަށް އިތުރުކުރަން ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ވަނީ ނިންމާފައެވެ. 

މި އިޢުލާންގައިވާ އެންގުން އެންގިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ2020/39  ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުންނެވެ.

ކާފިއު އިޢުލާންކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. ކާފިއު ވަގުތު ތަކުގައި އެއްވެސް ވިޔަފާރިއެއް އާންމުންނަށް ހުޅުވައިގެން ޚިދުމަތް ދިނުމަކީ މަނާ ކަމެކެވެ. ކާފިއު ނޫން ގަޑިތަކުގައި ވިޔަފާރިތަކުން އާންމުންނަށް ޚިދުމަތް ދިނުމަށް އިޖްތިމާއި ގައިދުރުކަން ކަށަވަރު ކުރެވޭ ފަދަ ގޮތަކަށް މި އިދާރާއިން ދެއްވާ އިރުޝާދާ އެއްގޮތަށް ނިޒާމެއް ރޭވުމަށް ދަންނަވަމެވެ. މި ނޫން ގޮތަކަށް އާންމުންނަށް ޙިދުމަތް ދިނުމަކީ މަނާކަމެއްކަން ހަނދުމަފުޅުކޮށް އަރުވަމެވެ. މި އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިފައިވާކަން އަންގަމެވެ.

މި ފުރުޞަތުގައި ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްގެ ފަރާތުން ބަލި ކޮންޓްރޯލް ކުރަން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުންނާއި ސަރަހައްދުގެ ރަށްތަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ނިހާޔާތަށް ޝުކުރު ދަންނަވަމެވެ. ބަލި ފެތުރުމުގެ ނުރައްކާ ކުރިއަށް އޮތް ދުވަސްތަކުގައި އޮތުމާއެކު ކެތްތެރިކަން އިސްކޮށް ކަމާގުޅުން ހުރި މުއައްސަސާތަކުން އަންގާ އެންގުމަތަކަށް ފުރިހަމައަށް ބޯލެބުމަށް އިލްތިމާސް ކުރަމެވެ. އަދި ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ނަސޭހަތްތެރިވަމެވެ.

                           13 ރަމަޟާން 1441

                                   06 މެއި 2020

06 މޭ 2020
ހޯދާ